ރާއްޖޭގެ ޕްރައިވެޓް ސެކްޓަރުގައި ގިނައީ އަންހެނުން ކަމަށް ޔޫއެންޑީޕީން ބުނެފިއެވެ.
ޔޫއެންޑީޕީން ކުރިއަށް ގެންދިޔަ "އިންފޯމަލް ސެކްޓާ ސާވޭ" އިން ދައްކާ ގޮތުގައި، ކޮވިޑް-19ގެ ސަބަބުން އެންމެ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވީ ޕްރައިވެޓް ސެކްޓާއަށެވެ. އެގޮތުން ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރާ 71 ޕަސަންޓް މީހުންގެ މުސާރަތައް، ކޮވިޑްގެ ކުރިއާ އަޅާބަލައި އިރު، ދަށްވެފައިވާ ކަމަށް ސާވޭއިން ދައްކައެވެ.
ސާވޭއިން ދައްކާ ގޮތުން ޕްރައިވެޓް ސެކްޓަރުގެ 59 ޕަސަންޓަކީ އަންހެނުންނެވެ. އޭގެ ތެރެއިން އަމިއްލައަށް މަަސައްކަތް ކޮށްގެން އުޅޭ އަންހެނުންގެ ނިސްބަތަކީ 43 ޕަސެންޓެވެ.
ރާއްޖޭގެ ވަޒީފާގެ މާހައުލުގައި، ޕްރައިވެޓް ސެކްޓަރުގެ ދައުރު ބޮޑުކަން ފާހަގަކޮށް ޔޫއެންޑީޕީން ބުނިީ ހާއްސަކޮށް އަތޮޅުތަކުގައި ވަޒީފާތަކުގައި ގިނައިން އުޅެނީ ޕްރައިވެޓް ސެކްޓަރުގެ މީހުން ކަމަށެވެ. އެގޮތުން ރާއްޖޭގެ އާބާދީގެ 19 ޕަސަންޓު މީހުން ޕްރައިވެޓް ސެކްޓަރުގައި ވަޒީފާ އަދާކުރާ ކަމަށްވެސް ބުންޏެވެ.
ޔޫއެންޑީޕީން އިތުރަށް ބުނީ، ޕްރައިވެޓް ސެކްޓަރުގައި ކުރިއަށް ދިއުމަށް ގޮންޖެހުން ބޮޑު ކަމަށެވެ. އެގޮތުން ކާރިސާއެއްގެ ވަގުތުގައިވެސް އެންމެ ބޮޑު އަސަރެއް ކުރާނީ ޕްރައިވެޓް ސެކްޓާއަށް ކަމަށާއި އެ ސެކްޓަރުގައި ވަޒީފާގެ ރައްކާތެރިކަން ދަށް ކަމަށެވެ.