ކޮމަންވެލްތު ގޭމްސް

ކޮމަންވެލްތް ގޭމްސް: ރުވާންޑާ ކައިރީ ހިތްވަރުކުރި ނަމަވެސް ބީޗުވޮލީ ޓީމަށް ބައްޔެއް

އިނގިރޭސި ވިލާތުގެ ބާމިންހަމްގައި މިހާރު ކުރިއަށްދާ ކޮމަންވެލްތް ގޭމްސްގައި ރާއްޖޭގެ ގައުމީ ބީޗްވޮލީ ބޯޅަ ޓީމުގެ ޕެއާ، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް) ކުޅުނު ދެވަނަ މެޗުގައި ވަރުގަދަ ރުވާންޑާ އަތުން ބަލިވެއްޖެއެވެ.

ކުޑަ ކާއްޓޭއާއި އެޑަމް ކުޅުނު ފުރަތަމަ މެޗުގައި ކޮމަންވެލްތުގެ ބީޗްވޮލީ ރަން މެޑަލް ދިފާއުކުރަމުންދާ އޮސްޓްރޭލިއާ އަތުން ދެ ސެޓުން ބަލިވީ ރަނގަޅު ކުޅުމަކަށް ފަހުގައެވެ. އެ މެޗުގައި ރާއްޖޭގެ ބީޗްވޮލީ ޓީމުން ދެއްކި ކުޅުމަށް ކޯޗު ވިނީޝިއުސް ޖިއޯނީވެސް ވަރަށް ބޮޑަށް ތައުރީފު ކޮށްފައިވާއިރު، ރޭ ކުޅުނު މެޗުގައި ބަލިވީ ދެ ސެޓު އެއް ސެޓުންނެވެ. ރޭގެ މެޗުގައި ވާދަކުރީ ރުވާންޑާގެ ވެނޫސްޓޭ ގަޓްސިންޒީ އާއި އޮލިވާ އެންޓަގެންގްވާގެ ޕެއާއާ ދެކޮޅަށެވެ.

ރޭ ރުވާންޑާގެ ގަޓްސިންޒީ އާއި އެންޓަގެންގްވާ ކައިރީގައި ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ މޮޅަށް ކުޅެފައިވާއިރު، ފުރަތަމަ ސެޓު ގެއްލުނީ 21-16 އިންނެވެ. ދެ ވަނަ ސެޓަށް ރާއްޖެއިން ކުޅުން ރަނގަޅުކޮށް، 14-21 ސެޓު ގެންދިޔައެވެ. ހިތްވަރާއެކު ރާއްޖެއިން ދެވަނަ ސެޓު ގެންދިޔަ ނަމަވެސް ނަތީޖާ ނެރުނު ސެޓު، ގަޓްސިންޒީ އާއި އެންޓަގެންގްވާގެ ޕެއާ ގެންދިޔައީ 16-14 އިންނެވެ.

ބީޗްވޮލީގެ ޕްރިލިމިނަރީ ގްރޫޕް ބީގެ އެއް ވަނައިގައި އޮތް އޮސްޓްރޭލިއާ އާއި ދެ ވަނައިގައި އޮތް ރުވާންޑާ ވަނީ ކުޅުނު ދެ މެޗުންވެސް މޮޅުވެ، ހަތަރު ޕޮއިންޓް ހޯދައިފައެވެ. ތިން ވަނައިގައި އޮތް ރާއްޖެ އާއި ހަތަރެއްގައި އޮތް ދެކުނު އެފްރިކާ، ކޮންމެ ޓީމަކަށް ދެ ޕޮއިންޓް ލިބިފައިވާއިރު، ބުދަ ދުވަހު މި ދެ ޓީމު ކުޅޭ މެޗުން މޮޅުވާ ޓީމަކަށް، އަނެއް ބުރަށް ދިއުމުގެ ފުރުސަތެއް އޮންނާނެއެވެ. އެއީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމުތަކުގެ ތެރެއިން ކުރި ލިބިގެންނެވެ.