ޚަބަރު

އެމެރިކާ ކުންފުންޏަކުން ޑަބްލިއު މޯލްޑިވްސް އާއި ޝެރެޓަން ރިސޯޓު ގަނެފި

ޔުނިވާސަލް އިން މިދިޔަ މަހު ވިއްކާލި ޝެރަޓަން މޯލްޑިވްސް އާއި ޑަބްލިއު މޯލްޑިވްސް ގަތީ އެމެރިކާގެ އިންވެސްޓްމަންޓް ފާމަކުންކަން ހާމަވެއްޖެއެވެ.

މެރިއޮޓް އިންޓަނޭޝަނަލްއާ ހަވާލުކޮށްގެން ޔުނިވާސަލް އިން ހިންގަމުން އައި ދެރަށް ވިއްކާލުމުގައި ބްރޯކާއެއްގެ ދައުރު އަދާކުރި އިންވެސްޓްމަންޓް އެޑްވައިޒަރު، ޖޭއެލްއެލް ކުންފުނިން މިދިޔަ މަހު ފަހުކޮޅު ވަނީ އެ ދެރަށް ވިއްކާލިކަން ހާމަކޮށްފައެވެ. ރާއްޖޭގައި ހުޅުވާފައިވާ ބާޒާރެއްގައި ހިންގި އެންމެ ބޮޑު އެއް މުއާމަލާތް ގޮތުގައި މި ދެ ރަށް ބޭރުގެ އަމިއްލަ އިންވެސްޓަރަކަށް ވިއްކާލިކަން ޖޭއެލްއެލްއިން އިއުލާނު ކުރި ނަމަވެސް ވިއްކާލި އަގާއި ވިއްކާލި ކުންފުނި އޭރު ހާމައެއް ނުކުރެއެވެ.

ނަމަވެސް ޓޫރިޒަމް ދާއިރާގައި އިންވެސްޓްކުރާ އެމެރިކާގެ ޕްރައިވެޓް އިކުއިޓީ ފާމެއް ކަމަށްވާ ކޭއެސްއެލް ކެޕިޓަލް އިން ވަނީ މި ދެރަށް ގަނެފައިވާކަން އިއްޔެ ހާމަކޮށްފައެވެ. ކޭއެސްއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދެ ރަށް ގަތީ ކޭއެސްއެލްއާ ގުޅުން އޮތް ކުންފުންޏަކުން ކަމަށެވެ. ނަމަވެސް، އެ ދެ ރަށް ގަތް އަގު އެ ކުންފުނިންވެސް ހާމައެއްނުކުރެއެވެ.

ކޭއެސްއެލްއިން ބުނި ގޮތުގައި، ދެ ރަށް ދެންވެސް ހިންގާނީ މެރިއޮޓްގެ މެނޭޖްމަންޓުގެ ދަށުންނެވެ. އަދި ރާއްޖެއަކީ ދުނިޔޭގެ ޕްރިމިއާ ލެއިޝާ ޓްރެވަލް ޓޫރިޒަމް މަންޒިލްތަކުގެ ތެރެއިން އެއް މަންޒިލް ކަމަށާއި މި ރިސޯޓްތަކަކީ މާކެޓުގައި ހުރި އެންމެ ރަނގަޅު ދެ ރިސޯޓު ކަމަށްވާއިރު މެރިއޮޓުން އެ ދެ ރިސޯޓް ހިންގުމަކީ ވެސް ލިބޭ އިތުރު ފައިދާއެއް ކަމަށް ކޭއެސްއެލްއިން އޭޝިއާ ޕެސިފިކް ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ އިންވެސްޓްމަންޓް ޑިރެކްޓަރު ސިދާންތު ޖުންޖުވާލާ ވިދާޅުވިއެވެ.

ކޭއެސްއެލް ކެޕިޓަލްއިން ވަނީ މީގެ ކުރިން ސޮނޭވާ ފުށި އަދި ސޮނޭވާ ޖާނީ ހިންގާ ސޮނޭވާ ގްރޫޕުގެ މައިނޮރިޓީ ޝެއާވެސް ގަނެފައެވެ. އަދި ގދ. އަތޮޅުގައި އޮންނަ ކޮނޮއްޓާ ރިސޯޓްވެސް ގަތީ ކޭއެސްއެލް އިންނެވެ.