"މަންމަޔަކީ ހަމަ ލެޖެންޑެކޭ ބުނެވޭނީ، އެކަނިމާއެކަނި އަޅުގަނޑުމެންނަށް ރަނގަޅު ތައުލީމެއް ދިނުމަށް މާލޭގައި ކުއްޔަށް މަންމަ އުޅުނު ހާލު ހިތަށް އެރިޔަސް މިހާރުވެސް އަސަރުކުރޭ. ފަންސަވީހަކަށް ވުރެ ގިނަ ގެއަށް ކުލީ ކޮޓަރިތަކަށް، އެއްގެއިން އަނެއްގެއަށް މަންމަ އަޅުގަނޑުމެން ގޮވައިގެން ބަދަލުވާން ޖެހުނު. އެއްވެސް އެހީތެރިޔަކާ ނުލައި، ހަމަ މަންމަގެ ހިތްވަރުން. އޭރު މަންމަ މާލޭގައި އުޅުނީ އަޅުގަނޑާއި އަޅުގަނޑުގެ ދޮންބެ ގޮވައިގެން. ނުލާހިކު ކުޑަ. އޭރު ރަނގަޅު ތައުލީމެއް ލިބެން އޮތީ މާލެއިން. ރަށުގަ އެފަދަ ކަމަކަށް ފުރުސަތެއް ނެތް. މަންމަ އަޅުގަނޑުމެނަށް އެކަށީގެންވާ ތައުލީމު ހޯދައިދޭން، އަޅުގަނޑުމެންގެ މުސްތަގުބަލަށްޓަކައި އަމިއްލަ އުފާތަކާއި މަންމަގެ ޒުވާން އުމުރު ގުރުބާން ކުރި ހަނދާން ދުވަހަކުވެސް ހިތަކުން ނުފިލާނެ. މަންމައަށް އަޅުގަނޑުމެން ހުރިހާ ކުދިން ސެލިއުޓް ނަގަން. އެވަރުގެ މަންމައެއް ލިބުމަކީ އަޅުގަނޑުމެންގެ މިއަދުގެ މިފެންނަ ހަމަޖެހޭ، ފާގަތިދިރިއުޅުމުގެ ހަގީގީ އަސްލު."
މިއީ ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ސޮފިއްޔާމަންޒިލް، ސޮފިއްޔާއާއި އެރަށު އަބްދުލްކަރީމުގެ އަންހެންދަރިފުޅު، ވަހީދާ އަބްދުލްކަރީމުގެ ހަތަރުކުދިންގެ ތެރެއިން ދެވަނައަށް ހުރި ފިރިހެންދަރިފުޅު، (ވޭތުވެދިޔަ 7 އަހަރު ގެމަނަފުށީ ކައުންސިލުގެ ރައީސް، މިހާރު އެރަށު ސިއްހީމަރުކަޒުގެ އެޑްމިނިސްޓްރޭޓާ)، 33 އަހަރުގެ އަބްދުﷲ ޝިޔާން، އޭނާގެ މަންމައާ ބެހޭ ގޮތުން ދެއްކި ވާހަކައެވެ.
ގެމަނަފުށީގެ ރައްޔިތުން ލޯބިވާ، އިންތިހާއަށް ގަދަރުކުރާ، އިހުތިރާމް ލިބިގެން އިން އަންހެނެއްގެ ވާހަކައެވެ. ލިބިފައިވާ ރިހުންގަދަ އަނިޔާއާއި ވޭންބޮޑު ކެކުޅުންތަކުގެ ސަބަބުން ބުރަކަށީގެ މައިބަދައާއި އުނަގަނޑުގެ ޑިސްކް ވަނީ މައްސަލަޖެހިފައެވެ. އެހެންކަމުން ބުރަ މަސައްކަތަށް އާދަވެ ހޭނިފައިވާ ދެއަތާއި ހަށިގަނޑަކަށް އެއްވެސް މަސައްކަތެއް ނުކުރެވެއެވެ. ކަމެއް ނުކުރެވި ގޭގައި މިއަދު އިންކަމުގައިވިޔަސް މީގެ ދޮޅުއަހަރެއްހާ ދުވަސް ކުރިން އެއީ ފިސާރި ހިންގުންތެރި މަސައްކަތްތެރި އަންހެނެކެވެ. އަދިވެސް އަމިއްލަ އަތުން މަސައްކަތް ކުރެވެންޏާ މީހަކު ލައްވައި ކުރުވުމުގެ އުއްމީދުވެސް ނުކުރާ މީހެކެވެ. އެޒަމާނާއި މިޒަމާނާ ދެޒަމާނުގެ ކުލައާއި އަސަރު ފެނި، އިހުސާސް ކުރި މީހެކެވެ.
ޅަައުމުރުގައި ހަޔާތުގެ ދަތުރު ފެށުނީ އުއްމީދުކުރި އެއްވެސް ލޯތްބެއް ނުލިބި، ކުލުނެއް ނެތް އަނިޔާއާއި ބިރާއި ސިހުމުގެ އަނދިރިކަމެއްގެ ތެރޭގައެވެ. އެކަޅު އަނދިރިކަމުގެ ތެރެއިން އަލިވޮށަކަށް ވީ ލިބުނު ކުދިންކޮޅެވެ. އެކުދިންގެ މުސްތަގުބަލަށްޓަކައި ބުރަކަށި ބިންދަމުން ދިރިތެޅުމުގައި އެތަކެއް އަހަރެއް ވަހީދާ ވަނީ ހޭދަކޮށްފައެވެ. ނޭނގޭ މަސައްކަތެއް ނުކުރާ ހިތްވަރެއް ނެތެވެ. މާލޭގެ އެއްކޮށިން އަނެއްކޮށިން ދަރިންކޮޅު ކިހިލީ ލައިގެން ހޭދަކުރި ދުވަސްތަަކުގެ ހަނދާންތައް ވަހީދާގެ ބަލިވަމުން އަންނަ ހިތުގައި އަދިވެސް ހަރުލާފައި އެބަހުއްޓެވެ. ވަހީދާއަކީ ކޮންމެ ދިވެހި އަންހެނަކުވެސް ނަކަލުކުރަން އެންމެ އެކަށީގެންވާ ފަދަ ނަމޫނާ މިސާލެކެވެ.
ފަސް ކުދިން ލިބުނުއިރު، އެއްކުއްޖަކު މަރުވެ، ހަތަރު ކުދިން ދުނިޔޭގައި ތިބިއިރު، މިއަދު ވަހީދާއަކީ، މާމަ ކިޔާ ފަސް ފިރިހެން، އަދި ތިން އަންހެން، ޖުމްލަ 9 މާމަކުދިން ތިބި ބޮޑު އާއިލާއެއްގެ އެންމެ އިސްމީހާއެވެ. 1962 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ދުނިޔެއަށްލޯ ހުޅުވާލި ވަހީދާއަކީ މިހާރު 60 އަހަރުގެ ދެބައި އުމުރުން މައްޗަށް ގޮސް، އުމުރުން ދުވަސްވެފައިވާ އަންހެނެކެވެ. ގެމަނަފުށީ ކޮންމެ މީހެއް ގާތު އަހާލިޔަސް "ވަހިއްތަ"އާ ބެހޭ ގޮތުން ދައްކަން ހުރި ވާހަކަތައް ގިނައެވެ.
"ވަހިއްތައަކީ އެޒަމާނުން މިޒަމާނަށް އައިއިރުވެސް ބަދަލެއް ނުވާ، ހިތްވަރަށް އައްސަރިބަހާއި ސާބަސް ދޭވަރުގެ ގަދަފަދަ އަންހެނެއް. އަޅުގަނޑު ނުދެކެން އެހާ ހިތްހެޔޮ، ކިތަންމެ ބޮޑަށް ހިތްހަމަނުޖެހި ފަޅަފަޅައިގެންދާވަރު ކަމެއްގައިވެސް ރުޅި ނާންނަ މީހަކު. ބާރަށް ބަހެއްވެސް ނުބުނާނެ. އެކަމާ ހަމަ ހައިރާންވެސްވޭ. ދެން ކުދިންދޯ. އެއަށްވުރެ ވަކި މޮޅަކަށް އެންމެ މުއްސަނދި، ހުރިހާ ކަމެއް ފުރިހަމަ ދެމަފިރިއަކަށްވެސް ކުދިން ތަރުބިއްޔަތެއް ނުކުރެވޭނެ." މިއީ ވަހީދާ ވަރަށް ގާތުން ފެނި، ވަހީދާގެ ދިރިއުޅުމުގެ ހަގީގަތް ލޮލުން ފެނުނު އެހެންނަމަވެސް ގެމަނަފުށިން ބޭރު އެހެން ރަށެއްގެ މީހަކު ކުރި ތައުރީފެކެވެ. ގެމަނަފުށީން ވާހަކަދެއްކި މީހުންވެސް ވަހީއްތަޔާ ގުޅޭ ގޮތުން ދެއްކީ މިފަދަ ވާހަކަތަކެވެ.
އުމުރުން އެންމެ 12 އަހަރުގައި ކައިވެންޏެއް ކޮށްގެން ދިރިއުޅުމަކަށް ފެށި ވަހީދާ ޅައުމުރުގައި އެވީ ބޮޑު މީހަކަށެވެ. އެޒަމާނުގެ ކަންތައް އޮންނަ އުސޫލުން ވަހީދާއާމެދުވެސް އެގޮތަށް ކަންތައް ވެގެން ދިޔައީއެވެ. ވަހީދާގެ އަލަތު ފިރިމީހާ ވީ ނުހަނު ބޮޑު އަނިޔާވެރިއަކަށެވެ. އަންހެނަކަށް ކުރަން ނުވާވަރުގެ ބޮޑެތި އަނިޔާ އެމީހާގެ ފަރާތުން ވަހީދާއަށް ލިބުނެވެ. އެހެންނަމަވެސް އެކައިވެންޏަށް ލިބުނު ކުދިންނަށްޓަކައި ވަހީދާ ދެފަހަރު އޭނާއާއިއެކު ވަކިވުމަށްފަހުވެސް އަލުން އުޅުމަށް މަސައްކަތް ކުރިއެވެ.
މިއަދު ވަހީދާ އުފުލަމުން އެއަންނަ އުނަގަނޑާއި ބުރަކަށީގެ ވޭންތަކުގެ އަސްލަކީ އޭރުގެ ފިރިމީހާގެ ފަރާތުން ލިބުނު އަނިޔާކަމާމެދު ވަހީދާ ޝައްކެއް ނުކުރެއެވެ. އޭރުވެސް ވަހީދާގެ ދިރިއުޅުން އާރާސްތުކުރަމުން ދިޔައީ އަމިއްލަ މަސައްކަތުންނެވެ. އޭރުއްސުރެވެސް އޭނާއަކީ އެންމެ މީރުކޮށް ތަފާތު ކާނާ ތައްޔާރު ކުރާ މީހެއްގެ ގޮތުގައި މަޝްހޫރު މީހެކެވެ.
"އަޅުގަނޑު މާލެ ބަދަލުވީ މާލޭ މީހަކާ އިނދެގެން. ކުދިން ގޮވައިގެން ދިރިއުޅުން ބަދަލުކުރީ. އަޅުގަނޑުގެ އޭރުވެސް އެންމެ ބޮޑު އަމާޒަކަށްވީ އަޅުގަނޑުގެ ކުދިންނަށް އެންމެ ރަނގަޅު ތައުލީމެއް ހޯދަދިނުން. ބޮޑުވެގެން އެކުދިން އަމިއްލަ ފައިމައްޗަށް ތެދުވުމަށް ދަތިކަމެއް ނެތި ފަސޭހަވާނެހެން އުނގަންނައިދިނުން. އިލްމު ލިބުމަކީ ހަރުދަނާ މީހަކަށްވެ ހެވާއިނުބައި ވަކިކޮށް، މިހެންގޮސް ހުރިހާ ގޮތަކުންވެސް އިލްމު މުހިންމުކަން އެނގޭތީ."
ދަރިންނަށް ތައުލީމު ހޯދައިދޭން، އުނގަންނައިދޭން ވަހީދާ ފިޔަވަޅު އެޅީ އަމިއްލަ އުފާތަކާއި ޒުވާން އުމުރުގެ ޒުވާން އިހުސާސްތަކަށް ބާރުފޯރުވައިގެން ފިސާރި ގަދަފަދަ ހިތްވަރަކާއެކުގައެވެ. އަންހެނަކު، އަމުދުން 90އިގެ އަހަރުތަކުގައި ކުޑަކުދިންކޮޅެއް ގޮވައިގެން ކުލީ ކޮޓަރިއަކަށް ބަދަލުވުމަކީ އެއްގޮތަކަށްވެސް ފަސޭހަ ކަމެއް ނޫނެވެ.
"އަޅުގަނޑު މާލެއިން ކައިވެނި ކުރި މީހާއަކީ ވަރަށް ހެޔޮލަފާ އޯގާތެރިއެއް. އެކަމަކު އެމީހާ ހެވަކަސް އަޅުގަނޑުގެ ކުދިންނަށް އެމީހާގެ ކުދިންގެ ފަރާތުން ދަތިވާން ފެށީ. އަޅުގަނޑަށް އެންމެ ފުރަތަމަ އިސްކަމެއް ދެވެނީ ކުދިންނަށް، އެއީ ފުރަތަމަ ކަމަކީ. އެހެންވެ އެދިރިއުޅުން ދޫކޮށްލާފަ ކުލީ ކޮޓަރިއަކަށް ކުދިން ގޮވައިގެން ބަދަލުވީ."
އަބަދުވެސް ދަރިންގެ އުފަލާއި އެކުދިންގެ މުސްތަގުބަލަށްޓަކައި މަސައްކަތް ކުރަމުން އައި ވަހީދާ، އޭނާގެ ނުހަނު ޒުވާން އުމުރުގައި، ލޯބި ނުލިބި ހުއްޓައި ލޯބިވެ ލޯބިދޭނެ ފަރާތެއް ލިބުނެވެ. ނަމަވެސް ކުދިންނަށް ދަތިވާތީ، ވަހީދާ އަމިއްލަ އުފާތަކުގެ ކަރުގައި އަމިއްލަ ދެއަތުން ހިފައި އަނބުރާލުމަށްފަހު ކުދިން ގޮވައިގެން ބަދަލުވީއެވެ. އެކަނިވެރި އެހެނަސް ކުދިންނަށްޓަކައި ހިތުގެ އަޑިން އުފާކުރަމުންނެވެ. އެހިސާބުން ވަހީދާ އޭނާގެ ކެއްކުމުގެ ހުނަރުން މަސައްކަތްކޮށްގެން އާމްދަނީ ހޯދުމަށް ވަޒީފާއަށް ނުކުތީއެވެ. ހާބަރުކަޑަތަކުގައި އޭރު އެއްވެސް އަންހެނަކު މަސައްކަތެއް ނުކުރެއެވެ. ވަހީދާ ވީ ކަޑަތަކުގައި ކައްކާ، ވެއިޓަރުކަން ކުރި ފުރަތަމަ އަންހެން މުވައްޒަފަށެވެ. އޭރު ހާބަރުކަޑަތަކުގެ ތެރެއިން 5ނަންބަރު ކަޑައިގައި އެންމެފުރަތަމަ ހެދިކާ ހަދައިދިނުމުގެ މަސައްކަތް ކުރަމުން ދިޔަ ވަހީދާގެ އެމަސައްކަތް އެއަށްވުރެ ފުޅާވެގެންދާން މާގިނަ ދުވަހެއް ނުނަގައެވެ. އޭރު ހަފުތާ ނިންމާ ޝޯތައްވެސް ސްޓޭޖެއްގެ މަތީގައި ބާއްވާކަމަށް ވަހީދާ ކިޔައިދިނެވެ. ކަންތައް ދެން ދިމާވީ ގޮތަކުން އެ ފަސް ނަންބަރު ކަޑައިގެ ވެރިމީހާ ކޮންމެވެސް މައްސަލައެއްގައި ހައްޔަރުވެގެން ޖަލަށް ގެންދިޔައިރު އެމީހާ ވަހީދާއާ ކަޑަ ހަވާލުކުރީއެވެ.
މަހަކު 12000 ރުފިޔާ ލިބޭ ގޮތަށް ކަޑައިގެ ވެއިޓަރުކަމުން ފެށިގެން ކައުންޓަރުވެސް ބަލަހައްޓަމުން ދަނިކޮށް އެކަޑައިގެ ބަދިގޭގައި ކައްކަން ގެނެސްފައި ހުރި ޒުވާނަކު އެކަޑަ ބޮޑުއަގެއްގައި ގަތީކަމަށް ވަހީދާ ކިޔައިދިނެވެ. އަދި ދެން އެމީހާ ކުރިކަމެއްގެ ސަބަބުން ކަމާބެހޭ ފަރާތްތަކުން އައިސް ތަން ބަންދު ކުރީއެވެ. އެހިސާބުން ދެން ވަހީދާ ބަދަލުވީ ހާބަރު އެއްނަންބަރުކަޑަ، އައްޑޫއަލިބެގެ ކަޑައިގެ މަސައްކަތަށެވެ. އެތަނުގައި މަސައްކަތް ކުރަމުން ދަނިކޮށް އެއްރެއަކު ފެރީޓާމިނަލް ފާހާނާއަށް ވަދެފައި ނުކުންނަނިކޮށް ވެއްޓި ވަރަށްބޮޑު އަނިޔާއެއްވިއެވެ. އެހިސާބުން ކުދިން ދެގެއެއްގައި ކުއްޔަށް ބޭތިއްބުމަށްފަހު ވަހީދާ ބަދަލުވީ ރަށަށެވެ. ޑޮކްޓަރުން ލަފާދިނީ ދެމަސްދުވަހު އެއްވެސް މަސައްކަތެއް ނުކޮށް އަރާމު ކުރުމަށް ނަމަވެސް މާލޭގައި ތިބި ކުދިންގެ ހައްގުގައި ވަހީދާއަށް ހިމޭނަކުން ނީނދެވުނެވެ. ރަށުގައި ހުރި ހޮޓަލެއް ނަގައިގެން އެކަނި "އޯލްއިންވަން"އެއްގެ ގޮތުގައި، ވެއިޓަރުކަމާއި ކޭޝިއަރުކަމާއި ކައްކާއެއްގެ ވަޒީފާއާއި ހުރިހާ ކަަމެއް ކުރަމުން ދިޔައީއެވެ.
އޭރު ރަށުން މަލާފަތެއް، ޖާފަތެއް، ކެއުމެއް، މާލޫދެއް އޮތަސް ވަހީދާއަށް ކެއްކުމުގެ އޯޑަރު ލިބެއެވެ. ހަޔާތުގެ ބައިވެރިޔަކަށް ހިޔާރު ކުރި އެއްވެސް މީހެއްގެ ފަރާތުން ލޯތްބެއް، ކުލުނެއް، ފިރުމުމެއް ނުލިބުނުނަމަވެސް ވަހީދާ މާޔޫސްވެ ބަލިކަށިވެގަންނާކަށް ގަސްތެއް ނުކުރެއެވެ. ވަހީދާ ދެންވެސް ކުރީ ހިތްވަރެވެ.
2002 ވަނަ އަހަރު ފަހުކޮޅު، ބަލިވުމުގެ ސަބަބުން އިންޑިޔާއަށް ދާންޖެހުނެވެ. އެދަތުރު ނިންމައި އެނބުރި އައިސް މަޑުކުރީ މާލޭގައެވެ. އަނެއްކާވެސް ހާބަރުކަޑައަށް މަސައްކަތު ނުކުތީއެވެ. އަލުން އާފެށުމަކުން އާބައިވެރިޔަކުވެސް ހޯދިއެވެ. އިންޑިޔާ މި މީހާއަކީ މިހާރުވެސް ވަހީދާގެ ފިރިމީހާއެވެ. އެއީ ދެވަނައެއް ނުވާފަދަ މީހެއް ކަމަށް ވަހީދާ ގަބޫލުކުރެއެވެ. ކުދިންނަށް ބައްޕައެއްގެ މަގާމު ފުރިހަމައަށް އަދާކުރި ހެޔޮލަފާ މީހެކެވެ. އޯގާތެރި ފިރިއެކެވެ. އެހެންނަމަވެސް ވަހީދާ ބުނިގޮތުގައި މިހާރުގެ މިދިރިއުޅުމަކުވެސް ވަކި ހަމަޖެހުމެއް ނެތެވެ. އަރާމެއް ނެތެވެ. އުފަލެއް އިހުސާސެއް ނުވެއެވެ. ވަގުތާއެކު ހާލަތުވެސް ބަދަލުވެގެން ހިނގައްޖެއެވެ. ފިރިމީހާ ދިރިއުޅެނީ އޭނާގެ ވަޒީފާގެ ގޮތުން ލާމު އިސްދޫކަލައިދޫގައެވެ. އާދެވެނީ މަދުފަހަރަކުއެވެ. ވަހީދާ އޭނާގެ އާމްދަނީއަށް، ކުރިންވެސް، އަދި މިހާރުވެސް ބަރޯސާއެއް ނުވެއެވެ. ވަހީދާ ބުނިގޮތުގައި ފިރިމީހާ، އޭނާގެ ދަރިފުޅަށް ހަރަދުކުރެއެވެ. އަޅައިލައެވެ. އެހެންނަމަވެސް ވަހީދާއަކަށް މާބޮޑު އުފަލެއް، ހަމަޖެހުމެއް މިކައިވެންޏަކުވެސް ނެތެވެ. ބަލިވީމާ ފިރުމައިދޭނެ، ބޭސްކޮޅެއް ދިއްކޮށްލާނެ، ކުޑަމިނުން ރޭގަނޑު ތަދުވެ ވޭނުގައި ރޮވެން ފެށުމުން ކަރުނަ ފޮހެލައިދޭނޭ މީހަކު ނެތް ދިރިއުޅުމެއް ކުރިއަށް ގެންދިއުމުގެ ބޭނުމެއް ނެތް ކަމަށް ވަހީދާ ދެކެއެވެ. އެހެންކަމުން ވަހީދާ ދެކޭ ގޮތުގައި ކަމެއް ނެތި ނަމެއް އެޅިގެން އިނުމަކީ ބޭކާރު ކަމެކެވެ. ނަމެއްގައި އިނުމުން ވާޖިބާއި ފަރުޟުގެ ބުރަ އޮންނާނެއެވެ. ވަހީދާ އޭނާގެ ވާޖިބަށް ކަމޭހިތުމުގައި އަމާނާތްތެރިވެއެވެ. އެހެންނަމަވެސް އެއްއަތްޖެހިޔަސް އަޑެއް ނުކިޔާނެކަން ކޮންމެ މީހަކުވެސް ގަބޫލު ކުރާނެއެވެ.
"ވަން"އަށް މިވާހަކަތައް ކިޔައިދެމުން ދިޔައިރު ވަހީދާ ނުރޮއި ވާހަކަ ކުރިއަށް ގެންދަން މަސައްކަތް ކުރި ނަމަވެސް އަޑު ބެދިގެން ވާހަކަ މެދުކަނޑައިލަން ޖެހުނު ފަހަރުތައް ގިނައެވެ. ވަހީދާ އޭނާގެ ދިރިއުޅުމުގެ ހުރިހާ ވާހަކައެއް ފެށިގެން ނިޔަލަށް ކިޔައިދިނެވެ.
2004ގައި ސުނާމީ އެރިއިރުވެސް، ވަހީދާ އުޅުނީ މާލޭގައެވެ. ކުދިންނަށް ކިޔަވައިދިނުމަށް ހިތްވަރާއެކު މަސައްކަތް ކުރުމުގައެވެ. ކެފޭއެއްގައި މަސައްކަތް ކުރަމުން ދިޔައިރު 'ގްލޭޑާ ފާމަސީ' ކިޔާ، ކުރީގެ އޭއެމްޑީސީ ހުރި ހިސާބުގައި ފާމަސީއެއްވެސް މީހަކު ބަހައްޓައިގެން ހިންގަމުންނެވެ. މާލޭގެ ކުލީ ދިރިއުޅުމުގައި ކުދިން ގޮވައިގެން އެކި ފަހަރުމަތިން ޖުމުލަ 25 ކޮޓަރިއަކަށް ބަދަލުވިކަމަށާއި އެއިން ހުރިހާ ފަހަރެއްގައިވެސް ވަހީދާ ހިތްވަރު ކުރީ ހަމައެކަނިމާއެކަންޏެވެ.
ގްލޭޑާ ފާމަސީ މާލޭގައި ހުރިތަނުން އިސްދޫކަލައިދޫއަށް ބަދަލުކުރީ އެއީ މިހާރުގެ ފިރިމީހާ ވަޒީފާ އަދާ ކުރަން ހުރި ރަށްކަމުން އޭނާގެ ބުނުމުގެ މަތިންކަމަށްވެސް ވަހީދާ ބުންޏެވެ. އެމީހާއަކީ ވަހީދާއާ ބައްދަލުވިއިރު ފާމަސިސްޓެއްނަމަވެސް މިހާރު އެއީ ޓީޗަރެކެވެ. ބޭހުގެ އެވިޔަފާރި އަމިއްލަރަށަށް ބަދަލުކުރަން ވަހީދާ ބޭނުންވިޔަސް ފިރިމީހާގެ އެދުމުގެ މަތިން ލާމުއަތޮޅު އިސްދޫކަލައިދުއަށް ފާމަސީ ބަދަލުކުރުމުން އެތަނުންވެސް ލިބިފައިވަނީ ފައިދާގެ ބަދަލުގައި ގެއްލުންކަމަށް ވަހީދާ ބުންޏެވެ.
ވަހީދާއަކީ އެކަނިވެރި މަޔަށް ވިޔަސް، އޭނާ ބަލައިބޮޑުކޮށްފައި ތިބި ކުދިންނަކީ ހައިރާންވާހާ ތަރުތީބުން ތަރުބިއްޔަތު ވެފައި ތިބި ކުދިންނެވެ. ދޮށީ އަންހެންދަރިފުޅަކީ ފިޓުޖެހުމުގެ މައްސަލަ ހުންނަ ކުއްޖެއް ނަމަވެސް ގެވެހި އަހުލާގު ރަނގަޅު އަނތްބެއްގެ މަގާމު ފުރިހަމައަށް އެދަރިފުޅު އަދާކުރެއެވެ. ދެންހުރީ ޕޮލިހުގައި އުޅޭ ފިރިހެންދަރިފުޅެކެވެ. ތިންވަނަ ދަރިފުޅަކީ ވޭތުވެދިޔަ 7 އަހަރު ރަށުކައުންސިލުގެ ރައީސްކަމުގައި ހުރުމަށްފަހު މިފަހަރު އެމަގާމަށް ކުރިމަތިލުމުގެ ބަދަލުގައި ރަށު ސިއްހީމަރުކަޒުގެ އެޑްމިނިސްޓްރޭޓަރަކަށް އުޅެމުން އަންނަ ޒުވާނެކެވެ. ދެންހުރީ ގްރޭޑު އަށެއްގައި ތައުލީމުހާސިލު ކުރާ ހުލްގުހެޔޮފިރިހެން ދަރިފުޅެކެވެ.
2020ވަނަ އަހަރު ކޮވިޑުގެ ހާލަތު އައުމާ ހަމައަށްވެސް ގޭގައި ހެދިކާ ހަދާ ހޮޓަލެއް ކަހަލަ ތަނެއް ހުޅުވައިގެން އެތަނުގައި ހެދިކާ ވިއްކަމުން އައި ވަހީދާ މިއަދު ވަނީ އިންތިހާއަށް ބަލިކަށިވެ އަމިއްލައަށް މަސައްކަތް ނުކުރެވޭވަރު ވެފައެވެ. އެހެންނަމަވެސް އަދިވެސް ވަހީދާ ބޭނުންވަނީ މީހަކުގެނެސް އެމީހާ ގޮނޑީގައި ބައިންދައިގެން ވަހީދާގެ މޭސްތިރިކަމުގައި ވިޔަފާރި ހިންގާށެވެ.
"ވަހިއްތައަކީ މުޅި އަތޮޅުވެސް ފަހުރުވެރިވާ އަންހެނެއް. ވަހިއްތައަށް އޭނާގެ ހަޔާތުގަ ލިބުނީ ހައްތަހާވެސް ހިތާމައާއި ވޭން. އެކަމަކުވެސް ފިސާރި ހިތްވަރެއް ކުރި. ރަށުގެ ކޮމިޓީ ތަކުގަ މަސައްކަތްކުރި. މާލޭގަ ދެ ކެފޭއެއް ބަލަހައްޓަމުން ފާމަސީ ހިންގުވަމުން ކުދިންނަށް ތައުލީމު ހޯދަދޭން މަސައްކަތްކުރި. އެކަނިމާއެކަނި ވަހިއްތަ އުޅުނު އެހާލުގަވެސް ތައުރީފު ހުސްނުވާހާ ރަނގަޅު، މޮޅު ދަރިން ބޮޑުކޮށްފަ އެތިބީ، މަގުމަތިވެ މަސްތުވެގެން މަންމައާއި ބައްޕަ ވަކިވީއޭ ކިޔާ ގޮތަށް ވަހިއްތަގެ ކުދިން ނޫޅޭ. މުޅި ރަށުގަވެސް މިހާރު މިހުންނަހެން ކެފޭފަދަ ތަންތަން ނުހުންނައިރު ވަހިއްތަ ހުރިހާ ބާވަތެއްވެސް ތައްޔާރު ކުރާނީ. ވަރަށް މީރުކޮށް ހުރިހާ އެއްޗެއްވެސް ކައްކާނެ. އަޅުގަނޑަށް ބުނަން ކެރޭނެ، ރާއްޖޭގެ އޭރާއި މިހާރުގެ ކާތަކެތި، އެކި ހިސާބުތަކުގެ ރަހައަށް އެކިހިސާބުތަކުގެ ކާނާ ނަންހުސްކޮށް ކައްކާނެ ވަހިއްތަވަރުގެ ދެވަނަ އަންހެނެއް ނުފެންނާނެކަން. ވަހިއްތަގެ އެންމެ ހާއްސަ އެއްކަމަކީ ދުވަހަކުވެސް ބާރަށް ބަހެއްވެސް ބުނާ އަޑެއް ނީވޭނެ. އަމުދުން ރުޅި އަންނަން ނުވެސް އެނގެނީ. ވަހިއްތައަށް ތައުރީފު ކިތަންމެގިނައިންވެސް ކުރެވިދާނެ، އެއީ ހަމަ ދެވަނައެއް ނުވާފަދަ އަންހެނެއް."
މިއީވެސް ގެމަނަފުށީ ޒުވާނަކު ވަހީދާއާ ބެހޭ ގޮތުން ދެއްކި ވާހަކައެވެ. ގެމަނަފުށީގެ އެކި އުމުރުގެ އެކި މީހުން ކުރެން ވަހީދާގެ ވާހަކަ އެހުމުން އެންމެންވެސް ދެއްކީ އެއްވާހަކައެކެެވެ. ވަހިއްތަ މިވެނިކަމެއް ނުރަނގަޅޭ، އެވެނިކަމެއްގައި ވަހިއްދަ ރުންކުރޭ، މިވެނިކަމެއް ވަހިއްތަ ކުރީ ދެއްކުމަށޭ، ވަހިއްތަ ކަމުނުދަނީ އެވެނިކަމެއް އެހެންވީމައޭ މިހެންވީމައޭ، މިފަދަ ނުރަނގަޅު ވާހަކަތަކެއް ނީވެއެވެ.
ކޮންމެއަކަސް ވަހީދާއަކީ ކޮންމެ އަންހެނަކަށްވެސް ނަމޫނާއެކެވެ. އެއްވެސް ފަރާތަކަށް ބަރޯސާވުމެއްނެތި އަމިއްލަ ޒިންމާއެއްކަން ދެނެގަނެ ކުދިންގެ ކަންތައް އެންމެ ފުރިހަމައަށްކުރިއެވެ. ހަޔާތުގައި ލިބުނީ ވޭނާއި ކެކުޅުމާއި އަނިޔާއެވެ. އެކަމަކު ވަހީދާ ހިނިތުންވަމުން ދިރިއުޅުމުގެ ހަގީގަތާ ކުރިމަތިލީ ލިބިފައި ތިބި ދަރިންކޮޅުގެ ހައްގުގައެވެ. މަސައްކަތްތެރިކަމާއި ހީވާގިކަމާއެކު ދީލަތިިކަމާއި ހިނިތުންވެފައި ހުންނަ މޫނަކާއެކު ވަހީދާ ދިރިއުޅުމުގައި ކާމިޔާބުވުމަށް ކުރި ކޮންމެ ހިތްވަރެއްގައިވެސް އޭނާ ގަބޫލު ކުރާ ގޮތުގައި ހަރުދަނާ އަޒުމަކާއި ނުގުޑާ ހިތްވަރަކާއި އަމާނާތްތެރިވުމަށް އޭނާ އަމިއްލަ ނަފުސަށް ވަމުންދިޔަ ވައުދެއް އޮތެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް