މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)

ވިސިޓް މޯލްޑިވްސް ޕްރޯ: ކުޑަ އައްޔަ ކުއާޓާއަށް، ތާރީހީ ނަތީޖާއެއް!

ރާއްޖޭގައި މިހާރު ކުރިއަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯގެ ފިރިހެން އޯޕަން ބައިގެ ކުއާޓާ ފައިނަލުން ރާއްޖޭގެ ބޮޑީބޯޑިން ލެޖެންޑް، އަލީ ހުޝްރުވާން (ކުޑަ އައްޔަ) ޖާގަ ހޯދައިފިއެވެ.

މިފަހަރުގެ ބޮޑީބޯޑިން މުބާރާތަކީ ދުނިޔޭގެ ބޮޑީބޯޑިން ވޯލްޑް ޓުއާގައި ހިމެނޭ ބައިނަލްއަގުވާމީ ބޮޑު މުބާރާތެކެވެ. ރާއްޖޭގައި ހޯސްޓް ކުރަމުންދާ މި މުބާރާތަކީ އޭޝިއާގައިވެސް ހޯސްޓް ކުރެވޭ ފުރަތަމަ ވޯލްޑް ޓުއާ ބޮޑީބޯޑިން އިވެންޓެވެ. އިވެންޓް ރާއްޖެއަށް އައުމަކީ ލޯކަލް ބޮޑީބޯޑަރުންނަށް ހާއްސަ ފުރުސަތަކަށްވީ އިރު، މިއަދު ކުޑަ އައްޔަ ނެރުނު ނަތީޖާއާއެކު އޭނާ ވެފައި ވަނީ، އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ އިވެންޓަކުން ކުއާޓާ ފައިނަލްގެ ޖާގަ ހޯދި ފުރަތަމަ ދިވެއްސަށެވެ.

އެ ޝަރަފު ކުޑަ އައްޔަ މިއަދު ހޯދީ ހަތަރުވަނަ ބުރުގައި ފްރާންސްގެ ޔަން ސަލައުން ބަލިކޮށްގެންނެވެ. ސަލައުންއަކީ ދުނިޔޭ ރޭންކިންގެ ރަނގަޅު ހިސާބުތަކުގައި އަބަދުވެސް އޮންނަ ބޮޑީބޯޑަރެކެވެ. މިއަދުގެ ހަތަރު ވަނަ ބުރުގެ ހީޓްގައި ކުޑަ އައްޔަ ޖުމުލަ 12.15ގެ ސްކޯއެއް ހޯދި އިރު، ސަލައުންނަށް ލިބުނީ ޖުމުލަ 11.15ގެ ސްކޯއެކެވެ.

ތިންވަނަ ބުރުގައި ކުޑަ އައްޔަ ވަނީ ދުނިޔޭ ރޭންކިން ދެވަނައިގައި އޮތް ޓެނާ މެކް ޑެނިއެލްވެސް ފަހަތަށް ޖައްސާލައިފައެވެ. އެ ނަތީޖާއާއެކުވެސް ސަޕޯޓަރުން ކެކިއަރާފައިވާ އިރު، މިއަދުވެސް ފެނިގެން ގޮސްފައި ވަނީ ގައުމީ މަންޒަރުތަކެކެވެ. ހީޓް ނިންމާލުމަށްފަހު އައްޔަ ވަނީ ގައުމީ ދިދައާއެކު އުފާފާޅުކޮށްފައެވެ.

އައްޔަ ކުއާޓާގެ ހީޓްގައި ވާދަކުރަން ޖެހޭނީ އެމެރިކާގެ ޓަނާ މެކް ޑެނިއަލްއާ ދެކޮޅަށެވެ.

ކުޑަ އައްޔާއެކު ފިރިހެން ޑިވިޝަންގެ ހަތަރުވަނަ ބުރަށް ދެން ގޮސްފައިވާ ދިވެހި އެތުލީޓުންނަކީ އަލީ ޖާވިދާއި އަސްވާން މުހައްމަދު (ދޫނި) އެވެ. އެ ދެ އެތުލީޓުންނަށްވެސް ކުއާޓާއަށް ދެވިފައެއް ނުވެއެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯގެ މިއަދުގެ ހީޓުތައް ފަށާފައި ވަނީ ޖޫނިއާ ބައިގެ ސެމީ ފައިނަލް ހީޓުތަކާއެކުގައެވެ. ސެމީ ފައިނަލް ހީޓުތައް ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދީ އާމިން މޫސާ އާއި ކެނެރީ އައިލެންޑްސްގެ ގެބްރިއެލް މޮލީނާއެވެ.

ސެމީ ފައިނަލު ފުރަތަމަ ހީޓުގައި ވާދަކުރީ ރާއްޖޭގެ ޒުވާން ދެ ބޯޑަރުން ކަމަށްވާ އާމިން މޫސާ އާއި ޝިމާލް ޝަމީމް (ޝިމައްލެ) އެވެ. މި ހީޓު އާމިން ކާމިޔާބުކުރީ 7.50ގެ ޖުމުލަ ސްކޯއެއް ހޯދައިގެންނެވެ. ރާއްޖޭގެ ޖޫނިއާ ޗެމްޕިއަން ޝިމައްލެއަށް ލިބުނީ 7.00ގެ ސްކޯ އެކެވެ.