ރާއްޖޭގައި މިހާރު ކުރިއަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯގެ ފިރިހެން އޯޕަން ބައިގެ ތިންވަނަ ބުރުގައި ރާއްޖޭގެ ބޮޑީބޯޑިން ޗެމްޕިއަން އަލީ ހުޝްރުވާން (ކުޑަ އައްޔަ) ދުނިޔޭގެ ރޭންކިން ދެވަނައިގައި އޮތް ޓެނާ މެކް ޑެނިއެލް ފަހަތަށް ޖައްސާލައިފިއެވެ.
ވަރުނުލާ ރާޅުގަނޑުގައި މިހާރު ކުރިއަށްދާ ބޮޑީބޯޑިން ވޯލްޑް ޓުއާ މުބާރާތުގައި މިއަދު ކުރިއަށްދިޔަ ތިންވަނަ ބުރުގެ ހީޓް ފަހެއްގައި ވާދަކޮށް, ރާއްޖޭގެ ކުޑަ އައްޔަ ވަނީ ހީޓުގެ އެއްވަނަ ހޯދައިފައެވެ. ރެކޯޑު ސްކޯއަކާއެކު ހީޓް ކާމިޔާބުކޮށް، ކުޑައައްޔަ ވަނީ މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަހޯދައިފައެވެ.
ވިޒިޓް މޯލްޑިވްސް ޕްރޯގައި މިއަދު ކުރިއަށްދަނީ ފިރިހެން އޯޕަން ބައިގެ ހަަތަރުވަނަ ބުރުގެ ހީޓުތަކާއި އަންހެން ބައިގެ ތިންވަނަ ބުރާއި، ޑްރޮޕް ނީ ކެޓަގަރީގެ ދެވަނަ ބުރުގެ ހީޓުތަކުގެ އިތުރުން ޖޫނިއާ ބައިގެ ގަދަ އަށެއްްގެ ހީޓުތަކެވެ.
މިއަދު ހެނދުނު ފެށި ފިރިހެން އޯޕަން ބައިގެ ހީޓު ފަހެއްގައި ވާދަކޮށް ރާއްޖޭގެ ޗެމްޕިއަން ކުޑަ އައްޔަ އެއްވަނަ ހޯދީ މިއަދުގެ އެންމެ މަތީ ސްކޯއާއެކުގައެވެ. ކުޑަ އައްޔަ ދެ ރާޅުން 15.55ގެ ސްކޯއެއް ހޯދި އިރު، ދެވަނައަށް ދިޔަ ޓަނާއަށް ލިބުނީ 13.30ގެ ސްކޯއެކެވެ.
ކުޑަ އައްޔަ މިއަދު އެއް ރާޅެއްގައި 8.25 ސްކޯއެއް ހޯދި އިރު، އެއީ އެއް ރާޅެއްގައި މިއަދު އެތުލީޓަކު ހެދި އެންމެ ބޮޑު ސްކޯއެވެ.
ކުޑަ އައްޔަ މިއަދު ފަހަތަށް ޖައްސާލި ޓަނާއަކީ ބޮޑީބޯޑިންގެ ދުނިޔޭގެ ފެންވަރުގެ އެތައް ރެކޯޑެއް އޮތް އެތުލީޓެކެވެ. އޭނާއަކީ ވޯލްޑް ޓުއާ މުބާރާތްތަކުގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރަށް، ބޮޑީބޯޑިންގެ އެންމެ މަތީ ސްކޯ ކަމަށްވާ 20.00ގެ ސްކޯއެއް ހޯދި ދުނިޔޭގެ ފުރަތަމަ އެތުލީޓެވެ.
މުބާރާތުގެ މެން އޯޕަން ބައިގެ ހަތަރުވަނަ ބުރުގައި ކުޑަ އައްޔަ ނުކުންނާނީ ފްރާންސްގެ ޔަން ސަލައުންއާ ދެކޮޅަށެވެ.