ރާއްޖޭގެ އިގުތިސާދީ އަދި ފިސްކަލް މިންގަނޑުތައް ހަރުދަނާ ކުރުމަށާއި ދެމެހެއްޓެނިވިކަން އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާ ފިޔަވަޅުތަކަށް އައިއެމްއެފް އާއި ވޯލްޑް ބޭންކުން މަރުހަބާ ކިޔުމަކީ ރާއްޖޭގެ އިގުތިސާދު ކުރިއަރުވައި މެނޭޖުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ހިތްވަރެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އިގުތިސާދީ ހާލަތު ދެނެގަތުމަށް މިދިޔަ މަހުގެ 21-29 އަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ ވަފުދެއް ވަނީ ރާއްޖެ ޒިޔާރަތް ކޮށްފައެވެ. އެ ވަފުދުގެ ހޯދުންތަކާއި ދެކޭ ގޮތް ހާމަކޮށް ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމަކީ މާލީ އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ މުހިންމު އިސްލާހީ ފިޔަވަޅެއް ކަމަށާއި އެކަމަށް އައިއެމްއެފުން މަރުހަބާ ކިޔާ ކަމަށެވެ. އަދި ވޯލްޑް ބޭންކުންވެސް ވަނީ އެކަމަށް މަރުހަބާ ކިޔައިފައެވެ.
އެކަމާ ގުޅިގެން އަމީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާއި އަޅަން ގަސްތުކުރާ ފިޔަވަޅުތަކަށް ލިބުނު އިތުބާރެއް ކަމަށެވެ. އަދި 2023-2025 ފިސްކަލް ސްޓްރެޓެޖީގައި ރާއްޖޭގެ އިގުތިސާދީ އަދި ފިސްކަލް ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް އާމްދަނީ އިތުރުކުރުމަށާއި ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެކަށައެޅިފައިވާނެ ކަމަށާއި މި ފިޔަވަޅުތައް މާލީ އިދާރާތަކާ ހިއްސާކޮށްފައިވާނެ ކަމަށެވެ.
އަދި އައިއެމްއެފް އާއި ވޯލްޑް ބޭންކުން ފާހަގަކޮށްފައިވާ ގޮތަށް އާމްދަނީ އިތުރުކުރުމަށް 2023 ވަނަ އަހަރު ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރުމާއި ހަރަދުތައް ދެމެހެއްޓިނިވި މިންގަނޑެއްގައި ބެހެއްޓުމަށް ސަބްސިޑީތައް ދެވޭ ގޮތް މުރާޖައާކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ އިގުތިސާދީ މިންގަނޑުތައް ރަނގަޅުކުރުމަށް މުހިންމު ފިޔަވަޅުތަކެއް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ސަރުކާރުން އިގުތިސާދު އަދި ފިސްކަލް ކަންކަން މެނޭޖްކުރަމުންދަނީ ދުނިޔޭގެ މާލީ އިދާރާތަކުގެ މަޝްވަރާއާއި ލަފާގެ މަތިން ކަމަށާއި އެގޮތުން ކޮވިޑް-19 އާއެކު ދިމާވި އިގުތިސާދީ ކާރިސާ މެނޭޖުކުރުމުގައި ސަރުކާރުން އެޅި ފިޔަވަޅުތަކާމެދު އެ ފަރާތްތަކުގެ ރުހުމާއި ތާއީދު ރާއްޖެއަށް ލިބިފައިވާކަން އަމީރު ފާހަގަކުރެއްވިއެވެ.
"މުސްތަގުބަލުގައިވެސް، ރާއްޖެއިން އިގުތިސާދީ އަދި ފިސްކަލް ކަންކަމުގައި ފިޔަވަޅު އަޅަމުންދާނީ ރާއްޖޭގެ އިުތިސާދީ ކުރިއެރުމާއި ރައްޔިތުންގެ ފާގަތިކަމާއި މާލީ ދެމެހެއްޓެނިވިކަން އިސްކޮށްގެން، ރާއްޖެއާއެކު މަސައްކަތްކުރާ މާލީ އިދާރާތަކުގެ ލަފަޔާއެކު،" އަމީރުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު