ޚަބަރު

100 އަށްވުރެ ގިނަ ކުންފުންޏާއެކު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ހޮސްޕިޓަލިޓީ ފެއާ މި މަހު ފަހުކޮޅު ބާއްވަނީ

ކެއްކުމުގެ ހުނަރު ދައްކައިދޭ އެންމެ ބޮޑު ފެއާ، ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) މި މަހު ފަހުކޮޅު ހުޅުމާލޭގައި ބާއްވަން ތައްޔާރުވެއްޖެއެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ހޮސްޕިޓަލިޓީ ސަޕްލަޔަރުން ބައިވެރިވާ އެފްއެޗްއޭއެމް ބާއްވާނީ މި މަހުގެ 29 ،28 އަދި 30 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

އެފްއެޗްއޭއެމްގެ މެނޭޖިން ޑިރެކްޓަރު އިމްރާން ހަސަން ވިދާޅުވީ މި އަހަރުގެ ފެއާގައި 30 ގައުމަކުން 100 އަށްވުރެ ގިނަ ކުންފުނި ބައިވެރިވާން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އަދި އެ ކުންފުނިތަކުން 10،000 އަށްވުރެ ގިނަ ވައްތަރުގެ ތަކެތި ފެއާގައި ދައްކާލާނެ ކަމަށާއި ފެއާއަށް ޒިޔާރަތްކުރުމަށް މިހާތަނަށް 4،000 އަށްވުރެ ގިނަ ފަރާތަކުން ރަޖިސްޓްރީކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މި އަހަރުގެ އެފްއެޗްއޭއެމް ފެއާގައި ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި ކަލްނަރީ ޗެލެންޖަކާއި ބަރިސްޓާ ކޮމްޕެޓީޝަނަކާއި ބެޑް މޭކިން އެންޑް ޑެކަރޭޓިން ކޮމްޕެޓިޝަނަކާއި މޮކްޓެއިލް ކޮމްޕެޓިޝަނެއް ހިމެނެއެވެ.

އޭގެ ތެރެއިން ކަލްނަރީ ޗެލެންޖުގައި މިހާތަނަށް 500 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެފައިވާ އިރު، އެ ޗެލެންޖުން ވަނަތަކަށް ހޮވޭ ޝެފުންނަށް އަގުހުރި އިނާމުތަކެއްވެސް ވަނީ ކަނޑައަޅައިފައެވެ.

އެފްއެޗްއޭއެމްއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ހޮސްޕިޓަލިޓީ އިވެންޓެވެ. ދިވެހި އެކްސްޕޯ ސާވިސަސް އިން އިންތިޒާމުކުރާ މި ފެއާގެ އިވެންޓް ޕާޓްނަރަކީ ލިލީ އިންޓަނޭޝަނަލްއެވެ. އަދި އެފްއެޗްއޭއެމްއަކީ ޗެފްސް ގިލްޑް އޮފް ސްރީ ލަންކާ އާއި މޯލްޑިވްސް އިން އެންޑޯޒް ކޮށްގެން ބާއްވާ ހަމައެކަނި އިވެންޓެވެ.