"އަހަރެން ހީކުރީ މިދަތުރުގައި ޒޭވާއާ ބައްދަލުނުވެ ކަމަށް ދާންޖެހޭނީ" ނަހީކް ބުންޏެވެ.
"ކަމޯން.... ބައްދަލުވުން މެދުކަނޑާލާފައި އަހަރެން މިއައީވެސް ނާކު އާ ބައްދަކުކުރަން. ކޮބާ ވައިފް....؟؟" ނަހީކްގެ ކަންފަތް ކައިރީގައި ސިއްރުން ޒަކްވާން ބުންޏެވެ.
"ތީ ކޮންވާހަކައެއް. އަހަރެން މިއުޅެނީ އިންނަން. ރިންދާ އާ" ނަހީކް ބުންޏެވެ.
ޒަކްވާން ބަލައިލީ ފަހަތުގައި ހުރި ޝަލްބިޔާއަށެވެ. ދެއެކުވެރިން ދައްކަމުން ދިޔަ ވާހަކަތަކުގެ ތެރެއިން ކުޑަ މިންވަރެއްވެސް ޝަލްބިޔާއަށް އިވިދާނެތީ ޒަކްވާން ހުޝިޔާރުވިއެވެ.
"ވަރަށް ވާހަކަ އެބައޮތް. ހިނގާ ކޮފީއަކަށް ދާން" ޒަކްވާން ބުންޏެވެ. ދެން ލޮލުގެ އިޝާރާތުން ފަހަތުގައި ހުރި ޝަލްބިޔާ ނަހީކަށް ދައްކާލިއެވެ.
ހެމުންހެމުން ދެ އެކުވެރިން ކޮޓަރިއަކަށް ވަދެގެން ދިޔުމުން ޝަލްބިޔާ ދެފަރާތަށް ބޯހޫރާލިއެވެ. ޒަކްވާން ކަހަލަ ފިރިހެނަކާ އެހާ ގާތްގުޅުމެއް ނަހީކް ބާއްވާތީ ބައެއްފަހަރު ޝަލްބިޔާ ކަންބޮޑުވެއެވެ. އެހެންނަމަވެސް ދުވަހަކުވެސް އެއްޗެއް ނުބުނެއެވެ. އެހެނީ ޒަކްވާންގެ ބައްޕަ އަހުމަދު ޒަހީރު (އެންތަނީ) އަކީ ޝަލްބިޔާގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. ދުނިޔެއަށް ނޭވާ ލީއްސުރެ ފެށިގެންވެސް ޒަހީރު ދިރިއުޅެނީ ރާއްޖެއިން ބޭރުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ރާއްޖެ ގޮސްފައި ހުންނާނީ އިނގިލިން ގުނާލެވޭހާވެސް މަދު ފަހަރަކުއެވެ. ޒަހީރަކީ ބޭރުގެ އިއްޒަތްތެރިންނާ ގާތްގުޅުމެއް އޮންނަ ދުނިޔޭގެ މަޝްހޫރު މީޑިޔާތަކުގައި އެމީހެއްގެ ވާހަކަ އަބަދުވެސް ދެކެވޭ މީހެކެވެ. ޓީވީތަކުން އަބަދުވެސް ފެންނަ އެންމެން ދަންނަ މޫނެކެވެ. 'އެންތަނީ' މި ނަމަކީ ރާއްޖެއިން ބޭރަށް ގޮސް ޒަހީރު ބަދަލުކުރި ނަމެވެ.
*******
މެންދުރު ކައިގެން ޒުބައިރު ނުކުތްއިރު ދިމާލަށް ހުރި ޖޯލީގައި ރާޝިދު އޮތެވެ. އެދިމާލަށް ދިޔުމުގެ ބަދަލުގައި ޒުބައިރު ދިޔައީ އެއްފަރާތުގައި ހުރި ޒިންކު ކައިރިއަށެވެ. ރަނގަޅަށް ދެއަތް ދޮވެގެން ރޯނުގައި އަޅާފައި އޮތް ތުވާލިން އަތް ފޮހެމުން ގޮސް ޒުބައިރު ބޯދިއްކޮށްލީ ކާގެއަށެވެ.
"ހަބީބާ.... ހަބީބާ..." ކާގޭ ދޮރުމަތީގައި ހުރެ ދެފަހަރަށް ޒުބައިރު އޭނާގެ އަނބިމީހާއަށް ގޮވާލިއެވެ.
"ދުފާ ތަބަށް ގެނޭ ޖޯއްޔަށް" ހަބީބާގެ މޫނު ފެނުމާއެކު ޒުބައިރު ބުންޏެވެ.
ބޯދަށަށް އެއް އަތް ލައްވާލައިގެން ވިސްނުމަކަށް ގެއްލިފައި އޮތް ރާޝިދު ކައިރީގައި ޒުބައިރު އިށީނުމާއެކު ބަލައިލިއެވެ.
"ފަރުމަހަކީ ހާދަ ވަސްގަދަ މަހެކޭ ދޯ" ޒުބައިރު ބުންޏެވެ. ރާޝިދު 'ހޫނ' އެއް އެކަނި ލައްވާލާފައި ހިމޭނުން އޮތެވެ.
"ރާބެ މިއަދު ހާދަ ކުޑަކޮށްނޭ ތިކެއީ. ފަރުމަސް ކަމުނުދަނީތަ؟" ޒުބައިރު އެހިއެވެ. ދެން ޒުބައިރުގެ ދަރިއަކު ހިފައިގެން އައި ދުފާ ތަބަކުގައި ހިފާފައި ދަރިފުޅު ފޮނުވާލިއެވެ.
"ރާބެ މިއަދު ހާދަ އެހެންކަހަލަ ގޮތަކަށޭ ތިއިންނަނީ؟ އުނދަގުލެއް ވަނީތަ އަނެއްކާ" ޒުބައިރު އެހިއެވެ.
"އުނހު. އަނެއްހެން އުނދަގުލެއްވަނީކީ ނޫން. އެކަމަކު ކަންތައްތައް މިހެރަ ވާގޮތަކާމެދު ހަމަ ވިސްނެނީ. އަހަރެން ހަމަ އަޖައިބުވެއްޖެ" ރާޝިދު ބުންޏެވެ.
"ކިހިނެއްވީ އަނެއްކާ؟" ޒުބައިރު އެހިއެވެ.
"ރުޤްޔާ ކުރަން ފެށިފަހުން މިހާރު ހަފުތާއެއްހާ ދުވަސްމިވީ. އަހަރެންނަށް ހާދަ ކަމެއް ލުއިވެއްޖޭ. ގަޔަށް ދިލަނެގުން ހަމަ އެއްކޮށްހެން ހުއްޓިއްޖެ. ހުވަފެނުން އެފެންނަ ފާޑުފާޑުގެ އެއްޗެހި މިހާރަކު ނުފެނޭ. ހަމަ ތެދެއް މިބުނީ ޒުބައިރު. އަހަރެންގެ ހިތަށް ކެތްނުވޭ އަހަރެންގެ ދެދަރިން ދެކިލާހިތުން. އެކުދިންގެ ހަބަރެއް އަހަރެން ހޯދާނީވެސް ކިހިނެއް؟ މިއީ މިއިން ދުވަހަކުވެސް އަހަރެންނަށް ކުރެވުނު އިހުސާސެއް ނޫން" ފަހު ޖުމްލައާއެކު ރާޝިދުގެ ދެލޮލުން ކަރުނަ ނީރާލައިފިއެވެ.
"އަލްޙްމްދުލިއްލާހް... ތިއީ ހާދަ އުފާވެރި ހަބަރެކޭ. ހުރިހާކަމެއްވެސް ދާނީ ރަނގަޅަށް. ހިތްވަރުކޮށްލާ. ﷲ އިރާދަކުރެއްވިއްޔާ ދުނިޔޭގައި ތިބިއްޔާ އަދި އެކުދިންވެސް ފެންނާނެ" ޒުބައިރު ބުންޏެވެ.
"އަހަރެން ކެތްކުރާނަން. އެކަލާނގެ އަހަރެންނަށް ކެތްތެރިކަން ދެއްވާނެ. އަސަދުﷲ ކޮންއިރަކުންބާ އަންނަނީ؟" ރާޝިދު އެހިއެވެ.
"ކޮއްކޮއާއެކު މިތާ ކައިރި ރަށަކަށް މިއަދު އެފުރީ. ހަވީރަށް އަންނާނެހެން ހީވަނީ. އަސަދުﷲ ވަރަށް ޔަގީންކަމާއެކު ބުންޏެއްނު ތިކަމުން ރާބެ އެއްކޮށް ރަނގަޅުކޮށްފައި ނޫނީ އޭނަ މާލެ ފުރައިގެން ނުދާނަމޭ. ތިއަޑުއަހާ ޤުރުއާނުގެ އާޔަތްތައް އަޑުއެހުން ހުއްޓާނުލާތި އަނެއްކާ" ޒުބައިރު ބުންޏެވެ.
"ހަށިގަނޑުގަ ހޭ ހުރިހާ ހިނދެއްގައި އަހަރެން އެކަން ހުއްޓައެއް ނުލާނަން. މިއީ ދެލޯ ހުޅުވައިގެން ހުއްޓާ އަހަރެންނަށް ފެންނަ އަޖައިބެއް. ހަމަ ތެދެއް މިބުނީ. ޤުރުއާނަށް ވުރެ ބާރަގަދަ އެހެން އެއްވެސް އެއްޗެއް ނުވޭ. ބަލާބެލުމަށް އަރަބި ބަހުން ލިޔެފައި ހުންނަ ލިޔުންތަކެއް. ހަގީގަތުގައި އޭގައި ހުރިހާ ބައްޔެއްގެ ޝިފާ ވޭ. މާނަ ކިޔާލުމާއެކު އަހަރެންގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގެންދޭ. އެކިއެކި ވާހަކަތައް. ދުވަހަކުވެސް ވާހަކައަކަށް އަހަރެން މިހާ ޝައުގުވެރިކަމެއްނުދެން. ކިއިކިއިހެން ދޫކޮށްލާހިތެއްނުވޭ. މިކަމާއެކު އެކަލާނގެ އިތުރަށް އަހަރެން ދީނީ ކަންކަމާ ގާތްކޮށްފި.... އަލްހަމްދުލިއްލާހް.... ﷲ އަކްބަރު...."
**************
ޝާހްބާޒް ކައިރީގައި ބުނެލާފައި ރިންދާ ގެއަށް އައީ ވިލިނީ ބައްދަލުކުރަން ބޭނުންވެގެން ގުޅާ ވަރުންނެވެ. ރިންދާ ގެއަށް ވަންއިރު ސޯފާގައި ވިލިނީ އިނެވެ. ކައިރީގައި ނަހާވެސް އިނެވެ.
"ވިލިނީ ކޮންއިރެއް އައިސް އިންނަތާ" ނަހާ ބުންޏެވެ. ރިންދާ ހީލާފައި އައިސް ވިލިނީ ކައިރީގައި އިށީނެވެ.
"ދަރިފުޅު އަދި ދާންތަ ތިއައީ" ނަހާ އެހިއެވެ. ރިންދާ ދެފަރާތަށް ބޯހޫރާލިއެވެ.
"އެހެންވިއްޔާ ކައިގެން ކޮޓަރިއަށް ވަންނާނީ. އަޔާލްވެސް މިއަދު ކާން ނާދެވޭނެ ވާހަކަ މަންމަ ކައިރީގައި ގުޅާފަ ބުނި" ނަހާ ބުންޏެވެ.
"ވިލީ ކައިގެންތަ އައިސް ތިނީ" ރިންދާ އެހިއެވެ.
"ފާހާނާއަށް ވަދެލާފަ ކާނީ ދޯ" ވިލިނީ ބުންޏެވެ.
ވިލިނީ ގޮވައިގެން ރިންދާ ވަނީ ކޮޓަރިއަށެވެ. ހަރުގައި އަތްދަބަސް އަޅުވަން ދިޔަ ރިންދާގެ އަތުގައި ވިލިނީ ހިފިއެވެ. ހައިރާންކަމާއެކު ވިލިނީގެ މޫނަށް ރިންދާ ބަލައިލިއެވެ.
"އަހަރެން މިހާރު ބިރުގަންނަން ފަށައިފި ވިލީ ތިއުޅޭގޮތުން" ރިންދާ ބުންޏެވެ.
"ބިރުގަންނާކަށް އަދި ނުވޭ. އާދެބަލަ އިށީންނަން" ވިލިނީ ބުންޏެވެ. ދެން ރިންދާގެ އަތުގައި ހިފައިގެން ގޮސް އެނދުގައި އިށީނެވެ.
"ތިއީ ފާހާނާއަށް ވަންނަން ބުނި މީހާ" ރިންދާ ބުންޏެވެ.
"ފާހާނާއަށް ދާންބުނީ ކޮޓަރިއަށް ވަންނަން ވެގެން. އަހަރެންނަށް މިކަން މާ މުހިންމު" ވިލިނީ ބުންޏެވެ.
ދެން އުނގުތެރޭގައި އޮތް ދަބަސް ތެރެއިން ފަތްޖަހާފައި އޮތް ސިޓީއުރަ ނަގާފައި ބަލައިލިއެވެ. ދެން ރިންދާގެ އަތުގެ ތެރެއަށް ސިޓީއުރަ ލިއެވެ.
"މިއީ؟ މި ކޯޗެއް؟" ހައިރާންވެފައި ރިންދާ އެހިއެވެ.
"ތިއީ ފޮޓޯތަކެއް. ތިއީ އަހަރެންނާއި ބެގަރީ ވެގެން ޖެއްސި އޮޕަރޭޝަނުގެ ތެރެއިން އަހަރެންނަށް ފެނުނު އެއްޗެއް. ތި އަހަރެންގެ އަތުގައި އޮތްކަމެއް ބެގަރީއަކަށްވެސް ނޭނގޭނެ. ރިދާ ބަލާބަލަ ދަންނަ މީހަކު ހުރިތޯ" ވިލިނީ ބުންޏެވެ.
ޝައުގުވެރިކަމާއެކު ރިންދާ ހުރިހާ ފޮޓޯތަކެއް ބަލަން ފެށިއެވެ. ނަހީކް ފެނުމުން ރިންދާ ވިލިނީއަށް ބަލައިލިއެވެ.
"މިއީ ވިލީގެ ފިރި އިބިލީހެއްނު" ރިންދާ ބުންޏެވެ.
"އަދި ބަލާބަލަ" ވިލިނީ ބުންޏެވެ.
"ފިރިހެނެއްގެ ގައިގަ ބައްދައިގެން މިއީ ކޮން ކާފަރެއް؟" ފޮޓޯއަކަށް ބަލަހައްޓައިގެން ހުރެފައި ރިންދާ ބުންޏެވެ. ވިލިނީ ކައިރިއަށް ހިނިއައެވެ.
"ތިއީ ކާކުކަމެއް އަހަރެންނަކަށް ނޭނގޭ. މިއީ ކާކުތަ އެހެންވިއްޔާ" ވަކިން ދަބަހުން ނެގި ފޮޓޯއެއް ރިންދާގެ އަތަށްދެމުން ވިލިނީ އެހިއެވެ.
ފޮޓޯއަށް ބަލައިލުމާއެކު ރިންދާގެ ދެލޯ މުދުނަށް އަރައިގެން ދިޔައެވެ. މޫނުމަތީގައި ހައިރާންކަން ވަށާލިއެވެ.
"އަހަރެންނަށް ޔަގީން ތިއީ ރިދާއެއް ނޫންކަން" ވިލިނީ ބުންޏެވެ.
"ރަންނި.... މިއީ ރަންނި... އެ ބޭރުމީހާ ރަންނިއަށް ކޯޗެއްތަ އެބޯންދެނީ. ޔަގީން ރަންނި މަޖާވެފައެއް ނޫންކަން އެހުރީ. ނޫންތަ؟ ވިލީ ބަލާބަލަ...." ވިލިނީ އާ ފޮޓޯގަނޑު ރިންދާ ދައްކާލިއެވެ. "އަހަރެންނަށް އެނގިއްޖެ މި މީހާއަކީ ކާކުކަން"
"ހަމަޖެހިބަލަ. ތިފޮޓޯ ފެނުނީމަ އަހަރެންނަށްވެސް ހަމަ ތިހެންވީ. ތީގެ ހަގީގަތް އެބަޖެހޭ ބަލަން. ތިއީ ކާކުކަން ރިދާއަށް އެނގެޔޭ ތިބުނީ ކީއްވެ؟" ވިލިނީ އެހިއެވެ.
"މިއީ ރަންނީ ރައްޓެހިވި މީހާ. ރަންނިގެ ކޮޓަރިން އަހަރެންނަށް ފޮޓޯތަކެއް ފެނުނު. މަޑުކުރައްޗެ" ރިންދާ ތެދުވެގެން ގޮސް ވަކިން ހުރި މޭޒުމަތީގައި ހުރި ލެޕްޓޮޕް ހިފައިގެން އައިސް ކުރިން އިން ތަނުގައި އިށީނެވެ. ވިލިނީ އިނީ ރިންދާގެ ހަރަކާތްތަކަށް ބަލާށެވެ.
"ބަލާބަ މި ފޮޓޯތައް. މި ފޮޓޯތަކުން ފެންނަނީ ހަމައެކަނި ރަންނި. މި މީހާގެ މޫނެއް ނުފެނޭ. ދެން ބަލާބަ ދެ ފޮޓޯތަކުގަ ފެންނަން ހުރި ފިރިހެން މީހާގެ ދެއަތާއި ކަންފަތް ކައިރި. ޓެޓޫތައް ފެންނަން މިހުރީ. ކަންފަތް ކައިރީގައި އިން ޓެޓޫގެ އެއްބުރި ތިފޮޓޮއިން އެބަ ފެނެއެއްނު. ދެން ބަލާބަ މިފޮޓޯ. ބޮޑު ބިޗުލެއް ގޮތަށް އިން ޓެޓޫގެ އެއްބުރި ފެންނާކަށްނު މިހުރީ. އެހެންވީމަ މިއީ އެކަކެއް ނޫންތަ؟" ރިންދާ ބުންޏެވެ.
ވިލިނީ ވަރަށް ރަނގަޅަށް ފޮޓޯތައް ބެލިއެވެ. ދެން ރިންދާގެ މޫނަށް ހައިރާންކަމާއެކު ބަލައިލިއެވެ.
"މިކަހަލަ މީހަކާތަ ރަންނި ރައްޓެހިވީ. އެކަމަކު މިފޮޓޯއިން އެމީހާ ރަންނިއަށް ފޯސްއެބަކުރޭ. ދޯ.... ބަލާބަ...." ރިންދާ ބުންޏެވެ.
ވިލިނީ އިނީ ރިންދާއަށް ބަލަހައްޓައިގެންނެވެ. އިސާހިތަކު ރިންދާއަށް ރޮވިއްޖެއެވެ.
"ރިދާ..! ހުއްޓާލަބަލަ. ނިކަން ވިސްނަބަލަ. މި ފޮޓޯތައް އަހަރެންނަށް ފެނުނީ ނަހީކްގެ ސިއްރު ކޮޓަރިން. އެހެންވީމަ ނަހީކަށް މި މީހާ އާއި ރަންނިގެ މަރުގެ އަސްލު އެނގޭނެ" ވިލިނީ ބުންޏެވެ.
"މީނައަށް ކިޔަނީ ޒަކްވާން. މި ފޮޓޯތައް އަހަރެން އަތުގަ ބަހައްޓަންތަ؟ މިއީ ޒަކްވާން ތޯ އަހަރެން ޔަގީންކުރަން ބޭނުން. ޔާލްގެ ރައްޓެއްސެއް އުޅޭނެ ލައިދު. އޭނަ އެއީ ވަކީލެއް. ޔާލް އާއި ލައިދު އާ ތި ނަހީކަކާ މަސައްކަތްކުރީ އެއް އޮފީހެއްގަ. ރަންނިވެސް އުޅުނީ އެތަނުގަ. އަހަރެން މި ފޮޓޯތައް ލައިދުއަށް ދައްކަން ބޭނުން. ލައިދު ބުނި ވަރަށް އަވަހަށް މި މައްސަލަ ހުޅުވާލާނަމޭ" ރިންދާ ބުންޏެވެ.
*******
ގ. ޝެލްބިން އިން ނުކުތްގޮތަށް މަގުމަތިން ކާރެއް ނަގައިގެން ރޫބިޔާ އެއަށް އަރައިފިއެވެ. ޖޫސްޕެޓީ ސައިޒުގެ ކޮތަޅަކަށްލާ އޮޅާލާފައި އޮތް އެއްޗަކަށް ރޫބިޔާ ބަލައިލީ ވަކި ހިސާބަކަށް ޓެކްސީ ދަތުރުކުރި ފަހުންނެވެ. ދެން ތުންފަތަށް ވެރިކޮށްލީ ހިނިތުންވުމެކެވެ. ހިތާހިތުން ޝުކުރުވެރިވީ ފަރީދަށެވެ.
"ފަރީދު އަދިވެސް ހާދަ މޮޅޭ.. އަހަރެން ހަމަ މޮޔަކޮށްލައިފި" ފަރީދާއެކު ކޮޓަރީގައި ހޭދަކުރި ވަގުތުތައް މަތިން ރޫބިޔާ ހަނދާންކުރިއެވެ.
ހިތުގެ އެދުންތައް ހާސިލުކުރަން ކިތަންމެ ނުބައި ނުރައްކާތެރިކަމަކާވެސް ކުރިމަތިލާން ރޫބިޔާ ހުރީ ތައްޔާރަށެވެ. ތިމާދެކެ ލޯބިވާކަމަށް އަބަދު ދައުވާކުރާ މީހަކަށްޓަކައި އެވަރުގެ ކަމެއް ކުރުން އެއީ ބޮޑުކަމެއް ކަމުގައި ރޫބިޔާ ނުދެކެއެވެ.
"މިހާރު ވާނީ ވަޒީފާގަ. މީތި އޭނަ ނިދާ ބާލީސް ދަށަށް އެހެންނޫނީ އަލަމާރީގެ އޭނަގެ ހެދުންތަކުގެ ތެރެއަށް ލާށޭ ފަރީދު ބުނީ. ނިކަން ފަސޭހަވާނެ މިގަޑީގަ" އަމިއްލަ ނަފްސަށް ރޫބިޔާ ބުންޏެވެ.
*********
ހެދުން ބަދަލުކޮށްލައިގެން އަޔާލް ބަދިގެއަށް އައިއިރު ރިންދާ ހުރީ ޒިންކު ކައިރީގައެވެ. ރޮނގުދެމި ގަމީސްކޮޅަކާއި ކަޅު ކުލައިގެ ކަށި މައްޗާ ހަމައަށް އަރާވަރުގެ ސްކިނީގައި ފުރަގަހަށް ހުރި ރިންދާއަށް އަޔާލް ބަލައިލިއެވެ. ރިންދާގެ ވަރުގަދަ އިސްތަށިގަނޑު މައްޗަށް ނަގާ ދޫކޮށް ހުޅިއެއް ޖަހާލާފައި އޮތްއިރު ކަނދުރާ އޮތީ ހާމައަށް ފެންނަށެވެ. އަޔާލް ފަހަތުގައި ހުރިކަމެއް ރިންދާއަށް ނޭނގެއެވެ. މަޑުމަޑުން ރިންދާ އާ ގާތަށް ޖެހެމުން ގޮސް އަޔާލް ހުއްޓުނީ ރިންދާގެ ގައިގައި ޖެހޭނުޖެހޭ ހިސާބުގައެވެ. ރިންދާގެ ދޮން ކަނދުރާގައި ވަށައިގެން ހުރި ހިމަ ލޯލިތަކަށް އަޔާލް ފުމެލިއެވެ. އެހިނދު ރިންދާ ސިހުނެވެ. ފެން އިސްކުރާ ދިމާކޮށް ރިންދާ ދޮންނަމުންދިޔަ ތައްޓާއި ރިންދާގެ އަތްތިލައިގައި އަޔާލް ހިފާލިއެވެ. އަޔާލްގެ ހޫނު ނޭވާތައް ރިންދާގެ ކަންފަތަށް އެޅެން ފެށުމާއެކު ރިންދާގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ.
"ޔާލް.... ކީއްތިކުރަނީ...؟" ރިންދާ ބުންޏެވެ. އަޔާލް ރިންދާގެ އަތުގައި ހިފައި ކުރިމައްޗަށް އަނބުރާލިއެވެ.
"ނޫޅެން ކަމެއް ކުރާކަށް" ނިތްމަތިން ފައިބާފައިވާ ރިންދާގެ އިސްތަށިކޮޅެއް ކަންފަތް ބިއްދޮށަށް ލައްވައިލަމުން އަޔާލް ބުންޏެވެ. ރިންދާގެ އެއްވެސް ހަރަކާތެއްނުކޮށް ހުރުމުން އަޔާލް ހައިރާންވިއެވެ. ދެން ލަސްލަހުން ރިންދާގެ ކަޅި ހުއްޓާލާފައި އޮތް ދިމާލަށް ބަލައިލިއެވެ. ބަދިގޭ ދޮރުމަތީގައި ދެމީހުންނަށް ބަލަހައްޓައިގެން ހުރި ރޫބިޔާ ފެނުމާއެކު އަޔާލްގެ ދެބުމަ ގޮށްޖެހުނެވެ.
"ކަލޭމެން ނުއިނދެ އިނދެގެން ދޯ ތިއުޅެނީ" ރޫބިޔާ ބުންޏެވެ. އެހިނދު ލަދުގަތްވަރުން ރިންދާ އިސްއޮބާލިއެވެ.
"ކަލޭ މަގޭ ގެއަށް ކިހިނެއް ހަދާފަ މިއޮތީ.... ސުބްހާނަﷲ.... މަގޭ ކޮޓަރިއެއް ވެސް ނެތް. މިވަރުގެ ޖަރީމާއެއް ހިންގިއިރު އަހަރެން ކައިރީގައި އަހާލާކަށްވެސް ކަލެއަށް ނޭނގުނުތަ؟" ރޫބިޔާ މޮޔައެއްހެން މުޅި ގޭތެރެ ބަލަމުން ދިޔައެވެ. މަޑުމަޑުން ހިނގަމުން ބަދިގެއިން ބޭރަށް އަޔާލް ނުކުތެވެ. ފަހަތުން ރިންދާވެސް ނުކުތެވެ.
"އެހެރީ ވަންދޮރު. ހަމަމިހާރު ނުކުމޭ" އަޔާލް ބުންޏެވެ.
"ލަދެއްވެސް ނުގަނެއެއްނު. ކަލޭ ތިއީ ކާކު މަށަށް އަމުރުކުރަން" ރޫބިޔާ ބުންޏެވެ.
ރުޅި މައިތިރިކުރަން އަޔާލް މަސައްކަތް ކުރިއެވެ. އަޔާލްގެ އެތެރެހަށީގައި ރޯވަމުންދާ އަލިފާންގަނޑުގެ ހުޅު ފަޅައިގެންދާ މަންޒަރު ރިންދާއަށް ފެންނާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެންކަމުން ފުންނޭވާތަކެއް ލަމުން ހަމަޖެހެން މަސައްކަތްކުރަމުން އަޔާލް ދިޔައެވެ.
"ހަމަ މިހާރު މި އެންމެން މިގެއިން ނެރޭ. އަހަރެން ހަމަ މިގެއިން ނުކުންނައިރަށް ބަލާލަބަލަ މިތަނަށް ކޮށްލި ވަރެއް. ހަމަ މިހާރު ކަލޭމެން ނުކުމޭ. މި ހުރިހާ ސާމާނުތަކެއްވެސް ނެރޭ..." ބަރިބަރިއަކަށް އެއްފަރާތުގައި ބަހައްޓާފައި ހުރި ސިމެންތި ބަސްތާތަކުގައި ފައިން ޖަހަމުން ރޫބިޔާ ބުންޏެވެ.
ރޫބިޔާ ހީކޮށްގެން ހުރީ ރިންދާ ހުރުމުން އަޔާލްގެ ހަށިގަނޑުގެ އެތެރޭގައިވާ ޖަނަވާރު ހޭނުލާނެ ކަމަށެވެ.
"އޭތް... ކަލޭމެން ކޮންތާކަށް ތިދަނީ... އެންމެން މަޑުކުރޭ.... މިއީ އަހަރެންގެ ގެއެއް. ކަލޭމެންނަށް ރުފިޔާ ހަރަދުކުރަނީ އަހަރެންގެ ޖީބުން" އަޔާލް ބުންޏެވެ. ރޫބިޔާގެ މޫނަށް ވެރިވީ ހައިރާންކަމެވެ. އެހާ ފައިސާ އަޔާލްއަށް ލިބުނީ ކިހިނެއް ހެއްޔެވެ؟ ނޫނީ ރިންދާ ހުރުމުން އަޔާލް ފޮނިވާން ބުނި އެއްޗެއް ހެއްޔެވެ؟
ރުޅިވެރި ނަޒަރަކުން ރޫބިޔާއަށް ބަލައިލުމަށްފަހު ޖީބުގައި އޮތް ފޯނު އަޔާލް ނެގިއެވެ.
"ހަލޯ... ކޮއްކޮ އޮފީހުގަތަ؟ ބިޒީ ނޫނިއްޔާ ގެއަށް އާދެވިދާނެތަ؟ ދޮންބެގެ އަތްދަށުން ކޮއްކޮގެ އަމާ ސަލާމަތްކުރާނެ މީހަކު ނެތީމަ މިގުޅީ" އަޔާލް ބުންޏެވެ. ދެން ފޯނު ކަނޑާލާފައި ޖީބަށްލަމުން ރޫބިޔާއަށް ބަލައިލިއެވެ.
"ކާކު ބިރުގަންނުވަން ކަލޭ ތިއުޅެނީ. އަހަރެން މިއަދު ޕޮލިހަށްދާނަން. އަހަރެންގެ އަމުރަކާނުލައި މިގެއިން އެންމެ ވެލިފުކެއްވެސް ކަލެއަށް ބޭރަކަށް ނުލެވޭނެ" ރޫބިޔާ ވާހަކަދެއްކިއެވެ. ދެން ފާޑަކަށް ބަލައިލީ އަޔާލްއަށް ވުރެ ކުޑަތަންކޮޅެއް ފަހަތުގައި ހުރި ރިންދާއަށެވެ.
"ކަލޭވެސް ތިހުންނަނީ ދެލޯ ކަނުވެފައިތަ؟ މިހިރަ ދިގު ހޯރައެއް ކަހަލަ ފިރިހެނާގެ ޖީބުން ދެތިން ވަކިލާރި ތެޅިލާ އަޑު އިވޭއިރަށް ހާދަ ވަރެކޭ ތިވީ. ކަލެއަށް އެނގޭތަ މިއީ މުޅި މާލޭގައި ހުރި އެންމެ ފަގީރު މީހާ. މިއީ ފަގީރު ކޮއި....ހެހެހެ..." ރޫބިޔާ ހެމުން ހެމުން ބުންޏެވެ.
"ހާދަ ގޮތެއްފޮތެއް ނެތް މީހެކޯ ދޯ ތީ" ރިންދާއަށް އެއްޗެއް ނުބުނެ ނުހުރެވުނެވެ. އަޔާލްގެ ގަދަރުކުޑަވާގޮތަށް މީހަކު އެއްޗެއް ބުނާއަޑުއަހާކަށް ރިންދާއަށް ކެތްތެރިއެއް ނުވެވޭނެއެވެ.
"މީވެސް ވަރަށް އަނގަ ދިޔާ އަންހެނެކޭ" ނުވިސްނާ ހުއްޓައި ރޫބިޔާ އެއައިގޮތަށް އައިސް ހިފީ ރިންދާގެ ދެކޯތާފަތުގައެވެ. މިހުރިހާއިރު ކެތްތެރިވެގެން ހުރި އަޔާލް ހަމައިން ނެއްޓީ ދެނެވެ. ހުރެވުނުތަންވެސް އަޔާލްއަށް ނޭނގނެވެ. ހިފީ ރޫބިޔާގެ ކަރުގައެވެ. ބިމުން އުފުލާލައިގެން އެދިޔަގޮތަށް ރޫބިޔާ ތަތްކޮށްލީ ފާރަށެވެ. ވަށައިގެން ހިނގާ އެއްވެސް ކަމެއްގެ އިހުސާސް އަޔާލްއަށް ނުކުރެވެއެވެ.
"ޔާލް.... ޔާލް.... އޭނަ ދޫކޮށްލާ.... ކީއްތިކުރަނީ. އެމީހާ މަރުވެދާނެ" އަޔާލްގެ ޓީޝާޓުގައި ރިންދާ ހިފާ ތަޅުވަމުން ދިޔައެވެ.
އަޔާލްއަށް އަޑެއް ނީވެއެވެ. ރޫބިޔާ ދެކަޅި މައްޗަށް އަރައިގެންދާތަން ބަލަން ހުރި ރިންދާގެ ދެފައި ތުރުތުރު އަޅަން ފެށިއެވެ. އިސާހިތަކު ރިންދާއަށް ރޮވެން ފެށުނެވެ. އެންމެފަހުން ގޭތެރެއިން މަސައްކަތް ކުރަމުންދިޔަ މީހުންގެ ތެރެއިން ބަޔަކު އައިސް އަޔާލް ދުރުކުރިއެވެ. ގައިގެ ވަރުދޫވެގެން ރޫބިޔާ ބިންމައްޗަށް ވެއްޓުނު ވަގުތު އެއީ ބަރަކް ގޭތެރެއަށް ވަދެގެން އައި ވަގުތެވެ. ދުވެފައި ބަދިގެއަށް ވަދެފައި އައި ރިންދާގެ އަތުގައި ހުރި ފެންތަށި ރޫބިޔާގެ ތުނބުގައި ޖައްސަން އުޅުމުން އެކަން ރޫބިޔާ އަތުގެ އިޝާރާތުން މަނާކުރިއެވެ. ދެލޮލުން ކަރުނަތައް ފައިބަމުން ދިޔައިރު ތިރީގައި އިށީނދެގެން އިން ބަރަކްގެ ދެއަތުގެ ތެރޭގައި ހަމަޖެހެން ރޫބިޔާ މަސައްކަތްކުރަމުން ދިޔައެވެ.
"މި ދެމީހުން އުޅުނީ މަންމަ މަރާލަން" ބަރަކްގެ ގައިގައި ބައްދައިލަމުން ރޫބިޔާ ބުންޏެވެ. ބަރަކް ބަލައިލީ ކައިރީގައި އިން ރިންދާއަށެވެ. އެހިނދު ކަރުނތަކާއެކު ރިންދާ ދެފަރާތަށް ބޯހޫރާލިއެވެ.
"އެދޮގެއް. މި މެޑަމް ކުރިން ކުޑަ މެޑަމްގެ މޫނުގަ ހިފަނީ...." ކައިރީގައި ހުރި މަސައްކަތްތެރިއަކު ބުންޏެވެ.
"މަންމަ ހިނގާ ގެއަށް..." ބަރަކް ރޫބިޔާ ކޮޅަށްނެގިއެވެ. ދެން ބައްދާލައިގެން ހުރެ ރޫބިޔާ ގޮވައިގެން ގެއިން ނުކުތެވެ.
އޭގެ ދިވަރަކަށް މިނެޓް ފަހެވެ. ގޭތެރެ ހަމަޔަކަށް އެޅުމާއެކު މިހުރިހާއިރު ހިމޭނުން ހުރި އަޔާލް ފަހަތަށް އެނބުރި ބަލައިލިއެވެ. އަޔާލްއަށް ޝަކުވާގެ ނަޒަރަކުން ބަލަހައްޓައިގެން ހުރި ރިންދާގެ ދެލޮލުގައި ވީ ކަރުނައެވެ. އެމަންޒަރު ބަލަން އަޔާލްއަށް ކެތްނުވިއެވެ. ރިންދާ އާ ގާތަށް އަޔާލް ފިޔަވަޅެއް އެޅިއެވެ. އެހިނދު ރިންދާ ފަހަތަށް ފިޔަވަޅެއް އެޅިއެވެ. ދެން އަޔާލްގެ އަތުގައި ނުޖެހި ގެއިން ނުކުންނަން ދުއްވައިގަތެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ