ވާހަކަ

މޭ ފާރުވެ ޒަހަމްވުމުން - 24

1

"ބޮޑު ސޮރު ތަ؟ ކިހިނެއް ހަދައިދޭންވީ؟" ފަރީދު އެހިއެވެ. "މަރަންތަ އެއްޗެއް ހަދައިދޭންވީ؟" ކޮޓަރީގައި ތިބީ ދެމީހުން އެކަނި ކަމުގައި ވިޔަސް ފަރީދު ވާހަކަދެއްކީ ވައި އަޑުންނެވެ. ރޫބިޔާގެ ތުންފަތަށް ވެރިވީ ވިހަ ހިނިތުންވުމެކެވެ.

******

އޮފީސް ކުރިމައްޗަށް އަޔާލް ސައިކަލް މަޑުކޮށްލުމާއެކު ރިންދާ ފައިބައިފިއެވެ. ލޮލުގައި އަޅާފައި އިން އަވި އައިނު ނަގާފައި ހިނިތުންވުމަކާއެކު އަޔާލްގެ މޫނަށް ރިންދާ ބަލައިލިއެވެ.

"އަހަރެން އަންނާނަން ނުވައެއް ޖަހާއިރަށް ބަލާ" އަޔާލް ބުންޏެވެ. ރިންދާ ބޯޖަހާލިއެވެ. ސައިކަލް ކުރިއަށް ދުއްވާލުމުގެ ކުރިން ރިންދާގެ އަތްތިލައިގައި އަޔާލް ހިފަހައްޓާލިއެވެ. އެހިނދު ލަދުވެތިކަމާއެކު އަތްތިލަ ރިންދާ ދަމައިގަތެވެ.

"މަގުމަތި. ބޭބެއަށް ފެނިދާނެ" ރިންދާ ބުންޏެވެ.

"ސޮރީ. ރިދާ ފެނުނީމަ ދުރުގަ ހަމަ ނުހުރެވެނީ. މިއަދު ވަކިން ރީތިހެން ހީވޭ" އަޔާލް ބުންޏެވެ.

"އެއްކަލަ ޔާލް. ދެންވެސް އަވަހަށް ދޭ. އަހަރެން ދަނީ" ރިންދާ ބުންޏެވެ. ރިންދާ އޮފީހަށް ވަދެގެން ދަންދެން އަޔާލް ބަލަހައްޓައިގެން އިނެވެ.

އަޔާލްއަށް ލިބުނު އޮފް ދުވަހަށްވާތީ ދުވަހުގެ ގިނަ ވަގުތު ދެކުދިން އެކުގައި ހޭދަކުރުމަށް އެކަކު އަނެކަކަށް ތިބީ ނިންމައިގެންނެވެ. އެހެންކަމުން ކޮންމެ ކާ ގަޑިއަކަށް ރިންދާ ބަލައި އަންނާނެ ވާހަކަ އަޔާލް ކުރިން އޮތީ ބުނެފައެވެ.

*******

ކާއެއްޗެހި ތައްޓަށް ބަލަހައްޓައިގެން އިން ޝަލްބިޔާގެ ވިސްނުމާއި ސިކުނޑި ގުޅިފައިވަނީ މުޅިން އެހެން ކަމަކާއެވެ. މޭޒުމަތީގައި ހުރި ތަށީގެ ތެރެއިން ފަހަރަކު އާފަލު ފޮއްޗެއް ކަމުން ދިޔައިރު ކުރިމަތީގައި އޭނާއަށް ބަލަހައްޓައިގެން ނަހީކް ދައްކަމުންދިޔަ އެއްވެސް ވާހަކައަކަށް އޭނާއަށް ސަމާލުކަމެއް ނުދެވެއެވެ. އެކަން ނަހީކަށް ފާހަގަވުމާއެކު ތެދުވެގެން އައިސް ޝަލްބިޔާ ކައިރީގައި އިށީނެވެ. އެވަރުންވެސް ޝަލްބިޔާއަށް ހޭވެރިކަމެއް ނުވުމުން ނަހީކް ކަންބޮޑުވިއެވެ. ކަންތައްތަކާ ވިސްނައި ފިކުރުކުރުމަކީ ޝަލްބިޔާއަށް މަނާ ކަންކަމެވެ. ޝަލްބިޔާއަކީ ދުޅަހެޔޮ ސިއްހަތެއްގެވެރިއެއް ނޫނެވެ.

އެންމެފަހުން ޝަލްބިޔާގެ ކޮނޑުގައި ނަހީކް ބޯއެޅިއެވެ. ކައިރީގައި ހުރި ހަމައެކަނި ދަރިފުޅަށް ޝަލްބިޔާ ބަލައިލީ ދެނެވެ. ޝަލްބިޔާ ހީލިއެވެ. މަޑުމަޑުން އެއް އަތުން ނަހީކްގެ އަތްތިލައިގައި ޝަލްބިޔާ ހިފަހައްޓާލިއެވެ.

"އަޅުގަނޑަށް އެއްބައި ދޭންވީނުން" ނަހީކް ބުންޏެވެ.

"ކޯޗެއް؟ މަންމައަކަށް ނުވިސްނުނު" ޝަލްބިޔާ ބުންޏެވެ.

"މަންމަ ތި ވިސްނާ އެއްޗަކުން އެއްބައި ދޭންވީނުން" ނަހީކް ބުންޏެވެ.

"މަންމަ ނުވިސްނަން" ޝަލްބިޔާ ބުންޏެވެ.

"މަންމަ ތިހެދީ ދޮގެކޭ މަންމަ އާ ދިމާލަށް ބުނާކަށް ބޭނުމެއް ނޫން. އެކަން މަންމައަށް އެނގެއެއްނު" ނަހީކް ބުންޏެވެ.

"ތެދެއް ބުނަންތަ ދަރިފުޅާ" ޝަލްބިޔާ ބުންޏެވެ. "މަންމަ ބޭނުމީ ރާއްޖެ ދާން" ޝަލްބިޔާ ބުންޏެވެ. ނަހީކަށް ހައިރާންކަމާއެކު ޝަލްބިޔާގެ މޫނަށް ބަލައިލެވުނެވެ.

"ކީކޭ މަންމާ" ނަހީކް އެހިއެވެ. ވާނީވެސް އެހެންނެވެ. ރާއްޖެއިން ބޭރުގައި ޝަލްބިޔާ ދިރިއުޅޭތާ އެތައް އަހަރެން ފާއިތުވެގެން ހިނގައްޖެއެވެ. މިނޫނީ ރާއްޖެދާން ބޭނުންވާ ވާހަކަ ޝަލްބިޔާ ބުނެފައެއް ނެތެވެ.

"ޒޭވާ އާއި އަންކަލް މަންމައަށް ގޯހީތަ؟" ނަހީކް އެހިއެވެ. ޝަލްބިޔާ ދެފަރާތަށް ބޯހޫރާލިއެވެ.

"ދެން ކުއްލިއަކަށް ކިހިނެއްވީ؟ މަންމައަށް އެނގެއެއްނު މަންމަ އެދޭ ކަންތައްތައް ނުކޮށްދީ ހުރުމަކީ އަހަރެންނަށް ވާވަރުގެ ކަންކަމެއް ނޫންކަން" ނަހީކް ބުންޏެވެ.

"މިގޮތަށް ދަރިފުޅާ ދުރުގަ މަންމަ ކިހާ ދުވަހަކު ހުރެފިން. ކީއްވެތަ ނަހީކް ހުރި ހިސާބަކަށް މަންމަ ނުގެންދަން ތިއުޅެނީ" ޝަލްބިޔާ އެހިއެވެ.

"އެއީ މަންމައަށްޓަކައި. އެ ނަހާ އާއި ޝާހްބާޒް ފެނިގެން އަނެއްކާ މަންމަގެ ބުއްދި ފިލައިގެންދާކަށް އަޅުގަނޑު ބޭނުމެއް ނޫން. ކިހާވަރަކުން މަންމަ ރަނގަޅުވެފަ ތިހުރީ" ނަހީކް ބުންޏެވެ.

"މާޒީގައި ހިނގާފައިވާ ކަމެއްގެ ސަބަބުން މިހާރު މަންމައަށް ވާނެ އެއްވެސް ގެއްލުމެއް ނޯންނާނެ. މަންމަ ބޭނުންވަނީ މިތަނުން ދާން. މަންމަގެ މުޅި ދިރިއުޅުން އަމިއްލަ ވަޒަނާ ދުރުގައި ދެން ނުހުރެވޭނެ. މަންމަ އާދައިގެ ދިރިއުޅުމެއް ދަރިފުޅާއެކު ބޭނުން" ޝަލްބިޔާ އިނީ ކުރުކުރާ ގޮތަކަށް ނޫނެވެ.

ނަހީކް ކަންބޮޑުވިއެވެ. ޝަލްބިޔާ އެދޭ އެދުން ބޮލާލާ ޖަހަންވެސް ނަހީކް ބޭނުމެއް ނުވެއެވެ. ހަމަ ކުއްލިއަކަށް ޝަލްބިޔާ ގޮވައިގެން ދެވޭކަށްވެސް ނެތެވެ. ނުގެންދާނަމޭ ބުނެ މަންމަގެ ހިތަށް ތަދުކޮށްލާކަށްވެސް ނަހީކް ބޭނުމެއް ނުވެއެވެ.

"ކޯޗެއް ތިވިސްނަނީ. މަންމައަކީ ހެއްދެވިފަރާތެއްވާކަން ހަނދާންނައްތާލައިގެން ހުރި މީހެއް ނޫން. މަންމައަށް އެނގޭ ކޮންމެސް ދުވަހަކުން މަންމަ މަރުވާނެކަން. މާޒީގައި ހިނގާފައިވާ ހުރިހާ ކަމަކީ ހަމައެކަނި ނަހާ އާއި ޝާހްބާޒްގެ އެކަނި ކުށެއް ނޫން. އެހެންނޫނަސް އެދެމަފިރިންނަށް މަންމަގެ ހިތުގައި ކިލަނބުކަމެއް ނެތް. ރާއްޖެއަށް ދަރިފުޅު ދާއިރު މަންމަ ގޮވައިގެންދޭ" ޝަލްބިޔާ ކުރުނުކުރުމުން އެންމެފަހުން ނަހީކް ޖަވާބެއްދޭން ތައްޔާރުވެލިއެވެ.

"މަންމަ ގެންދާނަން" ނަހީކް ބުންޏެވެ. ޝަލްބިޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

"ކޮންއިރަކުން؟" ކެތްމަދުވެފައި ޝަލްބިޔާ އެހިއެވެ.

"ވަރަށް އަވަހަށް" ނަހީކް ބުންޏެވެ.

"ތިހެން ބުނެގެން މަންމަ އިންތިޒާރުކުރަންވީ ކިހާ މުއްދަތަކަށް ކަމެއް ނޭނގޭ" ޝަލްބިޔާ ބުންޏެވެ.

"އަޅުގަނޑު ވަރަށް އަވަހަށް ރިދާ އާ އިންނާނަން. އޭގެފަހުން މަންމަ ބަލައި އަންނާނަން" ނަހީކް ބުންޏެވެ. އުންމީދު ކުލަވަރެއް އެހިނދު ނަހީކްގެ ދެލޮލުގެ ތެރެއިން ޝަލްބިޔާއަށް ފެނުނެވެ.

*****

ސިޑިން ފައިބައިގެން އައި ބެގަރީ އަތުގައި ވަރުގަދަ ތަޅުދަނޑި ފައްޗެއް އޮތެވެ. ސޯފާ ކައިރީގައި ހުޝިޔާރުވެ ހުރި ވިލިނީ ގޮސް ހުއްޓުނީ ބެގަރީގެ ކުރިމަތީގައެވެ. ހީލަމުން ބެގަރީ ތަޅުދަނޑިފަތި ވިލިނީއަށް ދައްކާލިއެވެ.

"ހުރިހާ ކެމެރާތަކެއް އެހެރީ ހަލާކުވެފަ. މިއަދު އަހަރެން ނަހީކަށް ހަބަރުދީފިން. މާދަމާ ނަހީކް އަންނާނެހެން ވަރަށް ހީވޭ. އެހެންވީމަ ވިލިނީ ކުރާކަމެއް މިއަދު ކުރަންޖެހޭނެ" ބެގަރީ ބުންޏެވެ.

ވިލިނީ ބޯޖަހާލިއެވެ. ބެގަރީ ވިލިނީ އަތަށް ތަޅުދަނޑުފަތި ދެމުން ތިރީގައި ހުންނަ ނަހީކްގެ ސިއްރު ކޮޓަރީގެ ތަޅުދަނޑި ވަކިކޮށްދިނެވެ.

"ބެގަރީ ހަމަ އަލަށްވެސް ނުވަންނަންތަ އެތަނަށް" ވިލިނީ އެހިއެވެ.

"ނޫނޭ އެއްދުވަހު ވަނިން. އެއީ ރޭގަނޑަށް ކައްކަންވީ ކޮން އެއްޗެއްތޯ ނަހީކް ކައިރީގަ އަހަންވެގެން. ފާރު ކައިރީގައި ނަހީކް ކޮޅަށް ހުއްޓައި ވަދެވުނީ. އެކަމަކު އެދުވަހު އަހަރެންދެކެ އޭނަ ރުޅިއައިސްގެން އަހަރެންގެ އަތުގައި ހިފާފައި ނެރުނީ. އެދުވަހު އަހަރެންނަށް އެންގީ އެތަނަށް ވަދެގެން ނުވާނެ ކަމަށް. އަހަރެން ލައްކަ ބިރުގަތް ދުވަހެއް އެއީ" ބެގަރީ ބުންޏެވެ.

ތަޅާއި ތަޅުދަނޑީގެ ގޮތުން ވިލިނީއަށް އެތަން ހުޅުވަން ފަސޭހަކަމަކަށް ނުވިއެވެ. އަނބުރާ އަނބުރާ އަތަށް ތަދުވެގެން ވިލިނީ ދުރަށްޖެހުނެވެ.

"އަހަރެން މަސައްކަތްކޮށްލާނަން" ބެގަރީ ބުންޏެވެ. ވިލިނީ ދުރަށް ޖެހުނެވެ. އެކޮޓަރިއަށް ނުވަދެވިއްޖެނަމަ ވިލިނީގެ ހުރިހާ އުންމީދެއް ގެއްލުނީއެވެ.

"ހުޅުވިއްޖެ. އެތެރެއަށް ވަދޭ. އަހަރެން މިތާ މަޑުކޮށްލާނަން" ބެގަރީ ބުންޏެވެ. ދުރުގައިހުރި ވިލިނީ ދުވެލާފައި އައިސް އެ ކޮޓަރިތެރެއަށް ދެމިގަނެއްޖެއެވެ.

އަނދިރިކަން ފެތުރިފައިވާ ކޮޓަރި ތެރެއިން ލައިޓް ޖައްސަން ވިލިނީއަށް ނޭނގުނެވެ. އެހެންކަމުން އެތެރެއަށް ހިނގަމުން ދިޔައީ ފޯނުން ލައިޓް ޖައްސައިގެން ހުރެއެވެ. ވަކި ހިސާބަކަށް ދިޔަތަނާ އެއްޗެއްގައި ވިލިނީ އަޅައިގަތެވެ. ނުވެއްޓުނީ ފާޑެއްގެ އެއްޗެއްގައި ހިފަހައްޓާލެވުމުންނެވެ. ގުދުވެފައި އަޅައިގަތީ ކޯޗެއްގައިތޯ ވިލިނީ ބަލައިލިއެވެ. އެއީ ކުޑަކުދިން ކުޅެން ގެންގުޅޭ އެއްޗެއްކަން އެނގުމުން ވިލިނީ ހައިރާންވިއެވެ. ފޯނުން އަލިކޮށް އެކި ކޮޓަރީގެ އެކި ހިސާބަށް ވިލިނީ އަލިކުރިއެވެ. ކޮޓަރީގެ އެތަން މިތަނުން ކުޅޭ އެއްޗެހި ފެނުމުން ވިލިނީ ހިތުގައި ސުވާލު އުފެދުނެވެ. ނަހީކް އެކޮޓަރިއަށް ވަންނަނީ އެ ކުޅޭ އެއްޗެހިތަކުން ކުޅެން ހެއްޔެވެ؟ ހަމަ ރަނގަޅަށްވެސް އެހުރީ މޮޔަވެފައެވެ. އެންމެ ހައިރާންކުރަނިވި އެއްޗަކަށް ވިލިނީއަށް ފެނުނީ ކޮޓަރި މެދުގައި ހުރި ޕިއާނޯއެވެ. ގަދަ މުށިކުލައިގެ ވަރުގަދަ ލަކުޑިއަކުން ހަދާފައި ހުރި ޕިއާނޯއެކެވެ. ވިލިނީ ހުއްޓުނީ އޭގެ ކައިރީގައެވެ. ހުދު ކުލައިގެ ގަނޑެއް ވިލިނީގެ ލޮލުގައި އަޅައިގަތީ ޕިއާނޯ އާ އިންވެގެން ބަހައްޓާފައި ހުރި ކުޑަކުޑަ ހަރަކުންނެވެ. ވިލިނީ އެ ނަގާފައި ބަލައިލިއެވެ. އެއްވަރު އެއްވަރަށް ލިޔެފައިވާ ބަންޖެއް ކަހަލަ ފަތިވަރެކެވެ. ލިޔެފައި ހުރީ ދިވެހިބަހުންނެވެ. ރާގެއް ވިލިނީއަށް ނޭނގުނެވެ. އެހެންނަމަވެސް ރާގަކާ ނުލައި ކިޔާހެން ވިލިނީ އެ ކިޔަމުން ދިޔައެވެ. އެންމެ ވައްތަރީ މަޔަކު ދަރިއަކަށްޓަކައި ލިޔެފައިވާ ބަންޖަކާއެވެ.

ލައިޓްތައް ޖައްސަން މުޅި ކޮޓަރީގައި ހިނގަމުންދިޔަ ވިލިނީއަށް އެކަން ކާމިޔާބު ނުވިއެވެ. އެއްވެސް ފާރެއްގައި ސްވިޗުތަކެއް ނެތެވެ. އެނދެއް އަލަމާރިއެއް ފާހާނާއެއް ނެތެވެ. ފާރުތަކުގައި ހުރީ ހުދާއި ކަޅު ކުލައެވެ. އެއްވެސް ކަމެއް ކާމިޔާބު ނުވުމުން ވިލިނީ ނުކުންނަން ހިނގައިގަތެވެ. ހުއްޓުނީ ތިރިއަށް ވެއްޓިފައި އޮތް ސިޓީ އުރައެއް ފެނުމުންނެވެ. ސިޓީއުރަ ހިފައިގެން ވިލިނީ ދޮރާ ދިމާލަށް ދިޔައެވެ. ނުކުތްއިރު ކުރިމަތީގައި ބެގަރީ ހުއްޓެވެ. ބެގަރީގެ މޫނުމަތީގައި ވަނީ ހާސްކަމެވެ. ބާރަށް ހިނގާފައި އެއައި ގޮތަށް ކޮޓަރި ތަޅުލައިފިއެވެ. ބެގަރީއަށް ހިފަހައްޓާލައިގެން ހުރި ނޭވާ ދޫކޮށްލެވުނީ ދެނެވެ.

"އެއްޗެއް ފެނުނުތަ؟" ބެގަރީ އެހިއެވެ.

"ބައިވަރު އެއްޗެހި ފެނުނު. އޭނަ މޮޔަދޯ. މުޅިތަނުގަ ހުރީ ކުޑަކުދިންގެ ކުޅޭ އެއްޗެހި. އޭނަ ލަވަކިޔާތަ؟" ވިލިނީ އެހިއެވެ.

"އެއީ ނަހީކްގެ މަންމައަށް ހާއްސަކުރި ކޮޓަރިއެއް. ކުޑައިރު ކުޅެން ގެންގުޅުނު ކުޅޭއެއްޗެހިތައް ތިފެނުނީ. އަނެއްހެން ލަވަ ކިޔާ އަޑެއް ނާހަން. އެކަމަކު ފާޑެއްގެ މިޔުޒިކެއް ކުޅޭނެ" ބެގަރީ ބުންޏެވެ.

"ލައިޓްތަކެއް ނުފެނުނު. އަނދިރިކޮށް އޮތީމަ މާބޮޑަކަށް ނުބެލޭ. ބެގަރީ ހިނގާބަލަ އަހަރެންނަށް ލައިޓްތައް ޖައްސައިދޭން" ވިލިނީ ބުންޏެވެ.

"އަހަރެންނަށްވެސް އެނގޭނަމަތާ. މިއަދު ދެން ވަންނާކަށް އަހަރެންނަށް ނުފެނޭ. މިކަހަލަ ކިތަންމެ ވަގުތެއް އަދިލިބޭނެ" ބެގަރީ ބުންޏެވެ.

***************

މުޅިން އާ ދުވަހެކެވެ. މަސައްކަތް ނިންމާފައި ގެއަށް ގޮސް ފެންވަރައިގެން އަޔާލް އައީ ރިންދާގެ ގެއަށެވެ. އަޔާލްގެ އިންތިޒާރުގައި ބޮޑުކޮޓަރީގައި މަޑުކޮށްގެން ރިންދާ އިނެވެ. ދޮރުގައި ޓަކިޖަހާލުމާއެކު ރިންދާއަށް އަޔާލް އައީކަން އެނގުނެވެ. އެހެންކަމުން ދުވެފައި ދޮރާ ދިމާލަށް ދިޔައެވެ. ހުޅުވުނު ދޮރުގެ ބޭރުގައި ހުރި އަޔާލް ފެނުމުން ރިންދާ ހިނިތުންވެލިއެވެ. ނޭފަތާ ހަމައަށް ފޯރި ސެންޓުގެ މީރުވަހުން ރިންދާއަށް ދެލޯމަރާލެވުނެވެ. ގޭތެރެއަށް ބަލައިލުމަށްފަހު މަޑުމަޑުން އަޔާލް އާ ގާތަށް ޖެހިލާފައި ކުޑަކޮށް ބައްދާލިއެވެ. ރިންދާގެ އެ ހަރަކާތުން އަޔާލް ހައިރާންވިއެވެ. އެގޮތަށް ކުރިން ބައްދާލުމަކީ ރިންދާ ނުކުރާ ކަމެކެވެ.

"ތިހާ ރީތިވެލައިގެން ހުރީމަ ހަމަ ދުރުގަ ނުހުރެވުނީ" އަޔާލްގެ އަތުގައި ހިފައިގެން އެތެރެއަށް ވަންނަމުން ރިންދާ ބުންޏެވެ.

"އިތުރު މީހަކު ނޫޅެނީތަ؟ ހައިބްވެސް މިއަދު ނުފެނޭ" އަޔާލް ބުންޏެވެ.

"ފެންވަރަނީ ހައިބް. އާދޭ ކޮފީބޯން" އަޔާލް މޭޒުކައިރިން ގޮނޑިއެއްގައި އިށީނުމުން ރިންދާ އުޅުނީ ކޮފީ ހެދުމުގެ މަސައްކަތުގައެވެ.

ފޯނު ނަގައިގެން އިން އަޔާލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ވާނީވެސް އެހެންތާއެވެ. ބަރަކް އާ ބައްދަލުނުވާތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ވީޑިޔޯ ކޯލްއަކުން ބަރަކް ފެނުމުން އަޔާލް ހިތް އުފަލުން ފުރިގެން ދިޔައެވެ. ފޯނުން ފެންނަން އިން ބަރަކްގެ މޫނުގައި އަޔާލް ފިރުމާލިއެވެ.

"ކޮބާ އަހަރެންގެ ފަހަރި" ބަރަކް ބުންޏެވެ. އެ އަޑު ކޮފީތަށި ހިފައިގެން އައިސް ހުއްޓުނު ރިންދާއަށް އިވުނެވެ. އަޔާލް ރިންދާގެ އަތުގައި ހިފައި ކައިރިއަށް ގެނެސްފައި ރިންދާގެ މޫނު ބަރަކްއަށް ފެންނާނެހެން ކެމެރާއަށް ސެޓުކޮށްލިއެވެ. ރިންދާއަށް ބަރަކް ހީލިއެވެ. ރިންދާވެސް ބަރަކް އަތް އުފުލާލިއެވެ.

"ދޮންބެ އަބަދު ތިގޭގަ އަޅާފަ ދޯ" ބަރަކް ބުންޏެވެ. ހީލަމުން ދެފަރާތަށް ރިންދާ ބޯހޫރާލިއެވެ.

"ރަނގަޅުތަ މަގޭ ލޯބިވާ ކޮއްކޯ" އަޔާލް އެހިއެވެ. ކަނާއަތުގެ ބޮޑުވައި އިނގިލި އުފުލާލާފައި 'ބެސްޓް' އޭ ބަރަކް ބުންޏެވެ.

"ރިދާއަށް އެނގޭތަ ބަރަކް މީހަކާ އިންނަން އުޅޭކަން" ރިންދާގެ މޫނަށް ބަލައިލަމުން އަޔާލް ބުންޏެވެ.

"އަދި ހަނދާންނެތިފަ މިހުރީ. ދޮންބެމެން އަންނަންވާނެ އިނގޭ މިއަންނަ ހުކުރުގަ މިގެއަށް. ދޮންބެ ފެންނަން ނެތިއްޔާ އަހަރެން އަނބި ގަބޫލެއް ނުކުރާނަން" ކުޑަކުއްޖެއްހެން ބަރަކް ބުންޏެވެ. އަޔާލްއަށް ހެވުނެވެ.

"ދޮންބެ ހިނގައިދާނަން. އެކަމަކު ކޮއްކޮގެ މަންމާފުޅަށް ދޮންބެ ފެނިޖިއްޔާ ވާނެގޮތެއް ނޭނގެއެއްނު" އަޔާލް ބުންޏެވެ.

"މަންމަ ބަހައްޓާ. މަންމަ ކޮންމެ އެއްޗެކޭ ކިޔަސް އަހަރެންގެ ހަޔާތަށް އަންނަ އެންމެ އުފާވެރި ރޭގައި ދޮންބެ ބައިވެރިނުކޮށް ހުންނާނީ ކިހިނެއް؟" ބަރަކް ބުންޏެވެ.

"އޯކޭ އޯކޭ ދޮންބެމެން ދާނަން. ދޯ" ރިންދާއަށް ބަލައިލަމުން އަޔާލް ބުންޏެވެ.

"އިންޝާﷲ" ރިންދާ ބުންޏެވެ.

ފޯނުކޯލު ނިންމާލާފައި އަޔާލް އާ ކުރިމައްޗަށްވާހެން ހުރި ގޮނޑީގައި ރިންދާ އިށީނެވެ. ދެން ދެކުދިން އެކީގައި ސައިބޯން ފެށިއެވެ.

"ހައިބްއަށް މިއަދު އަހަރެން ފެނިއްޖިއްޔާ ކުށްވެރިވާނެ. އެއްވެސް އެއްޗެއް ނުލާ އައިސް މީނީ" އަޔާލް ބުންޏެވެ. ރިންދާ ހީލިއެވެ.

ބަދިގޭ ދޮރަށް އެރި ނަހާ ފެނުމުން އަޔާލް އާއި ރިންދާ އެކުއެކީ ބަލައިލިއެވެ ބޭރަށްދާން ރީތިވެގެން ހުރި ނަހާ އަޔާލްއަށް ހިނިތުންވުމެއް ދިނެވެ.

"ދަރިފުޅާ. މަންމަ މިދަނީ އިނގޭ" ރިންދާއަށް ނަހާ ބުންޏެވެ. ރިންދާ ބޯޖަހާލުމާއެކު ނަހާ ހިނގައިގަތެވެ. އެދިމާލަށް ދުވެފައި އައި ހައިބް ނަހާ ހިފެހެއްޓިއެވެ. އަޔާލް ފެންނަން ހުރިއްޔާ ހައިބްގެ ހިޔާލު ބަދަލުވާނެއެވެ.

"ކޮންތާކަށް ރިދާ މަންމަމެން އެދަނީ" އަޔާލް އެހިއެވެ.

"އެދަނީ ބޭބެގެ އާއިލާ މީހެއް އުޅޭ ގެއަށް. އަހަރެން ކައިރީގައިވެސް މަންމަ ބުނި ދާން. އެކަމަކު އެއަށްވުރެ އަހަރެންނަށް ޔާލް މުހިންމު. އެހެންވެ ނުދިޔައީ" ރިންދާ ބުންޏެވެ.

*****

ދެފައި ވަށްކޮށްގެން އެނދަށް އަރާ އިން ވިލިނީ ނަހީކްގެ ސިއްރު ކޮޓަރިން ނެރުނު ސިޓީއުރައަށް ރަނގަޅަށް ބަލައިލިއެވެ. އާދައިގެ ސިޓީއުރައަކަށް ވުރެ ބޮޑު އުރައެކެވެ. ހިފާލާއިރު ފުދޭވަރަކަށް ބަރެވެ. ކަންފަތާ ކައިރިކޮށްލާފައި ވިލިނީ ސިޓީއުރަ ތަޅުވާލިއެވެ. އެތެރޭގައި އޮތް ކޯޗެއްކަން ހިޔާލަށްވެސް ވިލިނީއަށް ނުގެނެވުނެވެ. އެތެރޭގައި އޮތް އެއްޗެއް ބަލަން ކެތްމަދުވެފައި އިން ވިލިނީ އުނގާ ދިމާކޮށް ސިޓީއުރައިގައި ހުރި އެއްޗެއް އޮށްސާލިއެވެ. އެއާއެކު ސިޓީ އުރައިގެ ތެރެއިން ފައިބައިގެން ދިޔައީ ފޮޓޯގަނޑުތަކެކެވެ. ބަލާފަ ނުބަލަންވީ ފޮޓޮއެއް ވިލިނީއަށް ނޭނގުނެވެ. ގާތްގަނޑަކަށް ވިއްސަކަށް ފޮޓޯ އޮތެވެ. ފަހަރަކު ފޮޓޮއެއް ނަގައި ވިލިނީ ބަލަމުން ދިޔައެވެ. ކޮންމެ ފޮޓޮއެއްގައި ނަހީކް ހުއްޓެވެ. ދެން ހުރީ އިނގިރޭސިއެއް ކަހަލަ ފިރިހެނެކެވެ. އަތްކުރު ޓީޝާޓެއްގައި ހުރިއިރު ދެއަތުގެ ހަގީހީ ކުލަ ފޮރުވިފައިވަނީ ދެއަތުގައި ޖަހާފައިވާ ޓެޓޫތަކުންނެވެ. އެއްކަންފަތުގައި ރިހިކުލައިގެ ބޮޅެއް އިންއިރު އިސްތަށިގަނޑު ހުރީ އެއްކޮށް ތުނިކޮށްފައެވެ. މަތިމަހާއި ތުނބުޅީގައި ވަނީ ރަން ކުލައެކެވެ. ދޮންކަމުން އައިބުވާހާ ދޮން އިސްކޮޅުން ދިގު ބިޔަ ފިރިހެނެކެވެ. ހީވާގޮތުން ނަހީކްގެ އެކުވެރިއެކެވެ. ފަހަރަކު ފޮޓޯއެއް ބަލަމުން ދަނިކޮށް ވިލިނީގެ ޝައުގުވެރިކަން ހުއްޓުނީ ބޭރުގެ ކްލަބެއްގެ ތެރެއިން ނަގާފައިވާ ފޮޓޯގަނޑަކަށެވެ. އެފޮޓޯއިން ނަހީކް ފެންނަން ނެތެވެ. އެހެންނަމަވެސް ނަހީކްގެ އެކުވެރިޔާ އެހެން ފިރިހެނަކާއެކު ގައިގޯޅިކޮށް ނަގާފައިވާ ފޮޓޯ ފެނިފައި ވިލިނީގެ ދެބުމަ ގޮށްޖެހުނެވެ. އެއީ ކޮންކަހަލަ މީހެއް ހެއްޔެވެ؟ ވިލިނީގެ ހިތަށް އެރިއެވެ. އެއަށްވުރެ ބޮޑު ހައިރާންކަމެއް ލިބުނީ އެންމެފަހު ފޮޓޯއަކަށް ވިލިނީއަށް ފެނުނު ފޮޓޯއިންނެވެ. އެ ފޮޓޯއިން ފެންނަން ހުރީ ނަހީކްގެ އެކުވެރިޔާއެވެ. ފޮޓޯގެ ފަހަތުން ފެންނަ ކުލަ ބޮކިތަކުން އެއީވެސް ޕާޓީއެއްގެ ތެރެއިން ނަގާފައިވާ ފޮޓޮއެއްކަން ވިލިނީއަށް އެނގުނެވެ. ފޮޓޯއިން ފެންނަން ހުރި އަންހެންކުއްޖާގެ މޫނަށް ރަނގަޅަށް ބަލައިލެވުމާއެކު ވިލިނިގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހަމަ ޔަގީނުންވެސް އެއީ ރިންދާއެއް ނޫނެވެ. އެއީ ކާކުކަން ވިލިނީއަށް ޔަގީންވިއެވެ. އެކަމަކު ނަހީކްގެ އެކުވެރިޔާ އާއި އެ އަންހެންކުއްޖާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ އެ ފިރިހެނާ އަންހެންކުއްޖާއަށް އެދެނީ ކޮންކަހަލަ ބުއިމެއް ހެއްޔެވެ؟ އަންހެންކުއްޖާ މޫނުމަތިން އުފާވެރިކަމެއް ފެންނަން ނެތީ ކީއްވެގެން ހެއްޔެވެ؟ ވަގުތުން ހުރިހާ ފޮޓޯތަކެއް އެއްކޮށްލާފައި ސިޓީއުރައަށް އަޅާފައި ގެންގޮސް އަލަމާރިއަށްލައި ފޮރުވިއެވެ. ދެން ފޯނު ހިފައިގެން އައިސް އެނދަށް އަރާފައި ރިންދާއަށް ގުޅިއެވެ.

"ވަރަށް އަވަހަށް އަހަރެންނާ ބައްދަލުކޮށްބަލަ" ރިންދާ ފޯނު ނެގުމާއެކު ވިލިނީ ބުންޏެވެ.

*********

ޝަލްބިޔާއާ ވާހަކަދައްކަމުން ކޮޓަރިން ނުކުތް ނަހީކަށް ގޭތެރެއަށް ވަދެގެން އައި ޒުވާނާ ފެނިފައި ހުރިހާ ދަތްތަކެއް ފެންނަވަރަށް ހީލައިފިއެވެ. މިފަހަރު މަންމަ އާ ބައްދަލުކުރަން އައި ދަތުރުގައި އެކުވެރިޔާ އާ ނަހީކް އަދި ބައްދަލެއް ނުވެއެވެ. މުހިންމު ބައްދަލުވުންތަކެއްގައި އެކުވެރިޔާ އެހެން ތަނެއްގައި ހުރުމުންނެވެ. އެހެންނަމަވެސް ފުރުމުގެ ކުރިން އެކުވެރިޔާ އާ ބައްދަލުވުމުން ނަހީކް ބާރަށް ހިނިގަނޑެއް ޖަހާލާފައި އެކުވެރިޔާގެ ގައިގައި ބައްދާލިއެވެ.

"އަހަރެން ހީކުރީ މިދަތުރުގައި ޒޭވާ އާ ބައްދަލުނުވެ ކަމަށް ދާންޖެހޭނީ" ނަހީކް ބުންޏެވެ.

(ނުނިމޭ)