ގަތަރު ވޯލްޑް ކަޕް 2022

ގަތަރު ވޯލްޑްކަޕް 2022: އާއިލީ ދިރިއުޅުމަށް އެރި ނަގޫރޯޅިއެއްގެ ސަބަބުން ޑިޕޯލަށް ވޯލްޑްކަޕް ގެއްލިދާނެ

އިމާދު ލަތީފު

1

ހުސްވި އަހަރުގެ ޖުލައިމަހު ބްރެޒިލްގެ މަރަކާނާ ސްޓޭޑިއަމުގައި ކުޅުނު ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ބްރެޒިލްގެ މައްޗަށް އާޖެންޓީނާ ކުރިހޯދިގޮތް ފުޓްބޯޅަ ސަޕޯޓަރުންގެ ހަނދާނުގައި އަދިވެސް ވަރަށް ތާޒާކޮށް ހުންނާނެއެވެ. އެއީ 1993 ވަނަ އަހަރުގެ ފަހުން ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އާޖެންޓީނާއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. އެއީ ކެޕްޓަން ލިއޯ މެސީއަށް އާޖެންޓީނާޔާއެކު ހޯދުނު އެންމެ ފުރަތަމަ ކާމިޔާބީއެވެ. މެދުތެރެއިން ރޮޑްރިގޯ ޑިޕޯލް ވަރަށް ބަލައިފައި ޑިމަރިއާއަށް ފޮނުވާލި ދިގު ޕާހެއްގައި ބޯޅަ ހިފައިގެންގޮސް ގޯލްތެރެއަށް ބޯޅަ ވައްދާލައިގެން ލިބުނު ކާމިޔާބީއެކެވެ. މިވަގުތު ސްޕޭނުގެ އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ޑިޕޯލްގެ މުހިންމުކަން އާޖެންޓީނާއަށް އެންމެ ރަނގަޅަށް ވަޒަންކުރެވުނު ދުވަހަކީ އެދުވަހެވެ.

މިއަހަރުގެ ވޯލްޑްކަޕް ކާމިޔާބު ކުރުމަށް އާޖެންޓީނާ ދެކޭ ހުވަފެންތަކާއި އެންމެ ބޮޑަށް ގުޅިފައިވާ އެއްކުޅުންތެރިޔަކީ އުމުރުން 28 އަހަރުވީ ޑިޕޯލްއެވެ. ޓީމުގައި އޭނާ ދެމިހުރުން ކޮންމެހެންވެސް މުހިންމެވެ. އެހެންނަމަވެސް ޑިޕޯލްގެ އަމިއްލަ ދިރިއުޅުމަށް މިހާރު އަރައިގެން އުޅޭ ނަގޫރޯޅިޔަކާ ގުޅިގެން ވޯލްޑްކަޕުން އޭނާ ފެނިދާނެކަމާމެދު ޝައްކުތައް ވަނީ އުފެދެން ފަށައިފައެވެ. ނުކުޅެވޭގޮތް ވެއްޖެނަމަ އެއީ އާޖެންޓީނާއަށް ލިބޭ ނިކަމެތިކަމެކެވެ. ނުކުޅެވިދާނެ ކަމަށް ހީވާންފެށީ ކުރީގެ އަނބިމީހާ އޭނާއާ ދެކޮޅަށް ކޯޓަށް ވެއްދި މައްސަލަޔަކާއި ގުޅިގެންނެވެ. އޭނާ ބުނަނީ ދަރީންނަށް ޑިޕޯލް ޚަރަދު ނުކުރާކަމުގައެވެ. ކޯޓުން ޑިޕޯލާ ދެކޮޅަށް ނިންމައިފިނަމަ ވޯލްޑްކަޕް ގެއްލުމުގެ ފުރުސަތު އެބައޮތެވެ. ފީފާއިން އެކަށައަޅާފައި އޮންނަ ހަރުކަށި އުސޫލެއްގެ ދަށުންނެވެ.

ޑިޕޯލްގެ ކުރީގެ އަންހެނުން ކެމީލާ ހޮމްސްގެ ފަރާތުން އޭނާއަށް ދެކުދިން ލިބިފައިވެއެވެ. ކެމީލާ ދޫކޮށް އާއިލާ ރޫޅައިލީ ލަވަކިޔުންތެރިއެއް ކަމަށްވާ ޓީނީ ސްޓޮސެލްއާ ރައްޓެހިވެގެންނެވެ. ގަތަރަށް ދެވޭނީ ޑިޕޯލްއަކީ ކޯޓު ހުކުމެއް ކަހަލަ އެއްޗެއް ނެތް ސާފު މީހަކަށްވެގެންނެވެ. ފީފާގެ އުސޫލުތައް ބުނާގޮތުން ވޯލްޑްކަޕުގައި ކުޅޭ ކޮންމެ ކުޅުންތެރިޔަކީ ފަސްބައިގައި މިލައެއްނެތް ސާފު މީހަކަށްވާން ޖެހެއެވެ. މުޖްރިމެއްކަމަށް ސިފަކުރެވިދާނެ އެއްވެސް ހެއްކެއް ދެއްކެންހުރި މީހަކަށް ވެގެންނުވާނެއެވެ. ދަރީންނަށް ޚަރަދު ނުދިނުމަކީ ޖިނާއީ ކުށަކަށް ނުވިޔަސް ޑިޕޯލާ ދެކޮޅަށް މައްސަލަ ނިމޭގޮތަކުން ފީފާގެ މި އުސޫލު އޭނާގެ މައްޗަށް ހިނގާނޭކަމުގެ އިޝާރާތެއް އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ވެރިޔާވެސް ވަނީ ދެއްވައިފައެވެ.

ފީފާގެ އުސޫލުތައް ބުނާގޮތުން ވޯލްޑްކަޕްގައި ކުޅޭ އެއްވެސް ކުޅުންތެރިޔަކީ ގާނޫނީގޮތުން އެމީހެއްގެ މައްޗަށް އެއްވެސް ކޯޓެއްގައި ދައުވާއެއް އުފުލި ސަރިޔަތެއް ހިނގަމުންދާ މީހަކަށް ވެގެންނުވެއެވެ. ޑިޕޯލް ފެތެނީ މިގިންތިޔަށެވެ. އޭނާގެ މައްޗަށް ދައުވާއެއް އުފުލި ސަރިޔަތެއް ދަނީ ހިނގަމުންނެވެ. އެހެންވީމާ އޭނާއާ ދެކޮޅަށް ހުކުމެއް އަދިނަޔަސް ވޯލްޑްކަޕް ފެށެންވާއިރަށް ސަރިޔަތް ނުނިމި އޮވެއްޖެނަމަ ޑިޕޯލަކަށް ނުކުޅެވޭނެއެވެ. މިކަމާމެދު އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ކްލައުޑިއޯ ޓަޕިއާ ވިދާޅުވެފައިވަނީ ވޯލްޑްކަޕުގެ ކުރިން މި މައްސަލަ ކޮޅެއްގައި ޖެހޭނެ ކަމަށް އުއްމީދުކުރާ ކަމަށާއި އާޖެންޓީނާގެ ޖޯޒީގައި ޑިޕޯލް ފެންނާނެ ކަމަށް އުއްމީދުކުރާ ކަމުގައެވެ. ޑިޕޯލްއަކީ ދަރިންނަށް ޚަރަދުނުދީ ފިލައިގެން އުޅޭނޭ މީހެއް ނޫންކަމަށްވެސް ޓަޕިއާ ވިދާޅުވިއެވެ.

ޑިޕޯލްގެ މި މައްސަލައިގެ ވާހަކަތައް އެންމެ ބޮޑަށް ލިޔަމުންދަނީ އާޖެންޓީނާއާއި ސްޕޭނުގެ ނޫސްތަކުގައެވެ. އެނގިފައިވާގޮތުގައި މިކަމާ ގުޅިގެން އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީގެ އިންޒާރެއްވެސް ޑިޕޯލްއަށް ވަނީ ލިބިފައެވެ. އަމިއްލަ އާއިލީ ދިރިއުޅުމުގެ މައްސަލަތައް މީޑިއާއަށް ތިލަނުކޮށް ހިމޭންކަން އިޚުތިޔާރުކޮށް ފުޓްބޯޅައިގެ ކަންކަމަށް ބޮޑަށް އިސްކަންދިނުން އެދެވިގެންވާ ކަމަށްވެސް ވަނީ އަންގައިފައެވެ. ބައެއް މީހުން ގަބޫލުކުރާގޮތުގައި ޑިޕޯލާއި ދެކޮޅަށް ކެމީލާ ކޯޓަށް ދިޔައީ ކޮންމެހެން ދަރީންނަށް ޚަރަދު ނުދީގެނެއް ނޫނެވެ. ފީފާގެ އުސޫލުތައް އެނގޭތީ ކޮންމެވެސް ބަހަނާއެއް ދައްކައިގެން ޑިޕޯލް ތާށިކޮށް ވޯލްޑްކަޕުގައި އޭނާއަށް ނުކުޅެވޭނޭގޮތް ހަދައި ލަނޑުދިނުމަކީ މަގްސަދެވެ. އެހެންވެ ގިނަބަޔަކު ތިބީ ކެމީލާ ދެކެ ވަރަށް ނުރުހިފައެވެ.

އާޖެންޓީނާއަށް އެންމެފަހުން ވޯލްޑްކަޕް ކާމިޔާބު ކުރެވިފައިވަނީ ޑިއޭގޯ މަރަޑޯނާގެ ދުވަސްވަރު 1986 ގައެވެ. އޭގެފަހުން ފާއިތުވެފައިވާ 36 އަހަރުގެ ދިގު އިންތިޒާރު މިފަހަރު ގަތަރުގައި ނިމުމަކަށް ގެނައުމަށް އާޖެންޓީނާ ނުކުންނައިރު ޑިޕޯލްއަކީ ލިއޯ މެސީއަށްފަހު ދެން ޓީމުގައި ހުރި އެންމެ މުހިންމު ކުޅުންތެރިޔާއެވެ. އާޖެންޓީނާއަކީ މިވަގުތު އެންމެ ފޯމުގައި އޮތް އެންމެ ވަރުގަދަ ކަމަށް ކިޔާ ޓީމެވެ. ވޯލްޑްކަޕުގެ ފެވަރިޓަކީވެސް މިފަހަރު އާޖެންޓީނާއެވެ. ޑިޕޯލަކީ ޓީމުގެ އިންޖީނުފަދަ ކުޅުންތެރިއެކެވެ. އާޖެންޓީނާގެ ގައުމީ ޓީމަށް އޭނާ އެންމެ ފުރަތަމަ ކުޅުނީ 2018 ގައެވެ. އޭގެފަހުން މިހާތަނަށް ޖުމްލަ 41 މެޗު ގައުމީ ޓީމަށް ކުޅެދީފައިވެއެވެ. އެތުލެޓިކޯ މެޑްރިޑަށް އޭނާ ބަދަލުވީ އިޓަލީގެ އުދިނޭޒީގައި ހުރެފައި ހުސްވި 2021 ވަނަ އަހަރުއެވެ.