ޔޯގާ އާއި އެއިރޯބިކްސް ފަދަ ކަސްރަތުތަކަކީ ގާނޫނުއަސާސީގައިވެސް އަދި އެއްވެސް ގާނޫނެއްގައި ވެސް އަދި އިސްލާމް ދީނުގައި ވެސް މަނާ ކަންކަމެއް ނޫން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
ހަސަން ލަތީފް މިހެން ވިދާޅުވެފައި މިވަނީ ޔޯގާއަކީ މުސްލިމުންގެ މައްޗަށް ހަރާމް ކަމެއް ކަމަށް ރާއްޖޭގެ 100 އަށްވުރެ ގިނަ ޝެއިހުން ވެގެން ފަތުވާއެއް ނެރުއްވާފައި ވަނިކޮށެވެ.
އެކަމާ ގުޅިގެން ހަސަން ލަތީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނި، "ޔޯގާ އާއި އެއިރޯބިކްސް ފަދަ ކަސްރަތުތައް އެއީ ގާނޫނުއަސާސީގައިވެސް އެއްވެސް ގާނޫނެއްގައިވެސް އަދި އަމުދުން އިސްލާމް ދީނުގައި ވެސް މަނާ ކަންކަމެއް ނޫން،" ކަމަށެވެ.
ޝެއިހުންވެގެން ނެރުއްވި ފަތުވާއަށް އިޝާރާތް ކުރައްވައި ހަސަން ލަތީފު ވިދާޅުވެފައި ވަނީ، އިސްލާމް ދީނުގައި ހަރާމް ނޫން ކަންކަން އެއީ ހަރާމް ކަންކަމަށް ހަދަން މަސައްކަތް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
ޔޯގާއަކީ ހިންދޫ ދީނުގެ އަޅުކަމެއް ކަމަށާއި އެއީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫން ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ވެސް މީގެކުރިން ވަނީ ބުނެފައެވެ. އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ރައްދު ދެއްވައިފައެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ޔޯގާއަކީ ޝިރުކެއް ކަމަށް ދަންނަ ބޭކަލުންގެ އިޖުމާއެއް ނެތް ކަމަށެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދަށް ފިޔަވަޅުއަޅަން އަދާލަތު ޕާޓީގެ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވަނީ ގޮވާލައްވައިފައެވެ.
ޔޯގާއަކީ މުސްލިމުންގެ މައްޗަށް ހަރާމް ކަމެއް ކަމަށް ކަނޑައަޅުއްވި އިލްމުވެރިންގެ ގުޅުމުން މިއަދު ނެރުނު ފަތުވާގައި 104 އިލްމުވެރިން ބައިވެރިވެ ވަޑައިގެންފައިވެއެވެ.
ޔޯގާއާ ބެހޭގޮތުން އިސްލާމީ އުއްމަތުގެ އިލްމުވެރިން އެކަންކަން ދިރާސާ ކުރެއްވުމަށް ފަހު ދެއްވާފައިވާ ފަތުވާތަކުގެ ހަގީގަތްތަކަށް ބައްލަވައި، ފިގުހު އިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތް ހާމަކޮށް ނެރެފައިވާ ފަތުވާގައި ބުނަނީ، ހިންދޫންގެ ދީނީ ކަންކަމުގައި ޔޯގާގެ ނަން ބޭނުން ކުރަނީ އިންސާނާ އިލާހާ ގުޅުވާލައި އޭނާގެ ނަފުސު އިލާހިއްޔަތަށް ބަދަލުކުރުން ނުވަތަ އިލާހީ ހިކުމަތަށް އޭނާ ވާސިލުވުން ކަމުގައެވެ.
އެހެންކަމުން ހިންދޫންގެ ގާތުގައި ޔޯގާގެ ހަރަކާތްތަކަކީ ރޫހާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ކުރެވޭ ދީނީ މުގައްދަސް ހަރަކާތްތަކެއް ކަމަށާއި އެގޮތުން މީހާގެ އެތެރެފުށުގެ އީމާންކަމާއި ރޫޙާނީ ބައި ހިމެނޭ ފިކުރީ ބަޔާއި ބޭރު ފުށަށް ފެންނަ އަމަލީ ބަޔާއި މައިގަނޑު ދެ ބައި ޔޯގާގައި އޮންނަ ކަމަށްވެސް ބުނެފައިވެއެވެ.
ހިންދޫންނާއި ބުޑީސްޓުން ދެކޭ ގޮތުގައި ޔޯގާ ބިނާ ވަނީ ހަށިގަނޑު ބާރާއި ނަފުސާނީ ބާރާއި ސިކުނޑީގެ ބާރާއި މި ތިން އަސާސްގެ މައްޗަށާއި ޔޯގާގެ ފަސްބައި ފުރިހަމަވުމުން އެމީހާ އެވަނީ ބަލިވުމާއި މުސްކުޅިވުމާއި މަރުވުމުން ސަލާމަތްވެފައި ކަމަށްވެސް ބުނެފައިވެއެވެ.
ކަސްރަތުގެ ނަމުގައި ޔޯގާ ތައާރަފުކުރުމުގައި ބުދުދީނުގެ އަހުލުވެރިންނާއި ހިންދޫންގެ މަގުސަދަކީ ޔޯގާ މެދުވެރިކޮށް އެ މީހުންގެ ދީނަށް މީސްތަކުން ލޯބި ޖެއްސުން ކަމަށާއި އެ ދީނަށް މީސްތަކުން ވެއްދުމަށް ރޭވުންތެރި، ހަމަހިމޭން ދައުވަތެއް ދިނުމާއި ރީތި ނަމެއްގައި ރަނގަޅު ޝިއާރުތަކެއްގެ ދަށުން ބުދު ދީނާއި ހިންދޫން ދިން ކުރިއެރުވުން ކަމަށް ބުނެ އެކަމާބެހޭ ތަފުސީލްތައްވެސް އެ ފަތުވާފައި ހާމަކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު