ގަތަރު ވޯލްޑް ކަޕް 2022

ގަތަރު ވޯލްޑްކަޕް 2022: މޭން މާރކިންއާ އެއްވަރަށް ޑްރޯން މާރކިންވެސް ހަދާނެ!

އިމާދު ލަތީފު

ގަތަރުގައި ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ކުރިއަށްދާއިރު މުބާރާތަށް ޓެރަރިޒަމްގެ ހިޔަނި އެޅުމުގެ ބިރު ވަރަށް ބޮޑެވެ. ގަތަރަކީ މެދުއިރުމަތީގައިވާ ގައުމެކެވެ. މެދުއިރުމައްޗަކީ ހަނގުރާމަވެރި ޖަމާއަތްތަކުގެ ހަރަކާތްތައް އާއްމު ސަރަހައްދެކެވެ. އެހެންވީމާ ވޯލްޑްކަޕަށް އެއްވެސް ބައެއްގެ ފަރާތުން ހިޔަނި އެޅުނަ ނުދިނުމަށް ގަތަރުން ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅާނެއެވެ. ވަރަށް ގިނަ ރޭވުންތައް ރާވާނެއެވެ. މިގޮތުން ވޯލްޑްކަޕުގެ މެޗުތައް ކުޅޭ ސްޓޭޑިއަމްތަކާއި ހަމަޔަށް ގޮތްނޭނގޭ ޑްރޯންތަކަށް ނުދެވޭނޭ މަގުން ކަންކަން އިންތިޒާމް ކުރުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ޑްރޯނަކީ ފަހަކަށް އައިސް ހަމަލާދިނުމަށް ހަނގުރާމަވެރިން އާއްމުކޮށް ބޭނުންކުރަމުން އަންނަ އެއްޗެކެވެ. ޚާއްސަކޮށް ސައޫދީއަރަބިޔާ އާއި އެމިރޭޓްސްއާ ދެކޮޅަށް ޔަމަނުގެ ހޫސީންނެވެ.

ސީރިޔާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކާއި އިރާގުގެ ބައެއް ޖަމާއަތްތަކުންވެސް ޑްރޯން ބޭނުންކުރެެއެވެ. ވޯލްޑްކަޕުގައި އެމެރިކާޔާއި އިނގިރޭސިންވެސް ކުޅޭތީ އެމީހުންނާ ދެކޮޅަށް ކަންތަކެއް ހިންގުމަށް މިއިން ޖަމާއަތަކުން މަސައްކަތް ކުރުމަކީ ކައިރި ކަމެކެވެ. ދުނިޔޭގެ ބޮޑެތި ކުޅިވަރު މުބާރާތްތަކަށް ކުރީގައިވެސް ޓެރަރިޒަމްގެ ހިޔަނި އެޅިފައިވާ ފަދައިންނެވެ. މިކަމުގެ އެންމެ ބިރުވެރި ހާދިސާއެއް ފެނިފައިވަނީ 1972 ވަނަ އަހަރު ޖަރުމަންވިލާތުގެ މިއުނިކްގައި ބޭއްވުނު އޮލިމްޕިކް ކުޅިވަރު މުބާރާތުގެ ތެރޭގައެވެ. އެހާދިސާގައި އެތުލީޓުންތަކެއް މަރުވެފައިވެއެވެ. އެޒަމާނަށްވުރެ މިޒަމާނުގައި އެކަހަލަ ހަމަލާތައް ރާވައި ހިންގުން ފަސޭހަވާނެއެވެ. މީހަކާ ނުލައި އުދުހޭ ޑްރޯން ބޭނުންކޮށްގެން ކިތަންމެ ދުރުގައިވާ އަމާޒަކަށްވެސް މިހާރު ހަމަލާދެވިދާނެއެވެ.

އެމެރިކާޔާއި އިންގްލެންޑް، ނުވަތަ ވޭލްސްއާއި އެމެރިކާ ކުޅޭ މެޗުތައް ބަލަން އެދެގައުމުގެ އެތައް ހާސްބަޔަކު ސްޓޭޑިއަމަށް ވަންނާނެއެވެ. އެއީ ޓެރަރިސްޓުން ވަރަށް އެދޭ ކަހަލަ އަމާޒެކެވެ. މިކަން ގަތަރުގެ ސަރުކާރަށް ވިސްނެއެވެ. އެނގެއެވެ. އެހެންވީމާ ކުޅިބަލަންދާ މީހުންނާއި ކުޅުންތެރިންނާއި ސްޓޭޑިއަމްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ނުފޮރޮޅާކަށް އެންމެ ގާކޮޅެއްވެސް ނުބާއްވާނެއެވެ. ކޮންމެކަމެއްވެސް ކުރަން ގަތަރުން ހަވާލުކޮށްފައިވަނީ ނުވަތަ ކުރާނީ އެކަމަކަށް ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ބަޔަކާއެވެ. އެގޮތުން ޑްރޯންތަކުގެ ބިރުވެރިކަން ނައްތައިލުމަށާއި ޑްެރޯން ހިފުމަށް އެކަމަށް ޚާއްސަ ބަޔަކު ވަނީ ހަމަޖައްސައިފައެވެ. މިކަން ހަވާލުކޮށްފައިވަނީ އެމެރިކާގެ ފޯޓެމް ޓެކްނޮލޮޖީސްއޭ ކިޔުނު ކުންފުންޏަކާއެވެ.

ފޯޓެމް ޓެކްނޮލޮޖީސްގެ ފަރާތުން ޑްރޯނާއި ދެކޮޅަށް ބޭނުންކުރާނީވެސް ޑްރޯނެވެ. ޓީމުތަކުން ގޯލް ދިފާއުކުރުމަށް މޭން ޓު މޭން މާރކިން ހަދާގޮތަށް ސްޓޭޑިއަމް ރައްކާތެރިކޮށް ޓެރަރިސްޓުންނަށް ގޯލްޖެހިޔަ ނުދޭން ޑްރޯން ޓު ޑްރޯން މާރކިން ހެދުމުގެ ވަރުގަދަ ޕްލޭނެއް ފޯޓެމް ޓެކްނޮލޮޖީސްގެ ފަރާތުން ރާވައިފައިވެއެވެ. އެމީހުން ހަރަކާތްތެރިވާނީ ގަތަރުގެ ވައިގެ ދިފާއީ ބާރުތަކާ ގުޅިގެންނެވެ. ގޮތްނޭނގޭ ޑްރޯނެއް ގަތަރުގެ ވައިގެ ސަރަހައްދަށް ވަދެއްޖެނަމަ އެ އެއްޗެއް ސްޓޭޑިއަމާ ހަމަޔަށް ވާސިލްވުމުގެ ކުރިން ދިފާއީ ޑްރޯންތަކުން ހަމަލާދޭނެއެވެ. މިކަމަށް ބޭނުންކުރާނީ މަސްހިފަން މަސްވެރިން ބޭނުންކުރާ ޒާތުގެ ދަލެވެ. ގޮތްނޭގޭ ޑްރޯންތަކަށް އަމާޒުކޮށް ދައު ފޮނުވައިލާނެއެވެ. އެ ދަލުގައި ޑްރޯން ޖައްސައި ހިފާނެއެވެ. މިކަމުގެ އަޖުމަބެލުންތައްވެސް މިހާރުވަނީ ނިމިފައެވެ.

ދިފާއީ ޑްރޯންތަކަށް ދީފައިވާ ނަމަކީ ޑްރޯން ހަންޓަރސްްއެވެ. މިއީ ރާޑަރުގެ އެހީގައި ދުޝްމަނުންގެ ޑްރޯންތައް ދެނެގަނެ އެޔަށް ހުރިހާގޮތަކުންވެސް ހުރަސްއެޅޭނެ ގޮތަށް ކަންކަން ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ އެއްޗެކެވެ. ގޮތްނޭނގޭ ޑްރޯނަކީ ކިތަންމެ ބޮޑު އެއްޗަކަށްވިޔަސް އަދި ކިތަންމެ ކުޑަ އެއްޗަކަށްވިޔަސް އެއެއްޗެއް ވައްޓައިލުމުގެ ބަދަލުގައި ހިފާނީއެވެ. ދަލުގައި ތާށިކޮށް ސަހަރާގެ ތެރެއަށް ތިރިކުރުވާނީއެވެ. ވައްޓައިލުމުގެ ފިކުރު ނުގެންގުޅެނީ އެގޮތަށް ވައްޓާލައިފިނަމަ ބިންމަތީގައި ހަރަކާތްތެރިވާ މީހަކަށް ނުވަތަ ބަޔަކަށް އަނިޔާވެދާނެތީއެވެ. ފޯޓެމް ޓެކްނޮލޮޖީސްއަށް މިމަސައްކަތުގެ ކޮންޓްރެކްޓް ދިނީ ގަތަރުގެ ދާޚިލީ ވުޒާރާއިންނެވެ. މިއީވެސް ސަތޭކަ މިލިޔަނެއްހައި ޑޮލަރުގެ ކޮންޓްރެކްޓެއް ކަމަށް އެނގިފައިވެއެވެ.

މިހާބޮޑު ޚަރަދެއް މިކުރަނީ ޓެރަރިޒަމްގެ ބިރު ބޮޑުވުމާއި މިޒަމާނުގައި ހަމަލައެއް އައުމުގެ ފުރުސަތު ބޮޑީ ޑްރޯން މެދުވެރިކޮށް ވައިގެ މަގުންކަމަށް ވުމުންނެވެ. އަދި ފްރާންސާއި ޖާރމަނީން ފްރާންސްގެ ވެރިރަށް ޕެރިހުގައި 2015 ވަނަ އަހަރު ކުޅުނު މެޗުގެ ތެރޭގައި ސްޓޭޑިއަމަށްވަދެ ހަމަލައެއް ދިނުމަށް ޓެރަރިސްޓުންގެ ބަޔަކު މަސައްކަތްކޮށްފައި ވުމުންނެވެ. އެފަހަރު މަސައްކަތްކުރީ ހަތިޔާރު ހިފައިގެން ސްޓޭޑިއަމްގެ ތެރެއަށް ވަދެގަތުމަށެވެ. އެކަން ކާމިޔާބު ނުވީއެވެ. ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ބިންމަތިން އެ ހަމަލާދޭން އުޅުމުގެ ބަދަލުގައި ޑްރޯން ބޭނުންކުރިނަމަ އެކަން ކާމިޔާބުވުން ކައިރިއެވެ. އެދުވަސްވަރަށްވުރެވެސް ޑްރޯން ޓެކްނޮލޮޖީ މިހާރު ފަސޭހަވެފައި އާއްމެވެ. މިކަމުގައި އެއްވެސް ރިސްކެއް ނަގަން ގަތަރުން ބޭނުން ނުވަނީ އެހެންވެގެންނެވެ.