ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއެއިޑް) އިން ރާއްޖެއަށް ޖުމްލަ 300،000 ޑޮލަރު (4.6 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ދީފިއެވެ.

ޔޫއެސްއެއިޑްއިން އެ ހިލޭ އެހީގެ އެއްބަސްވުމުގައި މިއަދު ސޮއުކުރީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އާއި އެފްޖޭއެސް ކޮންސަލްޓިން ކޯޕަރޭޝަނާ އެކުގައެވެ. އެ ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ބައިވެރިވެވަޑައިގެންފައިވެއެވެ.

ޔޫއެސްއެއިޑުން ބުނީ، ރާއްޖެއަށް ހިލޭ އެހީދޭން ނިންމީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނެން އެހީތެރިވާން ޔޫއެސްއެއިޑުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ރާއްޖޭގައި އެ ދާއިރާއިން ކުރާ މަސައްކަތަށް އެހީތެރިވުމަށް ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން އީޖާދީ ގޮތްތައް ހޯދުމަށްވެސް ޔޫއެސްއެއިޑުން ރާއްޖެއަށް ވަނީ އެހީތެރިކަން ދީފައެވެ.

އެސްއެއިޑުން ގެންދަނީ 2001 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ފައިސާގެ ގޮތުގައި މިހާތަނަށް އެ ޖަމިއްޔާ އިން 20 މިލިއަން ޑޮލަރަށް ވުރެ ގިނަ އެހީ ދީފައިވެއެވެ.