ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު" ގައިވާ ގޮތުގެ މަތީން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން މިމަހުގެ 16 ވަނަ ދުވަހާ ހަމަޔަށް ހުޅުވާލާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އުމްރާއަށް މީހުން ގެންދިޔުމަށް ޕްރޮޕޯސަލް ހުށަހެޅޭނީ ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލުގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި ޕްރޮޕޯސަލް ބަލައިގަންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:30 އާ ހަމައަށް މިނިސްޓްރީގެ ކައުންޓަރުން ކަމަށްވެސް ބުނެފައިވެއެވެ.

އުމްރާއަށް މީހުން ގެންދިޔުމަށް ބޭނުންވާ ކުންފުނިތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، އުމްރާއަށް މީހުން ގެންދިއުމަށް ކުންފުނިތަކަށް ދީފައިވާ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ އިތުރުކޮށްފައެވެ. އަދި ދާދިފަހުން އިތުރު ހަތަރު ކުންފުންޏަކަށް އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ވަނީ ދީފައެވެ. އެ ހަތަރު ކުންފުންޏަކީ ޒާއިރް ޕްރައިވެޓް ލިމިޓެޑް، ރައުލާ ޕްރައިވެޓް ލިމިޓެޑް، އުހުދު ހައްޖު އެންޑް އުމްރާ އަދި އަލް މުސާފިރް ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށެވެ.

ރާއްޖޭއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ ހަތަރު ވަނަ މާއްދާގައިވާ ގޮތުން އުމްރާއަށް މީހުން ގެންދިއުމަށް ދޭ ހުއްދައިގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ. އެ މުއްދަތު ހަމަވުމުން އަލުން ހުއްދައަށް އެދި ހުށަހަޅަން ޖެހެއެވެ.

ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދީފައިވަނީ ޖުމްލަ 41 ކުންފުންޏަކަށެވެ.