ދުނިޔެ

އަދުގެ ދުނިޔެ: ވެރިކަންކުރަން ދަތިވީމާ ޓިއުނީޝިޔާގެ ރައީސަށް ގޯސްވަނީ ވެރިކަމުގެ ނިޒާމެވެ.

އިމާދު ލަތީފު

ދުނިޔޭގެ ގައުމުތަކުން ދެވައްތަރެއްގެ ވެރިން ފެނެއެވެ. އެއްވައްތަރަކީ އެތަނެއްގައި ވެރިކަން ބައްޓަންވެ ތަރުތީބުވެފައި އޮންނަ ނިޒާމަށް ފެތިގެން، ތަބާވެގެން ހެޔޮވެރިކަމެއް ކުރެވޭތޯ ގަދައަޅާ ވެރިންނެވެ. އެފަދަ ވެރީންނަށް ނިޒާމުގެ މައްސަލައެއް ނޯވެއެވެ. އަދި ނިޒާމަކީ ވެރިކަން ކުރުމަށް އެޅޭ ހުރަހަކަށްވެސް ނުވެއެވެ. އަނެއް ވައްތަރަކީ އެމީހެއްގެ ނިޔަތާއި ޒާތަށް ފައްތައިގެން މުޅި ނިޒާމު ގަޔަށް ހެޔޮވަރުކުރަން މަސައްކަތްކުރާ ވެރިންނެވެ. ކުރަން ބޭނުންވާ ކަންކަން ކުރެވޭގޮތްނުވީމާ އެފަދަ ވެރިންނަށް މުޅި ނިޒާމު ގޯސްވެއެވެ. މަސްނުބޭނުނީމާ ކަނޑު ގޯސްވާ ބީދައިންނެވެ. އެހެންވީމާ ދެން ދިމާކުރަނީ ނިޒާމު ބަދަލުކުރުމަށެވެ. މިކަހަލަ މިސާލުތައް ދޭތެރެ ދޭތެރެއިން ފެނެއެވެ. އެންމެފަހުން މިހަފުތާގެ ހޯމަދުވަހު މިކަހަލަ މަންޒަރެއް ފެނިގެންދިޔައީ އުތުރު އެފްރިކާގެ އަރަބި ގައުމެއްކަމަށްވާ ޓިއުނީޝިއާއިންނެވެ.

ޓިއުނީޝިޔާގެ ރައީސް ގައިސް ސައީދަށް އެތާގެ ނިޒާމު ގޯސްވެއްޖެއެވެ. އެނިޒާމަށް ވެރިކަން ކުރައްވަން ދަތިފުޅުވެއްޖެއެވެ. އެހެންވީމާ އޭނާ ބޭނުންފުޅުވާ ގޮތަށް ވެރިކަން ކުރެއްވޭނެ ގޮތަށް ފަރުމާކުރެވިފައިވާ ގާނޫނުއަސާސީއެއް ލިޔުއްވައިފިއެވެ. ހޯމަދުވަހު އެގައުމުގެ ރައްޔިތުން ވަނީ އައު ގާނޫނުއަސާސީ ބަލައިގަތުމާމެދު ފެންނަ ނުފެންނަ ވޯޓެއް ދީފައެވެ. ސައީދުގެ ގާނޫނުއަސާސީ ބައްޓަން ކުރެވިފައިއޮތީ މިހާރުގެ ހައިބްރިޑް ބަރުލަމާނީ ނިޒާމާއި އެނިޒާމުން ބާރުއަޅާ ވެރިކަމުގެ ބާރުތައް ހިއްސާކުރުމުގެ އުސޫލުތައް ކަފުންކޮށް ރައީސްގެ މުށުތެރެއަށް ހުރިހާ ބާރެއް ޖަމާވާގޮތަށެވެ. ސައީދު ގަބޫލު ކުރައްވާގޮތުގައި އައު ނިޒާމުގެ ސަބަބުން އޮޅުންބޮޅުން ކުޑަވާނެއެވެ. ވެރިކަންކުރަން ފަސޭހަވާނެއެވެ. ހުސްވިއަހަރު ދިމާވިކަހަލަ ސިޔާސީ މައްސަލަތަކަށް ޖާގަލިބުން ކުޑަވާނެއެވެ.

ވޯޓަކާއި ހަމައަށް ދިޔައިރު ރައްޔިތުން ތިބީ ތިންބަޔަކަށް ބައިވެފައެވެ. އެއްބަޔަކީ ރައީސްގެ ފިކުރަށް ތަބާވާ މީހުންނެވެ. ނިޒާމު ބަދަލުކުރަން ފެންނަ މީހުންނެވެ. ދެވަނަ ބަޔަކީ އެގޮތް ނުފެންނަ މީހުންނެވެ. ނިޒާމު ބަދަލުކުރުމާ ދެކޮޅު މީހުންނެވެ. އެންމެފަހު ބަޔަކީ ކުރިން ބަޔާންކުރެވުނު ދެގޮތުންކުރެ އެންމެ މޮޅީ ކޮންގޮތެއްކަން ކަނޑައަޅަން ދަތިވެފައިވާ މީހުންނެވެ. ޝައްކާއި އޮޅުމުގެ ތެރޭގައި ތިބި މީހުންނެވެ. ނިޒާމު ބަދަލުކުރަން ނުފެންނަ މީހުން ގަބޫލުކުރާ ގޮތުގައި ވެރިކަން ހިންގުމުގެ ބާރާއި ގާނޫނުތައް ހެދުމުގެ ބާރާއި އިންސާފު ގާއިމުކުރުމުގެ ބާރު އެކެއްގެ މުށުތެރެއަށް ޖަމާވުމަކީ ގޯހެކެވެ. އޭރުން މަގުކޮށިގެންދާނީ ޚުދުމުޚުތާރު ޖައްބާރު ވެރިކަމަކަށެވެ. ފެށިގެންދާނީ ޒިންމާދާރުކަމެއްނެތް އަނިޔާވެރި ވެރިކަމެކެވެ.

ޑިމޮކްރަސީއަކީ ގިނަ އަރަބީންނަށް އަދިވެސް ވަރަށް ބިރައްޓެހި އެއްޗެކެވެ. ގިނަތަންތަނުގައި ޑިމޮކްރަސީގެ ކަންފުޅެއްވެސް، އަސަރެއްވެސް ނޯވެއެވެ. މީގެ މިސާލަކީ ސައޫދީ އަރަބިޔާއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއެވެ. ބައެއް ތަންތަން ނަމުން ޑިމޮކްރަޓިކެވެ. އޭގެ މިސާލުތައް ފެންނަނީ މިސްރާއި އިރާގުފަދަ ތަންތަނުންނެވެ. ކަމުން ޑިމޮކްރަސީ ފެންނަނީ ވަރަށް މަދުތަނެއްގައެވެ. ދެތިން ގައުމެކޭވެސް ބުނެވިދާނެއެވެ. އަރަބި ބަހާރަށްފަހު މިހާތަނަށް ޓިއުނީޝިއާ ހިމެނިފައިއޮތީ ކަމުންވެސް ޑިމޮކްރަޓިކް ގައުމެއްގެ ގޮތުގައެވެ. ރައީސް ގައިސް ސައީދު މިހާރު އެއުޅުއްވަނީ އެގައުމުގައި ކުރިން ވެރިކަން ކުރެއްވި ހަބީބު ބޫގީބާޔާއި ޒައިނަލްއާބިދީން ބިންއަލީ ފަދައިން އެންމެހައި ބާރުތައް މިލްކުކުރައްވައި ޚުދުމުޚުތާރު ވެރިކަމެއް ކުރެއްވުމަށެވެ.

ޓިއުނީޝިޔާއަށް ޑިމޮކްރަސީ ތައާރަފުވީ 2011 ވަނަ އަހަރު ޒައިނަލްއާބިދީންގެ ވެރިކަން މުލުން ލުހެވި ރައްޔިތުން ބާރުވެރިވި ހިސާބުންނެވެ. އޭގެފަހުން ވުޖޫދުކުރެވުނު ގާނޫނުއަސާސީގެ ދަށުން ހުރިހައި ހައްގުތަކެއްވަނީ ދެވިފައެވެ. ވެރިކަން ހިންގުމުގެ ބާރާއި ގާނޫނުތައް ހެދުމުގެ ބާރާއި އަދުލުއިންސާފުގެ ބާރު ވަނީ ވަކިކުރެވިފައެވެ. ރައީސަކަށް ހުންނަވާ ބޭފުޅަކާއި ބޮޑުވަޒީރަކަށް ހުންނަވާ ބޭފުޅަކު ވެރިކަމުގެ ޒިންމާތައް އަދާކުރައްވަން ޖެހެނީ އިންތަކާއި މިންތަކެއްގެ ތެރެއިން ކަންކަން ހިއްސާކޮށްގެންނެވެ. މިނިޒާމުގެ ދަށުން މިހާތަނަށް ބޭއްވުނު އިންތިޚާބުތައްވެސް އިންސާފުވެރިއެވެ. ޑިމޮކްރެޓިކެވެ. އެހެންނަމަވެސް ކޮވިޑުގެ ކަންކަމާއެކު ތަދުމަޑުކަން ފެތުރި ސިޔާސީ ކޯޅުންތައް ވަނީ ހައްދުން ނެއްޓިފައެވެ. ވެރިކަމަށް ސައީދު ވަޑައިގެންނެވީ މި ކޯޅުންތަކުގެ ތެރެއިންނެވެ.

ރައީސް ގައިސް ސައީދު ގަބޫލުކުރައްވާ ގޮތުގައި ހުރިހާވެސް މައްސަލަޔަކީ ނިޒާމުގެ މައްސަލައެވެ. ގާނޫނު ހަދާ މަޖިލީސް ބާރުވެރިވީމާ ހުރިހާ ނުފޫޒެއްގެ ހަގީގީ ބާރުވެރިކަން ލިބެނީ ވަގުންނަށެވެ. ގޭންގުތަކަށެވެ. ބޮޑުވަޒީރަކީ މުޖުރިމުންގެ ޚާދިމަކަށްވެއެވެ. އެކަން ނިމުމަކަށް ގެނެވޭނީ ރިޔާސީ ނިޒާމެއްގެ ތެރެއިން ރައީސަށް ހުރިހާ ބާރުތަކެއް ލިބިގެންނެވެ. އެންމެފަހު ބަސް ބުނުމުގެ ބާރު ރައީސަށް އޮވެފައި އެބަހަކީ ތަންފީޒުކުރުން ލާޒިމު ބަހަކަށް ހެދިގެންނެވެ. މިބަދަލު ގެނަޔަސް ޑިމޮކްރަސީ ދެމިއޮންނާނެއެވެ. ޑިމޮކްރަސީޔަށް ލޮޅުމެއް ނާރާނެއެވެ. ރައްޔިތުންގެ ހައްގަކަށް އުނިކަމެއް ނާންނާނެއެވެ. ގައުމަށް ހަމަޖެހުން އައިސް އުފާފާގަތިކަން ކަށަވަރު ކުރެވޭނީ ރައީސްގެ ބާރު ގަދަވެ ކަންކަން އަވަހަށް ތަންފީޒުކުރެވޭނޭ ގޮތް ތަނަވަސްކުރެވިގެންނެވެ. އޭނާ ކުރައްވާން އުޅުއްވަނީ މިމަސައްކަތެވެ.