ވާހަކަ

ބަދުދުއާ - 03

2

މިކްޔަލް ދިޔައީ ކޮންތަނަކަށްކަން ނޭނގި، ކަންބޮޑުވެ ތިބެ ދެމީހުން އެކަކު އަނެކަކަށް ސިއްރުސިއްރުން އިހަށް އެއްވެސް އެހެން މީހަކަށް މިކަން ނާންގާ ފެންނަތޯ ހިސާބުގަނޑު ބަލާލުމަށް ނިންމިއެވެ. ކިތަންމެ ދުރުގައި އުޅުނަސް އަދި އެތައް އަހަރެއް ކުރިން ކައިވެނީގެ ގޮށް މޮހިފައިވިޔަސް، ފަރަހައާއި ޝިވަންއާ ދެމެދުގައި އޮންނަނީ ގާތް ރަހުމަތްތެރިކަމުގެ ގުޅުމެކެވެ. ކައިވެނީގެ ކުރިން އެތައް އަހަރެއް ވަންދެން އެ ދެމީހުންނަކީ އުމުރުން އެންމެ ހަތަރު އަހަރުން ފެށިގެން، އެންމެ ގާތް ރަހުމަތްތެރިންނެވެ. އެހެންކަމުން ކައިވެނި ކުރުމަކުން ނުވަތަ ވަރިވުމަކުން އެ ގުޅުމަކަށް ހީނަރުކަމެއް އަދިވެސް ނާދެއެވެ.

ޕާޓީ ތެރެއިން އެއްވެސް ދިމާލަކުން މިކީ ފެނޭތޯ ދެމީހުން ދެފަރާތަކަށް ހިނގައިގަތެވެ. އަދި އެކި ތަންތަން ބަލައި ހޯދަމުން އެންމެފަހުން ގޭގެ ސިޓިންރޫމާއި ކޮޓަރިތަކަށް ދާންދެން ބަލާފައި ފަރަހަ ނުކުތީ ދޮރާއްޓާއި ގެ ހުންނަ ހަނި ގޯޅިތެރެ ބަލާލަން ދިޔަ ޝިވަންއަށް މިކީ ފެނުނުކަމުގެ އުއްމީދުގައެވެ. ގޯތި ތެރެއަށް ނުކުތްތަނާހެން ޝިވަންއާ ދިމާވެއްޖެއެވެ.

"ކޮބާ ބޭރު ގޯޅިއަކުވެސް ނެތޭ...ކޮޓަރިއަށް ފާހާނާއަކަށް ކަހަލަ ކަމަކު ދިޔައީތަ....؟"

ފަރަހަ ހާސްވެ ތެޅިގަތީ އެހިސާބުންނެވެ. ޝިވަންއަކާއި ޝިވަންއެއް ދޫކޮށްލާފައި ބާރުބާރަށް ގޯތިތެރެ ހުރަސްކޮަށް ބޭރު މައިދޮރާއްޓާ ދިމާއަށް ފަރަހަ ހިނގައިގަތެވެ. މައިދޮރާ އަރާހަމަވިތަނާ މަޑުހިނގުމެއްގައި ދޮރުން އެތެރެއަށް ވަން މިކީ ފެނިއްޖެއެވެ. ލުއި ހިނިތުންވުމެއް ތުންފަތްމަތީގައި ކުޅެމުން ދިޔައިރު މިކީ އައީ ކޮންމެވެސް ލަވައެއް ކިޔަމުންނެވެ. ފަރަހަ އަވަހަށް ކުރިއަށް ޖެހި މިކީގެ އަތުގައި ހިފިއެވެ.

ކޮންމެވެސް ހިޔާލެއްގެ ތެރޭގައި ހުރި މިކީއަށް މަންމަ އޭނާގެ އަތުގައި ހިފުމުން ސިހިގެން ގޮސް ބަލާލިއެވެ. އަދި އަވަަހަށް ހީނގެންފައި މަންމައަށް ގޮވާލިއެވެ.

"ދޮންދޫނި ތިއައީ ކޮންތާކުން.... މަންމައާއި ބައްޕަ ދަރިފުޅު ނުފެނިގެން ހޯދާތާ ކޮންއިރެއް....؟"

ފަރަހަ މިކީގެ ކުޑަކޮށް ހޭވިފައި އޮތް އިސްތަށިގަނޑު ރީތިކޮށްލިއެވެ. މި ގެ ހުންނަނީ އަތިރިމައްޗަށް ނުކުންނަ ގޯޅިއެއްގައި ކަމަށްވާތީ، ގޯޅިގަނޑަށް ނުކުމެއްޖެއްޔާ ވަރަށް ރީތި ފިނި ރޯޅި އަބަދުވެސް ޖެހޭނެއެވެ. އެހެންކަމުން މިރެއަށްޓަކައި މިކީގެ ރީއްޗަށް އޮމާންކޮށްފައި އޮތް އިސްތަށިގަނޑުން ބައެއް އެއޮތީ ހޭވިފައެވެ.

"ދަރިފުޅުގެ މޭކަޕްވެސް ތިހިރީ ކުޑަކޮށް ފޮހެވިފައެއްނު...ކޭކު ފަޅާ ގަޑިވެސް ޖެހިއްޖެ... އެކަމަކު ކޮންތާކުން ދަރިފުޅު ތިއައީ...؟ އަނެއްކާވެސް ފަރަހަ އަހާލިއެވެ.

"އާ ޓީޗާއަށް ބާއީ ބުނަން މިކީ ދިޔައީ... މަމީއަށް އެޓީޗާ އިންޓްރޮޑިއުސް ކޮށްދޭން ވެގެން އެވަރަކުން އިންވައިޓް ކުރީ.. އަސްލު ފެއާވެލް ޕާޓީއަކަށްވެސް މިރޭ މި ޕާޓީ ހަދަންކަމަށް މިކީ އުޅުނީ... އެކަމަކު ޓީޗާ ވަރަށް އަވަހަށް ދާން ޖެހުނީ... އެހެންވެ މިކީ މިއައީ ޓީޗާއާއެކު ގޯޅި ނިމޭ ހިސާބަށް ގެންގޮސް ސަލާންކޮށްފަ ގުޑްލަކް ކިޔާފަ...."

"ދަރިފުޅު ނުބުނެ ދިޔައީމަ ޑެޑީ އާއި މަމީ ދަރިފުޅު ގެއްލިގެން މުޅި ގެ ހޯދައިފިން... އެކަހަލަ ކަމެއް ދެން ނުކުރައްޗޭ.. މަމީއަށް ނާންގާ ތަންތަނަށް ނުދައްޗޭ.. މަމީ އެހެރީ ކަންބޮޑުވެގެންގޮސް ރޮވިފަ..."

ޝިވަންގެ ވާހަކަ އަޑު އިވުމުން މިކީ ފަރަހަގެ މޫނަށް ބަލާލިއެވެ. އަދި ފެންކަޅިވެފައި ހުރި ފަރަހަގެ ލޮލާއި ހަތަރުކަޅި ހަމަވުމާއެކު ދެރަވެއްޖެއެވެ.

"އަޅެ ވަރަށް ވަރަށް ސޮރީ.. މިކީގެ ލޯބިލޯބި މަންމާ... މާފުކުރޭ ޕްލީޒް..."

މިކްޔަލް ކަމަކާ މާބޮޑަށް ދެރަވުމުން އަބަދުވެސް މަންމީ ނުވަތަ މަމީގެ ބަދަލުގައި ފަރަހައަށް ގޮވާނީ މަންމާއޭ ކިޔާފައެވެ. ކިތަންމެ އިނގިރޭސި ބަހަށް ފަރިތަކަމަށްވާތީ ގިނައިން އިނގިރޭސި ބަސްތައް ބޭނުން ކުރިޔަސް، މާފަށް އެދުން، ލޯބިވެއޭ، މި ދެބަސް އަބަދުވެސް މިކީ ބުނާނީ ދިވެހިންނެވެ. އެއީ ފަރަހަ މިކީ ވަރަށް ކުޑަކުޑައިރު ދެއްކި ވާހަކައެއްގެ އަސަރުކަމަށްވެސް ވެދާނެއެވެ.

ކޮންމެއަކަސް ދަރިފުޅުގެ މި ލޮބުވެތި އަދާއިން ފަރަހަގެ ހިތް ފުރިގެންދިޔައެވެ. ރޭގެ ވަގުތު މާބޮޑަށް ލަސްނުވަނީސް ޕާޓީގެ ބާކީ އޮތް ރަސްމުތައް ނިންމުމަށް މިކީ ގޮވައިގެން ދެމީހުން ހިނގައިގަތީ ކޭކާ ދިމާއަށެވެ. އޭރު ޕާޓީގެ އެކި ދިމަދިމާލުގައި ތިބި މީހުންނާއި ކުދިން ކޭކު ފަޅާ ތަނަށް ގެނައުމަށް ޒިލާ އުޅެއެވެ.

ޕާޓީ ނިމި އެންމެ ފަހުން ގެއަށް ދިޔައީ ދެ އާއިލާގެ މީހުންނާއި ޝިވަންމެނެވެ. އެ އެންމެން ދިއުމުން މިކީއާއި ފަރަހަ ގޭގައި އަނެއްކާވެސް އެކަނިވީއެވެ. ގޯތިތެރޭގައި ޕާޓީއަށް އެތުރި މޭޒުތަކާއި ގޮޑިތައް ރޫޅާ ގެންދިއުމުގެ މަސައްކަތުގައި ތިބި ތިން ބިދޭސީންނަށް ދެން ހުރި ކަންތައް ކުރަންވީ ގޮތް ކިޔައިދޭން ހުރި ފަރަހަ ގާތުގައި ހުރި މިކީ މަންމައަށް ގޮވާލިއެވެ.

"މަމީ.. މިކީ ދަނީ ކުޑަކޮށް ފްރެޝްވެލައިގެން ނިދަން ތައްޔާރުވާން... އޯކޭތަ...؟" ނިންޖަށް ވަރުބަލިވެ އާފުރެމުން މިކީ އަހާލިއެވެ. ފަރަހަ ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ.

"ދަރިފުޅު ދޭ ނިދަން ތައްޔާރުވާން.. މަމީ ހަމަކުޑަކުޑަ އިރުކޮޅެއްގެ ތެރޭ މިކަންތައް ނިންމާފަ ބުއްތަށި ހިފައިގެން މިދަނީ އިނގޭ..."

އެވަރަށް ބޮޑުވެފައި ހުއްޓަސް އަދިވެސް ފަރަހައަށް އޭނާގެ ދަރިފުޅަކީ ތުއްތު ކުއްޖެކެވެ. ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން ފިނި ކިރުތައްޓެއް ދަރިފުޅަށް ބޯންދޭ ފަދައިން އެއީ ހުދު ފަރަހަގަވެސް އާދައެކެވެ. ނިދުމަށް ނުހަނު ފަސޭހަވާ ކަމަކަށްވާތީ މިކީވެސް އެކަމާ ދެކޮޅެއް ނުހަދައެވެ.

ގޭތެރޭގެ ކަންތައް ހަމައަކަށް އެޅުވުމަށް މާގިނަ ވަގުތެއް ނުނަގައެވެ. ބަދިގޭގެ ކަންތައް ގާތްގަނޑަކަށްހެން އޮތީ ނިމިފައެވެ. ޑަސްބިންތައް ބޭރުކޮށް ކުނިއުކާ މީހަކު ގެނެސް އުކާލުން ނޫނީ ގޭތެރޭގައި އެއްވެސް ކަމެއް ބާކީ ނެތެވެ. ގަޑިއެއްހާއިރު ކުރިން އޭނާ މިކީގެ ކޮޓަރިއަށް ގޮސް ކިރުތަށި ބޯންދީ މިކީ ނިންދަވަން ބާއްވާ ރަޖާ އަޅާފައި އަނެއްކާވެސް މިކަންތައް ނިންމުމަށް ބޭރަށް ނުކުތީ ގޭތެރެ ސާފުކޮށްފަ ނޫނީ އޭނާއަށް ހަމަޖެހިގެން ނުނިދޭނެތީވެއެވެ.

ގޭތެރޭގެ ހުރިހާ ކަމަކުން އަވަދިވެގެން ފެންވަރާލުމުން ވެފައި ހުރި ވަރުބަލިކަންވެސް ފިލިހެން ފަރަހައަށް ހީވިއެވެ. މަޑު ވިލުނޫކުލައިގެ ކުރުތާއަކާއި ހަރުވާޅުގައި ނިދަން ތައްޔާރުވެގެން ހުރި ފަރަހަ ހުއްޓިލީ ލޯގަނޑު ކުރިމައްޗަށެވެ. ދާދި ދެންމެއަކު ހެއާ ޑްރަޔާއިން ހިއްކާފައި އޮތް ދިގު އިސްތަށިގަނޑުގައި އަތްފުނާ އަޅަމުން ފަރަހަ އޭނާގެ ސޫރައަށް ބަލާލިއެވެ.

އުމުރުން ދެބައިވިޔަސް އަދިވެސް ފަރަހަގެ ރީތި ކަމަކަށް ބަދަލެއް ނާދެއެވެ. ފަންސަވީހަކަށް އަހަރުހެން ހީވާ މޫނުމަތިން ކޮންމެވެސް ނުފިލާ ހިތާމައެއްގެ އަސަރު ފެންނަން ހުއްޓެވެ. މިރޭ އޭނާގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. އެހެންކަމުން ކޮޓަރިން ނުކުމެގެން ފަރަހަ ހިނގައިގަތީ ލިޔާ ކޮޓަރި ނުވަތަ މިގޭގެ ލައިބްރަރީއާ ދިމާއަށެވެ.

ކުޑަކުޑައިރުއްސުރެ ފޮތް ކިޔުމަށް ހުންނަ ޝައުގުގެ ބޮޑުކަމުން ބައްޕަ ފަހަރަގެ ކައިވެނީގެ ހަދިޔާއަކަށް މިގޭގައި ހާއްސަ ލައިބްރަރީއެއް ހަދާފައި ހުރެއެވެ. ކޮންމެ އުފަން ދުވަހެއްގައި ބައްޕަ ދޭ އެންމެ އަގުބޮޑު ހާއްސަ ހަދިޔާއަކީ އެކިކަހަލަ ފޮތްތަކެވެ. އެހެންކަމުން އެ ފޮތްތަކާއި އަދި އިތުރަށް އެ ކޮޓަރީގަ ހަދާފައި ހުރި ފޮތްހަރުތަކުގައި ފުރެންދެން ފޮތް ހުރެއެވެ. އެއީ ފަރަހަގެ ހިތަށް ހަމަޖެހުން ލިއްބައިދޭ އޭނާގެ ހާއްސަ ތަނެވެ.

ލައިބްރަރީއަށް ވަދެގެން ގޮސް އިނގިރޭސި ވާހަކަ ފޮތްތައް ހުރި ހަރުގަނޑު ގާތަށް ފަރަހަ ހުއްޓިލިއެވެ. މިތަނުގައި ގިނަވާނީވެސް ފަރަހަ ކިޔާފަ ހުރި ފޮތްތަކެވެ. ކުޑައިރުއްސުރެ ފޮތްކިޔުމުގެ ޝައުގު އޭނާގެ ގައިގާ ހުންނަ ވަރަކީ ތަނަކުން މަޖައްލާއެއްގެ ގަނޑެއް އުކާލާފައި އޮންނަތަން ފެނިއްޖެއްޔާ އެވެސް ނަގައިގެން ކިޔުމެވެ. އެހެންކަމުން އޭނާގެ މައުލޫމާތުގެ ހަޒާނާ ފުދޭވަރަށް މުއްސަންޖެވެ. ފަރަހަގެ ފަރާތުން މިއާދަ މިކްޔަލްއަށްވެސް ލިބިފައިވެއެވެ. ސުކޫލުން ގެއަށް އައިސް މެންދުރު ކުޑައިރުކޮޅަކަށް ނިދުމަކީ މިކީގެ އާދައެކެވެ. ހޭލައިގެން މަންމައާއެކު މިކީވެސް މި ލައިބްރަރީއަށް ފޮތް ކިޔަން އާދެއެވެ. އަދި ބައެއް ދުވަސްދުވަހު އެކަނިވެސް މިތަނަށް މިކީ އާދެއެވެ. ކުރުގޮތަކަށް ބުނާނަމަ މިއީ އެ ދެމައިންގެ ފޫހިފލުވުމުގެ ހާއްސަ މަންޒިލެވެ.

ފޮތްހަރުގަނޑުގައި ހުރި އެކިކަހަލަ އިނގިރޭސި ވާހަކަތަކުގައި އިނގިލި ޖައްސަމުން ގޮސް ކުއްލިއަކަށް ހުއްޓިއްޖެއެވެ. އެއީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ސިޑްނީ ޝެލްޑަންގެ "އަ ޕާފެކްޓް ސްޓްރޭންޖާ" އެވެ. ވާހަކަފޮތް ނަގާ ފަރަހަ އެފޮތަށް ބަލާލީ ކޮންމެވެސް ކަހަލަ ތަފާތު ހިނިތުންވުމަކާއެކުގައެވެ. މިއީ ހާއްސަ ފޮތެކެވެ.

މިފޮތުގައި އޭނާ އެންމެ ފަހުން އަތްލީ މިގޭގައި މި ލައިބްރަރީ ތައްޔާރުކުރި ދުވަހު ފޮތްތައް އެތުރުމުގެ ތެރޭގައި ކަންނޭނގެވެ. އޭގެ ކުރިން މިފޮތަކީ އޭނާގެ ހާއްސަ ފޮތްރެކުގެ ތެރޭގައި އޮތްއިރުވެސް އެންމެ ފަހަރަކު ކިޔުމަށްފަހު ކޮންމެވެސް މީހަކު މިފޮތް ގެންދިޔަ ކަމަށް ހީވެފައި އޮތް ފޮތެކެވެ. އެ ދުވަހު ލައިބްރަރީއަށް ފޮތްތައް ގެނެސް ހެދިއިރުވެސް މިފޮތް ސީދާ އަޅައިގެންފައެއް ނެތެވެ. ހަގީގަތުގައި މިވާހަކަ ފޮތް އަތުން ގެންދިޔަ މީހާ ގެނައި ކަމެއް އޭނައަކަށް އެނގިފައެއްވެސް ނެތެވެ. ފޮތް ހިފައިގެން ފަރަހަ ގޮސް އިށީނީ ސޯފާގައެވެ.

މި ކޮޓަރީގައި ސޯފާސެޓަކާއި ކުޑަ ބިއްލޫރި މޭޒެއްގެ އިތުރަށް ލިޔާ މޭޒަކާއި ތިންގޮޑި ބަހައްޓާފައި ހުރެއެވެ. ޒީނަތްތެރި ކުރުމުގެ ގޮތުން ކުޑަބިއްލޫރި މޭޒުމަތީގައި މަލުގެ ގުލްދަސްތާއެއް ބަހައްޓާފައި ހުރެއެވެ.

ފަރަހަ ފޮތް ހިފައިގެން ބޯދަށަށް ކުޝަންބާލީހެއް ލައްވައިގެން އެއްފައި ކުރުކޮށް އަނެއްފައި ދަމާލައިގެން ސޯފާގައި އޮށޯވެލިއެވެ. އަދި ފުންނޭވާއެއްލަމުން ފޮތް ހުޅުވާލިއެވެ. ހުޅުވާލި ފޮތުގެ ތެރެއިން ފަރަހަގެ މޭމައްޗަށް ކޮންމެވެސް އެއްޗެއް ވެއްޓިއްޖެއެވެ. ފަރަހަ ފޮތް ދުރުކޮށްލައި އެއީ ކޮން އެއްޗެއްތޯ ނަގާ ބަލާލިއެވެ.

ތުނި ރީތި ކަރުދާސްކޮޅެކެވެ. ހަތަރު ފަށަށް ފަށް ޖަހާފައި އޮތް ތުނިތުނި ނޫކުލައިގެ ކަރުދާސްކޮޅެކެވެ. ފަރަހަގެ މޫނުގެ ކުލަ އޮއްސިއްޖެއެވެ. އޭނާގެ އަތުގެ ތުރުތުރު އަޅަމުންދިޔަ އިނގިލިތަކުން ގަނޑު ނަގާ ފޮތް ކައިރީގައި ހުރި މޭޒުމަތީގައި ބޭއްވިއެވެ، ކަރުދާހުގެ ހަތަރު ފަށުން ނިއުޅާލެވުނު އިރު މުޅިން ނިއުޅާ ނުލެވެނީސް ބޭރުގައި ލިޔެފައިވާ ކުދި ރީތި ތާނައަކުރުތައް ފަރަހަގެ ހިއްސުތައް ހާސްކޮށްލިއެވެ. އިހުތިޔާރަކާ ނުލާ ފުންމައިގެން ތެދުވެވިއްޖެއެވެ. މުޅި މީހާ އެއާކޮންޑިޝަންގެ ފިނީގައިވެސް ދާހިއްލަން ފަށިއިފިއެވެ.

"ޖާދޫ ތޭރީ ނަޒަރް ހުޝްބޫ ތޭރާ ބަދަން

ތޫ ހާނ ކަރް...ޔާ ނާ ކާރް...ތޫ ހެ މޭރީ ޒުނީ"

ބޭރުގައި ލިޔެފައި އޮތް އެކަޑި ކިޔާލުމުން ފަރަހަގެ ހިތާއި ސިކުނޑި އެކުއެކީގައި ތެޅިފޮޅިގަތް ކަހަލައެވެ. ހިތުގެ ކަނެއްގައި އަހަރުތަކަކަށް ކަފުންކޮށް ވަޅުލާފައިވާ އެ ހުރިހާ ހަނދާންތަކެއް އޮޅިގަތެވެ. މުޅި ދުނިޔެއަށް ސިއްރުން އޭނާ ބިނާކުރި އެރީތި ގަނޑުވަރު ފުޑުފުޑުވެ ގޮސް ވައިގެ ތެރެއަށް ބުރައިގެން ދިޔަ ކުޑިތަކެއްހެން ގެއްލިގެން ދިޔައެވެ. މަޑުމަޑުން ފަރަހަ އެ ކަރުދާސްގަނޑު ނިއުޅާލިއެވެ.

އޭގައި އެވަނީ އެއަތު ލިޔުމެވެ. އެއީ ކުރު ނޯޓެކެވެ. އޮތީ ވަރަށް ކުރު ދެތިން ޖުމުލައެކެވެ. އެކަމަކު އެ ދެތިން ޖުމުލައިގައި ފޮރުވިފައިވަނީ އެތައް ބައިވަރު ވާހަކަތަކެކެވެ.

"ތޫ ކިސީ އޯރްކީ ހޯނަޖާނާ ކުޗްބިކަރް ޖާއުގާ މޭދިވާނާ......

ނާޒު... އެހެން މީހެއްގެ މީހަކަށް ނާޒު ވާތަން ބެލުމަކީ އަހަންނަށް ދެވޭނެ އެންމެ ބޮޑު އަނިޔާ، އެކަމަކު... އޭރުން އަހަރެން ކޮންމެފަދަ ކަމެއްވެސް ކޮށްފާނަން.."

ފަރަހައަށް އެލަވައިގެ އެކަޑިއާއި އެ ދެތިން ޖުމުލަ ފެނުނީ އެތައް އަހަރަކަށްފަހުއެވެ. އެކަމަކު އެބަސްތައް އޭނާގެ ކަންފަތުގައި ތާޒާކަމާއެކު ހަރުލާފައި ހުންނަ ފަދައެވެ.

"ނާޒު...އަހަރެން ނާޒު މަތިން ހަނދާން ނައްތާލުމަކީ ވާނެކަމެއް ނޫން. އަދި ނާޒު އަހަރެން މަތިން ހަނދާން ނައްތާލުމަކީ އަހަރެންވިޔަ ދޭނެ ކަމެއްވެސް ނޫން.... ނާޒު ތީ އަހަރެންގެ ހަޔާތުގެ އެންމެ އަގުބޮޑު އަހަރެން އެންމެ ލޯބިވާ... އެގޮތަށް އަހަންނަށް ނާޒު ނުލިބޭނެ ދުވަހެއް އަތުވެއްޖެނަމަ.... އަހަރެން ނާޒު އަތުންވެސް އެންމެ ލޯބިވާ ލޮބުވެތި އެތި ޖަހައިގަންނާނަން...."

"ޖާދޫ ތޭރީ ނަޒަރް ހުޝްބޫ ތޭރާ ބަދަން... ތޫ ހާނ ކަރް ޔާ ނާ ކަރް....ތޫ ހެ މޭރީ ޒުނީ

ފަރަހަގެ ހިތާއި ސިކުނޑީގައި ރަނގަބީލު ޖެހެން ފެށީ އެ ޖުމުލަތަކެވެ. އިވެން ފެށީ އެލަވައެވެ. އެކަމަކު ފިލްމު "ޑަރް"އަށް އެލަވަ ކިޔާދީފައިވާ އުދިތުނާރަޔާންގެ އަޑަކުން ނޫނެވެ. ނިޔާޒުގެ އަޑުންނެވެ.

*********************** ***********************

{1998، އައްޑޫސިޓީ/ފަރަހަނާޒު، ނިޔާޒާއި ޝިވަންޝާހު

ސަދަން ސެކަންޑަރީ ސުކޫލް (މިހާރުގެ މުހިއްބުއްދީނު ސުކޫލް)}

"އޭތް....ބިއުޓީ...އިން ދަ ލައިބްރަރީ....ފޮތުފަނި...."

ވަރަށް ހަމަޖެހިލައިގެން ތާރީހީ ފޮތެއްގެ ތެރެއަށް ގެއްލިފައި، ސުކޫލު ލައިބްރަރީ ތެރޭގައި އިން ފަރަހަނާޒު ރުޅި އައިސްފައި ލޯއަޅާލިއެވެ. ކައިރީގައި ހުރީ ހަމައެކަނި އޭނާގެ ކުލާސް އެކުވެރިއެއް ނޫނެވެ. އެކަމަކު އޭނާއާއެކު ޕްރިފެކްޓް ކަމުގައި އެހީތެރިޔާވެސް މެއެވެ. އާއެކެވެ. ފަރަހައަކީ ސުކޫލު ކެޕްޓަނެވެ. ގާތުގައި ހުރީ ވައިސް ކެޕްޓަން ޒޫނާއެވެ.

"އަޅެ.. ކިތައް ދުވަހު ބުނާނީ.. މިއީ މަގޭ ޕްރައިވެޓް ވަގުތޭ.. ފޮތް ކިޔާ ގަޑީގަ އުނދަގޫ ކުރުން ރަނގަޅެއް ނޫން..."

"ކަމަނާގެ ބޯއިފްރެންޑް ޕްރިންސް ހެންޑްސަމް އެބަ ހޯދާ.. މިއައީ އޭނަ ފޮނުވައިގެން.. ވޮލީ ކެޕްޓަންގެ އަމުރަށް ބޯލަބަން ޖެހޭނެއެއްނު... " ޒޫނާ އަނގަހަދާލިއެވެ. ފަރަހަގެ ހިތްހަމަނުޖެހުން ބަދަލުވީ ހުނުމަކަށެވެ.

"އާނ އޭނަ ބުނެފިއްޔާ ދާންތާ ޖެހޭނީ... އެނޫނީ މިރޭ ނިދާކަށްވެސް ލާހިކެއް ނޫން... " ފޮތްތައް ނަގާ އެއްކޮށްލަމުން ފަރަހަ ވާހަކަދެއްކިއެވެ.

"އެވަރުވާއިރުވެސް ފަރޫ އެއްބަސް ނުވާތީ މައްސަލައަކީ..."

ފޮތްތައް ހަރުގައި ބަހައްޓާފައި ލައިބްރަރީން ނުކުންނަން ހިނގައިގަންނަމުން ފަރަހަ ދެފަރާތަކަށް ބޯހޫރާލަމުން ޒޫނާއަށް ބަލާލިއެވެ. އަދި ޗޮކެއް ކަޑާލިއެވެ.

"މަހިޔެނުކުރަން ޒޫނާވެސް އެހެން ސޭކު ކުދިން ދައްކާ މޮޔަ ވާހަކަ ދައްކާނެ ކަމަށް ... މަ ކޮންކަމަކާ އެއްބަސްނުވަނީ ދެން ކޮންކަމަކާ އެއްބަސްވާންވީ... ވޮލީ ކެޕްޓަން ޝިވަން ޝާހަކީ މަގޭ ބޯއިފްރެންޑް ކަމަށްތަ؟ އެހާ ހޭންޑްސަމް ރީތި ކުއްޖަކު ބޯއިފްރެންޑަކަށް ވުމަކީ ނަސީބުވެރިއެކޭ.. މިހެންތަ ކިޔަންވީ...؟"

"ވާހް... އަހަރެންގެ ހޭންޑްސަމް ކަމުގެ ވާހަކަ ދައްކަނީދޯ... ޝުކުރިއްޔާ.. މަށަށްވެސް އެނގޭ މަށަކީ ވަރަށް ސްމާޓް ބޯއިއެއްކަން..."

ފަހަތުން އައިސް ކޮރިޑޯ ތެރެއިން ކުރިއަށް ހިނގަމުން ދިޔަ ފަރަހައާއި ޒޫނާއާ އަރާ ހަމަކޮށްކަމުން ވާހަކަދެއްކީ މުޅި ސުކޫލުގެ ރޫހޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހަމައެކަނި ސުކޫލެއް ނޫނެވެ. ރަށުގެ އެ ފުރައިގެ އަންހެން ކުދިންގެ ހިތުގެ ވިންދަކީވެސް އަދި ގިނަ އަންހެން ކުދިން ރަށުގެ އެކި ހިސާބުތަކުގައި ބާއްވާ ވޮލީ މުބާރާތްތައް ބަލަންދާ ސަބަބަކީވެސް އެއީއެވެ.

ސަތާރަ އަށާރަ ވަރަކަށް އަހަރުގެ ޝިވަން ޝާހަކީ ޝާހުޓެކްސްޓައިލްސްއާއި ޝާހްޓެކްސީފަދަ މުޅިއަތޮޅުގެ ވިޔަފާރީގައި އެންމެ ފުންނާބުއުސް ޝާހުގައިސަރުގެ ހުރި ހަމައެކަނި ދަރިފުޅެވެ. ގްރޭޑް އެކަކުން ފެށިގެން ފަރަހަނާޒާއި ޝިވަންޝާހު ކިޔަވަމުން އައީ އެއް ކުލާހެއްގައެވެ. ދެ ކުދިންގެ ގާތްކަން ބޮޑުވަމުން އައި އެކުވެރިކަން ފެނުމުން ދެ އާއިލާ ދެމެދުގައި މާކުރިއްސުރެ އޮތް ވިޔަފާރީގެ ގުޅުމާއި ރަސްމީ އެކުވެރިކަމުން އާއިލީ ގާތް ކަމަށް ބަދަލުކޮށްލަންޖެހޭކަން ދެ އާއިލާއަށް އިހުސާސްވެއްޖެއެވެ. ޒުވާންވަމުން އަންނަ ދެ ކުދިންގެ ގާތް އެކުވެރި ރަހުމަތްތެރިކަމަކީ މީހުންގެ ކުރިމައްޗަށް ދެއްކޭ ކުލައެއްކަމާއި ހަގީގަތަކީ މުޅިން އެހެން ގުޅުމެއް ކަމަށް ދެފަރާތުގެ އާއިލާ ނިންމި ކަމެއް އަަދި ދެ ކުދިންގެ ސުކޫލު ނިމުނުހާ އަވަހަށް އެ ދެކުދިންގެ ކައިވެނި ކުރުމަށް ހަމަޖެހި ނިމިފައިވާ ކަމެއް އެ ދެކުދިންނަކަށް ނޭނގެއެވެ.

"އޭ... މިސްޓަރ އޯވާކޮންފިޑެންސް.. މޮޔަވީތަ...؟" ފަރަހަ ދެބުމަ ގޮށްޖަހަމުން ޝިވަނަށް ބަލާލިއެވެ.

"އަސްލު މަށެއް ނޫނެއްނު މޮޔައީކީ...؟ ފަރޫއަކީ ކުޑަކޮށް ސިކުނޑި މުޅިއަކުން ހަމަޖެހޭ ކުއްްޖެއް ނޫން... އެކަން އެނގޭތީ ކަންނޭނގޭ މަ މިއޮއް ހޭންޑްސަމް ބޯއިވެސް ފަރޫ ފަސްފަހަތުން މިއުޅެނީ... ގަބޫލުކޮށްގެން ބަލައިގަނެގެން... ބަލި ކުދިން ލިބުނީމަ މައިންބަފައިންވެސް ލޯބިން ގެންގުޅެނީތާ، ކިތަންމެ އުނދަގޫ ކުރިއަސް އެމީހުން ލޯބިވެއެއްނު..." ފަރަހަ ހަމަ އަނގައިންވެސް ނުބުނެ ކޮރިޑޯ ތެރެއިން ކުރިއަށް ހިނގަމުންދިޔައެވެ.

ވާހަކަދައްކަމުން ދައްކަމުން ޝިވަން ފަރަހަގެ ކޮނޑަށް އަތްވައްޓާލިއެވެ. ދެންވެސް ފަރަހަ އަޅައެއްނުލިއެވެ. ޒޫނާއަށް ފަރަހަގެ މޫޑު ގޯސްވެފައި ހުރިކަން އެނގޭތީ ޝިވަންގެ ގައިގަ ފަހަތުން ބުރަކަށީގައި ވިކައިގަތެވެ. އޭރު އެމީހުނަށް ނޯޓިސްބޯޑާ އަރާ ހަމަ ކުރެވިއްޖެއެވެ. ހާއްސަ ދެންނެވުންތަކާއި އިއުލާންްތައްވެސް ހުއްޓެވެ. ބޯޑަށް ސަމާލުކަމެއް ނުދީ ފަރަހަ ކުރިއަށްދާން ކަމަށް ފިޔަވަޅު ނެގިތަނާހެން އޭނާގެ މުލައްދަޑީގައި ހިފާ މަޑުކުރިވީ ޒޫނާއެވެ.

"އޭތް... އާ މިޔުޒިކް ޓީޗަރުގެ ކުލާސްތައް މިރޭ ފަށާ ވާހަކަ އިއުލާންކޮށްފަ މިއޮތީ.. ދާންދާން ކިޔާފަ އަންނާނަންތަ...؟" ޒޫނާ އަހާލިއެވެ. ފަރަހައަކީ މިޔުޒިކަށް ފޯރި ހުންނަ ކުއްޖެކެވެ. ނަމަވެސް ސުކޫލުގެ މިއުޒިކް ކުލާސްދާ ގޮތާމެދު އޭނާ ހިތްހަމައެއް ނުޖެހެއެވެ.

"އާޓީޗަރޭ.. ހާހް.. މިއަހަރުވެސް ދެވަނަ ޓީޗަރު މިޔުޒިކަށް އެގެނައީ... ކިހާ ދުވަހެއް ވާނެބާ...؟" ފޫހި ރާގަކަށް ފަރަހަ ބުނެލިއެވެ.

"ހިނގާ ބޮޑާނުހާކާ ކުލާހަށް ނަންނޯޓުކުރަން... ފަރޫ ނުގޮސް ކުލާސް ހަމައެއްވެސް ނުޖެހޭނެ... ކެޕްޓަނާއި ވައިސް ދާން ޖެހޭނެ ސުކޫލުގެ ކަންތަކުގައި ބައިވެރިވާން މަޖުބޫރު ބައެކޭތީ..." ޝިވަން ފަރަހަގެ ހިތްހަމަނުޖެހިފައިވާ މޫނަށް ބަލާލަމުން ބުނެލިއެވެ. ކުލާހަށް ޝިވަން ދާނެ ވާހަކަ ބުނުމުން ފަރަހަގެ މޫނުން އުފާވެރިކަމުގެ ކުލަވަރު ފާޅުވިއެވެ.

"ހަމައަސްލު.. ދާނަންތަ...؟" ފަރަހަ ޝިވަންގެ އަތުގައި ހިފަމުން ފަރަހަ އުފާވެފައި އަހާލިއެވެ.

"އާނއެކޭ.. ރޭގަނޑެއްނު ކުލާސްތައް އޮންނާނީ... ފަރޫ އެކަނި ފޮނުވާކަށް ސޮފިއްތަ ހިތްހަމައެެއްނުޖެހޭނެ... ކޮންމެ ގޮތެއް ވިޔަސް އަހަރެން އަންނަން ޖެހޭނެ ފަރޫ ލައި ހޯދަން... އެއަށްވުރެ މާފަސޭހައެއްނު.. ކުލާހަށް ދިޔައިމަ....."

"ހިނގާ އޮފީހަށް ނަންނޯޓްކުރާ ފައިލު ބަލާދާން.... އިންޓަވަލް ނިމޭގަޑިއަށް ސުކޫލުގެ ސީނިއާ ކުލާސްތަކަށް ގޮސް ނަންނޯޓުކޮށް ނިންމާލެވޭނެ އެއްނު..." ޒޫނާ ފަރަހައަށް ބުނެލިއެވެ.

"އޭހހ... ފްލާޓް ކުރާކަށް ނޫން ދާންވީ.... އަހަރުންނާއެކު ލިސްޓު ތައްޔާރުކުރަން ހިނގާ.... މިހާރު ދެން މީނަގެ ކަންތައްވެސް ވަރަށް ބޮޑުވެއްޖެ.... ސަލާން ފޮނުވާ ކުދިންގެ ތެރޭގައި ސާދައަހަރު ނުފުރޭ ކުދިންނޭ ގިނައީ... ރައުނާއްތައަށް އެނގޭބާ..."

ޝިވަންއަށް ހީނގަނެވުނެވެ. އެ ކުދިން ނޯޓާއި ސިޓީއާއި މާބޮޑިތަކާއި އޭތިމީތި ފޮނުވަނީ އޭނާ ކީއްކޮށްގެން ހެއްޔެވެ. އެކަން ހުއްޓުވަން އޭނާ ވަކިކުރާނީވެސް ކީއްހެއްޔެވެ.

"އަދި ހަނދާން ނެތިފައޭ މިހިރީ.... މި ހަފުތާ ހުކުރު ދުވަހު މުބާރާތް ފެށޭނެ..." ޝިވަން އޭނާގެ ވޮލީ މެޗުތަކުގެ ވާހަކަދައްކަމުން ތިން ކުދިން، ނޯޓިސް ބޯޑު ކައިރިން ސުކޫލުގެ އޮފީހާ ދިމާއަށް ތިން ކުދިން ހިނގައިގަތެވެ.

(ނުނިމޭ)