ބުނެވުނު އެއްޗަކާމެދު ބެގަރީއަށް ވިސްނާލެވުނީ ކައިރިއަށް ވިލިނީ އައިސް ހައިރާންކަން އެކުލެވިގެންވި ބެލުމަކުން ބެގަރީއަށް ބަލަހައްޓައިގެން ހުރުމުންނެވެ.
"އޭނަ އަހަރެންނަ ބައްދަލުކުރި. ރުޅިއައިސްފަ ހުރީ އަހަރެން ބަލިކަން ކުރިން އެކޮއިއަށް އެނގުނީމަ. އަހަރެންނަށް އެންގި މީގެފަހުން އެކޮއިއަށް އެއްވެސް ކަމެއް އަންގައިގެން ނުވާނެކަމަށް" ބެގަރީ ބުންޏެވެ.
ވިލިނީ އަމަލުކުރާނެ ގޮތެއް ނޭނގޭތީ ފޯނުން ނަހީކް ދެއްކި ވާހަކަތައް ކިޔައިދޭން ނުކެރުނެވެ. ގޭތެރޭގައި އެކަހަލަ ވާހަކައެއް ދެއްކުމަކީވެސް ރައްކާތެރިކަމެއް ނޫންވީމައެވެ.
************
ހޮޅުއަށްޓާ ހަމައަށް ރާޝިދު އައިއިރު ހޮޅުއަށީގައި ޒުބައިރު އިނެވެ. ހަވީރުގެ ވަގުތުކަމަށްވާތީ ދެ ޖިންސުގެ ޒުވާނުން ބަނދަރުމަތީގައި ހަރަކަތްތެރިވަމުން ދިޔައެވެ. މަންމައިން ޅަ ދަރިންތައް ގޮވައިގެން ހަވީރު ފިންޏަށް ހިނގާލަން ނުކުމެ އުޅޭ ތަންވެސް ފެނެއެވެ. ބައެއް ހަރުފުރައިގެ މީހުން ޖޯލިތަކުގައާއި ހޮޅުއަށީގައި މަޑުކޮށްލައިގެން ތިއްބެވެ. ކައިރިއަށް ރާޝިދު އައުމާއެކު ޒުބައިރު އަތް އުފުލާލިއެވެ. ހީލާފައި އެދިމާލަށް ރާޝިދު ހިނގައިގަތެވެ.
"ކޮންވާހަކައެއް ދައްކަން އުޅުނީ؟" ޒުބައިރު އެހިއެވެ. ޖެހިގެން އިން އުމުރުން ސާޅީސް އަހަރަށްދާވަރުގެ އަސަދުﷲ ރާޝިދަށް ފެނުނީ ފަހުންނެވެ. އިސްކޮޅާއި ރޫފަ އެއްވަރުގެ ދޮން ރީތި ޒުވާނެކެވެ. ސާފު އޮމާން މޫނު އައްޔެވެ. ވަރުގަދަ މަތިމަހަކާއި ތުނބުޅިއެއް އޮތްއިރު ލައިގެން އިނީ ހުދުކުލައިގެ އަތްދިގު ގަމީހެކެވެ. ބަލާބެލުމަށް ހެޔޮލަފާ ރަނގަޅު ވައްތަރުޖަހައެވެ.
"މިއީ އަސަދުﷲ. މިއީ އޭ އަހަރެން ބުނި މީހަކީ" ޒުބައިރު ބުންޏެވެ. ރާޝިދު ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލީ ގަދަކަމުންނެވެ. އަސަދުﷲ ފެނުމާއެކު ރާޝިދުގެ ހަށިގަނޑަށް ބުނެދޭން ނޭނގޭ އުނދަގޫތަކެއްވިއެވެ. އެއީ ކޮންދިމާލަކުން ކިހިނެއް އައި އުނދަގޫތަކެއް ކަމެއް ވިސްނާލާކަށްވެސް ރާޝިދަށް ނޭނގުނެވެ. އަތާއި އަތް ޖޯޑުކޮށް އަސަދުﷲ އާ ސަލާމްކޮށްލި ވަގުތު ރަޝިދުގެ މުޅި ހަށިގަނޑުގައި ތުރުތުރުލުމެއް އުފެދުނެވެ. އެވަގުތު އަސަދުﷲ އެއްޗެއް ކިޔަވާލިތަން ފެނުނީ އެކަނި ޒުބައިރަށެވެ. އަސަދުﷲ ގެ އަތްތިލައިގެ ތެރެއިން ކުއްލިއަކަށް އަތް ވަކިކޮށްލާފައި ޒުބައިރުގެ އަނެއްފަރާތުން ރާޝިދު އިށީނެވެ.
"ފުރަތަމަ ފެނިފަވެސް އަހަރެންނަށް އެނގިއްޖެ ކަންތައްތައް ވަރަށް ގޯސްކަން. ރާޝިދު ބޭނުންނަމަ އަހަރެން މިހުރީ އެހީވެދޭން ތައްޔާރަށް" އަސަދުﷲ ބުންޏެވެ. ޖަވާބެއްދޭން ޖެހިލުންވެފައި ރާޝިދު އިނެވެ.
"ރަނގަޅުވާނެ މިހާރު ޖަވާބެއް ނުދިނަސް" އަސަދުﷲ ބުންޏެވެ.
"ބިރުނުގަނޭ. މިއީ އެހާވަރުގެ ކަމެއްނޫން. ކަމެއް އުޅޭކަން ހުދު ރާޝިދުއަށްވެސް އެނގެއެއްނު. އިތުރަށް ޔަގީންވާނެ ކައިރީގަ ކިޔަވާލީމަ. އޭރުން އަހަރެންނަށް ދެނެގަނެވޭނެ ސިހުރެއް ހަދާފަ ހުރިއްޔާ އެއީ ކޮންކަހަލަ ސިހުރެއްކަމާއި އެސްފީނާގެ ކަމެއް ހުރިއްޔާވެސް. އޭގެފަހުން އަހަރެން ފަރުވާ ފަށާނީ" އަސަދުﷲ ބުންޏެވެ.
"ދެން އިހަށް މިވަގުތު ދަނީ. މި މަހުގެ ނިޔަލަށް އަހަރެން އުޅޭނަން މި އަތޮޅުތެރޭގަ" އަސަދުﷲ ބުންޏެވެ.
********
މޭޒުމައްޗަށް ކާން އަރުވަމުންދިޔަ ނަހާ ކުރިމަތީ ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ބަލައިލިއެވެ. އެއްގަޑި ބައިވާން އަދި ފަސްވަރަކަށް މިނެޓް ހުއްޓެވެ. ހައިބް އާއި ނަހާ ނޫން އިތުރު މީހަކު ގޭތެރެއިން ފެންނަން ނެތެވެ. ޝާހްބާޒާއި ރިންދާ މެންދުރުގެ ކެއުމަށް ގެއަށް އަންނާނެ ވާހަކަ އޮތީ ބުނެފައެވެ. އަނެއްކޮޅުން އަޔާލްގެ ތިންއިރުގެ ކެއުންވެސް ހަމަޖެހިފައިވަނީ އެގެއިންނެވެ. އަޔާލް ދިރިއުޅެނީ އެކަނިންކަން އެނގުމުން އެކަމަށް އެދުނީ ހުދު ނަހާއެވެ. އަޔާލްއަކީވެސް ދަރިއެއް ފަދައިން ދެކެވޭތީއެވެ.
ގޭތެރެ ބެލްއަޅާލީ ހުރިހާކަމެއް ނިންމާފައި ނަހާ ސޯފާގައި އިށިން ވަގުތުގައެވެ. ދޮރުހުޅުވާލުމާއެކު ނަހާގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. ދޮރުމަތީގައި ހެވިފައި ތިބި ފިރިމީހާ އާއި ދެ ދަރިން ގޭތެރެއަށް ވަނުމަށް ނަހާ ބޮޑަށް ދޮރުހުޅުވާލިއެވެ. ކާޓޫނު ބަލަން ރިމޯޓް ހިފައިގެން ސޯފާގައި އޮތް ހައިބް ދުވެފައި އައިސް އަޔާލްގެ ދެއަތުގައި އެލިގަތެވެ. އެކުއްޖާއަށް އަބަދުވެސް ހީވަނީ އަޔާލް އެގެއަށް އަންނަނީ އެކުއްޖާ އާ ހެދި ހެންނެވެ.
"ގިފްޓެއް ނުލާތަ މިއަދު ތިއައީ" ހައިބް އުރާލައި ކޮލަށް އަޔާލް ބޮސްދިނުމުން ހައިބް އެހިއެވެ. ނަހާއަށް ހެވުނެވެ.
"ހައިބްއަށް ވަރަށް ބައިވަރު ގިފްޓު އަދި ހުންނާނެ. އެކަމަކު މިފަހަރު ޔާލްބެ އެ އައީ ވަރަށް ބަނޑުހައިވެގެން ކާން. ދެން ކޮންމެ ފަހަރަކުވެސް ޔާލްބެ ކާނީ މިގެއިން" ރިންދާ ބުންޏެވެ. ކުދިކުދި އަންނާރު އޮށްތަކެއް ފަދަ ދަތްތައް އެކީގައި ދައްކާލަމުން ހައިބް ހީލިއެވެ.
މާގިނަ އިރެއްނުވަނީސް ހުރިހާ މީހުން އެކުގައި ކާން އަރައިފިއެވެ. ރިންދާ އައީ ކޮޓަރިއަށް ގޮސް ލައިގެން ހުރި އަންނައުނު ބަދަލުކޮށްގެންނެވެ. އޮފީސް ހެދުމުގައި ކާއެއްޗެހީގެ ވަސް ހިފައިފާނެތީއެވެ.
"މިހާރު މަސައްކަތް ފެށީތަ؟" ޝާހްބާޒް އެހިއެވެ.
"ލައްބަ. މައްސަލައަކީ އަޅުގަނޑު ވަޒީފާގައި އުޅޭ ވަގުތުތަކުގައި އެމީހުންގެ މަސައްކަތްތައް ބަލަހައްޓާނެ މީހަކު ގޭގައި ނެތީމަ. އެތަނުގެ ސްޕަވައިޒަރު ކަމެއް ޖެހުނީމަ ގުޅާނެ. އެކަމަކު ގިނަފަހަރު އަޅުގަނޑު ބިޒީކޮށް އުޅުނީމަ ފޯނަށް ޖަވާބެއްނުދެވޭ. އަނެއްކޮޅުން އެއްޗެއް ގަންނަން ޖެހުނަސް ބާޒާރަށް ކޮންމެ ކޮންމެ ވަގުތަކު އަޅުގަނޑަށް ނުނިކުމެވޭ" އަޔާލް ބުންޏެވެ.
"ތިކަންވެސް ހަމަޖެހިދާނެ ގޮތެއް އެބައޮތް. ހިނގާ ބޭރު މީހަކު ހަމަޖައްސަމާ" ޝާހްބާޒް ބުންޏެވެ.
އަޔާލްގެ މޫނުމަތިން ނުތަނަވަސްކަމެއް ވެރިވިއެވެ. މަސައްކަތް ކުރާނެ މީހުން ގެންގުޅޭ އެމީހުންނަށް އުޖޫރަދެވޭ ވަރަށް އަދި އަޔާލްއަށް ފައިސާއެއް ނުލިބެއެވެ. އެހެން ޝާހްބާޒް ކައިރީގައި ބުނާކަށްވެސް އަޔާލްއަށް ނުކެރުނެވެ. ކުރިމަތީގައި އިން ރިންދާއަށް ނަޒަރެއްދެވުނީ އެހެންވެއެވެ. އަޔާލްގެ ހިތުގައިވީ ކީކޭކަން ރިންދާއަށް އެނގުނެވެ.
ދެ ދަރިންނަށް ބަލައިލާފައި ޝާހްބާޒް ހިނިތުންވެލައިފިއެވެ.
"ބޭބެމެންގެ އޮފީހުގަ މެއިންޓެނަންސް ބައިގަ އުޅޭނެ ކަބީރު. އޭނަ ބަހައްޓާނީ. މިއަދު ބޭބެ އޭނާ އާ ވާހަކަދައްކާނަން. އޭނައަށް ދޭންޖެހޭ މުސާރައެއް ހަމަޖައްސާނީ އޮފީހުން" ޝާހްބާޒް ބުންޏެވެ.
އަޔާލް ބޯޖަހާލިއެވެ. އެހާވަރުން ރިންދާގެ މައިންބަފައިން ހެޔޮފޯރުކޮށްދޭތީ އެމީހުންނަށް ދަރަނިވެރިވެފައިވާ ކަހަލަ އިހުސާސެއް އަޔާލްއަށް ކުރެވުނެވެ.
*************
ގޭތެރޭގެ ހުރިހާކަމެއް ހަމަޔަކަށް އެޅެންދެން ބަރަކް އޮފީހުން ކުޑަ ޗުއްޓީއެއް ނެގިއެވެ. ގޭތެރެއިން އިތުރު މީހަކު ނުފެންނާތީ ރޫބިޔާގެ ދޫ މައިތިރިވެފައިވިއެވެ. ހަޅޭއްލަވާނެ މީހަކު ގޭތެރެއިން ނުފެނެއެވެ. ގޭގައި އިންނަ ވަގުތެއް ވިއްޔާ ރޫބިޔާ ފެންނަނީ ފަހާފޮށި ދޮށުގައި އިންދައެވެ.
އެގޮތުން އެދުވަހުގެ މެންދުރުފަހުގެ ވަގުތެކެވެ. އަސުރުނަމާދުކޮށްގެން ބަރަކް އައިސް ގެއަށް ވަންއިރުވެސް ރޫބިޔާ އިނީ ފަހާށެވެ. ގޮނޑިއެއް ހިފައިގެން އައިސް ރޫބިޔާގެ ގާތުގައި ބަރަކް އިށީނެވެ.
"މަންމަ ނަމާދެއްވެސް ނުކުރަންތަ؟" ބަރަކް އެހިއެވެ. ބަންގި ގޮވަން ކައިރިވެފައި ހުއްޓައި ބަރަކް ގެއިން ނުކުމެގެން ދިޔައިރުވެސް ރޫބިޔާ އިނީ ފަހަން ވިއްޔާއެވެ.
"މިހާރު ކިހާ އިރެއްމިވީ މަންމަ ތިތަނުގަ އިންނަތާ. ނަމާދުކުރަންވާނެއްނު" އަނެއްކާވެސް ބަރަކް ބުންޏެވެ.
މީހަކު އެއްޗެކޭ ކިޔައޭވެސް ރޫބިޔާއަށް ހީނުވެއެވެ. ބަރަކް ދެފަރާތަށް ބޯހޫރާލިއެވެ. ބައެއްފަހަރު ރޫބިޔާގެ އަމަލުތައް ހުންނަގޮތުން ރުޅިއާދެއެވެ. ހިތަށް އައިހާ އެއްޗެއް ގޮވާލާނަމޭ ހިތަށް އަރައެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި ބަރަކްއަށް ސިކުނޑީގެ ކަނަކުން ހަނދާންކޮށްދެއެވެ. ރޫބިޔާއަކީ މައިމީހާ ކަމެވެ. މައިމީހާ ކަންތައްކުރާގޮތެއް ގިނަ މީހުންނަކަށް ނުފެންނާނެއެވެ. ފެންނާނީ ދަރިއަކު މަޔަކާ މެދު ކަންތައްކުރާ ގޮތެވެ.
"އެކަމަކު މަންމަ އާ ދޯ ވާހަކަމިދައްކަނީ" މަޑުމައިތިރިކަމާއެކު ބަރަކް ބުންޏެވެ.
"ހެޔޮ މަށާ ވާހަކަނުދެއްކިޔަސް. ބަރަކްއަށް ކޮންކަމެއްތަ؟ އާނ އެހެންޏަ. އަހަރެންނަށް ހީވަނީ ފަޅުރަށެއްގަ ގެނެސް ބައިންދާފަ އިންހެން ވިއްޔަ. އިހަށް ދުވަހުވެސް ވަޒީފާ ނިންމާފައި އޮފީހުން ނުކުމެފައި ގެއަށް އަންނަން ނޭނގިގެން އުޅުނީ. ބޭނުންހާ ވަގުތެއްގަ ޓެކްސީގަނޑެއް ލިބެނީކީ ނޫން. އެންމެފަހުން ހިނގަމުން ހިނގަމުން އައިސް ވަރުބަލި ފިލުވާލަން ހުއްޓުނުއިރު އަނެއްކާވެސް ހުރެވުނީ އޮފީސް ކުރިމަތީ. އެވީގޮތެއް އަހަރެންނަކަށް ނޭނގުނު" ރޫބިޔާ ވާހަކަދެއްކިއެވެ. ބަރަކްއަށް ހެވުނެވެ. ނަސީބަކުން އެމަންޒަރު ރޫބިޔާއަށް ނުފެނެއެވެ.
"އެއްޗެއް ދިންއިރު އެ އޮފީހުގަ އުޅޭ ޕޮލިސް މީހުންނަކަށް ނޭނގުނެއްނު ބަރަކްއަށް ކާރެއްދޭކަށް. އުޅޭނެ ގެއެއް ދެވުނީމަ އެނިމުނީތަ؟" ރޫބިޔާ ބުންޏެވެ.
ބަރަކް ދެފަރާތަށް ބޯހޫރާލިއެވެ. ރޫބިޔާ ކައިރީގައި އެއްޗެކޭ ކިޔުމަށް ވުރެ ނުކިޔުން ރަނގަޅުކަމަށް ހީވުމުން ބަރަކް އެތަނުން ތެދުވެގެން ހިނގައިގަތެވެ. ގެއަށް ވަދެ ހަމަޖެހިލައިގެން ރޫބިޔާ އާ ވާހަކައެއްދައްކަން އުޅެފިއްޔާ ވަނީ އެވަރެވެ.
"މިތަނަކަށް ގެނައިފަހުން އަހަރެން އިންނަން މިޖެހެނީ އަބަދު ގޭތެރޭގަ. ހަސީމެންނަކަށްވެސް މިގެ ހުންނަތަނެއް ބުނެދޭކަށް އަހަރެންނަކަށް ނޭނގުނު. މިތާ ކައިރިން ސައި ހޮޓަލެއްގެ ނަންބަރެއް އެނގެނީއެއް ނޫން. ފުލުހުންގެ ގެއިން މީނައަށް ކައިގެން ބޮއެގެން ހުރެވުނަސް އަހަރެން މިޖެހެނީ ބަނޑަށް ހުންނަން" ބަރަކް ދިޔުމުންވެސް ރޫބިޔާ އަނގަތެޅުން ހުއްޓާނުލިއެވެ.
************
ރޭގަނޑު ކައިގެން ނުކުމެ ރިންދާ އާއި އަޔާލް މަޑުކޮށްލީ ބެލްކަނީގައެވެ. ހިމަފޮދު ވާރޭ ވެހެމުން ދިޔައިރު ރެއިލިންގައި ހިފަހައްޓާލައިގެން ހުރި އަޔާލްގެ ދެއަތުގެ ތެރޭގައި ރިންދާ ހުރީ ނުހަނު ބޮޑަށް ހިނިތުންވެލައިގެންނެވެ. އަޔާލް ކައިރީގައި ހުރެވުމަކީ ރިންދާއަށް އެންމެބޮޑު ހިތްހަމަޖެހުމެއް ލިބޭ އެއްކަމެވެ.
"ޔާލްގެ ދޮންމަންމަގެ ހަބަރެއް ނުވޭތަ؟" ރިންދާ އެހިއެވެ.
"އަހަރެން ނޫޅެން އޭނަގެ ހަބަރު ބަލާކަށްވެސް" އަޔާލް ބުންޏެވެ. ރިންދާއަށް ހެވުނެވެ.
"އަސްލު ކޮބާ އޭނަ ޔާލްދެކެ އެހާ ރުޅިއަންނަންޖެހޭ މައްސަލައަކީ؟ ކޮބާތަ ޔާލްގެ ބައްޕަ" ރިންދާ އެހިއެވެ.
"ބައްޕަ ނިޔާވެއްޖެ ކަންނޭނގެ. އެއީ އޭނަ ބުނި އެއްޗަކީ. ބައްޕަގެ މާބޮޑު ހަނދާނެއް ނެތް" އަޔާލް ބުންޏެވެ.
"އަހަރެން ވަރަށް ބިރުގަނޭ. އެ އަންހެންމީހާ ޔާލްއަށް އެހާ ނަފްރަތު ކުރާއިރު ޔާލްއަށް ކޮންމެފަދަ ގޮތެއްވެސް ހަދާފާނެ. ސިހުރު ފަންޑިތައަކީ މިހާރު އެކަހަލަ ނުބައި މީހުންގެ އަތްމަތީ ކަމެއް. ޔާލް ވަރަށް ވިސްނައިގެން އުޅެއްޗެ. ނަމާދުކޮށް ޒިކުރުކޮށް ދުއާކުރާތި. ރައްކާތެރިކަން ހޯދޭނެ ގޮތްގޮތް އަހަރެމެންނަށް އެބައޮތް" ރިންދާ ވާހަކަދެއްކިއެވެ.
އަޔާލްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އޯގާތެރި އަންބަކު ދޭނެހާ ލޯބިން އެހާ ރަނގަޅު ނަސޭހަތެއް ރިންދާ ދިނީތީ އަޔާލްގެ ހިތް ލޯބިން ފުރުނެވެ. ރިންދާގެ ބޮލުގައި ބޮސްދިންއިރު އުފަލުން އަޔާލްގެ ދެލޮލުން ކަރުނަ ނީރާލައިފިއެވެ.
"އަހަރެން ތިހުރިހާ ކަމެއްކުރަން ބޭބީ. ކުރާހާ ހެޔޮކަމެއްގެ ވާހަކަ ދެއްކުމަކީ ރަނގަޅުކަމެއް ނޫނެއްނު. އަސްލު ކުރިން ނަމާދުނުކުރެވޭ. ވަރަށް ފަރުވާކުޑަކުރެވޭ. ފަހުން ފަހަށް އައިސް ވާންފެށި ގޮތަކީ މާބޮޑަކަށް އެކަނިވެރިކަން އިހުސާސް ކުރެވެންފެށީ. ހިތަށް އެރީ މިދުނިޔޭގަ އަހަރެންނަށް ރަނގަޅު މަގު ދައްކައިދީ ހެޔޮ ނަސޭހަތެއްދޭނެ އޯގާތެރިވާނެ ލޯބިން ފިރުމާލަދޭނެ މަޔަކު ބަފަޔަކު ނެތޭ. އަހަރެންނަށް އިހުސާސްކުރެވުނީ ޑިޕްރެޝަނަށް ހިނގައިދާނޭ. ރޭގަނޑު ވިއްޔާ ހުންނަނީ ހިތްބިރުގަނެފަ. ބޮލެއްގަ ރިއްސާލިޔަސް ހީވަނީ މަރުވާން އުޅެނީއޭ. ދެން ނޭވާ ހާސްވާނެ. އަތް ފައި ދާހިއްލާނެ. ބޯއަނބުރާގޮތްވެ ވެއްޓެން އުޅޭހެން ހީވާނެ. ފަހު ވަގުތުކޮޅޭ ހިތަށް އަރާނެ.... ދެން ނޭނގެ. އެހެން ގޮސް އެކަހަލަ ބައިވަރު ފާޑުފާޑު ގޮތްގޮތްވާނެ. އަހަރެންނަށް ވިސްނައިދިނީ އަހަރެން އަމިއްލައަށް. ހިތަށް އެރީ އަހަރެންގެ ހުރިހާ ކަމެއްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އޭ. އެކަލާނގެ ނޫނީ އެ އުނދަގޫ ދުވަސްތަކުގެ ތެރެއިން އަހަރެންނަށް އަރައިގަނެވޭނެ މަގުދައްކައިދޭނެ އެހެން އެއްވެސް ފަރާތެއްނެތޭ. އެހެންވެ އަހަރެން ދީނީ ކަންތައްތަކާ ގާތްވީ. އަހަރެން އުންމީދުކުރި ގޮތަށް އެކަމުން އަހަރެންނަށް ނުކުމެވިއްޖެ. އަހަރެން މިހާރު ދިރިއުޅެނީ ވަރަށް އުފަލުން. އަދި ރިދާ އަހަރެންގެ ހަޔާތަށް އައިމަ އެ އުފާވެރިކަން ދެގުނަވެއްޖެ" އަޔާލް ބުންޏެވެ.
ދިރިއުޅުމުގެ އެކި ކަންކަމާ ގުޅޭގޮތުން ވާހަކަދެއްކުމުގައި ދެކުދިން އެތައް އިރެއް ވަންދެން އެތަނުގައި ތިއްބެވެ.
*************
ނުނިދިފައި އެނދުގައި އޮތް ނަހީކް ބާލީސް ކައިރީގައި އޮތް ފޯނު ނަގާފައި ބަލައިލިއެވެ. ބޭރު ނަންބަރަކުން ގުޅާފައި އޮތްތަން ފެނުމާއެކު ފުންމައިގެން ތެދުވެ އެނދުގައި އިށީނެވެ. އެ ނަންބަރަށް ގުޅަން އުޅެނިކޮށް އަނެއްކާވެސް ހަމަ އެ ނަންބަރުން ގުޅަން ފެށިއެވެ. ކަންފަތުގައި ފޯނު ޖެހުމާއެކު އެކޮޅުން ވާހަކަދައްކަން ފަށައިފިއެވެ. އެމީހަކީ ކާކުކަން އެނގުމާއެކު ނަހީކަށް ހަމަޖެހުމެއް ލިބުނެވެ. އެހެންނަމަވެސް އެހާ ދަންވަރުގެ ވަގުތެއްގައި ގުޅުމުން ނަހީކް ކަންބޮޑުވިއެވެ. އެހެންނަމަވެސް އެކަންބޮޑުވުން ހިނދުކޮޅެއްގެ ތެރޭގައި ފިލައިގެން ދިޔައެވެ. ނަހީކަށް ދަންވަރުގެ ވަގުތު ކަމުގައި ވިޔަސް އެމީހާ ހުރި ހިސާބަކީ ދަންވަރުގެ ވަގުތެއް ނޫނެވެ.
"ނުނިދިގެން މިއުޅެނީ؟" ނަހީކް ބުންޏެވެ.
"އޭރުގަ ކިޔައިދޭ ލަވަ. ޕްލީޒް...."
އިރުކޮޅަކުން ފެނުނީ ބާލީސް މަތީގައި ނަހީކް އޮށޯވެލި ތަނެވެ. ލަސްލަހުން ދެލޯ މަރާލިއިރުވެސް އެއް އަތުން ފޯނު ކަންފަތުގައި ޖަހާފައި ހުއްޓެވެ. ފޯނުން ވާހަކަދައްކަމުން ދިޔަ މީހާގެ އެހީތެރިކަމާއެކު ނަހީކް ނިދޭތޯ މަސައްކަތް ކުރަމުން ދިޔައިރު އޭނާގެ ހިތާއި ސިކުނޑީގައި ރޯލްވަމުން ދިޔައީ ކުޑައިރުގެ އެކި ހަނދާންތަކެވެ. ރިންދާ އާ އެކުގައި ހޭދަކުރި އުފާވެރި ވަގުތުތަކެވެ. އެ އުފާވެރިކަން ވިއްސި ވިހާލިވެގެން ދިޔަ ގޮތެވެ. މައެއްގެ ލޯތްބަށް އެންމެ ބޭނުންވި ދަނޑިވަޅު ލޯމަތިން މައިމީހާ ގެއްލުނު ގޮތެވެ.
"ނިދުނީތަ؟" ފޯނުގައި ހުރި ނަހީކްގެ މަންމަ ޝަލްބިޔާ އެހިއެވެ.
"ނުނިދޭ. ހަނދާންވަނީ. ހިތަށް އުނދަގުވަނީ؟ މަންމާ، ތިއީ އަހަރެންގެ ހިތްވަރަކީ. ދާނަން މަންމަ ކައިރިއަށް ވަރަށް އަވަހަށް" ނަހީކް ވާހަކަދެއްކިއެވެ.
"މަންމާ، އަހަރެންނަށް މައާފްކުރައްޗޭ" ނަހީކް ބުންޏެވެ.
ޝަލްބިޔާގެ ފަރާތުން އިތުރު ސުވާލެއް ނަޔަސް ނަހީކް މައާފަށްއެދުނު ކޮން ސަބަބަކާ ހުރެ ކަމެއް އެނގެން ބޭނުންވާނެއެވެ. އެހެންނަމަވެސް އެ ސުވާލުކުރުމުގެ ފުރުސަތު ނަހީކް ނުދިނެވެ. ނަހީކަށް ނިދުނީކަމެއް ނުވަތަ ފޯނު ކަނޑާލީކަމެއް ނޭނގެއެވެ.
************
މުޅިން އާ ދުވަހަކަށް އިރު ފެނުން ތޮޅިލައިފިއެވެ. ހެނދުނުގެ ނާޝްތާއަށް ފަހު ނަހީކް ދިޔައީ ކޮޓަރިއަށެވެ. ބެގަރީގެ ހިތުގައި ސުވާލު އުފެދުނެވެ. އެހެން ދުވަސް ދުވަހާ ހިލާފަށް ނަހީކް އޮފީހަށް ނުގޮސް އަލުން ކޮޓަރިއަށް ދިޔުމުންނެވެ. ސިޑިން ފައިބައިގެން ވިލިނީ އައީ އެ ހައިރާންކަމުގައި ބެގަރީ ހުއްޓައެވެ. ވިލިނީ އައިގޮތަށް ވަނީ ބަދިގެއަށެވެ. އަމިއްލައަށް ކޮފީތައްޓަކާއި ބިސްގަނޑެއް އަޅައިގެން އައިސް ބެގަރީއަށް ގޮވާލިއެވެ. ބެގަރީގެ ފަރާތުން އެއްވެސް ޖަވާބެއް ނައުމުން އިތުރަށް ވިލިނީ ނުގޮވައެވެ.
"ބެގަރީ!" ނަހީކްގެ އަޑު އިވުނެވެ. ވިލިނީ ފަހަތް ބަލައިނުލައި އިންދާ ބެގަރީގެ އަޑު އިވުނެވެ.
"ލައްބަ. ތަނަކަށް ދުރުވަނީތޯ؟" ބެގަރީ އެހިއެވެ.
"މިދަނީ ފުރަން" ނަހީކް ބުންޏެވެ. ދެން ބެގަރީއަށް އަބަދުވެސް ފުރުމުގެ ކުރިން ހަނދާންކޮށްދޭ ކަންކަން ހަނދާންކޮށްދިނެވެ. ބެގަރީ ބޯޖަހާލުމާއެކު ނަހީކް ހިނގައިގަތެވެ. ބެގަރީ ބަލައިލީ ފުރަގަހަށް އިން ވިލިނީއަށެވެ.
"ބެގަރީ..." ނަހީކްގެ އަޑު އިވުމާއެކު ބެގަރީ ސިހުނެވެ.
"އެހެންޏާ ބުނާ އެއްޗެއް މިފަހަރު ނުބުނާތީ މިގޮވާލީ" ނަހީކް ބުންޏެވެ. ނަހީކްގެ މޫޑު ވަރަށް ރަނގަޅުހެން ހީވެއެވެ. އެހެންކަމުން ބެގަރީ ހަމަޖެހުނުކަމަށް ހެދިލިއެވެ.
"ހަނދާންނެތުނީ. މެޑަމްއަށް ވަރަށް ގިނައިން ސަލާންބުނެދޭތި" ބެގަރީ ބުންޏެވެ. ނަހީކް ހިނިތުންވެލިއެވެ. ދެން ބޯޖަހާލާފައި ގެއިން ނުކުތެވެ. ބެގަރީ ނަހީކް ފަހަތުން ވަކި ހިސާބަކަށް ގޮސް މަޑުކޮށްލިއެވެ. ހުރިތަނުން ގުޑާލީވެސް ކާރުގައި ނަހީކް ނައްޓާލިފަހުންނެވެ.
"ކޮންތާކަށް ހަންޑިފުރޭތަ ވަޑައިގަތީ" ބެގަރީ އެނބުރުނުއިރު ވިލިނީ އައިސް ހުރީ ފަހަތުގައި ޖައްސައިފައެވެ.
"ހިނގާ މޭޒު ކައިރިއަށް ދަމާ" ބެގަރީ ބުންޏެވެ.
*******
ލިބުނު ހުސްގަޑީގައި ނަމާދުކޮށްގެން މިސްކިތުން ފޭބި އަޔާލް ޖީބަށް އަތްކޮށްޕާލާފައި ފޯނު ނެގިއެވެ. ނުދަންނަ ނަންބަރަކުން ގުޅާތީ އެފޯނަށް ޖަވާބުނުދީ ދޫކޮށްލިއެވެ. ދެވަނަ ފަހަރަށް ހަމަ އެ ނަންބަރުން ގުޅީ އަޔާލް ގަރާޖަށް ވަތްތަނާއެވެ. ފޯނު ނަގާފައި އަޔާލް ގޮނޑިއެއްގައި ހަމަޖެހިލިއެވެ.
"ލައިދު ކިޔާ މީހެއް ދަންނަންތަ؟" ފޯނުން އިވުނު އަޑާއެކު އަޔާލްއަށް ހެވުނެވެ. އުންމީދުނުކޮށް ހުއްޓައި ލައިދުގެ ހަބަރެއް ވުމުން އަޔާލްއަށް ހެވުނެވެ.
"ސީރިޔަސްލީ. ކޮންއިރަކު އައީ؟" އަޔާލް ބުންޏެވެ.
"ހަމަ ދެންމެ. ކޮންތާކު ތިއުޅެނީ. ތިގެއަށްވެސް ދިޔައިން. ތަޅުލާފަ ހުރީ" ލައިދު ބުންޏެވެ.
"މިއުޅެނީ ވަޒީފާގަ" އަޔާލް ބުންޏެވެ.
"ދިމާކުރަންވީނުން" ލައިދު ބުންޏެވެ.
"މިރެއަށް ދޯ. ސަޕްރައިޒެއް އެބައިން. މިރޭ ގޮވައިގެން ދާނަން. ކޮފީއަށް ދާނެތަނެއް ކަލޭ މެސެޖްކޮށްލާ" އަޔާލް ބުންޏެވެ.
ފޯނު ކަނޑާލާފައި އަޔާލް ގުޅީ ރިންދާއަށެވެ. ރޭގަނޑަށް ވަގުތުކޮޅެއް ހުސްކޮށްލަން އަޔާލް އެދުނެވެ. އަޔާލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ އެދުނު އެއްވެސް ކަމަކަށް ރިންދާ ނޫނެކޭ ނުބުނެއެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ