މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެމްޓީސީސީއަށް 593 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

އެމްޓީސީސީން މިއަދު އާންމުކޮށްފައިވާ އެ ކުންފުނީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން, ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު 593 މިލިއަން ރުފިޔާގެ އާމްދަނީއަކީ އޭގެ ކުރީ ކުއާޓަރާ އަޅާބަލައި އިރު, 43 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިއީ 7.7 ޕަސެންޓުގެ ކުރިއެރުމެކެވެ.

ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވުމާއެކު ޖުމުލަ ފައިދާވެސް ވަނީ ދެ މިލިއަން އިތުރުވެފައެވެ. މިއީ 3.28 ޕަސެންޓުގެ ކުރިއެރުމެކެވެ.

އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން 64 މިލިއަން ރުފިޔާ ލިބުނު އިރު, ދެވަނަ ކުއާޓަރުގައި ލިބުނީ 66 މިލިއަން ރުފިޔާއެވެ.

ދެވަނަ ކުއާޓަރުގައި އެމްޓީސީސީގެ ކޯސްޓް އޮފް ސޭލްސް ވަނީ 13 ޕަސެންޓް އިތުރުވެފައެވެ. އޭގެ ސަބަބެއް ކަމަށް އެ ކުންފުނިން ބުނީ, ދުނިޔޭގެ އިންފްލޭޝަންއާ ހެދި ތަކެތީގެ އަގާއި ތެޔޮ އަދި ލޮޖިސްޓިކްސްގެ އަގު ބޮޑުވުމެވެ.

ކޮންޓްރެކްޓިންގެ އާމްދަނީ ފަސް ޕަސެންޓް މައްޗަށް ގޮސްފައިވާއިރު, ޑްރެޖިންގެ އާމްދަނީ ހަތަރު ޕަސެންޓް އަދި ޓްރާންސްޕޯޓުން ލިބުނު އާމްދަނީ ނުވަ ޕަސެންޓް ވަނީ ދަށްވެފައެވެ. ނަމަވެސް ޓްރޭޑިންގެ އާމްދަނީ ވަނީ 25 ޕަސެންޓް އިތުރުވެފައެވެ.