ވާހަކަ

މޭ ފާރުވެ ޒަހަމްވުމުން - 23

1

"މިރެއަށް ދޯ. ސަޕްރައިޒެއް އެބައިން. މިރޭ ގޮވައިގެން ދާނަން. ކޮފީއަށް ދާނެތަނެއް ކަލޭ މެސެޖްކޮށްލާ" އަޔާލް ބުންޏެވެ.

ފޯނު ކަނޑާލާފައި އަޔާލް ގުޅީ ރިންދާއަށެވެ. ރޭގަނޑަށް ވަގުތުކޮޅެއް ހުސްކޮށްލަން އަޔާލް އެދުނެވެ. އަޔާލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ އެދުނު އެއްވެސް ކަމަކަށް ރިންދާ ނޫނެކޭ ނުބުނެއެވެ.

**********

ބަރަކް އޮފީހުން އައިސް ގެއަށް ވަންއިރު ހަވީރު ފަހެއްޖަހާ ބޮޑުވެއްޖެއެވެ. ރަސްމީ ދަތުރެއްގައި މުޅި ދުވަހު މާލެއިން ބޭރުގައި އުޅެން ޖެހުމުން ބަރަކް ހުރީ ވަރުބަލިވެފައެވެ. ރަނގަޅަށް ނުކެވޭތީ ހުރީ އެހާ ވަރަށް ބަނޑުހައިވެސް ވެފައެވެ. އެއްޗެހިވެސް ބަދަލުނުކޮށް ބަރަކް ދިޔައީ ބަދިގެއަށެވެ. ރޫބިޔާ އެއްޗެއް ތައްޔާރުނުކުރާނެކަން އެނގޭ އިރުވެސް ބަރަކް ތެލިތަކުގެ މަތި ނެގިއެވެ. އެއްވެސް އެއްޗެއް ރޯފިލުވާފައި ނެތުމުން ބަރަކް ދެފަރާތަށް ބޯހޫރާލިއެވެ. ރޫބިޔާ ކަންތައްކުރާ ގޮތުން ބައެއްފަހަރު ބަރަކްގެ ދެލޯ ކަރުނުން ތެންމާލައެވެ.

އެންމެފަހުން ލައިގެން ހުރި އަތްދިގު ގަމީހުގެ އަތްކުރި އުޅަނބޮއްޓާ ހަމައަށް އޮޅާލުމަށްފަހު ފުރިޖުން ދެ ބިސް ނަގައިގެން އައިސް ބިސްގަނޑެއް އެޅިއެވެ. ދެން ކޮފީތައްޓެއް ހިފައިގެން އައިސް މޭޒު ކައިރީގައި އިށީނެވެ. ރޫބިޔާ ވަދެގެން އައީ އޮފީހުން އައި ފޯނު ކޯލަކަށް ބަރަކް ޖަވާބުދެމުން ދަނިކޮށެވެ.

ފޯނުކޯލު ނިންމާލާފައި ބަދިގެ ތެރެއަށް ވަދެގެން ދިޔަ ރޫބިޔާއަށް ބަރަކް ބަލައިލިއެވެ. ކަޅު ސައި ތައްޓެއް ހިފައިގެން އައިސް ރޫބިޔާ މޭޒު ކައިރީގައި އިށީނެވެ. ދެން މޭޒުމަތީގައި ބެހެއްޓި ހެދިކާ ކޮތަޅުން ގުޅައެއް ނަގައިގެން ކާން ފެށިއެވެ. ބަރަކް ހަމަ ބަހެއްވެސް ނުކިޔާ އިނެވެ.

"ހާދަ ވަރަކުންނޭ ސައި ހޮޓަލެއް ހުންނަތަން ފެނުނީ؟" ރޫބިޔާ ބުންޏެވެ.

ބަރަކް ބަހެއް ނުކިޔައެވެ. ބިސްގަނޑު ހުސްކޮށްލާފައި ކޮފީތަށިން ކޯވަރެއް ބޯލާފައި ފުން ނޭވައެއް ބަރަކް ދޫކޮށްލިއެވެ.

"މިއަދު ހާދަ ލަހުން ގެއަށް ތިއައީ؟ ރޫބިޔާ ބުންޏެވެ.

ބަރަކް ބަހެއް ނުކިޔައެވެ. އޭނާ ކިޔާނީވެސް ކީކޭ ހެއްޔެވެ؟ ރޫބިޔާގެ އަމަލުތައް ހުރިގޮތުން ބަރަކް އިނީ ހިތުގައިޖެހިފައެވެ. ކޮފީތައްޓަކާއި ބިސްގަނޑެއް ހިފައިގެން އިންއިރު ކައިގެންތޯވެސް އަހާނުލައެވެ.

"އަހަރެން މާދަމާ ރޭ ޖިލްމެންގެއަށް ހެކިވެރިން ފޮނުވަން" މޭޒުކައިރިން ތެދުވަމުން ބަރަކް ބުންޏެވެ.

ތުނބުގައި ޖެހި ސައިތަށި ދުރުކޮށްލާފައި ރޫބިޔާ ބަރަކްއަށް ފާޑަކަށް ބަލައިލިއެވެ.

"ތިއުޅެނީ އިންނަންތަ؟ އިނދެގެން މިގޭގަ އުޅެންތަ؟" ރޫބިޔާ އެހިއެވެ.

ސައި ބުއި ތަށިތައް ދޮވެފައި ބަރަކް ފުރިޖުން ފިނި ފެންފުޅިއެއް ހިފައިގެން އައިސް މޭޒުކައިރީގައި ހުއްޓުނެވެ.

"ދެން ކޮންތާކު އުޅެންވީ؟ އަހަރެން ދާންވީ އަހަރެންގެ އަނބިމީހާ ގޮވައިގެން ޖިލްވާގެ ކާފަގެ ގޭގަ އުޅެންތަ؟ އެއީތަ އޮންނަ ގޮތަކީ" ހިތްހަމަނުޖެހިފައި ބަރަކް ބުންޏެވެ.

"އަހަރެން އެހެން ބުނެފިންތަ؟ އެހެންނޫނަސް ތިހާ އަވަސްއަރުވާ ނުލިޔަސް ކައިވެނި ކުރެވިދާނެ ދޯ" ރޫބިޔާ ބުންޏެވެ.

"އަހަރެމެން ކައިވެނިނުކޮށްގެން ޖިލްވާމެންގެ ގެއަށް ގޮސް މަންމައެއް ނޫންތަ ފާޑުފާޑުގެ ވާހަކަދެއްކީ" ބަރަކް ބުންޏެވެ.

"އެހެންނޫނަސް އަހަރެންގެ މަންމަ ކިޔާ މީހާއަށް އަހަރެންނަށް ގަޑިން ގަޑިއަށް ކައްކާފަ ކާންނުދެވޭއިރު އަހަރެންނަށް އެކަން ކޮށްދޭނެ އަންބަކު މިގެއަށް ގެނައިއްޔާ މާރަނގަޅެއްނު" ބަރަކް ބުންޏެވެ.

ދެން ފެންފުޅި ފުރިޖަށް ލާފައި ކޮޓަރި އާ ދިމާލަށް ހިނގައިގަތެވެ.

**********

ޒުބައިރު އާ އެކީގައި ގޯތިތެރެއަށް ވަދެފައި ވަށައިގެން ހުރިހާ ދިމާލަކަށް އަސަދުﷲ ބަލައިލިއެވެ. ދެން ފެންޑާ އާ ދިމާލަށް ޒުބައިރުގެ ފަހަތުން ހިނގައިގަތެވެ.

"މިގޭގަ ރާޝިދު އެކަނިތަ އުޅެނީ؟" އަސަދުﷲ އެހިއެވެ.

"އާނ. އެކަނި އުޅެނީ. އެއީ ވަރަށް މުރާލި މީހެއް. ވަރަށް މަސައްކަތްތެރިވާނެ. މިރަށު މީހުންވެސް ރާބެއަށް ނިކަން ހެޔޮވާނެ. ގިނަފަހަރަށް ގެތަކުން ކާއެއްޗެހިވެސް ހިފައިގެން މިގެއަށް އަންނާނެ" ޒުބައިރު ވާހަކަދެއްކިއެވެ.

ފެންޑާގެ ދޮރާ ހަމަވެފައި ޒުބައިރު ސަލާންގޮވާލިއެވެ. ފާހާނައިން ނުކުތް ރާޝިދު ސަލާން ބަލައިގަނެފައި ދޮރުމަތީގައި ތިބި ދެމީހުންނަށް ހިނިތުންވުމެއް ދިނެވެ. ހިތުގައި ކުޑަ ހިތްނުތަވަސްކަމެއް ހުއްޓަސް ވަރަށް ވިސްނާފައި ރާޝިދު ނިންމީ ޒުބައިރު އެދުނު ފަދައިން ހުރި ކަމަކަށް ރުޤުޔާއިން ފަރުވާ ހޯދާށެވެ.

"ހިނގާ ފަށަމާ ދޯ. މާގިނައިރެއް ނުނަގާނެ. މިއަދު ހަމައެކަނި ކިޔަވާލާފަ ކަމެއް ހުރިއްޔާ ދެން ކަންތައް ކުރަންވީގޮތް އަހަރެން ބުނާނަން" އަސަދުﷲ ބުންޏެވެ.

"ހަމަޖެހިގެން އޮންނާނީ. މިއީ މާބޮޑު ކަމެއްނޫން" ނިދާ އެނދުގައި ރާޝިދު އޮށޯތުމާއެކު އަސަދުﷲ ބުންޏެވެ.

ރާޝިދުގެ ބޮލާ ދިމާލުން ގޮނޑިއެއްގައި އަސަދުﷲ އިންއިރު ކައިރީގައި ޒުބައިރު ކޮޅަށް ހުއްޓެވެ.

ބިސްމީގެ ބަރަކާތުން އަސަދުﷲ ކިޔަވަން ފެށުމާއެކު ރާޝިދުގެ ހިތުގެ ތެޅުން އިހުނަށްވުރެ ބާރުވިހެން ހީވިއެވެ. އެހެންނަމަވެސް ހަމަޖެހިގެން އޮންނަން ރާޝިދު މަސައްކަތް ކުރިއެވެ. ކިޔަވަމުންދިޔަ އަސަދުﷲގެ ކަނާއަތްތިލަ ރާޝިދުގެ ނިތްމަތީގައި ބާއްވާލުމާއެކު ރާޝިދުގެ ދެލޯ މެރިއެވެ. ކިޔަވާތާ ވީ ދިހަވަރަކަށް މިނެޓެވެ. ޒުބައިރުގެ ދެލޯ މުދުނަށް އަރައިގެން ދިޔައީ ރާޝިދުގެ ދެފައި ތުރުތުރު އަޅަން ފެށިތަން ފެނިފައެވެ. މަޑުމަޑުން ބާރުވަމުން ގޮސް އިންސާނަކު މަރަށް ތެޅޭހެން ރާޝިދު ތެޅެން ފެށިއެވެ. އަސަދުﷲ ގެ ކިޔެވެލި ބާރުކޮށްލުމުން ކުރިއަށް ވުރެވެސް ބާރަށް ރާޝިދު ތެޅެން ފެށިއެވެ. އަސަދުﷲ ކިޔެވުން މެދުކަނޑާލާފައި ޒުބައިރުއަށް ބަލައިލިއެވެ. ދެން ރާޝިދުގެ ދެފައިގައި ހިފަހައްޓާލުމަށް ޒުބައިރުގެ ކައިރިން އެދުނެވެ. އެފަދައިން ޒުބައިރު ކަންތައް ކުރުމާއެކު އަސަދުﷲ އަނެއްކާވެސް ކިޔަވަން ފެށިއެވެ. މިފަހަރުވެސް ރާޝިދު ތެޅެން ފެށިއެވެ. އަސަދުﷲ އަށް ކިޔެވުން ކުރިއަށްގެންދަން އެންމެފަހުން ދަތިވެއްޖެއެވެ. އެހެންވެ ބަންގިދޭން ފެށިއެވެ. އެހިނދު ރާޝިދު މަޑުމަޑުން މައިތިރިވަމުން އައިސް އެއްކޮށް ހިމޭންވެއްޖެއެވެ.

"ނިމުނީތަ؟" ޒުބައިރު އެހިއެވެ.

"މިއަދަށް ނިމުނީ" އަސަދުﷲ ބުންޏެވެ.

ދެން އެނދުން ތެދުވަން ރާޝިދުއަށް އެހީވެދިނެވެ. ހަށިގަނޑަށް އެޅި ވޭނާއި ތަދާއެކު ރާޝިދު ހުރީ ވަރުބަލިވެފައެވެ. ދެލޮލުން ކަރުނަ ހިލިފައެވެ.

"އޭރުވެސް އަހަރެންނަށް އެނގޭ ކަމެއްކޮށްފަ ހުރިކަން" ރޮވިފައި ރާޝިދު ބުންޏެވެ.

"ރަނގަޅަށް ތިބުނީ. ވަރަށް ގިނަ ސިހުރުޖެހިފަ ހުރިކަމަށް ލަފާކުރެވޭ. އެސްފީނާގެ ކަންކަންވެސް އެބަހުރި. އަހަރެން ކިޔެވުން މިހުއްޓާލީ ރާޝިދުއަށް އަނިޔާއެއްވެދާނެ ކަމަށްޓަކައި. ބައެއް އެއްޗެހިވެސް ހޯދަން އެބަޖެހޭ. މިބުނީ ޒައިތޫނި ތެލާއި ޒަމްޒަމް ފެނާއި މާމުޔާއި ރޯސް ވޯޓާކަހަލަ އެއްޗެހި. އިރާދަކުރެއްވިއްޔާ މިއީ މާބޮޑު ކަމެއްނޫން. ޤުރުއާނަށް ވުރެން ބާރުހުރި އެހެން އެއްވެސް އެއްޗެއް ނުވޭ" ރާޝިދުގެ ބުރަކަށީގައި ފިރުމާލަމުން އަސަދުﷲ ބުންޏެވެ.

އަސަދުﷲ ގެ ވާހަކަތަކުން ރާޝިދުއަށް އެކަމުގައި ކުރިއަށްދާން ހިތްވަރު ލިބެމުން ދިޔައެވެ.

"އަދި އެއްވާހަކަ. މިގޭގަ އެކަނި ރާޝިދު ހުރުން އެހާ ރަނގަޅެއްނޫން. އެހެންވީމަ ޒުބައިރު އާ އެއްކޮށް އެގޭގަ މަޑުކުރަންވީނުން" އަސަދުﷲ ބުންޏެވެ.

ޒުބައިރުއަށް ރާޝިދު ބަލައިލިއެވެ. އެއާއެކު ޒުބައިރު ބޯޖަހާލިއެވެ.

********

ފޯނު ކޯލެއް ރުބީނާއަށް ލިބުނީ އޮފީހުން ނުކުންނަން އައި ވަގުތުގައެވެ. ދަންނަ ނަންބަރެއްހެން ހީވުމުން ރޫބިޔާގެ ދެބުމަ ގޮށްޖަހާލިއެވެ. އެއީ ކާކުކަން އެނގުމުން ރޫބިޔާގެ ފިޔަވަޅުތައް މަޑުޖައްސާލިއެވެ. ބޭރަށް ނުކުތުމުގެ ބަދަލުގައި އޮފީސް ތެރެއިން މަސައްކަތު މީހުންގެ ފަޅިއަށް ނުކުތެވެ. ބަދަލުވީ ޝިފްޓުން ދެތިން އަންހެނަކު ވާހަކައެއްގައި މަޑުކޮށްލައިގެން ތިއްބެވެ. ރޫބިޔާ ހިނގައިގަތީ އަލަށް ހެއްދި ގަސްތަކާ ދިމާލަށެވެ. އެތަނުގައި ހުރި ދެމީހުންގެ ޖާގައިގެ ޖޯއްޔެއްގައި އިށީނދެފައި ކުރިން ގުޅި ނަންބަރަށް ގުޅާލިއެވެ.

"ހަމަ ދެކިލާހިތުން" ރޫބިޔާއަށް ރަނގަޅަށް ބަހެއް ނުބުނެވެނީސް އެކޮޅުން ވާހަކަދެއްކި މީހަކު ބުންޏެވެ.

"އަހަރެން ހުންނަނީ ދަރިއެއް ކައިރީގަ. ގެއަކަށް ކަލެއެއް ނުގެނެވޭނެ" ރޫބިޔާ ބުންޏެވެ.

"އަޔާލްތަ؟ ނޫނީ ބަރަކް ތަ؟" އެމީހާ އެހިއެވެ.

"މަ އެބައުޅެންތަ އެ އަޔާލް ކައިރީގަ އުޅޭހިތަކުން" ރޫބިޔާ ބުންޏެވެ.

ފޯނުގަ ހުރި މީހާ ނުލަފާ ގޮތަކަށް ހީލި އަޑު އިވުނެވެ.

"ބުނޭ އަހަރެން ދާންވީ ތަނެއް" ރޫބިޔާ ބުންޏެވެ.

"ގ. ޝެލްބިން. މިރޭ އަށްގަޑި ބަޔަކާ ނުވަޔާ ދެމެދުގައި އައިސް އަހަރެންނަށް ގުޅާލާ"

ފޯނު ބާއްވާފައި ރޫބިޔާ ނުކުންނަން ހިނގައިގަތްއިރު ތުންފަތަށް ހިނިތުންވުމެއް ވެރިވެފައިވިއެވެ.

*************

ކެފޭ ތެރެއަށް އަޔާލް ވަންއިރު އަތުގައި ހިފަހައްޓާލައިގެން ކައިރީގައި ރިންދާ ހުއްޓެވެ. ވައިލެޓް ކުލައިގެ ގަޔަށް ކުޑަކޮށް ހިފާލާފައި ހުރި މިޑީ ކަށިމައްޗާ ހަމައަށް ހުއްޓެވެ. އަރައިގެން ހުރި ކަށި ބޫޓުގެ ސަބަބުން ކުރިއަށްވުރެ ދިގުކަމަށް ދައްކައެވެ. އެތެރެއަށް ވަދެގެން ދިޔައީ ވާހަކައެއް ދައްކާފައި ހެމުންނެވެ. މޭޒާ ހަމައަށް ދެވުމާއެކު ރިންދާއަށް ހައިރާންކަމެއް ލިބުނީ ދުވަހަކުވެސް ނުދެކޭ ފިރިހެނެއް ކޮޅަށް ތެދުވިތަން ފެނުމުންނެވެ.

ދެ އެކުވެރިން އެކަކު އަނެކަކު ގައިގައި ބައްދާލި މަންޒަރު ފެނުމުން އެއީ ގާތް ދެރަހްމަތްތެރިން ކަން ރިންދާއަށް އެނގުނެވެ.

އަޔާލްއަށް ވުރެ ކުޑަތަންކޮޅެއް ފަހަތުގައި ހުރި ރިންދާ ފެނުމާއެކު ލައިދުއަށް ހީވީ ފައިދަށުން ބިންގަނޑު ކެހިގެން ދިޔަހެންނެވެ. އެހެން ދިމާލަކަށް ނަޒަރު ސީދާކޮށްލަންވެސް ނޭނގިފައި ރިންދާގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. ލައިދުއަށް ވީގޮތް ފެނި އަޔާލް ކައިރިއަށް އައީ ހިންޏެވެ. ލައިދުއަށް ސިހުމެއް ލިބޭނެކަން މާކުރިންވެސް އަޔާލްއަށް އެނގެއެވެ.

"ރަނީން....." ލައިދު ލަސްލަހުން ކިޔާލިއެވެ.

ގަބޫލުކުރަން ބޭނުންނުވެފައި ހުރި ކަހަލަ ގޮތަކަށް ލައިދު ދެފަރާތަށް ބޯހޫރާލިއެވެ.

"ރަނީން އެއް ނޫން. ރިންދާ. އަހަރެންގެ ވާން އުޅޭ އަނބިމީހާ" އަޔާލް ބުންޏެވެ.

ލައިދު ހައިރާންކަމާއެކު އަޔާލްގެ މޫނަށް ބަލައިލިއެވެ.

"ރިންދާ އޭ... އަހަރެން ސިއްސައިގެންދިޔައީ" ލައިދު ބުންޏެވެ.

"ވައްތަރުކަމުން ދޯ. ޔާލްއަށް ވެސް ހަމަ ތިވަރުވީ" ރިންދާ ބުންޏެވެ.

"ސީރިޔަސްލީ. އަހަރެން ކިރިޔާ ޝޮކެއްނުޖެހުނީ. އަހަރެން ހީކުރީ އަހަރެންނަށް އެކަނިކަމަށް ރަނީންގެ ރޫހު މި ފެންނަނީ" ހީލުމަކާއެކު ލައިދު ބުންޏެވެ.

މާގިނަ އިރެއް ނުވަނީސް އަޔާލްގެ އެހީތެރިކަމާއެކު ލައިދު އާއި ރިންދާ އާ ދެމެދުގައި އެކުވެރިކަމުގެ ފާލަމެއް އެޅިއްޖެއެވެ. ވަގުތުން ލައިދު ރިންދާގެ ނަން 'ފަހަރި' ގެ ނަމަށް ބަދަލުކުރިއެވެ.

"ތިކަމުގަ އެންމެ ބޮޑަށް ސުވާލުކުރަންޖެހޭ މީހާ ހުރީ މިނިވަންވެފަ. ހަގީގަތުގަ ފުލުހުންވެސް ނޫޅޭ" ލައިދު ބުންޏެވެ.

"ކާކުގެ ވާހަކަ ތިބުނީ؟ ކާކު ދޫވެފަ ހުރީ" ރިންދާ އެހިއެވެ.

"ޒަކްވާން. އަހަރެން ކިތަންމެ ދުވަހަކު ދެކުނިން އެ ޒަކްވާން ރަނީން އާ ފޮށޭތަން" ލައިދު ބުންޏެވެ.

ރިންދާގެ ހަނދާނަށް އައީ ޖިލްވާ ދެއްކި ވާހަކަތަކެވެ. ރަނީން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކުއްޖާގެ ނަމަށް ވެސް ޖިލްވާ ބުނީ ޒަކްވާނެއްގެ ނަމެވެ. ޒަކްވާނާ ރަނީންގެ މަރާ ގުޅުމެއް ވަނީ ހެއްޔެވެ؟

"އެއީ މާލޭގަ އުޅޭ މީހެއްތަ؟" ރިންދާ އެހިއެވެ.

"ނޫން. ފުރަތަމަ ފެނިފަވެސް އަހަރެން ހީކުރީ އިނގިރޭސިއެއް ކަމަށް" އަޔާލް ބުންޏެވެ.

"އެކަމަކު... އިދޫއަށް ތިހެން ބުނަން އެނގުނީ. މިބުނީ ރަނީން އާ ޒަކްވާން ފޮށޭ ތަން. އަހަރެން ނުދެކެން. އެހެންނޫނަސް އެ ޒަކްވާން މާގިނަ ދުވަހަކު އޮފީސް ތެރެއިން ނުވެސްފެނޭ" އަޔާލް ބުންޏެވެ.

"ޔާލްއަކަށް ނޭނގޭނެ. އަހަރެން މޭޒު ކައިރީގައި އިނަސް އަހަރެންގެ ދެލޯ މުޅި އޮފީސް ތެރޭގައި ދަތުރުކުރާނެ. އަހަރެން ވަގުތުން ފުރައިގެން ދިޔައީވެސް އަހަރެންނާއި ރަނީން އާ ގުޅުވައިގެން ވާހަކަތަކެއް ފަތުރައިފާނެތީ. އެއީ އެއްދުވަހު ރަނީންގެ އަތުގައި ހިފަހައްޓައިގެން ފާހާނަ ކައިރީގައި ޒަކްވާން ހުއްޓަ އަހަރެން ދުށިން. ރަނީން ހުންނަނީ ނުލާހިކު މަޑުމަޑުން. އެދުވަހު އަހަރެން ހިތްހަމަނުޖެހިގެން ޒަކްވާނަށް ވަރަށް އެއްޗެހި ގޮވާލިން. އެނގޭތަ އެދުވަހު އޭނަ އަހަރެންނަށް އިނގިރޭސި ބަހުން ވަރަށް ހަޑި އެއްޗެހި ގޮވާލި. އަހަރެންނާ ދިމާލަށް ބުނި ރަނީން އާ ހެދި ހޭބަލިނުވާށޭ. އަހަރެން ހަމަ ހުވާކޮށްފަ ބުނަން ކެރިދާނެ ނުބައި ނިޔަތެއްގަ އަހަރެން ދުވަހަކުވެސް ރަނީން އަކަށް ނުބަލަން" ލައިދު ވާހަކަދެއްކިއެވެ.

"ޔެސް. ހަނދާންވެއްޖެ. އިދޫ އަހަރެން ކައިރީގައި ތިކަހަލަ ވާހަކައެއްދެއްކި" އަޔާލް ބުންޏެވެ.

"އެހެންވީމަ މިހާރު ޓީމް ބޮޑުވީތާ. ތިން މީހުންވެގެން ހިނގާ ތިކަން ފަޅާއަރުވާލަން" ލައިދު ބުންޏެވެ.

***********

ސޯފާގައި ފިލްމެއް އަޅުވައިގެން އޮތް ބަރަކް ހައިރާންކަމެއް ލިބުނީ ނަލަހެދިގެން ގެއިން ނުކުންނަން ދިޔަ ރޫބިޔާ ފެނިފައެވެ. ރޫބިޔާ ހުރަސްކަނޑާލި ވަގުތު ދުވި ސެންޓަ ވަހުން ބަރަކް މޭނުބައިވެސް ކޮށްލިއެވެ.

"މަންމަ... ހާދަ ރީތިވެގެން. މިގަޑީގަ ކޮންތާކަށްބާ" ބަރަކް އަމިއްލަ ނަފްސާ ސުވާލުކޮށްލިއެވެ.

ކައިރިންލާފައި ދިޔައިރު ބަރަކް އޮތްކަމެއް ރޫބިޔާއަށް ނުވެސް އެނގެއެވެ.

ސިޓިންރޫމުން ނުކުމެވޭ ބެލްކަނިން ބޭރު ބަރަކް ބަލައިލިއެވެ. ރޫބިޔާގެ ނިޝާނެއްވެސް ފެންނަން ނެތެވެ. ދެކޮނޑު އަރުވާލާފައި ބަރަކް އަލުން އައިސް ސޯފާގައި އޮށޯތެވެ.

ގ. ޝެލްބިން ކައިރިއަށް ޓެކްސީ މަޑުކޮށްލުމާއެކު ރޫބިޔާ ޓެކްސީ އިން ފޭބިއެވެ. އަޅުވައިގެން ހުރި ގަދަ މުށި ކުލައިގެ ދަބަސް ތެރެއިން ސަތޭކަ ރުފިޔާގެ ނޫޓު ޑްރައިވަރަށް ދީފައި ބާކީ ލިބެންދެން މަޑުކޮށްގެން ހުއްޓެވެ. ލައިގެން ހުރި އައިސް ބްލޫ ކުލައިގެ ޖީންސުގެ ފަހަތު ޖީބަށް ޖަހާފައި އޮތް ފޯނު ނަގާފައި ނަންބަރަކަށް ގުޅާލިއެވެ. ވާހަކަދައްކަމުން ގޮސް ރޫބިޔާ މަޑުކޮށްލީ އަންނަން ބޭނުންވި ގޭ ކުރިމައްޗަށްވާހެން އަނެއް ފަޅީގައެވެ.

ކުއްލިއަކަށް ރޫބިޔާ ސިހުނީ ލޯމަތީގައި މީހަކު އަތް އެޅުމުންނެވެ. ސިހުނުވަރުން އެމީހާގެ އަތްނެއްޓުވީވެސް ކުއްލިއަކަށެވެ.

"ކަލޭތަ؟ މިއީ މަގުމައްޗޭ" ކުރިމަތީގައި ހެވިފައި ހުރި ފަރީދު ފެނުމާއެކު ރޫބިޔާ ބުންޏެވެ.

ފަރީދަށް ރަނގަޅަށް ރޫބިޔާ ބަލައިލީ ތަންކޮޅެއް ދުރަށް ޖެހިފައެވެ. ގޮޅިޖެހި ގަމީހަކާއި ނޫކުލައިގެ ޖީންސަކާއެކު ދަށަށް ޖަހައިގެން ހުރީ ފަލަނޫން އިސްކޮޅުން ދިގު މީހެކެވެ. އުމުރުން ދުވަސްވެފައި ހުރިކަން ބަލައިލި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. އަރައިގެން ހުރީ ކަޅު ކުލައިގެ ފިރިހެނުން އަރާ ކަހަލަ ބޫޓަކަށެވެ.

"ޔަގީން ބޮލުގަ ތިހެރީ ކަޅު ކުލަ ޖައްސާފަކަން" ރޫބިޔާ ބުންޏެވެ.

"އަހަރެންގެ ވާހަކަނުދައްކަބަލަ. ރޫބީ އަދިވެސް ހާދަ ރީއްޗޭ. އެހާ ދުވަސްކޮށްފަ ފެނުނީމަވެސް އަހަރެން ހިތް ކިޔައިފި" ރޫބިޔާ އާ ގާތަށް ފިޔަވަޅެއް އަޅަމުން ފަރީދު ބުންޏެވެ.

"ހޫނ ދުރުގަ ހުރެބަލަ. އަހަރެން އައީ މިތާ މަގުމަތީގަ ހުރެގެން ކަލެ އާ ވާހަކަދައްކާކަށް ނޫން" ރޫބިޔާ ބުންޏެވެ.

"އަވަހަށް ހިނގާ ކޮޓަރިއަށް. އަހަރެން ހުންނަނީ މި އިމާރާތުގެ ތިންވަރަ ބުރިން ކޮޓަރިއެއް ކުއްޔަށް ހިފައިގެން" ފަރީދު ބުންޏެވެ.

ފަރީދުގެ ފަހަތުން ގޭތެރެއަށް ވަދެގެން ރޫބިޔާ ދިޔައެވެ.

އެނދުގައި އިށީނދެފައި ރޫބިޔާ ހުޅުވާލީ ދަބަހެވެ. އޭގެތެރެއިން ނެގި ފައިސާގެ ނޫޓުތައް ދިއްކޮށްލީ ފަރީދަށެވެ.

"ކިހާ ވަރެއް؟" ފައިސާތަކުގައި ހިފާފައި ނޭފަތާ ކައިރިކޮށް ވަސްބަލައިލަމުން ފަރީދު ބުންޏެވެ.

"އަމިއްލަ ގުނީމަ އެނގޭނެއްނުން" ރޫބިޔާ ބުންޏެވެ.

ފަރީދު ހީލިއެވެ. ދެން ތެދުވެ ޖީބުގައި އޮތް ވޮލެޓު ނަގާފައި ފައިސާތައް ވޮލެޓުގެ ތެރެއަށް ކޮށްޕާލިއެވެ.

"ކިހާ ދުވަހެއްމިވީ ތިގޮތަށް އަހަރެން އަތުން ފައިސާ ގެންދާތާ. ތިއީތަ ފަރީދު އަހަރެންދެކެ ލޯބިވާގޮތަކީ؟" ރޫބިޔާ ބުންޏެވެ.

ކޮންމެފަހަރު އެހާ ބައިވަރު ފައިސާ ދޫކޮށްލަންޖެހޭތީ ރޫބިޔާ ނުހަނު ދެރަވެއެވެ. އެހެންނަމަވެސް އިތުރު ގޮތެއްވެސް ނެތީއެވެ.

"އަހަރެން ކޮށްދިނީ ކުޑަކަމެއް ނޫނެއްނު. އެހެންނޫނަސް އަހަރެން ބުނީމެއްނު ފައިސާތަކުގެ ބަދަލުގަ ރޫބީ އަހަރެންގެ މީހަކަށްވާށޭ" ފަރީދު ބުންޏެވެ.

"އަހަރެން އިތުރު ކައިވެންޏެއްކުރަން އަދި ނުވިސްނަން. އެހެންނޫނަސް ފަރީދު ބޭނުންވާ ކަމެއް އަހަރެން ކޮށްދީފާނަން" ރޫބިޔާ ބުންޏެވެ.

"ހަމަ ތެދެއްތަ؟ އަނެއްކާ އަހަރެންނަށް އަޑުއިވުނުގޮތް ނޫންބާ" ދެކަންފަތަށް އިނގިލި ކޮށްޕާ ތަޅުވާލަމުން ފަރީދު ބުންޏެވެ. ރޫބިޔާ ބޯޖަހާލިއެވެ.

"އެހެންވެއްޖިއްޔާ މިރޭ ފަށަމާ. ކީއްވެތަ ދުރުގަ ތިއިންނަނީ. އާދެބަލަ އަހަރެން ކައިރިއަށް" ރޫބިޔާގެ އަތުގައި ހިފާފައި ގާތަށް ދަމާލަމުން ފަރީދު ބުންޏެވެ.

"އިހަށް މަޑުކުރޭ.... އަހަރެން ފަރީދަށް މިކޮށްދެނީ ވަރަށް ބޮޑުކަމެއް. ފަރީދުގެ ފަރާތުން އަހަރެން އަދި އެއްކަމެއް ބޭނުން" ރޫބިޔާ ބުންޏެވެ.

"ކޮންކަމެއް ބުނޭ. ރޫބީ ބުނެފިއްޔާ އަހަރެންގެ ޖާނާއި މާލުވެސް ދީފާނަން" ފަރީދު ބުންޏެވެ.

"މީގެ އެތައް އަހަރެން ކުރިން ފަރީދު އަހަރެންނަށް ކޮށްދިން ކަންތައް ވަރަށް ކާމިޔާބު. އަހަރެންނަށް ހީވަނީ މިހާރު އޭނަ ދުނިޔޭގަ ނެތްހެން. ރަނގަޅީވެސް އެގޮތް. އެ ގެ އަހަރެންނަށް ލިބުން އޮތީ ވަރަށް ކައިރީގަ. އެކަމަކު އަދިވެސް އަހަރެން ކޮށައި ސާފުކުރަމުން މިދާ މަގުގައި ދުރަށްލާންޖެހޭ ވަރަށް ވަރުގަދަ ގޮފިގަނޑެއް އެބައޮތް. އަހަރެންނަށް އެދުރަށް ނުލެވިގެން މިއުޅެނީ؟ ފަރީދު އަހަރެންނަށް އެހީވެއްޖިއްޔާ މިކަން ވަރަށް ފަސޭހައިން ވެދާނެ" ރޫބިޔާ ވާހަކަދެއްކިއެވެ.

"ބޮޑު ސޮރު ތަ؟ ކިހިނެއް ހަދައިދޭންވީ؟ ފަރީދު އެހިއެވެ.

"މަރަންތަ އެއްޗެއް ހަދައިދޭންވީ؟" ކޮޓަރީގައި ތިބީ ދެމީހުން އެކަނި ކަމުގައި ވިޔަސް ފަރީދު ވާހަކަދެއްކީ ވައި އަޑުންނެވެ. ރޫބިޔާގެ ތުންފަތަށް ވެރިވީ ވިހަ ހިނިތުންވުމެކެވެ.

(ނުނިމޭ)