Close
ކޮމަންވެލްތު ގޭމްސް

ވަރުގަދަ އޮސްޓްރޭލިއާ އަތުން ބަލިވި ނަމަވެސް ބީޗު ވޮލީ ޓީމުން ކުރިއެރުން

އިނގިރޭސި ވިލާތުގެ ބާމިންހަމްގައި މިހާރު ކުރިއަށްދާ ކޮމަންވެލްތް ގޭމްސްގައި ރާއްޖޭގެ ގައުމީ ބީޗްވޮލީ ބޯޅަ ޓީމުގެ ޕެއާ، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، އޮސްޓްރޭލިއާ އަތުން ބަލިވި ނަމަވެސް އުންމީދީ ކުޅުމެއް ދައްކައިފިއެވެ.

އެންމެ ފަހުން 2018 ވަނަ އަހަރު އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓުގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި ބީޗްވޮލީބޯޅައިން ރަން މެޑަލް ހޯދީ އޮސްޓްރޭލިއާއެވެ. ރާއްޖޭން ފުރަތަމަ ފަހަރަށް ކޮމަންވެލްތު ގޭމްސްގެ ބީޗްވޮލީބޯޅަ އިވެންޓުގައި ވާދަކުރާއިރު، ރޭގެ މެޗުވީ ތާރީހީ މެޗަކަށެވެ.

އޮސްޓްރޭލިއާގެ ކްރިސް މެކްހިއު އާއި ޕޯލް ބާނެޓްގެ ޕެއާ ކައިރީގައި ކޮންމެ ސެޓެއްގެވެސް ކުރީކޮޅުގައި ރާއްޖޭގެ ކާއްޓޭއާއި އެޑަމް ރަނގަޅަށް ކުޅެމުން ގާތް ގާތުގައި ޕޮއިންޓްތައް ހޯދާފައިވާ އިރު، ސެޓުތަކުގެ ކުރީކޮޅުގައި ލީޑުވެސް ކޮށްފައިވެއެވެ. މެޗުގެ ސެޓުތައް ދިޔައީ، 21-13 އާއި 21-17 އިންނެވެ. އެއީ ކޮމަންވެލްތުގެ ރަން މެޑަލް ދިފާއުކުރަމުންދާ ޓީމެއް ކައިރީ ރަނގަޅު ނަތީޖާއެކެވެ.

ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ ކޯޗަކަށް، ބްރެޒިލްގެ ވިނީޝިއުސް ޖިއޯނީ ހަމަޖައްސައިގެން ތަމްރީނުތައް ކުރަމުންދާއިރު، ބީޗުވޮލީގެ ފެންވަރު ރަނގަޅުވަމުންދާކަން ވަރަށް ބޮޑަށް ފާހަގަވެގެން ގޮސްފައިވެއެވެ. ދާދިފަހުން ލަންކާގައި ބޭއްވި މުބާރާތުގައިވެސް އެޑަމްއާއި ކާއްޓޭގެ ޕެއާއިން ކާމިޔާބު ހޯދާފައިވާ އިރު، މިވަގުތު ކުރަމުންދާ މަސައްކަތަކީ ލޮސް އޭންޖެލަސް އޮލިމްޕިކްސްއަށް ބީޗުވޮލީ ޓީމެއް ތައްޔާރުކުރުމުގެ މަސައްކަތެވެ.

ބީޗްވޮލީބޯޅަ ޓީމަށް ކޮމަންވެލްތު ގޭމްސްގައި ދެން އޮތީ ގްރޫޕް ސްޓޭޖުގެ އަނެއް ދެ މެޗެވެ. ދެން އެންމެ އަވަހަށް ކުޅޭނީ ހޯމަ ދުވަހުގެ ރޭ ރުވާންޑާގެ ގަޓްސިންޒީ އާއި އެންޓަގެންގްވާގެ ޕެއާއާއެެވެ. އޭގެ ފަހުން ގްރޫޕްގެ ފަހު މެޗުގައި ބުދަ ދުވަހުގެ ރޭ ދެކުނު އެފްރިކާގެ ގޯލްޑްޝްމިޑްޓް އާއި ވިލިއަމްސްގެ ޕެއާއާ ދެކޮޅަށް ކުޅޭނެއެވެ.