ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް

ވަރުގަދަކޮށް އެނބުރި އައި ވިކްޓަރީއަށް ފުރަތަމަ ޑިވިޝަނަކަށް ނުދެވުނު

މިއަހަރުގެ ދެވަނަ ޑިވިޝަނަށް ވަރުގަދަކޮށް ނުކުތް، ފުޓުބޯޅައިގެ ގަދަ ބާރެއް ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކްލަބަށް ފުރަތަމަ ޑިވިޝަނަށް ނުދެވޭނެކަން ޔަގީންވެއްޖެއެވެ.

ވިކްޓަރީއަށް ފުރަތަމަ ޑިވިޝަންގެ ފުރުސަތު ގެއްލުނީ އިއްޔެ ހަވީރު ކުޅުނު މެޗުން ކްލަބު ޓީނޭޖް އަތުން 1-0 އިން ބަލިވުމުންނެވެ. އިއްޔެ އެއް ނަންބަރު ޓާފްގައި ކުޅުނު މެޗުން ފަހު ވަގުތު މޮޅުވެ، ކްލަބު ޓީނޭޖުން ވަނީ ދެވަނަ ޑިވިޝަންގެ ސެމީގެ އުންމީދު ދަމަހައްޓައިފައެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުގެ ބޮޑުބައެއްގައި ގޯލެއް ފެނިފައިނުވާ އިރު، މެޗުގެ ހަމައެކަނި ގޯލު ފެނުނީ ފަހު މިނެޓުގައެވެ. އެ ގޯލު ކްލަބު ޓީނޭޖަށް ޖަހައިދިނީ އަލީ އަހުމަދު އަލް އަފީފީއެވެ.

ވިކްޓަރީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ބީޖީ ސްޕޯޓްސް އަތުން 2-1 އިން މޮޅުވި އިރު، ދެ ވަނަ މެޗުގައި އެލްޓީ ސްޕޯޓްސްއާ ވަނީ 1-1 އިން އެއްވަރުވެފައެވެ. ތިން ވަނަ މެޗުގައި ވާދަވެރި ނިއު ރޭޑިއަންޓް އަތުން ބަލިވީ ތަފާތު ބޮޑުކޮށް، 4-1 އިންނެވެ.

ގުރޫޕް ދޭއްގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން، ވިކްޓަރީއަށް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. އެއް ވަނައިގައި ހަތަރު މެޗުން 12 ޕޮއިންޓް ހޯދައިގެން ނިއު ރޭޑިއަންޓް އެއްވަނައިގައި އޮތް އިރު، ދެ ވަނައިގައި ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެން އޮތީ އެލްޓީ ސްޕޯޓްސް ކްލަބެވެ. އަދި ތިން ވަނައިގައި ނުވަ ޕޮއިންޓް ހޯދައިގެން އޮތީ ޓީނޭޖެވެ.

ވިކްޓަރީއަށް ފުރުސަތު ގެއްލުނީ ޓީނޭޖާއި އެލްޓީއަށް ބާކީ ދެ މެޗު އޮތްއިރު، އޭގެ ތެރެއިން އެއް މެޗަކީ އެ ދެ ޓީމު ބައްދަލުކުރާ މެޗަށް ވެފައި އެ މެޗުން ކޮންމެ ނަތީޖާއެއްް ނުކުތަސް ވިކްޓަރީއަށް ދެން އޮތް ދެ މެޗުން މޮޅުވެގެންވެސް ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނިގެން ސެމީއަށް ދެވޭނެ ގޮތެއް ނެތުމުންނެވެ.

އެފްއޭއެމުން 2019 ވަނަ އަހަރު ވިކްޓަރީ ސަސްޕެންޑް ކުރީ 2019/2020 ލީގު މެޗުތަކަށް ހާޒިރު ނުވާ މައްސަލަ އާއި ކުޅުންތެރިންނާއި ކޯޗުންނަށް ދޭންޖެހޭ މުސާރަ ނުލިބިގެން އެ ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަ އާއި ކްލަބު ލައިސަންސްއާ ގުޅޭ ގޮތުން ހަމަކުރަންޖެހޭ ލިޔެކިޔުންތައް ހަމަކޮށްފައިނުވާތީ ތަކުރާރުކޮށް ދިން އިންޒާރާ އެއްގޮތަށް އަމަލުނުކުރުމުންނެވެ.

މި ސީޒަނަށް ވިކްޓަރީ ތައްޔާރުވީ ވަރުގަދަކޮށެވެ. ޓީމުގެ ކޯޗަކަށް ގެނެސްފައި ވަނީވެސް ލަންކާގެ ތަޖުރިބާކާރު ކޯޗު ޕަކީރް އަލީއެވެ. އޭނާގެ އިރުޝާދުގެ ދަށުން ވިކްޓަރީން ދުރާލާ ދެވަނަ ޑިވިޝަނަށް ތައްޔާރުވި އިރު، އެ ޓީމުން ވަނީ މުބާރާތުގެ ކުރިން ޅ. ހިންނަވަރުގައި ކޭމްޕްވެސް ކޮށްފައެވެ.