Close Election
Close
ދުނިޔެ

ފްރާންސަށް ކުރައްވާ ދަތުރުފުޅުގައި ޕްރިންސް މުހައްމަދު ބިން ސަލްމާން ހުންނަވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ގަނޑުވަރުގައި

ސައޫދީ އަރަބިޔާގެ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާން މިހާރު ފްރާންސަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އޭނާ ހުންނަވަނީ ފަރަންސޭސި ސަރުކާރުން ހަމަޖައްސައިދިން ގަނޑުވަރެއްގައި ނޫންކަމަށާއި ޕްރިންސް ހުންނަވަނީ ދުނިޔޭގެ އެންމެ އަގުބޮޑު އަމިއްލަ ގަނޑުވަރު ކަމަށް މަޝްހޫރުވެފައިވާ ގަނޑުވަރުގައި ކަމަށް ފަރަންސޭސި ނޫސްތަކުން ބުނެފިއެވެ.

ޕްރިންސް މުހައްމަދު ބިން ސަލްމާން ހުންނަވަނީ ވެރިރަށް ޕެރިހުގެ ރަަށްބޭރުގައިވާ ސާދަވަނަ ލުއިސްގެ ގަނޑުވަރޭ ކިޔުނު ތަނެއްގައެވެ. މިއީ ސީދާ އޭނާގެ އަމިއްލަފުޅު ގަނޑުވަރެކެވެ. ޕްރިންސް މުހައްމަދު މިތަން ބައްލަވައިގަތީ 2015 ވަނަ އަހަރު 300 މިލިޔަން ޑޮލަރަށެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ޕްރައިވެޓް ގަނޑުވަރޭ ކިޔަނީ އެހެންވެގެންނެވެ.

މިއީ ކުރީޒަމާނުގެ ރަސް ގަނޑުވަރެއް ނޫނެވެ. މިއީ އެވައްތަރަށް މާފަހަކުން ސައޫދީ އަރަބިޔާގެ މަހުޖަނެއް ކަމަށްވާ އިމާދު ޚާޝަގްޖީ ބިނާކުރައްވާފައިވާ ތަނެކެވެ. މިތަނުގައި އަންޑަރ ވޯޓަރ ކޮޓަރިތަކާއި ރަނުން ޖަރީކުރެވިފައިވާ ފެންއަރުވާ ވަޑާމަކާއި ނައިޓް ކުލަބަކާއި ސިނަމާއެއްވެސް ހިމެނެއެވެ. މިތަން ބިނާކުރެވިފައިވަނީ ގާތްގަޑަކަށް ހަތްހާސް އަކަމީޓަރުގެ ބިމެއްގައެވެ.

މި ގަނޑުވަރު ބިނާކުރެއްވި މަހުޖަނު އިމާދު ޚާޝަގްޖީއަކީ ޕްރިންސް މުހައްމަދުގެ އަމުރުފުޅަށް މީގެ އަހަރުތަކެއް ކުރިން ތުރުކީގެ އިސްތަންބޫލްގައި ރަހުމްކުޑަގޮތަކަށް މަރާލެވުނު ނޫސްވެރިޔާ ޖަމާލް ޚާޝަގްޖީގެ ދެބެއިންގެދެދަރި ބޭބެއެކެވެ. މިސަބަބަށްޓަކައި މިތަނުގައި ޕްރިންސް މުހައްމަދާއެކު ރަސްމީ އެއްވެސް ބައްދަލުވުމެއް ފްރާންސްގެ ވެރިޔަކު ނުބާއްވަވާނެއެވެ. ރައީސް މެކްރޯނާއި ޕްރިންސް މުހައްމަދުގެ ބައްދަލު ކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޕެރިހުގައި ހުންނަ ރިޔާސީ ގަނޑުވަރުގައި ބުރާސްފަތި ދުވަހުއެވެ.