ޚަބަރު

އާރުޓީއެލް ބަހުގެ ހިދުމަތް އަތޮޅު ތެރޭގައި ފަށައިފި

މުހައްމަދު އިޝާން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ މިނީ ބަހުގެ ހިދުމަތް އަތޮޅު ތެރޭގައި ފަށައިފިއެވެ.

އެމްޓީސީސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ކުންފުނިން އާރްޓީއެލް ބަހުގެ ހިދުމަތް ދިނުމަށް ސަރުކާރާ އެކު ސޮއިކޮށްފައިވާ 50 އަހަރުގެ ސާވިސް އެގްރީމަންޓްގެ ދަށުން އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ލ. ގަން (އަދި ގުޅިފައިވާ ރަށްތައް) އަދި ލ. އިސްދޫ އާއި ލ. ކަލައިދުއަށް ބަހުގެ ހިދުމަތް މިއަދު ފަށާފައިވާ ކަމަށެވެ.

އަންނަ މަހުގެ 14 އާ ހަމައަށް އޮންނާނީ ރޫޓުތައް ތަޖުރިބާ ކުރުމުގެ ދަތުރުތައް ކަމަށާއި އެ މުއްދަތުގެ ތެރޭގައި ބަސްތައް ދަތުރު ކުރާނީ މުޅިން ހިލޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސްކޫލް ކުދިންނާއި އުމުރުން ތިން އަހަރުން ދަށުގެ ކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން އަދި އުމުރުން 65 އަހަރުން މަތީގެ މީހުން، އާރްޓީއެލް ބަހުގެ ހިދުމަތަށް އެއްވެސް އިރެއްގައި އަގު ދައްކާކަށް ނުޖެހޭނެއެވެ.

މިނީ ބަހުގެ ހިދުމަތް ދިނުމަށް ބޭނުންވާ އާރްޓީއެލް ބަސްތައް މިހާރު އެރަށް ރަށަަށް ވަނީ ފޮނުވައިފައެވެ. އެގޮތުން އިސްދޫ އާއި ލ. ކަލައިދުއަށް ދެ ބަސް، ލ. ގަމަށް އަދި ގުޅިފައިވާ ރަށްތަކަށް ހަތަރު ބަހާއި ފުވައްމުލަކަށް ހަތަރު ބަސް ވަނީ ފޮނުވައިފައެވެ. އަދި އައްޑުއަށް 13 ބަސް ވަނީ ފޮނުވައިފައެވެ.

މާލެ އާއި އަތޮޅުތެރޭގައި އާރްޓީއެލް ބަހުގެ ހިދުމަތް ފަށަން އެމްޓީސީސީން ވަނީ ބްރޭންޑް ކޮށްފައިވާ 41 ބަސް ގެނެސްފައެވެ. އެ ބަސްތަކަކީ ރާއްޖޭގެ އެކި ރަށްރަށުގެ މަގުތަކުގައި ދުއްވުމަށް އެކަށީގެންވާ ބޮޑުމިނާއި ޖާގައިގެ ބަސްތަކެއް ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

އެއާ ކޮންޑީޝަން ކުރެވިފައިވާ އެ ބަސްތަކުގައި ދަތުރުކޮށްލަން ހިތްފަސޭހަވާނެ ކަމަށާއި އޭގެ ތެރެއިން ކޮންމެ ބަހެއްގައި އެއްފަހަރާ 20 މީހުންނަށް ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.