ޚަބަރު

އުރީދޫގެ ޑޭޓާ ސެންޓަރެއް ކުޅުދުއްފުށީގައި ގާއިމްކުރަނީ

މުހައްމަދު ޖަމްޝަތް ވަހީދު

އުރީދޫ މޯލްޑިވްސްއިން ކުޅުދުއްފުށި ސިޓީގައި ޑޭޓާ ސެންޓަރެއް ގާއިމްކުރަން ނިންމައިފިއެވެ.

އެކަން އިއުލާނު ކުރީ އުރީދޫން ރާއްޖޭގައި ހިދުމަތް ދޭތާ 17 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން މިއަދު ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީއެވެ.

މި ޑޭޓާ ސެންޓަރަކީ އުރީދޫއިން އިންޓަނޭޝަނަލް ޑޭޓާ ފޯރުކޮށްދިނުމުގެ ގާބިލްކަން އިތުރުކޮށްދިނުމަށް ކުޅުދުފުއްޓާއި ސިންގަޕޫރު އަދި ޔޫރަޕް ގުޅުވައިލާ "ޕީސް" ސަބްމެރިން ކޭބަލާ އެކު ގާއިމު ކުރާ ސެންޓަރެކެވެ.

ޕީސް ކޭބަލް އެޅުމުގެ އެއްބަސްވުމުގައި އުރީދޫއިން ސޮއިކުރީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. މި ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލްގެ އަޅަނީ ކުޅުދުއްފުށިން ސިންގަޕޫރާއި ޔޫރަޕްގެ ގިނަ ގައުމުތަކެއް ހިމެނޭ ސީދާ ގުޅާލެވޭ ގޮތަށެވެ.

އުރީދޫން ބުނީ ކުޅުދުއްފުށީގައި ޑޭޓާ ސެންޓަރު ގާއިމުކުރުމުން އުތުރުގައި މީހުން ދިރިއުޅޭ ރަށްތަކާއި ރިސޯޓުތަކަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އެތައް ގުނައަކަށް ރަނގަޅުވެގެން ދާނެ ކަމަށާއި ޕީސް ކޭބަލްގެ ސަބަބުން ޑޭޓާ ޓްރެފިކަށް އިތުރު ދޮރުތައް ހުޅުވައިދީ، ޑިޖިޓަލް ހިދުމަތްތަކާ އެކު ފަހިވެގެންދާ ފުރުސަތުތަކާއި މަންފާ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ލިބިގެންދާނެ ކަމަށެވެ.

އަދި 5ޖީ ނެޓްވޯކް މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށްދީ އިންޓަނެޓާއި ކްލައުޑްގެ ހިދުމަތްތައް ވެސް އިތުރަށް ރަނގަޅުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އޭގެ އިތުރުންވެސް ސަބްމެރިން ކޭބަލްގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާވެ، ކުރިއަރަމުން އަންނަ އީޖާދީ ޓެކްނޮލޮޖީއަށް ބޭނުންވާ ވަސީލަތްތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވާނެ ކަމަށް އުރީދޫން ބުންޏެވެ

ޕީސް ކޭބަލްގެ މަސައްކަތާއި ޑޭޓާ ސެންޓަރުގެ މަސައްކަތް ފުރިހަމަ ކުރެވޭނެ ސީދާ ތާރީހެއް އުރީދޫއިން ނުބުނެއެވެ. ނަމަވެސް ކޭބަލް އެޅުމަށް ހަދަންޖެހޭ ސާވޭތައް ހެދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.