ދުނިޔެ

އިރާގުގެ ސިޔާސީ ގަޑުބަޑު: މުޒާހަރާކުރާ މީހުން ޕާލަމެންޓަށް ވަދެގަތީ ކީއްވެ؟

އިމާދު ލަތީފު

ހުސްވިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އިރާގުގައި އާއްމު އިންތިޚާބު ވަނީ ބާއްވައިފައެވެ. އޭގެފަހުން މިހާތަނަށް ނުވަ މަސް ފާއިތުވެގެންދިޔައީއެވެ. އެހެންނަމަވެސް ސިޔާސީ ލީޑަރުންނަށް އަދިވެސް ސަރުކާރެއް އެކުލަވައިނުލެވެއެވެ. މުޅި ގައުމު ސިޔާސީ ވާނުވާއެއްގައި ވަނިކޮށް މުގުތަދާ އައްސަދުރަށް ތާއީދުކުރާ އެތައް ހާސްބަޔަކު ވަނީ ހުސްވި ހަފުތާގެ ބުދަ ދުވަހު ވެރިރަށް ބަޣުދާދުގެ ގްރީން ޒޯނުގައި ހުންނަ ޕާލަމެންޓް އިމާރާތަށް ގަދަކަމުން ވަދެގެންފައެވެ. މުގުތަދާ ސަދުރަކީ ސިޔާސީގޮތުން އިރާގުގެ އެންމެ ބާރުގަދަ ލީޑަރެވެ. އެންމެފަހުން ބޭއްވުނު އިންތިޚާބުގައި ޕާލަމަންޓުގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީވެސް މުގްތަދާ ސަދުރުގެ ގްރޫޕުންނެވެ. ސަރުކާރެއް އެކުލަވައިނުލެވިގެން އުޅެނީ އެހެން ޕާޓީތަކާއި މުގުތަދާ ގްރޫޕުގެ އަރައިރުންތަކާއި ދެބަސްވުންތައް ބޮޑުވެގެންނެވެ.

އިރާގަކީ ޕާލަމެންޓަރީ ޑިމޮކްރަސީއެކެވެ. ހުސްވި އަހަރުގެ އިންތިޚާބަކީ ޕާލަމެންޓްގެ 329 ގޮނޑިއަށް މެންބަރުން ހޮވުމަށް ބޭއްވުނު އިންތިޚާބެކެވެ. މި އިންތިޚާބުގައި އެއްވެސް ބަޔަކަށް ޕާލަމެންޓްގެ އަޣުލަބިއްޔަތެއް ނުހޯދުނެވެ. އަޣުލަބިއްޔަތަކާ ގާތްކުރާ ހިސާބަށް ދެވުނު ބަޔަކުވެސް ނެތެވެ. އެންމެ ގިނައިން ލިބުނު މީހުންނަށްވެސް ހޯދުނީ 74 ގޮނޑިއެވެ. އެއީ މުގްތަދާ ސަދުރުގެ ގްރޫޕެވެ. ޕާލަމެންޓަރީ ނިޒާމޭ ކިޔަނީ ޕާޓީތަކުގެ ނިޒާމަކަށް ކަމުގައިވިޔަސް އިރާގުގައި ހަގީގީ ޕާޓީތަކެއް ނެތެވެ. ފެންނަނީ ހަތިޔާރުއެޅި ހަނގުރާމަވެރިންގެ ޖަމާއަތްތަކެވެ. ސަދުރު ގްރޫޕުވެސް ހިމަނައިގެންނެވެ. މި ގްރޫޕުތަކުން ބޮޑަށް އިސްކަންދެނީ ގައުމީ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތަށެވެ. އެހެންވީމާ އެއްގަލަކަށް އެރޭގޮތް ނުވަނީއެވެ. އެކައްޗެއް ކިޔޭގޮތް ނުވަނީއެވެ.

އާއްމު އިންތިޚާބަކީ ގައުމު ހިންގުމަށްޓަކައި ސަރުކާރެއް އެކުލަވައިލުމަށް ބާއްވާ އެއްޗެކެވެ. އިރާގުގައި އެކަހަލަ ސަރުކާރެއް އެކުލަވައިނުލެވެނީސް ޕާލަމެންޓަރީ އެއްވެސް ޑިމޮކްރަސީއެއްގައި މިހާތަނަށް ދުނިޔޭގެ އެއްވެސް ގައުމަކުން ފެނިފައިނުވާ މަންޒަރެެއް ހުސްވި ޖޫންމަހުގެ ތެރޭގައި އިރާގުން ވަނީ ފެނިގެންގޮސްފައެވެ. މުގުތަދާ ސަދުރު އަންގައިގެން އޭނާގެ ގްރޫޕުގެ އެންމެން ވަނީ ޕާލަމެންޓްގެ ގޮނޑި ގޮނޑިން އިސްތިއުފާ ދީފައެވެ. ޕާލަމެންޓްގެ އެންމެ ބޮޑު ބްލޮކްގެ އެންމެން އިސްތިއުފާ ދިނީމާ އިހުނަށްވުރެ ސިޔާސީ މައިދާންވަނީ ގަޑުބަޑުވެފައެވެ. މިކަމަކީ ކުރުދީންނާއި ސުންނީން މުގުތަދާޔާއި ބައިވެރިވެގެން މުގުތަދާގެ ސަރުކާރެއް އުފައްދަން ދިމާކޮށްފިނަމަ ހަތިޔާރު އިސްކުރަންޖެހިދާނޭ ކަމަށް ޝީއީންގެ ތެރެއިން އީރާނުގެ މަދަދު ލިބޭ ގްރޫޕްތަކުން އިންޒާރުދިނީމާ ރައްދުގައި ކުރި ކަމެކެވެ.

ސަދުރުގެ ބްލޮކަށް ނިސްބަތްވާ މެންބަރުން އިސްތިއުފާ ދިނުމުގެ މާނަޔަކީ ސިޔާސީ މައިދާނުން އޭނާގެ ބާރު ލުހިގެން ދިޔުމެއް ނޫނެވެ. ސަދުރުގެ ބާރު އެބައޮތެވެ. އެކަން ދައްކަން އޭނާ މިހާރު އިޚުތިޔާރުކޮށްގެން އުޅޭގޮތް ތަފާތީއެވެ. ޕާލަމެންޓުގެ ތެރޭގައި ސިޔާސީ މަސައްކަތް ކުރުމުގެ ބަދަލުގައި ސަދުރު މިހާރު ބޭނުންވަނީ ޕާލަމެންޓުގެ ބޭރުން މަގުމަތީގައި މަސައްކަތް ކުރުމަށެވެ. އޭނާ އަންގައިލީމާ އަންގައިލި ކޮންމެ ދުވަހެއްގައި އެންގި ކޮންމެތާކަށް އެއްވާން ތައްޔާރަށް ތިބި އޭނާގެ ސަޕޯޓަރުން ވަރަށް ގިނައެވެ. ބުދަދުވަހު ސަދުރު އަންގައިގެން އެތައްހާސް ބަޔަކު އެއްވެ ގްރީން ޒޯނުގެ ސަލާމަތީ ފާރުތައް ފޫއަޅުވައިލައި ޕާލަމަންޓުގެ ތެރެއަށް ވަދެގަތީ މިބާރު ދެއްކުމަށެވެ. އޭނާއާ ނުލައި ވެރިކަން ނުކުރެވޭނޭކަމާއި އޭނާގެ ރުހުން ނެތް މީހަކަށް ބޮޑުވަޒީރުކަމަށްވެސް ނާދެވޭނޭކަން ދެއްކުމުގެ ގޮތުންނެވެ.

ސަދުރުގެ ގްރޫޕުން މިހާރު ބަޣުދާދުގައި ކުރަމުންދާ މުޒާހަރާތަކާއި ބުދަދުވަހު ޕާލަމެންޓަށް ވަދެގަތް ވަދެގަތުމަކީ އީރާނުގެ ތާއީދު ލިބިފައިވާ ގްރޫޕުތަކުން ސުންނީންނާއި ކުރުދީންގެވެސް ބައިވެރިވުމާއެކު ބޮޑުވަޒީރުކަމަށް މުހައްމަދު ޝިއާ އައްސޫދާނީ އައްޔަންކުރަން އުޅޭތީ އެކަމާ ދެކޮޅު ހެދުމުގެ ހަރަކާތްތަކެކެވެ. ޕާލަމެންޓަށް އަރައިގަތީ ސަދުރު އަންގައިގެންނެވެ. އެތަން ދޫކޮށް އެންމެފަހުން ދިޔައީވެސް އެކަމަށް އޭނާ އެންގުމުންނެވެ. ލަންކާގެ ރިޔާސީ ގަނޑުވަރަށް އާއްމުން ވަދެގަތީމާ ރައީސް ގޮޓާބަޔާ ރާޖަޕަކްސާ ގައުމުން ފިއްލެވި ގޮތަށް އިރާގުގެ ޕާލަމެންޓަށް ވަދެގަތީމާ އައްސޫދާނީޔާއި އޭނާގެ ވާގިވެރިން ބިރުން ސިޔާސީ މައިދާނުން އެކަހެރިވެދާނޭ ކަމަށް ހީކުރީކަމަށް ވެދާނެއެވެ. އެކަހަލަ ވިސްނުމަކާއި ރޭވުމެއްނެތި މިމަގުން މިކަހަލަ ކަމެއް ނުކުރާނެއެވެ.

ސަދުރުގެ ގްރޫޕުގެ މެންބަރުން އިސްތިއުފާ ދިނީމާ ސިޔާސީގޮތުން އޭގެ މަންފާ ލިބުނީ އެބަޔަކާ އޭނާ އެންމެ ބޮޑަށް ދެކޮޅުހަދާ ކޯލިޝަނަށެވެ. އިރާނުގެ ތާއީދު ލިބިފައިވާ ޖަމާއަތްތަކުގެ ކޯލިޝަނަށެވެ. ހުސްވި ގޮނޑިތަކުގެ ތެރެއިން ގިނަ ގޮނޑި ލިބުނީ އެކޯލިޝަނަށެވެ. އިރާގުގެ ސިސްޓަމް ތަރުތީބު ކުރެވިފައިވާ ގޮތުން މެންބަރަކު އިސްތިއުފާ ދިނަސް ބައި އިލެކްޝަނެއް ނުބާއްވާނެއެވެ. ދެން އަންނާނީ އެގޮނޑީގެ އިންތިޚާބުގައި ދެވަނަ ލިބުނު މީހާއެވެ. އެގޮތުން ސަދުރުގެ ދުޝްމަނުން އެތިބީ ޕާލަމެންޓްގެ އެންމެ ބޮޑު ބްލޮކް ކަމުގައި ވެގެންނެވެ. ސަރުކާރެއް ދެން އެކުލަވައިލާނީ އެމީހުން އިސްވެތިބެގެން އެމީހުން ބޭނުންވާ ގޮތަށެވެ. ބުދަދުވަހު ސަދުރު އަންގައިދޭން ބޭނުންވި އެކައްޗަކީ އެކަން ނުކުރެވޭނޭ ކަމާއި ކުރިޔަވެސް ނުދޭނޭކަމެވެ.