ދ. ކުޑަހުވަދޫގައި މިދިޔަ ހޯމަ ދުވަހުން ފެށިގެންކުރަމުންދާ މުޒާހަރައާ ގުޅިގެން، ހައްޔަރުކުރި މީހާ މިހާރު ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ކުޑަހުވަދޫގައި މުޒާހަރާ ކުރަމުންދަނީ އެ ރަށު ޒުވާނަކު ހާޓްއެޓޭކެއް ޖެހިގެން އިމަޖެންސީގައި މާލެ ފޮނުވަން ޖެހި މަންތާއިން އެމީހާ މާލެއަށް ގެނެވޭނެ ގޮތެއް ނުވުމުންނެވެ. މަންތާއިން އެކަން ނުވީ މަންތާގެ ބޯޓުފަހަރުގައި ސްޓްރެޗަރު ބެހެއްޓެން ނުހުންނާތީއެވެ.

މި މުޒާހަރާ ހޫނުވެ އިއްޔެ ރައްޔިތުން ވަނީ ފުލުހުންނާ ކުރިމަތިލައިފައެވެ. މި ކުރިމަތިލުމާ ގުޅިގެން ފުލުހުން ވަނީ 33 އަހަރުގެ މީހަކު ހައްޔަރުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ އިއްޔެ ކުޑަހުވަދޫގައި ބޭއްވި މުޒާހަރާއާ ގުޅިގެން ހައްޔަރުކުރީ އެންމެ މީހެއް ކަމަށާއި އެ މީހާ މިއަދުގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ. އަދި މިކަމާ ގުޅޭ އިތުރު ތަފުސީލެއް އޮފިސަރު ނުދެއެވެ.

ކުޑަހުވަދޫގައި މިއަދުވެސް ދަނީ މުޒާހަރާ ކުރަމުންނެވެ. ރައްޔިތުން ޑިމާންޑު ކުރަމުން އަންނަނީ ސްޓްރެޗާގައި ގެންދަން ޖެހޭ ބަލިމީހުން ގެންދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދިއެވެ. ރައްޔިތުން ބުނަމުން އަންނަނީ މިކަން ހައްލުވުމުން ނޫން ގޮތަކަށް މުޒާހަރާކުރުން ނުހުއްޓާނެ ކަމަށެވެ.