ކޮމަންވެލްތު ގޭމްސް

ކޮމަންވެލްތު ގޭމްސް: އަންހެނުންގެ 100 މީޓަރުގެ ގައުމީ ރެކޯޑު ހިމްނާ މުގުރާލައިފި

މިހާރު ބާމިންހަމްގައި ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގެ އެތިލެޓިކްސް، އަންހެން 100 މީޓަރުގެ ފުރަތަމަ ބުރުގައި އައިޝަތު ހިމްނާ ހަސަން، ގައުމީ ރެކޯޑު މުގުރާލައިފިއެވެ.

މީގެ 21 އަހަރު ކުރިން ރާއްޖޭގެ އެންމެ ކާމިޔާބު އަންހެން ދުވުންތެރިޔާ ޝަމްހާ އަހުމަދު ހެދި އަންހެނުންގެ 100 މީޓަރުގެ ގައުމީ ރެކޯޑް ހިމްނާ މުގުރާލީ މިއަދު ކުރިއަށް ދިޔަ 100 މީޓަރު އެތުލެޓިކްސްގެ އެއްވަނަ ބުރުގެ ހީޓް އެކެއްގައި 12.17 ސިކުންތުން ރޭސް ނިންމައިގެންނެވެ. މީގެ 21 އަހަރު ކުރިން ކެނެޑާގެ އެޑްމޮންޓަންގައި 2001 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގައި ވާދަކޮށް ޝަމްހާ ރޭސް ނިންމީ 12.27 ސިކުންތުންނެވެ.

ހިމްނާ ދުވި ހީޓްގައި އޭނާއަށް ލިބިފައިވަނީ ހަތްވަނައެވެ. ހީޓްގައި ވަރުގަދަ ދުވުންތެރިން ވާދަކޮށްފައިވާ އިރު، އަނެއް ބުރަށް ދިޔައީ އެންމެ އަވަހަށް ރޭސް ނިންމި ތިން ދުވުންތެރިންނެވެ. އެއްވަނައިގައި ރޭސް ނިންމީ ނައިޖީރިއާގެ ޒުބެޗީ ގްރޭސް ވޮކޯޗާއެވެ. ދެވަނައިގައި އޮސްޓްރޭލިއާގެ ޒޯއީ ހޮބްސް ރޭސް ނިންމާ ކޮލިފައިވި އިރު، ހީޓްގެ ތިންވަނަ ލިބުނީ އާޝާ ފިލިޕްސްއަށެވެ.

ހިމްނާއަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ކާމިޔާބު އެއް އަންހެން އެތުލީޓެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އެވޯޑް ކުރި ޕެރިސް 2024 ސްކޯލާޝިޕްގައިވެސް ހިމްނާ ހިމެނޭ އިރު، ކުޅިވަރުގައި ފާހަަގަކޮށްލެވޭ ދަރިވަރުންނަށް ދެމުން އަންނަ ކަލާސް އެވޯޑުވެސް ހިމްނާ ހޯދާފައިވެއެވެ.

ހިމްނާ އަތުގައި މިވަގުތު ރާއްޖޭގެ 400 މީޓަރު އަންހެން ދުވުމުގެ ރެކޯޑުވެސް އެބައޮތެވެ.

ރާއްޖޭގެ އެންމެ ބާރު ފިރިހެން ދުވުންތެރިޔާ ހަސަން ސާއިދު ވަނީ ފިރިހެން ދުވުމުގެ 100 މީޓަރު ދުވުމުގައި މިއަދު ވާދަކޮށްފައެވެ. ފުރަތަމަ ބުރުގެ ހީޓް އަށެއްގައި ވާދަކޮށް ސާއިދު ވަނީ ފަސްވަނަ ހޯދައިފައެވެ. އެއީ އަށް އެތުލީޓުން ވާދަކުރި ހީޓެކެވެ. ސާއިދު މިއަދުގެ ރޭސް ނިންމީ 10.75 ސިކުންތުންނެވެ. ސާއިދު ވާދަކުރި ހީޓްގެ އެއްވަނަ ހޯދީ ޖެމެއިކާގެ ކޮންރީ ޖޯންސްއެވެ.