ޚަބަރު

އުރީދޫގެ 5ޖީ ނެޓްވޯކް މާލެ ސަރަހައްދަށް ފުޅާކޮށް، 5ޖީ މޮބައިލް ކަސްޓަމަރުންނަށް ދެގުނަ ޑޭޓާ!

މުހައްމަދު ޖަމްޝަތް ވަހީދު

އުރީދޫ މޯލްޑިވްސްއިން ރާއްޖެއަށް ތައާރަފުކޮށްފައިވާ 5ޖީ ނެޓްވޯކް ގްރޭޓާ މާލެއަށް ފުޅާކޮށް، 5ޖީ މޮބައިލް ކަސްޓަމަރުންނަށް ބޮޑެތި ޑޭޓާ އެލަވަންސްތަކެއް ލިބޭ ހާއްސަ އޮފާތަކެއް ތައާރަފުކޮށްފިއެވެ.

އުރީދޫން ރާއްޖޭގައި ހިދުމަތް ދޭތާ 17 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން މިއަދު ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސްއެއްގައި އުރީދޫ 5ޖީ ނެޓްވޯކަށް ގެނައި އަޕްގްރޭޑް އިއުލާންކޮށްދެމުން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ ގްރޭޓާ މާލެއަށް އުރީދޫގެ 5ޖީ ނެޓްވޯކް އިތުރަށް ފުޅާކޮށް، 5ޖީގެ ހަލުވި ސްޕީޑްތަކާއެކު މެދުކެނޑުމެއް ނެތް، ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ކަށަވަރުކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަދުގެ ޑިޖިޓަލް ޒަމާނުގައި ޓެކްނޮލޮޖީ ކުރިއަރަމުން އަންނަނަނީ ހީވެސް ނުކުރާ ފަދަ ހަލުވި ސްޕީޑެއްގައި، ހައިޓެކް ހިދުމަތްތައް ބޭނުންކުރުމަށް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ދަށް ލޭޓަންސީގައި ހަލުވި ސްޕީޑު ބޭނުންވޭ،" އޭނާ ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސް އިން 5ޖީގެ ހިދުމަތް އެންމެ ފުރަތަމަ ތައާރަފުކުރީ އުރީދޫ އެއާފައިބާ މެދުވެރިކޮށެވެ. 5ޖީ ނެޓްވޯކަށް ގެނައި އަޕްގްރޭޑާއެކު ވިލިމާލެ، ހުޅުމާލެ ފޭސް އެކެއް އަދި ހުޅުލެއަށް 5ޖީގެ ހަލުވި ސްޕީޑް މިހާރު ލިބޭނެއެވެ.

އަދި 5ޖީގެ ހަލުވި ސްޕީޑްތައް ތަޖުރިބާކޮށްލަން 5ޖީ މޮބައިލް ކަސްޓަމަރުންނަށް ބޮޑެތި ޑޭޓާ އެލަވަންސްތަކެއް ލިބޭ ހާއްސަ އޮފާތަކެއްވެސް ވަނީ ތައާރަފުކޮށްފައެވެ.

އެގޮތުން އުރީދޫ ޕްރީޕެއިޑް، އާޗާ ޕްރީޕެއިޑް އަދި މަގޭ ޕްލޭން މެދުވެރިކޮށް ޑަބަލް ޑޭޓާ ބޯނަސް އާއެކު ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ 5ޖީ ޕްލޭންތަކެއް ތައާރަފުކުރި އިރު، އުރީދޫ ޕޯސްޓްޕެއިޑް 800 އާއި މަތީގެ ޕްލޭންތައް ގެންގުޅޭ ކަސްޓަމަރުންނަށް ދެގުނަ ބޯނަސް ޑޭޓާ ލިބޭނެއެވެ.

މީގެ އިތުރުން ސުޕަނެޓް އެއާފައިބާ 5ޖީ ޕްލޭންތައް ބޭނުންކުރާ ކަސްޓަމަރުންނަށް މަހުގެ އެލަވަންސް ބޭނުންކުރުމަށް ފަހުވެސް 5އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑް ލިބިގެންދާނެ ގޮތް ވަނީ ހަދައިފައެވެ.

އުރީދޫއަކީ ރާއްޖޭގެ ހުރިހާ ރަށްތަކަށް 4ޖީ+ ފޯރުކޮށްދިން ފުރަތަމަ އޮޕަރޭޓަރެވެ. އެއާއެކު އުރީދޫން ވަނީ އެ ކުންފުނީގެ ޓްރާންސްމިޝަން ނެޓްވޯކް ފުލް އައިޕީއަށް ބަދަލުކޮށް، ކަސްޓަމަރުންގެ ޑޭޓާ އެކްސްޕީރިއަންސް އިތުރަށް ރަގަޅުކޮށްދީފައެވެ.