އަމިއްލަ ނަފުސުގެ ރަައުޔުގެ މައްޗަށް ބިނާކޮށް އުސޫލުން ބޭރުން ކަންކަން ނިންމުމުން މުޖުތަމައުގެ މަސްލަހަތު ގެއްލިގެންދާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު މިހެން ވިދާޅުވެފައި ވަނީ ޔޯގާއަކީ ޝިރުކެއް ކަމަށް އަދާލަތު ޕާޓީ އާއި އިލްމުވެރިންގެ ގުޅުމުގެ 100 އަށްވުރެ ޝައިހުން ފަތުވާއެއް ނެރެފައި ވަނިކޮށެވެ.
އަމްރު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދީނުގައި ނެތް ކަންކަން ދީނުގެ ތެރެއަށް ވެއްދުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި ދީނުގައި ހަރާމް ނުވާ ކަންކަން ހަރާމްކުރުމަކީވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
"މީހަކު އެއްވެލާފައި ކަމެއް ހަރާމް ހަލާލް ކުރުމަކީ ދީނުގަ އެކަން އޮންނަ ގޮތެއް ނޫން. ދީނުގެ ކަންކަން ނިންމުމަށް ވަކި އުސޫލެއް އޮވޭ. އެ އުސޫލަކީ ފުރަތަމަ ޤުރުއާން، ދެން ރަސޫލާގެ ސުންނަތް އެއަށްފަހު އިލްމުވެރިންގެ އިޖުމާއު،" އަމްރު ވިދާޅުވިއެވެ.
ޔޯގާ ހަރާމް ކަމަށް އަދާލަތުން ބުނުމުން އެކަމާ އެންމެ ފުރަތަމަ ނުރުހުން ފާޅުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދު ވިދާޅުވީ، ޔޯގާއަކީ ޝިރުކެއް ކަމަށް އިލްމުވެރިންގެ އިޖުމާއުއެއް ނެތް ކަމަށާއި ވަކި ބައެއްގެ ފަލްސަފާއަކީ އިސްލާމް ދީނުގެ ހުކުމެއް ކަމަށް ބަލައިގަންނަން ދަތި ކަމަށެވެ.