ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން މައްޗަންގޮޅީ މެދު ދާއިރާގެ މަޖިލިސް މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީގެ އެއްވެސް މެމްބަރަކު އަދި ހުށަހަޅުއްވާފައި ނުވާ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ރައީސް ނަޝީދު ވަކި ކުރުމުގެ ވާހަކަތަކެއް ފެންމަތި ވެފައި މިވަނީ، އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކުރުމުން، ނާޒިމް ދިފާއުކުރައްވަން ވާހަކަ ދެއްކުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމާ ގުޅިގެންނެވެ.
ރައީސް ނަޝީދު ވިދާޅުވީ އިޖުރާއަތްތަކާ ހިލާފަށް ނާޒިމް ހައްޔަރުކުރީ ނުފޫޒު ފޯރުވައިގެން، ސަރުކާރުގެ ތެރޭގައި ތިބި ހަރުކަށި ފިކުރުގެ ބަޔަކު ރުއްސުމަށް ކަމަށެވެ. އަދި ރައީސް ސޯލިހުގެ ވެރިކަން ވައްޓަވާލައްވާނެ ކަމަށް އިންޒާރު ދެއްވުމާއެކު، އެ މަނިކުފާނު އަންހެނަކާއެކު ބަދުއަހުލާގީ އަމަލު ހިންގާ ފޮޓޯތަކެއް އެބަހުރި ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ރައީސް ސޯލިހާމެދު އެފަދަ ސާބިތު ނުހިފޭ ވާހަކަތަކެއް ދެއްކުމާ ގުޅިގެން އެމްޑީޕީގެ ޕީޖީ ގްރޫޕު މެމްބަރުންނާއި އާއްމު މެމްބަރުން ހިމެނޭ ގޮތުން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ރައީސް ނަޝީދަށާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲއަށް ފާޑުކިޔަމުންނެވެ. އެ ބޭފުޅުން މަޖިލީހުގެ މެމްބަރުކަމުންނާއި އެމްޑީޕީން ވަކިކުރުމަށްވެސް ދަނީ ގޮވަމުންނެވެ.
އެކަމާ ގުޅިގެން "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އަސްލަމް މިއަދު ވިދާޅުވީ، ރައީސް ނަޝީދު މަޖިލިސް ރައީސްކަމުން ވަކި ކުރުމާބެހޭގޮތުން މެމްބަރުން ވާހަކަ ދެއްކެވި ނަމަވެސް އެފަދަ މައްސަލައެއް އަދި މިހާތަނަށް އެއްވެސް މެމްބަރަކު ހުށަހަޅާފައި ނުވާ ކަމަށެވެ.
ކެލާ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ޝަރީފާއި ހުޅުމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ނިޔާޒުގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދުވެސް "ވަން" އަށް ވިދާޅުވީ އަދި އެފަދަ މައްސަލައެއް މެމްބަރަކު ހުށަހަޅުއްވަން އުޅުއްވާކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށާއި މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން އީވާ ވަކިކުރުމަށް ގޮވާލައި އޮންލައިން ޕެޓިޝަނެއްގައި ވަނީ ސޮއިކުރަން ފަށައިފައެވެ.
އެ ޕެޓިޝަންގައި ބުނެފައިވަނީ، ނަޝީދު ގެންދަވަނީ އިސްލާމްދީނަށް ގޮންޖައްސަވައި ދިވެހި ރައްޔިތުންނަށް ފުރައްސާރަ ކުރައްވަމުން ކަމަށެވެ. އަދި މިއަދު އެ މަނިކުފާނަކީ ނާތަހުޒީބުކަން ދިފާއުކޮށް، މުޅި ގައުމު ނިކަމެތި ކުރަން މަސައްކަތް ކުރާ މީހެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު