އިސްލާމީ ތާރީޚު

މާލެއިން ބުރުސާއިން އިސްތަންބޫލަށް - 05

އަބްދުﷲ ފާރޫގް ހަސަން

(22 ޖުލައިގެ އަދަދާ ގުޅޭ)

"މި ވަޞިއްޔަތުންވެސް عـثمــان خـــان ގެ ދުރުވިސްނިވަޑައިގަންނަވާކަމަށް ވަރަށްބޮޑަށް ހެކި ލިބެއެވެ. ކޮންމެވެސް ދުވަހަކުން އޭނާގެ ޚާންދާން މުލުންލުހެލާން މަސައްކަތްކުރާނެ މީހުން ޤޫނިއްޔާގައި ތިބޭނެކަން އޭނާއަށް އެނގިވަޑައިގަންނަވައެވެ. އަނެއްކޮޅުން ހަމައެކަނި މުސްލިމުންކަމުގައިވީތީ މުސްލިމުންނާމެދު މުޣޫލުންގެ ޚާއްޞަ ދުޝްމިނުކަމެއް ނެތްކަމާއި މުޣޫލުން އިސްލާމްވަމުންދާކަން އޭނާއަށް އެނގިވަޑައިގަންނަވައެވެ. ދާރުއްސުލްޠަނަތަކީ ޤޫނިއްޔާ ކަމުގައި ހަދައިފިނަމަ އެހެނިހެން ސަރުދާރުންނާ ކޮންމެވެސް ދުވަހަކުން އަރައިރުންވާން ޖެހޭނެކަންވެސް އޭނާ ދެނެވަޑައިގަންނަވައެވެ. މުސްލިމުން ކުރިއަރަމުންދާން އެންމެރަނގަޅު މައިދާނަކީ ޢީސާއީންގެ ރަށްރަށްކަން އޭނާ ވިސްނައިވަޑައިގެންނެވިއެވެ. ޢުޘްމާނީންގެ ވެރިރަށަކަށް ބުރޫސާ ހަދައިފިނަމަ ޢީސާއީންނަށް އޭޝިޔާއޭކޫޗަކުގެ މަތިން ހަނދާން ނައްތައިލާން މަޖްބޫރުވާނެކަމާއި ދަރުދާނިޔާލުގެ މިފަޅިއަށް އަންނާން ނުކެރޭނެކަންވެސް عـثمــان އަށް އެނގިވަޑައިގަންނަވައެވެ. ބުރޫސާގެ ރަސްކަލުންނަށް ފަސޭހަފުޅުކަމާއެކު ޔޫރަޕަށް ޙަމަލަ ދެއްވޭނެކަމާއި ބަލްޤާން ފަތަޙަކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެކަން ވިސްނިވަޑައިގަންނަވައެވެ. عـثمــان ގެ މި ވިސްނުންފުޅަކީ ވަރަށް ސީދާވިސްނުންފުޅެކެވެ. ޢުޘްމާނީ ޚަލީފާއިން އެކަންކަން އަމާޒަކަށް ހެއްދެވިއެވެ. ނަތީޖާއެއްގެގޮތުން ދުވަސްކޮޅެއްގެ ތެރޭގައި ޢުޘްމާނީންގެ ވެރިރަށަކީ އުދުރުނާ (އެޑްރިޔާނޯޕަލް) ކަމުގައި ހައްދަވައިލެއްވި ޤުސްޠަންޠީނިއްޔާ ފަތަޙަކުރެއްވިއްޖެއެވެ."

ރަސްކަމުގެ ފުޅާކަން

ތާރީޚުގައިވާގޮތުން އުރުޠުޣުރަލް އަވަހާރަވީއިރު އޭނާގެ ވެރިކަމަކީ ސަޣޫތާއި އުސުކީ ޝެހެރާއި އަދިވެސް ބައެއް އަވަށްއަވަށުގެ މައްޗަށް އެކުލެވިފައިވާ ވެރިކަމެކެވެ. ނަމަވެސް عـثمــان ގެ ރަސްކަމުގައި އޭނާ ދައުލަތުގެ ސަރަޙައްދު ފުޅާކުރައްވައި ތަނަވަސްކުރެއްވިއެވެ. ދެކުނުފަރާތުން ކޮތާހިޔާއާ ހަމަޔަށް އުތުރުފަރާތުން މަރުމަރާކަނޑާއި ބްލެކްސީގެ އައްސޭރިޔާ ހަމަޔަށް ފުޅާކުރެއްވިއެވެ. ޢުޘްމާނީ ރަސްކަމުގެ އާބާދީއަކީ ހުސްއެކަނި ތުރުކިއޭއިންނެއް ނޫނެވެ. އަދި ކީއްތޯއެވެ. އެތައް ނަސްލެއްގެ މީހުން ޢުޘްމާނީ ރައްޔިތުންގެ ތެރޭގައި ހިމެނެއެވެ. އެރަސްކަމުގެ ސަރަޙައްދުގެ އެންމެބޮޑު ބަޔަކީ ބައިޒެންޓައިނުން "އޭޝިޔާ" އިން ހިފައިފައިވާ ބިންތަކުގެ ތެރެއިން ފަތަޙަކުރެއްވި ތަންތަނެވެ. އެހެންކަމުން އެތާނގައި ޔޫނާނީންގެ އާބާދީ ވަރަށް ބޮޑެވެ. އެބައިމީހުން ހިތުން ރުހުމުން އިސްލާމްވެ ތުރުކިއޭއިންނާ މައްސުނިވެ އެކައްޗަކަށްވީއެވެ. އެއްވެސްބަޔަކު ޤަތުލުކޮށް ނުވަތަ އަޅުވެތިކޮށް ނުވަތަ ވިއްކައިފައި ހުރިކަމަކަށް ތާރީޚަކު ނުވެއެވެ. އެބައިމީހުންގެ ޙަޤީޤީ ބެލެނިވެރީންކަމުގައިވާ ބައިޒެންޓިޔަނުން އެމީހުން ދޫކޮށްލުމުގެ ސަބަބުންނެވެ. (ތުރުކީ ރަސްކަން، ލޯޑު އެވާރސްލީ، ލަންޑަން. 1924)

ސޫރައާއި ސީރަތު

عـثمــان غــازى އަކީ ބުރުސޫރަފުޅާއި ސީރަތަށް ބަލާއިރުވެސް އިންތިހާދަރަޖައިގެ ހިތްދަމައިގަންނަފަދަ ޝަޚްޞިއްޔަތެއްގެ ވެރިޔެކެވެ. عـثمــان އަކީ ވަރަށްރީތި ބޭފުޅެކެވެ. އޭނާގެ އިސްތަށިކޮޅުތައް އާދަޔާ ޚިލާފަށް ކަޅެވެ. އޭނާއަކީ އެންމެ މަތީފެންވަރުގެ އަސްވާރެކެވެ. އާދަޔާ ޚިލާފަށް ހިތްވަރުފުޅުގަދަ ހެއްވެކެވެ. އޭނާގެ ބުއްދިފުޅު ނުހަނު ތަނަވަހެވެ. އޭނާއަކީ ވިސްނުންފުޅު އިންތިހާޔަށް ސީދާ ބޭފުޅެކެވެ. ކަންތައްތަކުގައި ގޮތްކަނޑައަޅުއްވައި ނިންމައިލެއްވުމުގެ ޤާބިލުކަން އޭނާގެ ކިބައިގައި އޭގެ އެންމެމަތީ ދަރަޖަޔަށް ހުރެއެވެ. އޯގވެރިކަމާއި ދީލަތިފުޅުކަމުގައި އެޒަމާނުގައި އެފަދަ ދެވަނައެއް ނެތެވެ. عـثمــان غــازى ގެ އެންމެ ޚާއްޞަ އެއްސިފަފުޅަކީ އޭނާގެ ދެއަތްދަނޑިފުޅު ދިގުކަމެވެ. ކަކޫފުޅަށްވުރެ ތިރިޔަށް އަތްތިލަފުޅު ފޯރައެވެ. (عـلاّمـــة أســلـــم ޖޭރާޖުޕޫރި ލިޔުއްވާގޮތުގައި بـختـيـــار كــاكــــى رحـمــه اللّــه ގެ އަތްޕުޅުވެސް ހުންނަނީ އެގޮތަށެވެ.)

سلطـــان عـثمــان އަކީ ޝައްކެއްނެތްގޮތުގައި ނުހަނު ރީތި އެހައިމެ ފުރިހަމަ ސިފަފުޅުތަކެއްގެ ވެރި ބޭފުޅެކެވެ. އޭނާއާ ބެހޭގޮތުން ލިޔުއްވި ހުރިހައި މުއައްރިޚުންވެސް އޭނާގެ ރީތި ޚުލުޤުފުޅަށާއި ހަރުދަނާ ޝަޚްޞިއްޔަތަށް ނުހަނު ހުޅުވިފައިވާ ތަނަވަސް ހިތްޕުޅުތަކަކުން ތާރީފުކުރެއްވިއެވެ. މުސްލިމުންނާއި ޢީސާއީންގެ ތަފާތެއް ނެތިއެވެ. މުސްލިމް މުޞަންނިފަކު ލިޔުއްވައިފައިވެއެވެ. "އޭނާ އިސްލާމްދީނަށް ވަރަށްބޮޑަށް ޚިދުމަތް ކުރެއްވިއެވެ. އޭނާއަކީ ވަރަށް ސާދާ މިޒާޖުފުޅެއްގެ ބޭފުޅެކެވެ. ނިހާޔަތަށް ކުޅަދާނަފުޅު ހަނގުރާމަވެރިޔެކެވެ. ހިތްވަރަފުޅުގަދަ ބަހާދަރެކެވެ. ފަސްނަމާދަށް ނުހަނު ފަރުވާ ބެހެއްޓެވިއެވެ. އޭނާއަކީ ރޭގަނޑު ހަތަރުދަމު ކަހަލަގޮތަކަށް އަޅުކަންކުރެއްވި ޒާހިދެކެވެ. ކަންބަޅި ހުއިހެއްޕެވުމަކީ ފަޚުރެއްކަމުގައި ދެކެވަޑައިގެންނެވިއެވެ. އޭނާއަކީ އަނާޠުލިއްޔާގެ މުސްލިމު ރަސްރަސްކަލުންކުރެ ކާފަރު ތާތާރީންގެ ގަދަފަދަ ލަޝްކަރެއް ތަޅުއްވައި ރޯނާކޮށްލައްވައި ބަލިކޮށްލެއްވި އެންމެފުރަތަމަ ރަދުންނެވެ. ތާތާރީންގެ އެލަޝްކަރަކީ އިސްލާމީ ދުނިޔެ ސުންނާފަތިކުރަމުން އޭނާގެ ރަސްކަމުގެ ސަރަޙައްދާ ހަމަޔަށްއައި ލަޝްކަރެކެވެ. އެ ލަޝްކަރާ ހަނގުރާމަކުރެއްވީ އޭނާގެ ރަސްކަމުގެ ވެރިރަށުގެ ރަށްބޭރުގެ އަވަށެއްކަމުގައިވާ ގެތިޔާ ނުވަތަ ކަތިޔާގެ ސަރަޙައްދުގައެވެ. އެ ހަނގުރާމައިގައި އެތަކެއްހާސް ތާތާރީން ޤަތުލުވިއެވެ. ހައްޔަރުވި މީހުންގެ ސުމާރެއްނެތެވެ. އޭނާ އެހުރިހައި ތާތާރީންނަށް އިސްލާމްދީން ދަސްކޮށްދެއްވިއެވެ. އެގޮތުން އިސްލާމްދީން މުލުން ލުހެލާން މަސައްކަތްކުރަމުން އެހައިތަނަށްއައި އެތައްހާސް ބަޔަކު އިސްލާމްދީނުގެ ދިދަ އުފުލާ މީހުންކަމުގައި ހައްދަވައިލެއްވިއެވެ."

عـثمــان غــازى ގެ ސީރަތު ލިޔުއްވާ ބޭފުޅުން ލިޔުއްވާގޮތުގައި އޭނާއަކީ ނުހަނު ސާދާ އަދި ހެޔޮލަފާ ބޭފުޅެކެވެ. ހިތްވަރުފުޅުގަދަ ބާރުފުޅުހެޔޮ ހެއްވެކެވެ. ރައްޔިތުންގެ މެދުގައި ލޮބުވެތި ލަޝްކަރުގެ ސިފައިން ހިތްތަކުގެ އަޑީން ޤަދަރުކުރި ލޮބުވެތި އަމީރެކެވެ. ސިފައިންގެ ހިތްތަކުގެ ސިއްރުތައް ހޯއްދަވައިގެންނެވުމާއި އެބައިމީހުންގެ މައްޗަށް ވެރިކަން ކުރައްވަން އޭނާ ވަރަށް ކުޅަދާނަފުޅެވެ. އެކަމުގެ އުކުޅުތައް ދެނެވަޑައިގަންނަވައެވެ. އެއީ ޢަދުލުވެރިޔެކެވެ. އިންސާފުވެރިޔެކެވެ. ތަވާޟުޢުވެރިޔެކެވެ. އޭނާގެ ރައްޔިތުންކުރެ ކޮންމެ ފަރުދަކުވެސް އޭނާއާމެދު ދެކެނީ އެމީހެއްގެ އޯގާވެރި ބައްޕަ ކަމުގައެވެ. އޭނާ ޤާއިމުކުރެއްވި ހުރިހައި ފަނޑިޔާރުގެތަކަކުން ފުރިހަމަޔަށް އިންސާފު ލިބެއެވެ. ދީނުގެ ތަފާތެއް މަޤާމުގެ ފަރަޤެއްނެތިއެވެ. އޭނާއަކީ މުދާ ޖަމާކުރައްވާން ދަހިވެތިވެވަޑައިގެންނެވި ބޭފުޅެއް ނޫނެވެ. އޭނާގެ ޚަޒާނާގައި ދުވަހަކުވެސް އެންމެ ލާރިޔެއްވެސް ޖަމާވެފައެއް ނޯވެއެވެ.

"އޭނާ ޔެނިޝެހެރު ފަތަޙަކުރެއްވިއިރު އެއީ ޔޫނާނީންގެ ވަރަށްވަރުގަދަ މަރުކަޒެކެވެ. ރީތި ގަނޑުވަރުތަކަކީ އެތާނގައި ތަދުމަދު ތަންތަނެއް ނޫނެވެ. އެކަމަކު އެތަންތަން ދޫކޮށްލައްވައިފައި އޭނާ ހުންނަވާން ޚިޔާރުކުރެއްވީ ވަރަށް އާދައިގެ ސާދާ ގެއެކެވެ. އެގޭގައި އޭނާ ދިރިއުޅުއްވީ ދަރުވޭޝީ މުޖާހިދަކު ފަދައިންނެވެ. އޭނާގެ ސުފުރާކޮޅުމަތީގައި ދުވަހަކުވެސް މީރު ފަރީއްކޮޅުތަކެއް ނުހުރެއެވެ. އޭނާގެ ގޭގައި އަރާމުކުރައްވާ ޒާތުގެ އެއްޗެހިކޮޅުތަކެއް ނުގެންގުޅުއްވައެވެ. އޭނާގެ ގެކޮޅުގައި ރަންރިހީގެ ތެލިތަށިކޮޅުތަކެއް ނުހުރެއެވެ. އޭނާ އަވަހާރަވީއިރު ގޭގައިއޮތީ ސުތުލީގެ ފަގުޑިކޮޅަކާއި ލަކުޑީން ހަދައިފައިއޮތް ދެ ސަމުސަލާއި ލޮނުއަޅާ އެއްޗަކާއި ތެއްޔެކެވެ." (މުސަލްމާން ޙުކުމްރާން، ރަޝީދު އަޚްތަރުނަދުވީ)

ދައުލަތެ ޢުޘްމާނިއްޔާގެ ޤާބިލް މުޞަންނިފު سلطـــان عـثمــان އަށް ތާރީފު ކުރައްވައިފައިވަނީ އަންނަނިވި ޢިބާރާތުންނެވެ.

"ރަސްކަމެއްގެ ބިންގާ އަޅުއްވާ ބޭފުޅެއްގެ ގައިކޮޅުގައި ހުންނާންޖެހޭ ހުރިހައި ފުރިހަމަ ސިފަފުޅުތަކެއް عـثمــان ގެ ގައިކޮޅުގައި ހުއްޓެވެ. އޭނާގެ ހިންމަތްތެރިކަމާއި ހިތްވަރުފުޅު ގަދަކަމަކީ އާދަޔާ ޚިލާފު ކަމެކެވެ. އިސްވާރުކަމަކީ ޤުދުރަތުން ނުހަނު ދީލަތިފުޅު ގޮތެއްގައި އޭނާއަށް ހިބަކޮށްދެއްވައިފައިވާ ކަމެކެވެ. ހަނގުރާމައިގެ މައިދާނުގައި އޭނާގެ ހިތްވަރުފުޅު ގަދަކަމުން ސިފައިންގެ ކިބައިގައި ކެރުމާއި ޖެހިލުންކުޑަކަމުގެ ރޫޙު އުފައްދައިލައްވައެވެ. ދައުލަތުގެ އިންތިޒާމުތައް ހަމަޖައްސައިލެއްވުމުގައި އޭނާގެ ބުއްދިފުޅު ތަނަވަސްކަމުން ރައްޔިތުންގެ ލޯބި މިލްކުކޮށްލައްވައެވެ. އޭނާގެ ޢަދުލުވެރިކަމުގެ ވާހަކަވަނީ އޭނާގެ ރަސްކަމުގެ ހަތަރު ބިތަށް އަޑުއަރައި މަޝްހޫރުވެފައެވެ. އޭނާގެ ޢަދާލަތުގައި ތުރުކިއޭއެއް ތާތާރީއެއް ތަފާތެއް ނުވެއެވެ. މުސްލިމެއް ޢީސާއީއެއްގެ ފަރަގެއް ނުހުރެއެވެ. އޭނާގެ މޮޓޯއަކީ ރައްޔިތުންގެ ހިތްއުފާކަމާއި ލާބައާއި މަންފާތަކެވެ. އޭނާގެ އުފާފުޅަކީ އޭނާގެ ވެރިކަމުގެ ދަށުގައިހުންނަ ރަށްރަށުގެ ތިޔާގިކަމެވެ. އެއްވަނަ ޤަރުނުގެ މުޖާހިދުން ފަދައިން އޭނާގެ ދިރިއުޅުއްވުން އިންތިހާއަށް ސާދާއެވެ. ދެއްކުންތެރިކަމެއް އެއްވެސްވަރަކަށް ނުހުރެއެވެ. އޭނާ ދުވަހަކުވެސް މުދާ ޖަމައެއް ނުކުރައްވައެވެ. ޣަނީމާ މުދަލުން ފަގީރުންނާއި މިސްކީނުންގެ ބައި ނެންގެވުމަށްފަހު ބާކީހުންނަ ހުރިހައި އެއްޗެއްސެއް ސިފައިންނަށް ބައްސަވައިދެއްވައެވެ. ޔެނިޝެހެރުގައި އޭނާ ހުންނެވި ދެރަވަރު ގޭގައި ރަނެއް ރިއްސެއް ޖަވާހިރެއް ނުހުރެއެވެ. އޭނާ އަވަހާރަވީއިރު ގޭގައިހުރި މުދަލަކީ ތެއްޔަކާއި ސުތުލީން ވިޔެފައިއޮތް ފަގުޑިކޮޅަކާއި ލަކުޑީގެ ދެ ސަމުސަލަކާއި ލޮނުއަޅާ އެއްޗެކެވެ. ޚާލިޞް ޢަރަބި ދެތިންހަތަރު އަހަކާއި ދަނޑުވެރިކަމަށް ބޭނުންކުރައްވާ ތިންހަތަރު ފިރިހެން ގެރިއާއި ކަންބަޅިބަކަރިތަކެކެވެ. ދިދައާއި ހަތިޔާރުގެ އިތުރަށް އޭނާގެ އަތްޕުޅުގައިހުރި ހުރިހައިވެސް މުދަލަކީ މިއީއެވެ.

އޭނާ ނުހަނު ދީލަތިފުޅެވެ. ނުހަނު އޯގާވެރިއެވެ. ވަރަށް ފުރިހަމަޔަށް މެހްމާނުދާރީ އަދާކުރައްވައެވެ. މި ސިފަފުޅުތަކުގެ ސަބަބުން އެންމެންވެސް އޭނާދެކެ ލޯބިވެއެވެ. އެހެންކަމުން އޭނާގެ ޤާއިމްމަޤާމުން ތަޚްތަށް އިސްކުރެވޭއިރު (މިހާތަނަށްވެސް ރައްކައުތެރިކުރެވިފައިވާ) އޭނާގެ ކަނޑިކޮޅު އެބޭފުޅުންގެ އުނަގަނޑުފުޅުގައި އަޅައިދެވޭއިރު ދުޢާކުރެވެއެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ. މީނާގެ ކިބައިގައިވެސް عـثمــان ގެ ގައިކޮޅުގައިހުރި ރަނގަޅު ސިފަތައް ލައްވައިފާނދޭވެ!"

އިނގިރޭސި މުއައްރިޚު ލޭންޕޫލުވެސް عـثمــان ގެ ސީރަތަށާއި ޝަޚްޞިއްޔަތަށް ހެޔޮބަސްތައް ވިދާޅުވެ ތާރީފުކުރެއްވިއެވެ. އޭނާ ލިޔުއްވައިފައިވެއެވެ. "ޒާތީގޮތުން އޭނާއަކީ ޢަރަބީންގެ އެންމެކުރީގެ ޚަލީފާއިންފަދަ ސާދާ އުޅުއްވުމަކާއި ގޮތްކޮޅުތަކެއްގެ ވެރިޔެކެވެ. އޭނާ އޭނާގެ ފަހަތަކަށް ރަނެއް ރިއްސެއް ދުލެއް ނުކުރައްވައެވެ. އޭނާގެ ޖިސްމާނީ (ފިޒިކަލް) ފުރިހަމަކަން އެތައް ނަސްލުތަކަކާ ހަމަޔަށް އޭނާގެ ދަރިފަސްކޮޅަށް ނަޤުލުވަމުން އައެވެ. އެންމެ މަދުވެގެންވެސް ތިންސަތޭކަ އަހަރުވަންދެން ޢުޘްމާނީ ތަޚުތުގައި އިށީނދެވަޑައިގެންފައިވަނީ ކެރިވަޑައިގަތުމާއި ހިތްވަރުފުޅު ގަދަކަމާއި ބުއްދިފުޅު ތަނަވަސްކަމުގައި އަރައިތިއްބެވި ރަސްރަސްކަލުންނެވެ. (ތުރުކީ، ލޭންޕޫލް)

އެޑްވަޑް ކްރޭޒީއަކީ މަޝްހޫރު ޢީސާއީ މުއައްރިޚެކެވެ. އޭނާވެސް ލިޔުއްވައިފައިވެއެވެ. "عـثمــان ގެ ކެރިވަޑައިގެންނެވުމާއި ހިންމަތްތެރިކަމާއި ބުއްދިފުޅު ތަނަވަސްކަމާއި ޢަޒުމުފުޅު ވަރުގަދަކަމާއި ސާބިތުކަމާއި ދުރުވިސްނިވަޑައިގެންނެވުމާއި މީހުންގެ ހިތްތައް މިލްކުކޮށްލެއްވުމުގެ ކުޅަދާނަފުޅުކަމަށް އިޢުތިރާފުވަމެވެ." (ޢުޘްމާނީ ތުރުކީންގެ ތާރީޚު: ސ:11)

سلطـــان اُرْخَـــان غــازى

މިއަދު އަޅުގަނޑު އެބޭފުޅެއްގެ މަޤްބަރާ ދެކެލާންމިދާ ދެވަނަ ބޭފުޅަކީ سلطـــان عـثمــان غــازى ގެ ޤާއިމުމަޤާމު اُرْخَـــان غــازى އެވެ. މުއައްރިޚަކު ވިދާޅުވެފައިވާ ގޮތުގައި اُرْخَـــان غــازى އޭނާގެ ބައްޕާފުޅު އަވަހާރަވަމުން ކުރެއްވި ވަޞިއްޔަތްޕުޅު ދުވަހަކުވެސް ހަނދުމަފުޅު ނައްތަވައެއް ނުލައްވައެވެ. اُرْخَـــان އަކީ ވަރަށް ބާއްޖަވެރި ނުހަނު ޞާލިޙު ބޭފުޅެކެވެ. ވާޖިބުތައް ދެނެވަޑައިގަންނަވާ އަދި ޒިންމާ އުފުއްލަވާ ބޭފުޅެކެވެ. އިންސާނިއްޔަތަށް ހަމްދަރުވީވެވަޑައިގަންނަވާ އޯގާވެރި ރަހެކެވެ. އޭނާގެ ބައްޕަ އަވަހާރަވަމުން އޭނާގެ އަރިހުގައި ވިދާޅުވިއެވެ. "ދަރިފުޅާއެވެ. ބައްޕަގެ ފުރާނަ ދަރިފުޅާމެދު އުފާވާނީ ދަރިފުޅު މާތް اللّـــه ގެ ޚަލްޤުތަކުން އުފާކުރުވާހައި ހިނދަކުގައެވެ." (ތާރީޚެރޫމް، 31)

اُرْخَـــان ގެ ބައްޕާފުޅުގެ މި ވަޞިއްޔަތް ކުރައްވައިފައި ނެތްކަމުގައިވިޔަސް އޭނާގެ ނާރުފުޅުތަކުގައިވަނީ ނުހަނު ޞާލިޙު ލޭފޮދެކެވެ. އޭނާ ތަރުބިޔަތުވެވަޑައިގެންނެވީ މިސާލެއް ނެތްފަދަ މާތް މަންމާފުޅެއްގެ އުނގުޅުފުޅުގައެވެ. އެހެންކަމުން ރައްޔިތުންނާމެދު ސުލޫކު ނުބައިކުރެއްވުމަކީ އޭނާއަށް ތަޞައްވުރަށްވެސް ގެންނެވޭނެކަމެއް ނޫނެވެ. އެ ޞާލިޙު މަންމާފުޅުގެ ހިޔާވަހިކަން ތިރީސްފަސްއަހަރު ވަންދެން އޭނާގެ އިސްތަށިފުޅުމަތީގައި ދެމިއޮތެވެ. އެ މަންމާފުޅަކީ ޞޫފީ ޒާހިދު ބޭކަލެއްކަމުގައިވާ މައުލާ އުދުބާލީގެ ދަރިކަނބަލުން އަޢުލާޚާތޫނެވެ. ނުވަތަ މާލުޚާތޫނެވެ.

اُرْخَـــان غــازى بـــن عـثمــان غــازى ޢުޘްމާނީ ތަޚްތަށް އިސްވެވަޑައިގެންނެވީ 726ހ./1325މ. ގައެވެ. އޭނާގެ ރަސްކަން 761ހ./1359މ. އަށް ދެމިއޮތެވެ. اُرْخَـــان އަށް އޭނާގެ ބައްޕާފުޅުގެ ފަރާތްޕުޅުންވަނީ ޖިހާދުގެ ރޫޙާއި އިސްލާމްދީން ދިރުއްވައި އާލާކުރެއްވުމުގެ ޖަޒުބާތު ފުރިހަމަޔަށް ލިބިވަޑައިގެންފައެވެ. އެހެންކަމުން އޭނާ ފުތޫޙާތުގެ ސިލްސިލާ ކުރިޔަށް ގެންދެވިއެވެ. اُرْخَـــان އަކީވެސް އޭނާގެ ބައްޕާފުޅު ފަދައިން ދަރުވޭޝީ ޚަޞީލަތުގެ ޒާހިދު ބޭފުޅެކެވެ. އަނެއްކޮޅުން ބައްޕާފުޅަށްވުރެވެސް އާރާއި ބާރުހުރި ހަނގުރާމަވެރިޔެކެވެ. އެހެންކަމުން އޭނާ ބައްޕާފުޅަށްވުރެވެސް ގިނަ ފުތޫޙާތު ޙާޞިލުކުރެއްވިއެވެ. އޭނާގެ ރަސްކަމުގެ ސަރަޙައްދު ޔޫނާނާ ހަމަޔަށް ފުޅާކުރެއްވިއެވެ. އޭނާގެ ބާރުފުޅު ގަދަކަމާއި ޢިއްޒަތްތެރިކަމުގެ ހެތްކެއްގެގޮތުން އެޑްވަޑް ކްރޭޒީ ލިޔުއްވައިފައިވެއެވެ. "ޤުސްޠަންޠީނިއްޔާގެ ޝެހެންޝާހު ކަންޓަކުޒިނޯސް (Cantacuzene) اُرْخَـــان އަކީ ތުރުކީންގެ އެންމެ ބާރުފުޅުގަދަ ސުލްޠާންކަމުގައި ޤަބޫލުފުޅު ކުރެއްވިއެވެ. 1346މ. ގައި ޝަހެންޝާހުގެ ދަރިކަނބަލުން اُرْخَـــان ގެ ޙަރަމްސަރާއަށް ފޮނުއްވައިދެއްވިއެވެ. ޢުމުރުފުޅާއި ދީނުގެ ތަފާތާއެކުވެސްމެއެވެ. ޝަހެންޝާހުގެ އެކޮއްކޮއަކަށް اُرْخَـــان ހައްދަވައިދެއްވައި اُرْخَـــان ގެ އެބޭބެއެއްގެ ޝަރަފު ހޯއްދެވިއެވެ. އޭނާގެ އިޚްލާޞްތެރިކަން ފާޅުކުރެއްވުމުގެ ގޮތުންނެވެ."

އޭޝިޔާމައިނާ ފަތަޙަކުރެއްވުން

اُرْخَـــان އޭނާގެ ރަސްކަމުގެ އެންމެފުރަތަމަ އަހަރު ނިކޮމީޑިޔާ ފަތަޙަކުރައްވައިފިއެވެ. އޭގެކުރީން އޭނާވަނީ ބުރުސާ ފަތަޙަކުރައްވައިފައެވެ. ބައިޒެންޓައިން ރަސްކަމުގެ ދަށުގައި އޭޝިޔާގައި ދެން ބާކީއޮތީ ފާހަގަކުރެވޭ އެންމެ ރަށެކެވެ. އެރަށަކީ ނައިސިޔާއެވެ. އެރަށަކީ ރަށުގެ ޝަރަފުވެރި ތާރީޚާއި މުހިންމުކަމަށް ބަލާއިރު ޤުސްޠަންޠީނިއްޔާއަށްފަހު ދެވަނައަށް ހޮވައިލެވޭ ރަށެވެ. ލޭންޕޫލް ވިދާޅުވާގޮތުގައި "އެރަށަކީ ގްރީކް ޗާޗުގެ އުފަން ބިމެވެ. ދެނަސްލެއްވަންދެން ޔޫނާނީ ރަސްކަމުގެ ވެރިރަށެވެ. ދާރުލްޙުކޫމަތެވެ. اُرْخَـــان ޔޫނާނީންގެ އެންމެފަހުގެ އެމަރުކަޒުގައިވެސް 1330މ. ގައި އިސްލާމީ ދިދަ ވިހުރުވައިލައްވައިފިއެވެ. އެގޮތުން اُرْخَـــان غــازى ވަނީ ރޫމީންނާއި ޔޫނާނީން އެތަކެއްސަތޭކަ އަހަރުވަންދެން ނުހަނު ޝާނުޝައުކަތާއި ކީރިތި މޫރިތިކަމުގައި ވެރިކަންކުރި އޭޝިޔާކޫޗަކުން އެބައިމީހުން އަބަދަށްޓަކައި ބޭރުކޮށްލައްވައިފައެވެ. ލޭންޕޫލް ވިދާޅުވެފައިވެއެވެ. "ޝަރަފުވެރިކަމާއެކު ސަލްޖޫގީންގެ ސަރަޙައްދުގައި ވަޒަންވެރިވުމުގެ ފުރުޞަތުދެވުނީ ކަންބަޅި ހުއިހައްޕާ ކުޑަކުޑަ ޤަބީލާއަކަށެވެ. އެކަމަކު އެންމެ ދެނަސްލުގެ މުއްދަތުގެ ތެރޭގައި އެބައިމީހުންވަނީ އޭޝިޔާކޫޗަކުގެ ހުޅަނގުއުތުރު ސަރަޙައްދުގެ ވެރީންކަމުގައި ވެފައެވެ. ބޮސްފަރަސްގެ އިރުމަތީ އައްސޭރީގައި ވެރިކަން ޤާއިމުކޮށްފައެވެ." (ޞަފުޙާ: 19)

"ދައުލަތެ ޢުޘްމާނިއްޔާ" މުޢައްލިފު ލިޔުއްވާގޮތުގައި اُرْخَـــان ނައިސިޔާގެ ރައްޔިތުންނަށް އެބައިމީހުން ބޭނުންކަމުގައިވާނަމަ އެރަށުން ފައިބައިގެން ދިޔުމުގެ ހުއްދަ ދެއްވިއެވެ. ހުރިހައި މުދަލަކާއި ފެހާމާނެއް ހިފައިގެންނެވެ. އެކަމަކު ބުރުސާގެ މީހުން ފަދައިން ނައިސިޔާގެ ގިނަމީހުންވެސް އިސްލާމްވެއްޖެއެވެ. އެބައިމީހުން ޚިޔާރުކުރީ އެބައިމީހުންގެ ވަޒަނުގައި ދެމިތިބުމެވެ. (ޞަފުޙާ: 31) ލޭންޕޫލުވެސް އެކަން ތަޞްދީޤު ކުރައްވައެވެ. "ނައިސިޔާގެ މީހުންނަށްވެސް އެރަށުން ފައިބައިގެން އެބައިމީހުން ބޭނުން ރަށަކަށް ދިޔުމުގެ ހުއްދަ ލިބުނެވެ. ހުރިހައި މުދަލަކާއި ފެހާމާނަކާއި، ތާރީޚީ ލިޔުންތަކާއި ބަރަކާތްތެރި އެއްޗެހިތައް ހިފައިގެންނެވެ. މި އޯގާތެރިކަމާއި މަޑުމައިތިރިކަމުގެ ސަބަބުން ފާތިޙާއި މަފްތޫޙުންގެ ގުޅުންވީ ވަރުގަދައެވެ. (ޞަފުޙާ: 19) اُرْخَـــان އޭޝިޔާކޫޗަކުގެ ހުޅަނގުއުތުރު ފަތަޙަކުރެއްވުމުގެ އިތުރަށް 1336މ. ގައި ގަރާސީވެސް ހިއްޕަވައިފިއެވެ. އެރަށަކީ އޭޖީންކަނޑުގެ އުތުރުގައި މަރުމަރާކަނޑުގެ އައްސޭރީގައި އޮތް ކުޑަކުޑަ ތުރުކިއޭ ދައުލަތެކެވެ. اُرْخَـــان އެރަށް ފަތަޙަކުރެއްވީ 737ހ./1336މ. ގައެވެ.

(ނުނިމޭ)