Close
ދުނިޔެ

ސްރީލަންކާގެ މަސްރަހު: ރައީސްގެ ވަރަ ކޮށާލުމުގެ ބަދަލުގައި ރަނިލް މިކުރެއްވީ ކޮންކަމެއް؟

އިމާދު ލަތީފު

ސްރީލަންކާގެ އައު ރައީސް ރަނިލް ވިކްރަމަސިންހާގެ ރިޔާސީ ގަރާރަކުން އެތާގެ ގާނޫނުހަދާ މަޖިލީހަށް ބުރާސްފަތިދުވަހުގެރޭ މެންދަމު ބާރައިން ފެށިގެން ވަރަށް ދިގު ޗުއްޓީއެއް ވަނީ ދީފައެވެ. އޮގަސްޓް މަހުގެ ތިންވަނަ ދުވަހާ ހަމަޔަށް ޕާލަމެންޓުގެ އެންމެހައި މަސައްކަތްތަކަށް ވަނީ ނިމުން ގެނެސްފައެވެ. ޚާއްސަ ކޮމިޓީތަކާއި އާއްމު ކޮމިޓީތައްވެސް ހިމެނޭގޮތުންނެވެ. އެހެންވީމާ ކުރިއަށްއޮތް އެއްމަހަށްވުރެ ދިގު މުއްދަތެއްގައި ޕާލަމެންޓުގައި އެއްވެސް މަސައްކަތެއް ނުހިނގާނެއެވެ. ނުހިންގޭނެއެވެ. މިއީ ޕާލަމަންޓް އުވައިލުމެއް ނޫނެވެ. އުވައިލެވޭނޭ ގޮތެއް ނެތެވެ. އެއީ މަދުވެގެން ދައުރުގެ ދެބައިކުޅަ އެއްބައި ފުރިހަމަ ކުރައްވާފައިވާ ރައީސަކަށް ރަނިލް ނުވާތީއެވެ. ޕާލަމެންޓް އުވާނުލައި އެތާގެ މަސައްކަތް ހުއްޓުވުމަށް ހެދެންއޮތް ހަމައެކަނި ގޮތަކީ ރިޔާސީ ގަރާރަކުން އެތަން ނިންދަވައިލުމެވެ.

ސިޔާސީ ނިންޖަކުން ޕާލަމަންޓް ނިންދަވައިލީ ކުރާނެ މަސައްކަތެެއް ނެތިގެނެއް ނޫނެވެ. މަސައްކަތް ބައިވަރެވެ. ޚާއްސަކޮށް ސަރުކާރު ބަދަލުވުމާއެކު ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކާއި ވެރިކަމާގުޅޭ ކިތަންމެ ކިތަންމެ ކަމެއް އެބަހުއްޓެވެ. ރައީސްގެ ބާރުތައް ހަނިކޮށް ބޮޑުވަޒީރާއި ޕާލަމެންޓުގެ ބާރުގަދަކޮށް ވެރިކަމުގެ ނިޒާމަށް އިސްލާހު ގެނައުމަށް ފާސްކުރަންޖެހޭ ފާސްކުރުންތައް އެބަހުއްޓެވެ. މިއީ ވެރިކަމަށް ވަޑަައިގެންނެވުމާއެކު އެންމެ އަވަހަށްވެސް ކުރައްވާނޭ ކަންތައް ކަމުގައި ރަނިލް ވަނީ ވިދާޅުވެފައެވެ. ވަގުތު ބޭކާރުނުކޮށް އެކަންތައް އަވަސްކުރައްވާނޭ ކަމަށް ރަނިލް ވިދާޅުވެފައިވަނީ އެއްފަހަރަކު ދެފަހަރަކު ނޫނެވެ. ކިތަންމެ ފަހަރަކު އެކަމަށް ވައުދުވެވަޑައިގެންފައިވެއެވެ. މިކަމަށް ރައްޔިތުން އިންތިޒާރެއްގައި ތިއްބައި ރަނިލް މިކުރެއްވީ އަދި އެހެންކަމެކެވެ.

ރައީސްގެ ބާރު ހަނިކުރެވޭނީ ގާނޫނުއަސާސީ އިސްލާހުކޮށްގެންނެވެ. ވެރިކަމުގެ ނިޒާމަށް އުނިއިތުރު ގެނެވޭނީ ޕާލަމެންޓުން ފާސްކޮށްގެންނެވެ. ގާނޫނުތަކާ ކުޅެގެން ނޫނީ ރަނިލް ވައުދުވެވަޑައިގެންފައިވާ ބަދަލުތަކެއް ނުގެނެވޭނެއެވެ. އެބާރާއި އެޒިންމާ އޮތީ ޕާލަމެންޓަށެވެ. މި މަސައްކަތް އަވަސްކުރައްވާނޭ ކަމަށް ވައުދުވެވަޑައިގެންފައި ރަނިލް އެންމެ އަވަހަށްވެސް އެކުރެއްވި ކަމަކީ ޕާލަމެންޓް ނިންދަވައިލުމެވެ. ދެން ކަމެއް ކުރެވުނަސް ކުރެވޭނީ ނިދިން ހޭލައިގެން ޕާލަމެންޓް އެއްތަންވީއިރަކުންނެވެ. ރަނިލްގެ މިނިންމުމާމެދު އެންމެންވެސް ވަނީ ހައިރާންވެ އަންތަރީސްވެފައެވެ. މިއީ ކުރިން ޚިޔާލަށްވެސް ގެނެވިފައިވާ ކަމެއް ނޫނެވެ. އެހެންވީމާ ރަނިލްގެ ނިޔަތާމެދު ސުވާލުތަކެއް ވަނީ އުފެދިފައެވެ. އޭނާ ބޭނުންފުޅުވެގެން އެއުޅުއްވަނީ ކޮންކަމެއް ބާވައެވެ.

މިވަރުގެ ކަމެއް މިދަނޑިވަޅުގައި ކުރައްވާނީ ކޮންމެވެސް ބޮޑު ބޭނުމެއް އޮވެގެންނެވެ. އެކަން ޔަގީނެވެ. ޕާލަމެންޓާއި ނުލައި އަދި ޖަވާބުދާރީވުމަކާވެސް ނުލައި ކުރައްވާން އެއުޅުއްވަނީ ކޮންކަމެއް ބާވައެވެ. ޖަވާބު ނުލިބޭ ސުވާލަކީ އެއީއެވެ. އެކަމަކު ސިޔާސީ މުފައްކިރުންގެ ގިނަބަޔަކު ގަބޫލުކުރާގޮތުގައި މިއީ ރިޔާސީ ބާރުތައް ހަނިނުކޮށް ވެރިކަމުގެ ބާރުތައް ޕާލަމެންޓާއި ހިއްސާނުކޮށް ލަސްކުރުމުގެ ބޭނުމުގައި ކުރެއްވި ކަމެކެވެ. އިންޓަރނޭޝަނަލް މަނިޓަރީ ފަންޑާއެކު ކުރިއަށް ގެންދާ ވާހަކަތައް ރަނިލް ބޭނުންފުޅުވާ ގޮތަށް އެހެންބައެއްގެ މަޝަވަރާ ހޯދުމަކާއި ނުލައި ކުރިއަށް ގެންދެވޭނީ އޭރުންނެވެ. މުޒާހަރާތައް މައިތިރިކުރުމަށް ރަނިލް ހިތްޕުޅާވާހާ ގޮތަކަށް ކަންކަން ކުރެއްވޭނީ އޭރުންނެވެ. މިދަނޑިވަޅުގައި ނޭނގޭ އެއްޗަކީ ރަނިލްއަށް ބާރުދޭން އޮތް އެސްއެލްޕީޕީގެ ރުހުން މިކަމަށްއޮތް މިންވަރެކެވެ.

އެސްއެލްޕީޕީއަކީ ރާޖަޕަކްސާއިންގެ ޕާޓީއެވެ. އައު ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނާޔާއި ކެބިނެޓުގެ ގިނަ ވަޒީރުން ނިސްބަތްވަނީ އެޕާރޓީއަށެވެ. ރައީސްކަމަށް ރަނިލް ވިކްރަމަސިންހާ ގެނައީވެސް އެ ޕާރޓީންނެވެ. އޭނާގެ މަގާމު ދިފާއުކޮށްދީ އެހީތެރިވާންވެސް އޮތީ އެޕާރޓީއެވެ. އެހެންވީމާ މިވަރުގެ ބޮޑުކަމެއް އެސްްއެލްޕީޕީގެ ރުހުންނެތި ކުރެއްވުމަކީ ދުރުކަމެކެވެ. އެންމެ އެކަށީގެންވާ ގޮތަކީ ދެފަރާތުގެ ވަރުގަދަ ދެނެގަތުމެއް އޮވެގެން މިކަން ކުރުމެވެ. އެހެންކަމަށް ވަންޏާ އެދެނެގަތުމަކަށް ވާނީ ރާޖަޕަކްސާއިންގެ މަސްލަހަތަށް ބުރޫނާރާނޭ ގޮތުގެމަތިން ކަންކަން ކުރުމެވެ. އެކަންކުރަން ފަސޭހަވާނީ ބާރުތައް ހިއްސާކުރަން ލާޒިމުނޫން، އަދި ޖަވާބުދާރީވުންވެސް ލާޒިމު ނޫން ނިޒާމެއްގެ ތެރެއިންނެވެ. ޕާލަމަންޓް ނިންދަވައިލީމާ އެކަމަށް މަގުފަހިވީއެވެ.

އެސްްެއެލްޕީޕީއަކީ ރާޖަޕަކްސާއިންގެ އޮޑިއެވެ. އެއޮޑިޔަށް އަރައިވަޑައިގެން މިހާރު އިންނެވިއަސް ކުރީގައި ރަނިލްއަކީ ރާޖަޕަކްސާއިންގެ މިތުރެއް ނޫނެވެ. ހަތުރެކެވެ. ސިޔާސީ ދާއިރާއަކީ ބާރުތައް ހޯދުމާއި އެބާރުތައް ދެމެހެއްޓުމަށް މިތުރުންގެ މައްޗަށް ހަތުރުންވެސް އިސްކުރަންޖެހޭ ދާއިރާއެކެވެ. އެހާލަތު މެދުވެރިކުރުވާ ދާއިރާއެކެވެ. ރައީސް ރަނިލް ވިކްރަމަސިންހާއަށް މިހާރު އޮތީ އެހާލަތު އައިސްފައެވެ. އިންތިޚާބުތަކުގައި އެތަކެއް ފަހަރުމަތިން ވާދަކުރައްވައިގެންވެސް ރައްޔިތުން އޭނާ ރައީސްކަމަށް ނުހޮވިއެވެ. މިހާރު އެހުންނެވީ ރާޖަޕަކްސާއިންގެ އެހީތެރިކަމާއެކު ޕާލަމެންޓުގެ ތެރެއިން ރައީސްކަމަށް ވަޑައިގެންނެވެ. އެހެންވީމާ އިސްލާހީ ބަދަލުތަކުގެ ކަރުދާސްތައް ރައީސް އޮފީހުގެ ކާރޕެޓް ދަށަށް ލައްވައިގެން ވެރިކަން ކުރެއްވުމަކީ ރަނިލް ނުކުރައްވާނޭ ކަމެއް ނޫނެވެ. ހިތާއި ރުހުމުން ކުރައްވާނޭ ކަމެކެވެ.