އިސްލާމީ ތާރީޚު

މިއަދުގެ އިސްލާމީ ދުނިޔެއާއި އިސްލާމްދީނުގެ ސިޔާސީ ނިޒާމު

އަބްދުﷲ ފާރޫގް ހަސަން

ތަފާތު ސިޔާސީ ނަޒަރިއްޔާތަކަކީވެސް ތަޖުރިބާގެ މަރުޙަލާތަކުގެ ތެރެއިން ދަތުރުކުރާ އެއްޗެކެވެ. އިސްލާމްދީނުގެ ސިޔާސީ ނަޒަރިއްޔާވެސް ތާރީޚުގައިވަނީ އެތަކެއްފަހަރުގެމަތީން ތަޖުރިބާކުރެވިފައެވެ. އެންމެފުރަތަމަ ތަޖުރިބާއަކީ ހިޖުރީ އެއްވަނަ ޤަރުނުގެ ތަޖުރިބާއެވެ. އިސްލާމީ ސިޔާސަތުގެ ދަރިވަރުން އެބައިމީހުންގެ ދައުރުގެ އިސްލާމީ ޤައުމުތަކުގެ ސިޔާސީ ނިޒާމުތަކާމެދު ވިސްނައި ދިރާސާކުރަމުން ގެންދިޔުމަކީ ކޮންމެހެން ބޭނުންކަމެކެވެ. އެނިޒާމުތައް އިސްލާމީ މިންގަނޑުތަކަށް ފެތޭތޯ ނުވަތަ ނޫންތޯ ބެލުމަކީ މުހިންމު ކަމެކެވެ.

ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި ސައިންސީ ނަޒަރިއްޔާތައް ކިޔަވައިދެމުންގެންދާ ގެންދިޔުމުގައިވެސް ހަމައެކަނި ނަޒަރިއްޔާތީ ތަޢުލީމުން ފުދޭކަމަކަށެއް ނުބަލައެވެ. ޓީޗަރުން ނުވަތަ ޑިމޮންސްޓްރޭޓަރުން ސައިންސުގެ ދަރިވަރުން ލެބޯޓަރީތަކަށް ގެންދެއެވެ. ނަޒަރިއްޔާތައް ޢަމަލީ ތަޖުރިބާގެ މަރުޙަލާތަކުން ދައްކައިދެއެވެ. ކެމިކަލް ތަޙުލީލުތަކުގެ ރަނގަޅުގޮތަކީ ކޮބައިކަން ތަޖުރިބާއިން އަންގައިދެއެވެ. ގޮވުމެއް އުފެދޭނީ ނުވަތަ އަލިފާން ރޯވާނީ ނުވަތަ އެނޫންވެސް ގެއްލުމެއް ލިބޭނީ ކޮންކޮން މާއްދާތަކެއް އެއްކުރުމުންކަމެވެ. ކޮން ދެވައްތަރެއްގެ ގޭހެއް އެއްކުރުމުންކަމެވެ. ކޮންމެ އެއްޗެއްގެވެސް ރަނގަޅު އިސްތިޢުމާލަކީ ކޮބައިކަމެވެ.

ހަމައެފަދައިން އިސްލާމްދީނުގެ ސިޔާސީ ނިޒާމުވެސް ޢަމަލީ ތަޖުރިބާއިން ވަޒަންކުރާން ޖެހެއެވެ. އެހެންކަމުން އިސްވެދިޔަތާނގައި އެނިޒާމާ ބެހޭގޮތުން ބަޔާންކޮށްފައިވާ ޝަރަޙަތަކަށްފަހު މިޒަމާނުގެ އިސްލާމީ ޤައުމުތަކުގެ ސިޔާސީ ނިޒާމާ އިސްލާމީ އުސޫލުން ޤާއިމުކުރާން ބޭނުންވާ ސިޔާސީ ނިޒާމާހުރި ދުރުގާތްމިނެއް ބަލާންޖެހެއެވެ. ތަފާތު ވަޒަންކުރާން ޖެހެއެވެ. މިހާރު މިގެންގުޅެވޭ ގޮތްތަކުން އިސްލާމްދީނަށާއި މުސްލިމުންނަށް ލިބެމުންދަނީ ރީތި ހެޔޮ ނަމެއްތޯ ނުވަތަ ނުބައި ބަދުނާމެއްތޯ ދެނެގަންނާން ޖެހެއެވެ. މުސްލިމް ވަރަށްގިނަ ޤައުމުތަކުން ޢާންމުންގެ މެދުގައި ސިޔާސީ ހޭލުންތެރިކަން އުފެދޭކަށެއް ބޭނުމެއް ނުވެއެވެ. އެހެންކަމުން ދާދިމަދު ޤައުމެއްގައި މެނުވީ ޕޮލިޓިކަލް ސައިންސް ކިޔަވައެއް ނުދެއެވެ. (އަޅުގަނޑުމެންގެ ރާއްޖޭގައި އެއްވެސްވަރަކަށް ޕޮލިޓިކަލް ސައިންސް ކިޔަވައިދިންކަމެއް އަޅުގަނޑަކަށް އެނގިފައެއް ނެތެވެ. އަޅުގަނޑުގެ މަޢުލޫމާތު ނެތީކަމުގެ ރަނގަޅު ހީގައި އެބަހުރީމެވެ.)

އިސްލާމީ ޤައުމުތައްވަނީ ޖުމްހޫރީ ނިޒާމާ ނުވަތަ ޝޫރާއީ ނިޒާމާ ވަރަށްބޮޑަށް އެއްފަރާތްވެފައިކަމަށް އިސްލާމީ ޤައުމުތަކުގެ ޢިލްމުވެރީން ޤަބޫލުކުރައްވާތާ ލައްކަދުވަސް ވެއްޖެއެވެ. އެބޭފުޅުން ވިދާޅުވާގޮތުގައި އެކަމުގެ ސަބަބުން ޤައުމުތަކަށް ވަރަށްގިނަ ގެއްލުންތަކެއް ލިބެމުން އެބަދެއެވެ. ޢަރަބި ބައެއް ޤައުމުތަކުގައި ވެރިކަމުގެ ކިއްލާތަކުގައި އިންޤިލާބުތައް ޓަކިދޭން ފެށުމުން އުންމީދުގެ ދޯދިފަށެއް ދިއްލޭގޮތްވިއެވެ. އިސްލާމީ ޤައުމުތައް އެގޮތްތަކަކަށް އާދަވެފައިވާ ކުށް ނިޒާމުތައް ނެތިގެން ހިނގައިދާނެކަމުގައި ހީކުރެވިގެންނެވެ. ރަނގަޅު މަގަށް އަތުވެދާނެހެން ހީވެގެންނެވެ. ރަނގަޅު އިސްލާމީ ނިޒާމެއް ޤާއިމުވެދާނެކަމުގައި ބެލެވިގެންނެވެ. (އެކަމަކު ތަޖުރިބާއިން ދައްކާގޮތުގައި އިޞްލާޙުގެ ވަޢުދުތަކާއެކު ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިގެން ވެރިކަމަށް އަންނަ މީހުން މާނުބައެވެ. ކޮންމެ ނުލަފާކަމެއް ކޮށްފައިވެސް ބުނަނީ ކުރީ ސަރުކާރުންވެސް މިކަންކުރީ މިގޮތަށް ކަމުގައެވެ. ރައްޔިތުން ތިމަންމެންނަށް ފުރުސަތުދިނީ ނުބައިކޮށް ކުރާކަންތައް ރަނގަޅުކުރަންކަމެއް ހަނދާނެއް ނުހުރެއެވެ. ހަނދާނުގައި ބަހައްޓާކަށެއް ބޭނުމެއްވެސް ނުވެއެވެ.)

އެކަމަކު ދަންނަވަންތޯއެވެ. އަރަހުށި މާތް اللّــه ހުރިހައި މަޚުލޫޤާތުތަކެއްގެ ތެރެއިން ޙާލަތު ބަދަލުކުރުމުގެ ތައުފީޤު ދެއްވައިފައިވަނީ ހަމައެކަނި އިންސާނާއަށެވެ. އޭނާ ބޭނުންކަމުގައިވާނަމަ ޙާލަތު ބަދަލުކޮށްލެވިދާނެއެވެ. ހެދޭ ނުވަތަ ހަދަމުންދާ ގޯސްތައް ރަނގަޅުކޮށްލެވިދާނެއެވެ. އިންސާނާ އޭނާގެ މާހޫލު ހެދިހައިގޮތެއް ހެދިގެން ހުންނާކަށެއް ނުޖެހެއެވެ. އޭނާ ނުރަނގަޅު ނިޒާމުތައް ބަދަލުކުރާން މަސައްކަތްކުރާން ޖެހެއެވެ. އެގޮތުން ޢަރަބި ޤައުމުތަކުގައި ބަދަލުއައުމުގެ ރާޅެއް އުފެދޭގޮތްވުމުން ޢަރަބީންގެ ތެރެއިން ބުއްދީގެ އަހުލުވެރި ފިކުރީ ޢާލިމުން އެކަމަށް މަރުޙަބާ ވިދާޅުވިއެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ ނަންފުޅަކީ عــلاّمــــة يـوسف الـقـــرضـــاوى އެވެ. ދެވަނަޔަށް راشـــد الــغــنــوشــى އެވެ. ނަމަވެސް އެބަހާރަކީ ޙަޤީޤީ މާނައިގެ ބަހާރަކަށް ނުވިއެވެ. ޢަރަބި ޤައުމުތަކުގައި އިސްތިބުދާދީ ވަރުގަދަ ފަލަފަލަ މޫތައް ދުވެފައިވަނީ ފަސޭހައިން އުފުރައިލެވޭ ވަރަށްވުރެ މާފުނަށެވެ. މާދުރަށެވެ.

ޝައްކެއްނެތެވެ. ޖުމްހޫރިއްޔަތުގެ ބަހާރެއްގެ އިންތިޒާރުގައި މުސްލިމުންގެ އެތައްގިނަ މުފައްކިރުންތަކެއް އުމުރުފުޅު ހޭދަކުރައްވައިފިއެވެ. ފުރާނަފުޅުތައް ޤުރްބާން ކުރައްވައިފިއެވެ. އެކަމަކު ނަމޫނާ އިސްލާމީ ރިޔާސަތަކަށް ފެނިފައިވަނީ ހަމައެކަނި خــلافــة الــرّاشــدة ގެ ދައުރެވެ. އޭގެފަހުން އެކިފަހަރުމަތީން ކުޑަކުޑަ ދުވަސްދުވަސްކޮޅަށް އިސްލާމީ ވެރިކަމުގެ ނަލަނަލަ މަލަތައް ފެނިލިކަމުގައިވިޔަސް ޢާންމުގޮތެއްގައި އިސްލާމީ ވަންތަކަން ފެންނަމުންދަނީ ހުސްއެކަނި ޢިބާދަތުގެ ދާއިރާއިންނެވެ. އިސްލާމީ ޙުކޫމަތާއި އިސްލާމީ އިޖްތިމާޢީ މުޢާމަލާތު ސިލްސިލާވަމުން އައިސްފައެއް ނެތެވެ. إســلامـــــى جـمـهـــورى ނިޒާމުގެ އިރުވަނީ ވިލާތަކުގެ ބިއްދޮށުގައި ފިލައިފައެވެ. މުސްލިމުންގެ ރަންޒަމާނުގައި ދުނިޔެދުށް އިސްލާމީ ވެރިކަމުގެ ނިޒާމު ޖުމްހޫރިއްޔަތާ ވަރަށް ކައިރިއެވެ. އިސްލާމްދީން ޖުމްހޫރިއްޔަތާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދަންމަރުތައް ރޯކޮށްލިއިރު މުޅިދުނިޔޭގައިއޮތީ ވިރާސީ އިސްތިބުދާދީ ނިޒާމުގެ ރަސްކަމުގެ އަނދިރިކަން ފެތުރިފައެވެ. އިސްލާމްދީން އިންސާނުންނަށް އަސާސީ އިންސާނީ ޙައްޤުތަކާއި ސިޔާސީ އަދި ސަމާޖީ ޙައްޤުތައް ދިނީ ދުނިޔޭގެ ޤައުމުތަކުގައި އެކަންކަމުގެ ވުޖޫދެއްވެސް ނެތީހެވެ. ނަމަވެސް އަޅުގަނޑުމެންގެ މިޒަމާންތޯއެވެ. މުޅިދުނިޔޭގައި ގުގުމަމުންދަނީ ޖުމްހޫރިއްޔަތުގެ ލަވަތަކެވެ. އިންސާނީ ޙައްޤުތަކުގެ ބައިނަލްއަޤްވާމީ ޗާޓަރެއް އެބައޮތެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އަހަންމިއްޔަތު ދުނިޔެވަނީ ޤަބޫލުކޮށްފައެވެ. ރައްޔިތުން ބޭނުން ބަޔަކު ވެރިކަމަށް އަރުވައި ބޭލެއެވެ. (ރަނގަޅަސް ނުރަނގަޅަސް ވެހެވެ. ދީންވެރިކަމެއް ހުއްޓަސް ނެތަސްވެހެވެ. ހިނދުކޮޅު އަޔަސް ނަޔަސްވެހެވެ. ދޮންމީހުން އުޅޭގޮތަށް އުޅުނަސް އެފުރިކާގެ ކަޅު ބަބުރުން އުޅޭގޮތަށް އުޅުނަސްވެހެވެ.)

އެކަމަކު އިސްލާމީ އުންމަތަށް ނަމޫނާ ދައްކާންޖެހޭ ޢަރަބި ޤައުމުތަކުގައި އޮތީ ކިސްރާއާއި ޤައިޞަރުގެ އިސްތިބުދާދީ ނިޒާމެވެ. މުލޫކިއްޔަތެވެ. ހިތްތައް ކުދިކުދިވާފަދަ ބިރުވެރި އަނދިރިކަމެވެ. އެންމެކުޑަމިނުން އިސްލާމީ ސްޓޭޓެއްގެ މަޤްޞަދުވެސް އެސަރުކާރުތަކުން ޙާޞިލެއް ނުވެއެވެ. ޣައިރުއިސްލާމީ، ޣައިރު ޖުމްހޫރީ، ނާއިންސާފުގެ ޒަމާން ދިގުވެގެންގޮސް ރައްޔިތުންވަނީ އެކަމަށް އެއްގޯސްވެފައެވެ. ބަދަލެއް ގެނައުމަކީ ބޭނުންކަމެއްކަމަކަށްވެސް ގިނަބަޔަކު ނުދެކެއެވެ. އިންސާނީ ޙައްޤުތަކާ ޚިލާފުވުމާއި އިސްތިބުދާދީ ނިޒާމާ ދެކޮޅަށް ބަޔަކު ކޫސްކިޔައިލި ކަމުގައިވިޔަސް އެކަން ކުށްވެރިކުރައްވައި ނުހަނު ހެޔޮއަގުގައި ފަތުވާ ނެރުއްވާނެ މުފުތީން ޢަރަބި ދުނިޔޭގައި ސުމާރެއް ނެތްވަރަށް އެބަތިއްބެވިއެވެ. ގޮށްމުށުބާރުގެ ވެރީން ބޭނުންކުރައްވަނީ ފަތުވާގެ ބޮޑު ބަޑިއެވެ. މިދެންނެވި ސަރުކާރީ ޢިލްމުވެރީންގެ އަރިހުގައި ދީނަކީ ހުސްއެކަނި ނަމާދުކުރުމާއި އޮށްބޮޑެތި ތަސްބީޙަފަތިތަކުގެ އޮށްގުނައިލުމެވެ. ޚާނުގާހުތަކުގައި ތިބުމާއި ސިޔާސަތާ ދުރުވުމެވެ. ދެން އެންމެ "ސަވާބު ބޮޑު" ކަމަކީ ކައުވެގެންތިބޭ އަނިޔާވެރި ބޭދީނީ ވެރީންގެ ކުރިފުޅުމަތީގައި ބިމަށްތިރިވެ ބޯޖެހުމެވެ. ޢަރަބި ޤައުމުތަކުގައި (ޚާއްޞަކޮށް މިސުރާއި ސޫރިޔާގައި) ޕައުންޑާއި ޑޮލަރާއި ދިރުހަމާއި ދީނާރުގެ މަޢީޝީ މަޞްލަޙަތަށް އަޅުވެތިވާ މުފުތީން ވަރަށްގިނައެވެ. އަޒުހަރުފަދަ އިދާރާތަކުގެ ވެރީން ދެކެވަޑައިގަންނަވާގޮތުގައި އެބޭފުޅުންނަކީ ރައްބާނީ ޢިލްމުތަކާއި އެހެނިހެން އިސްލާމީ ޢިލްމުތަކުގެ ދިދަ އުފުއްލަވާ ބޭކަލުންނެވެ. ދިދައިގެ ވެރީންނެވެ. އެކަމަކު ހުސްއެކަނި ނަމާދު ރޯދައިން އެބޭފުޅުންގެ ރައްބާނިއްޔަތު ފުރިހަމަކޮށްލެއްވެއެވެ. އިސްލާމްދީނުގެ އެހެނިހެން ކަންކަމާއި ވެރިކަމުގެ އިސްލާމީ ނިޒާމާއި ޝަރުޢީ ޤާނޫނުތައް ތަންފީޒުވުމަކީ އެބޭފުޅުންނާވާ ބެހޭކަމެއްވެސް ނޫނެވެ. ޝަރުޢީ ޤާނޫނުތައް ތަންފީޒުކުރުވަން ބާރުއަޅުއްވާ ތަޙްރީކުތަކުގެ ބޭފުޅުންނަށް ސަރުކާރުން އަނިޔާކޮށް ދަންޖައްސާއިރުވެސް އެ ދޮޅުޕައުންޑުގެ މުފްތީން އަމިއްލަފުޅު މަޞްލަޙަތަށްޓަކައި ފަތުވާދެއްވަނީ ޝަރީޢަތް ތަންފީޒުކުރުވަން އުޅުއްވަނީ ނިރުބަވެރީންކަމުގައެވެ. ސަރުކާރުން އިންސާނީ ޙައްޤުތަކަށް ފައިންއަރައި ޗިސްކޮށް މިނިވަންކަމާއެކު ލިޔެ ތަޤްރީރުކޮށް ހެދުން މަނާކުރިކަމުގައިވިޔަސް މުފްތީންގެ ކަންފަތްޕުޅުތައް ހިރުވައިވެސް ނުލައެވެ. ދީނީ ޖަމާޢަތެއްގެ މެމްބަރަކަށް އެހެން ޤައުމަކުން ޙިމާޔަތްދީފި ކަމުގައިވާނަމަ މުފްތީން އެ ޤައުމެއްވެސް ކުށްވެރި ކުރެއެވެ. ނިރުބަވެރީން ޙިމާޔަތްކުރާ ޤައުމަކަށް ހަދައިލައެވެ.

މިހާރުގެ ޢަރަބި ޤައުމުތަކުގެ ސަބަބުން ލިބޭ ގެއްލުން

މިހާރުގެ ހުޅަނގުގެ ތަހްޒީބާ ވާދަކުރެވޭނެ ތަހްޒީބެއް ދުނިޔޭގައި އޮތްކަމުގައިވާނަމަ އެތަހްޒީބަކީ އިސްލާމީ ތަހްޒީބެވެ. ހުޅަނގުގެ ބޮޑެތިބޮޑެތި މުފައްކިރުންވަނީ އެކަމަށް އިޢުތިރާފުވެވަޑައިގެންފައެވެ. ފޮތްތައް ލިޔުއްވައިފައެވެ. އިޝްތިރާކިއްޔަތުގެ ބާރު ނިމުމަކަށް އައުމަށްފަހު ހުޅަނގުގެ ތަހްޒީބަށް ކުރިމަތިލާންޖެހިފައިވާ އެންމެބޮޑު ގޮންޖެހުމަކީ އިސްލާމްއެވެ. ހުޅަނގުގެ މުފައްކިރުން ދެކެވަޑައިގަންނަވާގޮތުގައި އިޝްތިރާކިއްޔަތުގައި ޖެހިފަދަ ވަރުގަދަ އެތިފަހަރެއް އިސްލާމްގައި ނުވަތަ އިސްލާމީ ތަހްޒީބުގައިވެސް ޖައްސަވައިނުލެއްވިއްޖެ ކަމުގައިވާނަމަ ހުޅަނގުގެ ތަހްޒީބަށް ނުރައްކައުވެދާނެއެވެ. ތަހްޒީބުތަކުގެ ކޯޅުން މިހާރުވަނީ އޭގެ އެންމެ މައްޗަށް ގޮސްފައެވެ. ހުޅަނގުގެ ތަހްޒީބާއި އިސްލާމީ ތަހްޒީބުގެ މަޢުރިކާގައި އިސްލާމީ ތަހްޒީބަށް ކުރިހޯދުމަށްޓަކައި ބޭނުންވަނީ އިސްލާމްދީނުގެ ރަނގަޅު ތަސްވީރުތައް ހުށަހެޅުމެވެ. އެކަމަކު މިހާރުގެ އިސްލާމީ ދައުލަތްތަކުން ފެންނަނީ އެފަދަ ތަސްވީރުތަކެއް ނޫނެވެ. އެސަރުކާރުތަކުން ހުށަހަޅާ ތަސްވީރުތަކުން ފެންނަގޮތުގައި މުސްލިމުންގެ އަކްސަރިއްޔަތު އޮންނަ ޤައުމެއްކަމުގައިވާނަމަ އެތަނެއްގައި އިންސާނީ ޙައްޤުތައްވާނީ ނިގުޅައިގަނެވިފައެވެ. ރައްޔިތުންވާނީ އަޅުވެތިކުރެވިފައެވެ. ރައްޔިތުންގެ ޙާލު ޖަނަވާރުންނަށްވުރެވެސް މާސަހަލުވާނެއެވެ. މީހަކު ސަރުކާރަށް ފާޑުކިޔައިފިނަމަ އެމީހެއްގެ ދޫބުރިކޮށްލެވޭނެއެވެ. އެންމެ ބޮޑެތި އަދަބު ލިބުން ޙައްޤު ވެދާނެއެވެ. ދުނިޔޭގެ މީސްތަކުން ޙާލުގެ ދުލުން ބުނަނީ ތިޔަކަހަލަ އިސްލާމަކަށް ތިމަންމެން ހާސްފަށުން ސަލާމޭ މިހެންނެވެ.

ދުނިޔޭގެ އަހްލުވެރީންކުރެ އެންމެނަކު އިސްލާމީ ތާރީޚެއް ނުކިޔަވައެވެ. خــلافــة الــرّاشــدة ގެ ޒަމާނުގައި އޮތީ ކިހައިފުރިހަމަ ޖުމްހޫރީ ނިޒާމެއްކަމެއް ނުދަނެއެވެ. އިސްލާމީ ޚިލާފަތުގައި ކޮންމެ މީހަކަށްވެސް ކިހައި ފުރިހަމަޔަކަށް ޚިޔާލުފާޅުކުރުމުގެ މިނިވަނަކަށް ލިބިފައި އޮތްކަމެއް ނުދަނެއެވެ. ޚަލީފާއިން ދިރިއުޅުއްވީ ޢާންމު ރައްޔިތުން ފަދައިންކަމާއި ކޮންމެ މީހަކަށްވެސް އެބޭކަލުންގެ ކުރިފުޅުމަތީން ގަމީސްކޮޅުގެ ގިރުވާންކޮޅުގައި ހިފައިލެވިދާނެކަމެއް ނޭނގެއެވެ. ދުނިޔޭގެ މީހުންނަށް ފެންނަ ޙަޤީޤަތަކީ މިހާރު އިސްލާމީ ޤައުމުތަކުގައި އޮތީ ޤަދީމީ ޒަމާނުގައި ދުނިޔޭގައި އޮތްކަހަލަ އަނިޔާވެރި ވެރިކަން ކަމެވެ. އެޒަމާނެކޭ އެއްގޮތަށް ބައްޕަގެ ތަޚްތުގައި އިށީނުމުގެ ޙައްޤު ދަރިފުޅަށް ލިބެމުންދާތަނެވެ. ޢާންމު ރައްޔިތަކަށް އެމައްސަލައިގެ ތެރެޔަށްވަދެ ބަހެއް ބުނެލުމުގެ ޙައްޤެއް ނެތްކަމެވެ. މުސްލިމުންގެ އިޖްތިމާޢީ ނިޒާމުގެ ތެރެއިންވެސް ފެންނަނީ ހަމަ އެ އަނދިރި ދައުރެވެ. އެފަދަ ބައެއްގެ ދީނާމެދު ދުނިޔޭގެ މީސްތަކުންގެ ޝައުޤުވެރިކަމެއްނެތެވެ. ހިތްދަމައިގަތުމެއް ނެތެވެ. މުސްލިމު ޢަރަބި ރަސްކަލުން ވެވަޑައިގެންފައިވަނީ އިސްލާމްދީނަށް ނަސުރު ލިބުމުގެ މަގަށް އެޅިފައިވާ ހުރަހެއްކަމުގައެވެ. އިސްލާމްދީން މުޠާލިޢާކޮށްގެން ފަރުދީގޮތުން ވަކިވަކި މީހުން އިސްލާމްވަމުންދިޔަ ކަމުގައިވިޔަސް ޖުމުލަގޮތެއްގައި ފައުޖުފައުޖަށް ބައިބަޔަށް މީހުން އިސްލާމްވަމުންނެއް މިހާރަކު ނުދެއެވެ. މުސްލިމުން އިސްލާމްދީނުގެ ސިޔާސީ ނިޒާމާއި އިޖްތިމާޢީ ފުރިހަމަ ނިޒާމުގެ ނަމޫނާތައް ހުށަހަޅަމުން ނުގެންދާތީއެވެ. މީހުން ބައިބަޔަށް އިސްލާމްވަމުން ދިޔުމަށް އެޅިފައިވާ ހުރަހަކީ އިސްލާމީ ދައުލަތްތަކެވެ. ޚާއްޞަކޮށް ޢަރަބި އިސްލާމީ ދައުލަތްތަކެވެ.

(ނުނިމޭ)