އިސްލާމީ ތާރީޚު

މިއަދުގެ އިސްލާމީ ދުނިޔެއާއި އިސްލާމްދީނުގެ ސިޔާސީ ނިޒާމު - 02

އަބްދުﷲ ފާރޫގް ހަސަން

(25 ޖުލައިގެ އަދަދާ ގުޅޭ)

ދުނިޔޭގެ އަހްލުވެރީންކުރެ އެންމެނަކު އިސްލާމީ ތާރީޚެއް ނުކިޔަވައެވެ. خــلافــة الــرّاشــدة ގެ ޒަމާނުގައި އޮތީ ކިހައިފުރިހަމަ ޖުމްހޫރީ ނިޒާމެއްކަމެއް ނުދަނެއެވެ. އިސްލާމީ ޚިލާފަތުގައި ކޮންމެ މީހަކަށްވެސް ކިހައި ފުރިހަމަޔަކަށް ޚިޔާލުފާޅުކުރުމުގެ މިނިވަނަކަށް ލިބިފައި އޮތްކަމެއް ނުދަނެއެވެ. ޚަލީފާއިން ދިރިއުޅުއްވީ ޢާންމު ރައްޔިތުން ފަދައިންކަމާއި ކޮންމެ މީހަކަށްވެސް އެބޭކަލުންގެ ކުރިފުޅުމަތީން ގަމީސްކޮޅުގެ ގިރުވާންކޮޅުގައި ހިފައިލެވިދާނެކަމެއް ނޭނގެއެވެ. ދުނިޔޭގެ މީހުންނަށް ފެންނަ ޙަޤީޤަތަކީ މިހާރު އިސްލާމީ ޤައުމުތަކުގައި އޮތީ ޤަދީމީ ޒަމާނުގައި ދުނިޔޭގައި އޮތްކަހަލަ އަނިޔާވެރި ވެރިކަން ކަމެވެ. އެޒަމާނެކޭ އެއްގޮތަށް ބައްޕަގެ ތަޚްތުގައި އިށީނުމުގެ ޙައްޤު ދަރިފުޅަށް ލިބެމުންދާތަނެވެ. ޢާންމު ރައްޔިތަކަށް އެމައްސަލައިގެ ތެރެޔަށްވަދެ ބަހެއް ބުނެލުމުގެ ޙައްޤެއް ނެތްކަމެވެ. މުސްލިމުންގެ އިޖްތިމާޢީ ނިޒާމުގެ ތެރެއިންވެސް ފެންނަނީ ހަމަ އެ އަނދިރި ދައުރެވެ. އެފަދަ ބައެއްގެ ދީނާމެދު ދުނިޔޭގެ މީސްތަކުންގެ ޝައުޤުވެރިކަމެއްނެތެވެ. ހިތްދަމައިގަތުމެއް ނެތެވެ. މުސްލިމު ޢަރަބި ރަސްކަލުން ވެވަޑައިގެންފައިވަނީ އިސްލާމްދީނަށް ނަސުރު ލިބުމުގެ މަގަށް އެޅިފައިވާ ހުރަހެއްކަމުގައެވެ. އިސްލާމްދީން މުޠާލިޢާކޮށްގެން ފަރުދީގޮތުން ވަކިވަކި މީހުން އިސްލާމްވަމުންދިޔަ ކަމުގައިވިޔަސް ޖުމުލަގޮތެއްގައި ފައުޖުފައުޖަށް ބައިބަޔަށް މީހުން އިސްލާމްވަމުންނެއް މިހާރަކު ނުދެއެވެ. މުސްލިމުން އިސްލާމްދީނުގެ ސިޔާސީ ނިޒާމާއި އިޖްތިމާޢީ ފުރިހަމަ ނިޒާމުގެ ނަމޫނާތައް ހުށަހަޅަމުން ނުގެންދާތީއެވެ. މީހުން ބައިބަޔަށް އިސްލާމްވަމުން ދިޔުމަށް އެޅިފައިވާ ހުރަހަކީ އިސްލާމީ ދައުލަތްތަކެވެ. ޚާއްޞަކޮށް ޢަރަބި އިސްލާމީ ދައުލަތްތަކެވެ.

މުސްލިމުންގެ ބޮލުގައި އެޅުވޭ ނިރުބަވެރިކަމުގެ ތުހުމަތު ތަޞްދީޤުކުރަނީ އިސްލާމީ ދައުލަތްތަކުންނެވެ.

އެމެރިކާއިން އިސްލާމީ އުންމަތާ ދެކޮޅަށް ހިންގާ ނުބައިނުލަފާ ޢުދުވާނުތަކުގެ ތެރެއިން އެންމެ ޚާއްޞަ އެއްކަމަކީ މުސްލިމުންނަކީ ނިރުބަވެރީންކަމުގައި ލޭބަލްކޮށްގެން އެކިއެކި އިސްލާމީ ޖަމާޢަތްތަކާއި ޤައުމުތަކާ ދެކޮޅަށް ޖަރީމާތައް ހިންގުމެވެ. ނުވައެއް އެގާރައިގެ ފަހުން ޚާއްޞަގޮތެއްގައި މި އިލްޒާމު އަޅުވައިފައި މުސްލިމު އެތައް ޤައުމުތަކެއްވަނީ ސުންނާފަތިކޮށްފައެވެ. މުސްލިމުންގެ އެތައް އާބާދީތަކެއް އެވަނީ ބޮމުގެ ވާރޭ ވެއްސުމުގެ ސަބަބުން ޤަބުރުސްތާނުތަކަކަށް ބަދަލުވެފައެވެ. މުސްލިމުންގެ ދަރުމަވެރިކަމުގެ ޚިދުމަތްކުރާ އެތައް އިދާރާތަކެއްވަނީ ބޮޑުތަޅު އަޅުވައި ބަންދުކުރުވައިފައެވެ. އެ އިދާރާތަކުގައި އަޅުވާ އިލްޒާމަކީ ނިރުބަވެރި ޙަރަކާތްތައް ހިންގާ ފަރާތްތަކަށް މާލީ އެހީވާކަމުގެ އިލްޒާމެވެ. އިސްލާމީ ޢަރަބި ޤައުމުތަކުގެ ވެރީން އެމެރިކާގެ އަމުރުތައް ތަންފީޒުކުރެއްވުމުގައި ދުވަހަކުވެސް ބަލިބުރަކަމެއް ނުދައްކަވައެވެ. (ދިވެހިރާއްޖޭގައިވެސް މިމަރުކާގެ ސިޔާސީން އެބަތިއްބެވެ.) ޢަރަބި މުސްލިމު ވެރީން ދުވެވަޑައިގަންނަވަނީ މުސްލިމުންގެ ޚައިރާތުގެ މާލީ އިދާރާތަކުގައި ބޮޑުތަޅު އަޅުއްވާށެވެ. އެމެރިކާއިން މާދިރީ ނަންގަވައިގެން މުސްލިމު ބައެއް ވެރީންނާއި ސިޔާސީންވެސް ގެންދަވަނީ އިސްލާމްދީން އަލުން ދިރުވުމަށްޓަކައި ޤުރްބާނީ ރޫޙުގައި މަސައްކަތްކުރާ ދީނީ ޖަމާޢަތްތަކާއި ޖަމްޢިއްޔާތަކަކީ ނިރުބަވެރީންކަމުގައި ކަނޑައަޅުއްވަމުންނެވެ. މުސްލިމުންގެ މިދެންނެވި އިދާރާތަކުގެ ކުރިޔަށް ތިއްބަވާ އެތައް ބޭފުޅުންނެއްވަނީ ނިރުބަވެރި އިރްހާބީން ކަމުގައި ކަނޑައަޅުއްވައިފައެވެ. އެބޭފުޅުންގެ ދީނީ އަދި ޢިލްމީ މަތިވެރި ޚިދުމަތްތަކާމެދު އިޙްތިރާމު ކުރެއްވުމެއް އަޅައިލެއްވުމެއް ނެތިއެވެ.

ސަރުކާރުގެ އަނިޔާއާ ދެކޮޅަށް އިޙުތިޖާޖު ކުރުމަކީ ހަރާންކަމެއް - ނުބައި ދަންނަބޭކަލުން

މިއަދުގެ ދުނިޔޭގެ ޖުމްހޫރީ ނިޒާމުތަކެކޭ އެއްފަދައިން އިސްލާމީ ސިޔާސީ ނިޒާމުގައިވެސްވަނީ އަނިޔާވެރިކަމާ ދެކޮޅަށް އިޙްތިޖާޖުކުރުމުގެ ފުރިހަމަ ޙައްޤު ދީފައެވެ. ތިމާމެންގެ ޙައްޤުތައް ހޯދުމަށްޓަކައި އަޑު އުފުލުމުގެ ޙައްޤު ދީފައެވެ. ގާނދީޖީފަދަ ސިޔާސީ ލީޑަރުން ޢާންމު ދެކޮޅުވެރިކަމުގެ ޙަރަކާތް ހިންގެވީ އެނަޒަރިއްޔާތަކުން ބާރު ހޯއްދަވައިގެން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދުނިޔޭގައި ޢާންމުވީވެސް އެގޮތުންނެވެ. އެއްވެސްބަޔަކު މިހާރަކު އެކަމަކަށް ހުރަހެއް ނާޅައެވެ. ނަމަވެސް އިސްލާމީ ދުނިޔޭގައި ކަންއޮތީ އެގޮތަކަށެއް ނޫނެވެ. ޢަރަބި އިސްލާމީ ޤައުމުތަކުގައި އެއްވެސް މިނިވަންކަމެއް ނެތެވެ. ޤިޔާމަތްދުވަސްވަނީ ކައިރިވެފައެވެ. (ބުންބާމީހުންގެ މުއްލާ ބުނާފަދައިން) ރަން ތަނބުގައި ހިފައްޓައިގެން ތިބިބަޔަކު އެދުވަހުން ބަޔާންވެ އެނގޭނެއެވެ. ސަރުކާރުގެ ދިފާޢުގައި ފަތުވާދެއްވާ ބޭކަލުންތޯ ނުވަތަ ކުފުރުގެ ދެހަންޖާ ކަނޑުއްވައިލައްވައި މާތް اللّــه ގެ ޝަރީޢަތް ތަންފީޒުކުރެއްވުމަށްޓަކައި ބަނޑުފުޅާއި ބުރަކަށިފުޅުން އަޑުކިޔަންދެން ހިއްޕަވައި ސަރުކާރުތަކުގެ އަނިޔާ ބަރުދާސްތުކުރައްވަމުން ގެންދެވި مـــولانــا مـــودودى އާއި سـيّــد قـطــب އާއި حســن الــبنّــا ފަދަ ބޭކަލުންތޯ އެދުވަހަކުން އެނގި ބަޔާންވާނެއެވެ. މިޒަމާނުގެ ޖުމްހޫރިއްޔާތަކުގައި ރައްޔިތުންނަށް ނުހަނު ތަނަވަސްކޮށް ހުޅުވައިފައިވާ މިދޮރުތަކަކީ އިސްލާމީ ސިޔާސީ ނިޒާމުގައި މާކުރީންވެސް ތަންމިނަށް ހުޅުވައިފައިހުރި ދޮރުތަކެކެވެ. އެހެންކަމުން އެދޮރުތައް ބަންދުކުރާން ގަދަފައިވިއްދާ ސަރުކާރުތަކަކީ މުސްލިމުންގެ ސަރުކާރުތަކެކޭ ބުނެވުނު ކަމުގައިވިޔަސް އިސްލާމީ ސަރުކާރުތަކެކޭ ބުނެވޭކަށެއް ނޯންނާނެއެވެ. މިހާރުގެ އިސްލާމީ ދައުލަތްތަކުގެ ތެރެއިން ވަރަށްގިނަ ދައުލަތްތަކުގައި އިސްލާމީ ޤާނޫނުތަކަކަށް ޢަމަލެއްވެސް ނުކުރެއެވެ. (ހަނދޭގިރީން ފާޅުގައި އެތިބަ ވިދާޅުވަނީ ތިޔަކަހަލަ ވިސްނުމެއް ނެތްކަމުގައެވެ. މުސްލިމުންކަމުގައިވާ މީހުން އެވާހަކަތައް ހަނދާނުގައި ނިކަން ރަނގަޅަށް ހަރުލައްވާން ޖެހެއެވެ.) އިސްލާމީ ޤާނޫނުތަކޭ ނުވަތަ އިލާހީ ޤާނޫނުތަކޭ މިދަންނަވަނީ އަރަހުށި މާތް اللّــه سبحـانــه وتـعــالــى އެކަލާނގެ މާތްކުރެއްވި ނަބީބޭކަލުންގެ ޒަރީޢާއިން ޢާންމު އިންސާނުންގެ ހިދާޔަތަށްޓަކައި ފޮނުއްވި ޤާނޫނުތަކަށެވެ. (އެޤާނޫނުތަކާ ޚިލާފަށް ދަނޑިދަމައި ދެމީހުންގެ ކުޅިކުޅުމާއި ތިންމީހުންގެ ކުޅިކުޅުމާމެދު އެއްބަޔަކު ފާޅުގައި އެބުނަނީ އެއީ ޝަޚްޞީކަމެއް ކަމުގައެވެ. ޒާތީކަމެއް ކަމުގައެވެ. އިންސާނީ ޙަޔާތުގެ އިސްލާމީ ނަޒަރިއްޔާ ޤަބޫލުކުރާ މީހަކު އެގޮތަކަށެއް ނުބުނާނެއެވެ. މިހިރީ ކޮންމެ މުސްލިމަކު ވަރަށްބޮޑަށް ސަމާލުވެ ހިތުގައި ބިންވަޅު ނަގައިފައި ބާއްވާންޖެހޭ ކަންކަމެވެ. މީހުން ހޮވައިނަގައި ކުރިޔަށް ނެރުމުގެ މަރްޙަލާތައް ކުރިޔަށް ގެންދާހިނދު ހަނދާންކުރާން ޖެހޭނެކަމެކެވެ. އެކަން އެގޮތަށް ނުކޮށްފިނަމަ އެއީ އާޚިރަތުގައި ޒިންމާވާން ޖެހޭނެކަންހިތައި ބިރުވެރިވާންޖެހޭ ކަމެކެވެ. އިސްލާމީ ޝަރީޢަތުގައި ޙަރާމްކުރައްވައިފައިވާ ކަންކަމުގެ ދިފާޢުގައި ފާޅުގައި ބަހެއް ބުނެ ޢަމަލެއް ކޮށްފިނަމަ ސިފައިންނާއި ފުލުހުން ނުކުމެ ބާރުގެ ބޭނުންކޮށްގެން އެފަދަ ބަސްބުނާ މީހުން ޖަލުތަކަށް އަޅައިލާގޮތް ހަނދާންކުރާން ޖެހެއެވެ.) ދުނިޔޭގެ ބޮޑެތި ބާރުތައް މިދެންނެވިފަދަ ގަދަބަދަވި މުސްލިމު ސަރުކާރުތަކުގެ ބުރަކަށި ޙިމާޔަތްކޮށްދޭކަން ހަނދާންކުރާން ޖެހެއެވެ.

ގަދަބަދަވިކަމާ ދެކޮޅަށް ހިނގަމުންދާ އިންޤިލާބީ މަސައްކަތް

އިސްލާމްދީން ޤަބޫލުކުރާ މީހުންގެ ޤައުމުތަކުގައި ރައްޔިތުންގެ އިސްލާމްކަން ހުރިވަރުގެ އިމްތިޙާނުގެ ވަގުތު މިވަނީ އައިސް ޖެހިފައެވެ. ސަރުކާރުތަކުން ބާރުއަޅަނީ އިސްލާމްކަން ހަމައެކަނި މިސްކިތާ ހަމައިގައި ބޭއްވުމަށެވެ. ޤާނޫނުހަދާ މަޖްލިސްތައްފަދަ އިދާރާތަކާ ހަމަޔަށް ފޯރިޔަނުދިނުމަށެވެ. ޤައުމުތަކުގައި ރޯމަން ލޯ ތަންފީޒުކުރުމަށެވެ. ހުޅަނގުގެ ޤާނޫނުތަކަށް ޢަމަލުކުރުމަށެވެ. ތަހްޒީބާއި ތަމައްދުނާއި ތަޢުލީމާއި ތަރުބިޔަތާއި ސިޔާސަތާއި މަޢީޝަތުގެ އިމާމުންނަކީ ހުޅަނގުގެ ޤައުމުތައް ކަމުގައި ހެދުމަށެވެ. ނުވަތަ ހިންދީންކަމުގައި ހެދުމަށެވެ.

މުސްލިމުންގެ ތެރެއިން މި ތަހްޒީބީ މުރުތައްދުވުމާ ދެކޮޅަށް ތެދުވީ الإخـــوان المسلـميــن ގެ ތާރީފު ޙައްޤު ޖަމާޢަތެވެ. ޢަރަބި ކޮންމެ ޤައުމެއްގައިވެސް އެޖަމާޢަތުގެ މެމްބަރުން ހާސްހާހުން އެބަތިއްބެވެ. އެބައިމީހުން ގެންދަނީ ޙައްޤުގެ ދިދަ އުފުލަމުންނެވެ. އެބައިމީހުން ޤަބޫލުކުރާގޮތުގައި ތަފާތު މޫސުންތަކާއި ޙާލަތުތައް މެދުވެރިކުރައްވަނީވެސް މާތް اللّــه އެވެ. އެކަލާނގެ މުއުމިން އަޅުން އިމްތިޙާނު ކުރައްވައެވެ. އެކަލާނގެ ދީން ނަޞުރުވެރި ކުރުމަށްޓަކައި މޭތައް އައްޑަނަތަކަކަށް ހަދައިގެން ނުކުންނަނީ ކޮންބައެއްތޯ ބައްލަވައެވެ. "މިޒަމާނުގައި ޖިހާދު" މިފަދަ މައިގަނޑު ނަންތަކުގައި މަޒުމޫނުތައް ލިޔެ މީހުން ބިރުގަންނަވައި ޖާނާއި މާލުގެ ބިރުވެތިކަމުގައި މީހުން ހައްޔަރުކުރުވާ މީހުން ދެކެދެނެވޮޑިގަންނަވައެވެ. މިއީ އީމާންކަމުގެ އިމްތިޙާނުގެ ވަގުތެވެ. މުއުމިނުންނާއި މުނާފިޤުން ވަކިވުމުގެ އިމްތިޙާނުގެ ވަގުތެވެ. ޝައްކެއްނެތެވެ. މަޞްލަޙަތާއި މުނާފިޤުކަމާ ދެމެދުގައި ހުންނަނީ ވަރަށް ލުއިލުއި ފަރަގެކެވެ. މަޞްލަޙަތުގެ ނަމުގައި ވަރަށް ފަސޭހައިން މުނާފިޤުކަން އިޚްތިޔާރު ކުރެވިދާނެއެވެ.

މާތް اللّــه ގެ ދީން ނަޞުރުވެރި ކުރުވުމަށްޓަކައި އިޚްވާނުން އަންނަނީ އެބައިމީހުންގެ ފުރާނައިން އަގުދައްކަމުންނެވެ. ތެދުވެރި މުސްލިމުން އަބަދުވެސް އަންނަނީ މިގޮތަށް އަގުދައްކަމުންނެވެ. އިސްލާމީ ވަރަށްގިނަ ޤައުމުތަކެއްގައި إخـــوان ންނަކީ އެންމެބޮޑު ދީނީ އަދި ތަރުބަވީ ތަޙްރީކެވެ. ދީނީ ޣީރަތުހުރި މުސްލިމުންގެ އެތައް ލައްކަ ބަޔަކުވަނީ އެތަޙްރީކާ ގުޅިފައެވެ. جـمــال عــبـدالـنّــاصـــر ގެ ދައުރުން ފެށިގެން މިއަދާހަމަޔަށްވެސް އެބައިމީހުން އަންނަނީ އިސްލާމީ ދިދަ އުފުލަމުންނެވެ. އެއްބަޔަކު ޝަހީދުވާއިރަށް އަނެއްބަޔަކު ތެދުވެ ހިންދެމިލައެވެ. ޙަޤީޤީ ކާމިޔާބީއަކީ އާޚިރަތުގެ ކާމިޔާބީކަމުގައި ބަލައިގެންނެވެ. ދުނިޔަވީ މިންގަނޑުން އެބައިމީހުންގެ ތަޙްރީކުގެ ނަތީޖާ ކޮންމެގޮތަކަށް ފެންނަމުންދިޔަ ކަމުގައިވިޔަސް މާތް اللّــه ގެ ޙަޟުރަތުގައި އެއުރެންގެ އަޖުރު ކުޑަނުވާނެކަމީ ކަށަވަރު ކަމެކެވެ. ކާމިޔާބީގެ މެޑެލްތަކާއި ރަންތަށިތަކަށް އެންމެ ބޭނުންބޮޑު ދުވަހަކީ އެއީއެވެ.

ދަރުބާރީ މުފުތީންނާއި އެބޭފުޅުންގެ ފަތުވާ

الخــلفــاء الــرّاشــدون ގެ ދައުރު މާޒީއާ އެކުވެގެން ހިނގައްޖެއެވެ. އެކަމަކުވެސް އިސްލާމްދީނުގެ އިޖްތިމާޢީ ނިޒާމުގެ ރީތި ސޫރަ ދެކޭން ޝައުޤުވެރިވެފައިވާ މީހުން އަދިވެސް ލޯދިލުވައިގެން ތިބީއެވެ. ޢަރަބި ޤައުމުތަކަށް ބަހާރުމޫސުމެއް އަންނާން އުޅުނެވެ. އެކަމަކު އެމޫސުމެއް ނައެވެ. ދުވަސްކޮޅަކު ވައިތަޅައިލުމަށްފަހު ވައިމަޑުވެއްޖެއެވެ. ފެނެއް ނައެވެ. މޫސުން މޫސުމަކަށް ނުވިއެވެ. ޚަރީފު މޫސުން އޮތްގޮތަށް ދެމިއޮތީއެވެ. ދުނިޔެއާއެކު އިސްލާމީ ދުނިޔޭގައިވެސް ނަންފުޅު މަޝްހޫރު عــلاّمــــة يـوسف الـقـــرضـــاوى ޢަރަބީންގެ ޢާންމު އިޙްތިޖާޖަށް ތާއީދު ކުރެއްވިއެވެ. ޢަރަބި ވެރީންނާ ދެކޮޅު ހެއްދެވިއެވެ. ނަމަވެސް މިސުރާއި ސޫރިޔާއާއި ގަލްފުގެ ޤައުމުތަކުގެ ސަރުކާރީ މުފުތީން މިސުރާއި ސޫރިޔާގެ ޢާންމުންގެ ހޭލައިގަތުމާ ދެކޮޅަށް ބަޔާން ނެރުއްވުމުގައި ހީވާގިވެވަޑައިގެންނެވިއެވެ. އެންމެބޮޑަށް ނަގައިކީ ސަޢޫދީ ޢަރަބިޔާގެ ހައިއަތެކުބާރުލްއުލަމާއެވެ. ޚާއްޞަކޮށް حـسنِـى مـبــارك އާ ދެކޮޅަށް ޢާންމުކުރި އިޙްތިޖާޖާ ދެކޮޅަށް ސަޢޫދީ ޢަރަބިޔާއިން حـسنِـى مـبــارك އަށް ތާއީދުކޮށް އަތްބާރުއަޅައިދިނެވެ. ބޮޑުޖުއްބާލެއްވި ޢިލްމުވެރީން ތާއީދުކުރެއްވީ ޙަޤީޤީ އިންތިޚާބަކާނުލައި ވެރިކަމަށް އަރައިވަޑައިގެން ތިއްބެވި ޢަސްކަރީންނަށެވެ. މީހުންގެ އަނގަމަތީ ފޮތިބަނދެ ޚިޔާލުފާޅުކުރުން ހުއްޓުވައިފައިވާ މުސްތަބިއްދުންނަށެވެ. އެބޭކަލުން ވިދާޅުވީ ސަރުކާރާ ދެކޮޅަށް ނުކުތުން ޙަރާމްކަމަށް ޙަދީޘުގައިވާ ކަމަށެވެ. އަމީރަށް ކިޔަމަންވާން އަމުރުކުރައްވައިފައިވާ ކަމުގައެވެ. އެކަމަކު ލީބިޔާއާއި ސޫރިޔާގެ ޢާންމުން ސަރުކާރާ ދެކޮޅަށް ނުކުތުމުން ސަޢޫދީ މުފްތީންގެ ފަތުވާގެ ޖޯޝް ފިނިވެއްޖެއެވެ. ބަންޑާރަ ކާޅުން (މުދިން ކާޅުން) ވިދާޅުވީ އިހުގޮތޯއިއެވެ. ސަބަބަކީ ސޫރިޔާއާއި ލީބިޔާގެ ޢާންމު އިޙްތިޖާޖަށް ސަޢޫދީ ސަރުކާރުގެ އާނބަސް އޮތުމެވެ. ސަޢޫދީ މުފްތީންގެ އަރިހުގައި މިސުރުގެ ރައްޔިތުންގެ އިޙްތިޖާޖު އިސްލާމްދީނާ ޚިލާފެވެ. ސޫރިޔާއާއި ލީބިޔާގެ އިޙްތިޖާޖު އިސްލާމްދީނާ އެއްގޮތެވެ. ނަތީޖާއަކީ އެ ޢިލްމުވެރީންގެ ފަތުވާގެ އިތުބާރު ގެއްލުމެވެ. ޢާންމުންގެ މެދުގައި އެބޭކަލުންގެ އަގުވެއްޓުމެވެ. شــيــخ الأزهـــــر ގެ ފުއްޕާހަމުންވެސް ވަނީ ވައިކޮޅު ގޮސްފައެވެ. ޑިކްޓޭޓަރަށް ތާއީދު ކުރައްވަމުންނެވެ.

(ނުނިމޭ)