މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)

"ވިސިޓް މޯލްޑިވްސް ޕްރޯ 2022" އާއެކު ރާއްޖެއަށް ބޮޑު ޝަރަފެއް

އޭޝިއާ ސަރަހައްދުގައި ބާއްވާ ވޯލްޑް ޓުއާގެ ފުރަތަމަ މުބާރާތް ކަމަށްވާ "ވިޒިޓް މޯލްޑިވްސް ޕްރޯ 2022" ގެ ފެށުން އިއްޔެ ބާއްވައިފިއެވެ.

އިއްޔެ ވަރުނުލާ ރާޅުގަނޑުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޝަރަފުވެރި ކޮށްދިން މުބާރާތަކީ މުޅި އޭޝިއާ ސަރަހައްދުގައިވެސް ބާއްވާ ފުރަތަމަ ވޯލްޑް ބޮޑީބޯޑިން ޓުއާގެ ޕްރޯ އިވެންޓެވެ. ރާއްޖޭގެ އިވެންޓުގައި ދުނިޔޭގެ އެކި ގައުމުތަކުން 150 އަށްވުރެ ގިނަ ބޮޑީބޯޑަރުން ވާދަކުރާ އައިބީސީ ވޯލްޑް ޓުއާގެ މުބާރާތެއް އޭޝިއާއަށް އައުމަކީ ރާއްޖޭގެ ތާރީހަށް މުހިންމު އިވެންޓަކަށް ވެގެންދާނެއެވެ.

ބައިނަލްއަގްވާމީ ފެންވަރުގެ އެންމެ މަތީ ފަންތީގެ މުބާރާތާ ގުޅޭ ގޮތުން މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ ހަސަން ރަޝީދު (ރަޝް) ބުނީ މި މުބާރާތުގެ ސަބަބުން ރާއްޖެ ހުޅުވިގެން މިދަނީ ސާފް ޓޫރިޒަމްގެ ބޮޑީބޯޑިންގެ އާ މާކެޓެއް ކަމަށާއި މިއީ ރާއްޖޭގެ ބޮޑީބޯޑަރުން އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ.

"އަބަދުވެސް ބޮޑީބޯޑަރުންގެ އުއްމީދަކީ ވޯލްޑް ޓުއާ އިވެންޓެއްގައި ވާދަކޮށް ރަނގަޅު ވަނައެއް ހޯދުން. މިއަދު، މި ހުޅުވާލެވޭ ދޮރަކީ ދިވެހިރާއްޖޭގެ ބޮޑީބޯޑަރުންނަށް ވޯލްޑް ޓުއާގައި ވާދަކޮށް ރާއްޖޭގެ ނަން ފަވާލަން ލިބޭ އަގުހުރި ފުރުސަތެއް. މިއަދު ތި ފެންނަނީ 2020 ވަނަ އަހަރުން ފެށިގެން އައިބީސީއާ އެކު ކުރެވުނު ބުރަ މަސައްކަތުގެ ފޮނި މީރުކަން،" ރަޝް ބުންޏެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ ކުޅިވަރުގެ ތެރެއިން ރާއްޖެ މަގުބޫލު މަންޒިލަކަށް ހެދުމަށް ކުރެވޭ މަސައްކަތުގައި މިކަހަލަ މުބާރާތްތައް ވަރަށް މުހިންމު ކަމަށެވެ. އަދި މި މުބާރާތް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމަށް އެހީތެރިވާ ހުރިހާ ފަރާތްތަކަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

"މި އިވެންޓުގެ މެއިން ސްޕޮންސަރަކަށް ވިޒިޓް މޯލްޑިވްސް ވާން ނިންމި މައިގަނޑު ސަބަބަކީ މި ކުޅިވަރާއެކު ރާއްޖެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ކުރިއެރުވޭނެތީ. ރާއްޖެ ކަހަލަ ގައުމެއްގައި މި ކަހަލަ ކުޅިވަރެއް ކުރިއެރުންވެސް މުހިންމު. އަބަދުވެސް އަޅުގަނޑުމެން ތިބޭނީ އެމްބީބީއޭއާ އެކުގައި،" ތޮއްޔިބު ވިދާޅުވިއެވެ.

މުބާރާތުގެ ހީޓުތައް ފެށުމަށް މިހާރު ހަމަޖެހިފައި ވަނީ މާދަމާއެވެ.