ސައްހަ މަސްދަރުތަކުން ހޯދާ ތެދު މައުލޫމާތު ނޫނީ ނުފެތުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ރާއްޖޭގެ އެންމެހާ ނޫސްވެރިންނަށް އިލްތިމާސްކޮށްފިއެވެ.

އެކަމަށް އިލްތިމާސްކޮށް އެމްއެމްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ މީހަކަށްވެސް ގާނޫނުއަސާސީން ލިބިދޭ ހައްގެއް ކަމަށެވެ. ނަމަވެސް އެއީ ވަކި ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކަކާ އެކު ބޭނުންކުރަން ޖެހޭނެ ހައްގެއް ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ނޫސްވެރިންނާއި މީޑިއާތަކުން އެ ހައްގު ބޭނުން ކުރުމުގައި އެމްއެމްސީގެ ގާނޫނާއި ގަވާއިދާއި ދިވެހި މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑާ އެއްގޮތަށް ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ވެސް އިލްތިމާސް ކޮށްފައިވެއެވެ.

ހާއްސަކޮށް އާންމު ފަރުދުންގެ އަބުރަށް ނުވަތަ ހައްގަކަށް އުނިކަމެއް އަތުވެދާނެ މައުލޫމާތެއްނަމަ އެ މައުލޫމާތެއްގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު ނޫނީ އެ މައުލޫމާތެއް ފެތުރުމަކީ ގާނޫނާއި ދިވެހި މީޑިއާގެ އާއްމު ހަމަތަކާ ހިލާފު ކަމެއް ކަމަށްވެސް ބުނެފައިވެއެވެ. އަދި ހަބަރު ފެތުރުމުގައި އެކަމެއްގައި ޝާމިލުވާ ހުރިހާ ފަރާތްތަކެއްގެ ބަސް ހިމަނައިގެން ހަބަރާއި މައުލޫމާތު ޝާއިއު ކުރުމަށް ވެސް އިލްތިމާސް ކޮށްފައިވެއެވެ.

ޝާއިއު ކުރާ ހަބަރާއި މައުލޫމާތަކީ ސައްހަ ތެދު މައުލޫމާތުކަން ކަށަވަރު ކުރަން ކުރެވެންހުރި ކުރިހާ މަސައްކަތްތަކެއް ކުރުމަށާއި އިސްލާމްދީނާ ހިލާފު ހަބަރާއި މައުލޫމާތާއި މުޖުތަމައުގެ މުޖުތަމައުގެ އާންމު އަހުލާގީ މިންގަނޑާ ހިލާފު މައުލޫމާތާއި ހަބަރު ނުފެތުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.