ހެންވޭރު ސަހަރާގެ ހުޅަނގު ފަރާތުގައި ހުރި ގަހެއް ވެއްޓި، އެ ސަރަހައްދުގައި ހުރި ދެ ގެއެއްގެ ފުރާޅަށާއި މަގުމަތީގައި ޕާކުކޮށްފައި ހުރި ވެހިކަލްތަކަކަށް ގެއްލުންވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ ދަންވަރު 1:58 ހާއިރު ކަމަށެވެ. އަދި މިއަދު ހެނދުނު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޓީމެއް އެ ސަރަހައްދަށް ގޮސް ގަހުގެ ބައިތައް ކީހައި، އެ ސަރަހައްދުން އެ ގަސް ނަގައި ސާފުކޮށްފައިވާ ކަމަށް ބުންޏެވެ.

އެ ގަސް ވެއްޓުނީ ބުޑުން ލުހިގެންނެވެ. މި ހާދިސާގައި އެ ސަރަހައްދުގައި ހުރި މީހުން ދިރިއުޅޭ ދެ ގެއެއްގެ ފުރާޅަށާއި މަގުމަތީގައި ޕާކުކޮށްފައި ހުރި ބައެއް ވެހިކަލްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ.