ވާހަކަ

ފިނި މެންދަމަކުން - 12

4

ދޮންފާތާފުޅު، ނޫނީ ހަސަންތަކުރުގެ މުނިމާމަގެ ސިހުރުބޫގަލްފޮތުގެ ބަނޑޭރިގަނޑު ހޯދުމަށް ދަހިވެތިވީ ހަސަންތަކުރު ނަމަވެސް އޭގެ ބޭނުން ޖެހިފައިވާ އެހެން ބަޔަކު ދުނިޔޭގައި ތިބިކަމެއް ހަސަންތަކުރަށް ނޭނގުން އެއީ އޭނާއަށް ކުރިމަތިލާން ޖެހުނު ހުރިހާ ކަމެއްގެ އަސްލެވެ. އެބަނޑޭރިގަނޑަކީ އޭގައި އެތައްއެތައް ބާރެއް ހިމެނިފައިވާ، ބާރުތަކެއްގެ ކަސްތޮޅު އެޅުވިފައިވާ ބަނޑޭރިގަނޑެކެވެ. ދޮންފާތާފުޅުގެ ހުރިހާ ސިހުރެއް ބާތިލުކޮށްލި އިރުވެސް އޭރުގެ ވެރިންނަކަށް އޭނާގެ ފޮތުގެ ބޭރުގަނޑެއް ނުފެނުނެވެ. އެހޯދާ ހޯދާ އެތައް ކަމެއް ކުރިއިރުވެސް ހިލަމެއްވެސް ނުވިއެވެ.

އެންމެ ފަހުން ދޮންފާތާފުޅު މަރުމަތީގައި އެބަނޑޭރިގަނޑާ ބެހޭ ގޮތުން ހަމަ އެންމެ އިންސާނެއްގެ ގާތުގައި އެވާހަކަ ބުނެދިނެވެ. އެކަމަކު އެމީހަކަށްވެސް އެއީ ސީދާ މިވެނިތަނެއްގައޭ ވީ ބުނާކަށް ނޭނގޭނެހެން ދޮންފާތާފުޅު ދީފައިވަނީ ބައެއް ކަހަލަ ނިޝާންތަކެކެވެ. އެއީ ދޮންފާތާފުޅުގެ ފަރާތުން އެދުރުވެފައިވާ އެފުޅު އެންމެ ލޯބިވި، އެފުޅަށް އެންމެ ތެދުވެރިވި، އަދި އެންމެ ފަހު ވަގުތުގައި އެފުޅު ނުހަނު ވޭނުގައި އުޅުނުއިރު، އެންމެން އެފުޅު އެކަހެރިކޮށްލި އިރު، އެފުޅަށް ހޭހަންކޮށްދޭން އިން ހިދުމަތްތެރި ހާދިމާވެސްމެއެވެ.

ދޮންފާތާފުޅުގެ އުނަގަނޑުން ތިރި މަރުވެ، ކުނިވަސްދުވާތީވެ އަދި ބައެއް ފަހަރު އެފުޅޫ އަނގައިންއެގޮވާ އެތިވަރު ތަކަކާހެދި އޭރުގެ ރަށުގެ ވެރިންނަށް ތިބި ބޭކަލުންނާއި ގައުމުގެ ވެރިންނާ މަޝްވަރާ ކުރެވުމަށްފަހު، ދޮންފާތާފުޅަކީ ދައުލަތުގެ ކުށްވެރިއަކަށް ވާތީއާވެސްއެކުގައި ދޮންފާތާފުޅު މާލެ ހާޒިރު ކުރުވުމަށްފަހު، ހަކީމުންނާއި އެދުރުންނާއި ބޮޑުންގެ ޝަރިއަތަށް ހާޒިރު ކުރެވުނެވެ. ދޮންފާތާފުޅު އެހާލުގައިވެސް ދައުލަތަށް އެއްވެސް ވާހަކައެއް ކިޔައިދޭކަށް އެއްބަހެއް ނުވިއެވެ.

އެހިސާބުން ފާތާފުޅު މާފުށީ ގަނޑުވަރު ކިޔާ ފަޅުހިސާބުގަ ހައްޔަރުކުރެވުނީއެވެ. ބުނެވޭ ގޮތުގައި ދޮންފާތާފުޅު މަރުވެ، ވަޅުލެވިފައިވަނީވެސް އެތަނުގައެވެ. އެއީ މިހާރުގެ މާފުށީ ޖަލު ސަރަހައްދެވެ. ޖަލު ސަރަހައްދުގެ ޔުނިޓްދޭއްގެ އޭބީފަޅިއެހެރީ ބުނެވޭގޮތުގައި ދޮންފާތާފުޅު ގައިދުކޮށްފައި ބެހެއްޓުނު، އަދި މަރުވެގެން ކުނިވެ، ވަޅުވެސްލެވުނު ތަނުގައެވެ.

*****************************

ދޮންފާތާފުޅުގެ ފަރާތުން އެފޮތުގެ ބަނޑޭރިގަނޑު ލިބުނީ ކާކަށް ކަމެއް އެކަކަށްވެސް ނޭނގެއެވެ. އެހެންނަމަވެސް ދޮންފާތާފުޅުގެ މަތިމަތިފުށަށް ސިހުރުގެ ކުޅިވަރު ވާރުތަވެގެން ދިޔަކަން އެނގޭ މީހުން އެބަތިއްބެވެ. ހަސަންތަކުރުމެން ނިމިދިޔައީ އިންތިހާ ވޭނުގައެވެ. ދެމީހުންގެ މަރުމަތިވެސް އަމާންނޫންކަން މީހުންނަށް ފެންނާނެހާ ގިނަ މަންޒަރުތައް ފާޅުވެ އެނގިހާމަވިއެވެ. ދެމީހުންމެ މަރުވީ ވާގިނެތި ބަލި އެނދުގައެވެ. ދުލުން ހެޔޮއެއްޗެއް ނުކިޔޭހާލުގައި ހިމޭނުން ތިބޭކަށްވެސް ނުކުޅެދުނެވެ. ކިރިޔާވެސް ދޫހަރަކާތްތެރިވެއްޖެނަމަ ނުބައިހުތުރު ހަޑިބަސްތައް ގޮވައެވެ.

ނަސީރު ފަކީރު ކުރާނީ ކީއް ހެއްޔެވެ. އަނބިމީހާއާ އެކު ކިތަންމެ އުފާވެރި ދިރިއުޅުމެއްގައި ތަނަވަސް ދިރިއުޅުމެއް އުޅުނަސް އެއީ މީހުންނަށް ފެންނަ ފެނުމެވެ. ނަސީރަކީ ޝައިތާނާގެ އަޅެއްކަމާއި އޭނާގެ އެހެން ދުނިޔެއެއް އޮތްކަން އެނގޭ މަންމަ އާއި ބައްޕަ ތިބީ އުމުރުގެ ފަހުކޮޅަށް ދިޔައިރު އޭނާއަށް އެހީވެވޭވަރަށްވުރެ މާހާލުދެރަކޮށެވެ. ފަހަކަށް އައިސް ޝައިތާނުންނާ ގުޅުން ބާއްވަން ނަސީރު ބޭނުމެއް ނުވެއެވެ. އެހެންވާން ޖެހުނީ އޭނައަށް ނުހަނު ލޯބި ދަރިފުޅެއް ލިބުނު ހިސާބުންނެވެ.

ފަޒީލަށް އެއްވެސް ދެރައެއް އަދި އެއްވެސް ނުރައްކަލެއް ވާކަށް ނަސީރުގެ ހިތެއް އެއްބަހެއް ނުވިއެވެ. ދަރިފުޅު ދެކެ އޭނާ ނުހަނު ލޯބިވެއެވެ. އެދަރިފުޅަށް ދުނިޔޭގެ ހުރިހާ އުފަލެއް ހޯދައިދޭން އޭނާ ދިޔައީ މަސައްކަތްވެސް ކުރަމުންނެވެ. މުޅި އަތޮޅުގައިވެސް އެމީހުންނަށް ވުރެ ވަކި މުއްސަނދި ބަޔަކު ނޫޅެއެވެ. އެކަމަކު ނަސީރަށް އެހާ ފައިސާ އާއި މުދާވެރިކަން ލިބެނީ ކިހިނެއް ކަމެއް އެނގޭ މީހަކުވެސް ނެތެވެ.

ދަރިފުޅުގެ އުމުރުން ހަތަރު އަހަރުގައި ނަސީރު ބިރުން އުޅުނު ކަންތައް ވެއްޖެއެވެ. އެރެއަކީ ހަނދުމަހެއްގެ ސަތާރަވިލޭރެއެވެ. މުޅި ދުނިޔެ ނިދާ ހަމަހިމޭން ވުމުން ނަސީރު ދިޔައީ އޭނާގެ އަޅުކަން ފުރިހަމަ ކުރުމަށެވެ. ގޭގެ ގިފިލީގައި ހައްދާފައި ހުންނަ ބޯކެޔޮގަސްތަކުގެ އެއްފަރާތެއްގައި ކުކުޅުހާ، ކޮތަރު، ފިދަނަ، ރަތަފަ ގެންގުޅޭ ދޫނި ކޮށްޓެއް ހުރެއެވެ. މިރަށުގެ ގިނަ ގޭގޭގައި ކުކުޅުހާ ގެންގުޅެއެވެ. އެކަމަކު ނަސީރުގެ ގޭގެ ގިފިލީގައި ހުންނަ ކޮށްޓަކީ މާކުރިއްސުރެ ހަސަންތަކުރު، ނަސީރަށް ހަތް އަހަރުވީއްސުރެ ދޫނި ގެންގުޅުމަށް ހަދާފައިވާ ކޮށްޓެކެވެ. ތިންބަޔަކަށް ބަހާފައި ހުންނަ ކޮށީގައި އެތައްބައިވަރު ކުކުޅުހާލާއި ދޫނިތައް އޮވެއެވެ. ހަމަގައިމުވެސް ނަސީރު އެއިން އެއްޗެއް ކަތިލައިގެން ކައި ހަދާތަނެއް ނުފެނެއެވެ.

ގިފިއްޔަށް ނަސީރު ވަނީ ކުޑަވަރެއްގެ ގުރާކޮށްޓެއް ކަހަލަ އެއްޗެއް ހިފައިގެންނެވެ. އަދި ފާޑެއްގެ ކޮތަޅެއް ކަހަލަ ދަބަސްގަޑެއްވެސް ކޮނޑުގައި އަޅުވާފަ އޮތެވެ. ލައިގެން ހުރީ ކަޅުޓީޝާޓަކާއި ކަޅާއި ނުލުގެ ގޮޅިޖެހި މުންޑެކެވެ. އެއްއަތުން ކުޑަ ޓޯޗުބައްތިއަކުން އަލިކުރަމުން ނަސީރު ގޮސް ކޮށި ކައިރިއަށް ހުއްޓި، ދޫނިކޮށީގެ ދޮރު ހުޅުވާލާފަ އެތެރެއަށް ވަދެއްޖެއެވެ. އަދި ދެން އިރުކޮޅަކުން އެނުކުތީ އެއްކަލަ ކޮށްޓަށް ސިއްހަތު ރަނގަޅު ހާލަކާއި ހެޔޮވަރުވަރަކަށް އިން ރަތަފައެއް ލައިގެންނެވެ. ދޫނިކޮށީގެ ދޮރު ބަންދުކުރުމަށްފަހު ކޮށްޓާއި އަތުގައި އޮތް ދަބަސްގަޑާއި ޓޯޗު ބައްތިހިފައިގެން ނަސީރު ނުކުތީ ގިފިލިން ނުކުމުގެން ގޮސް ގޭގެ މައިދޮރާށިން ބޭރަށެވެ.

ދުރުދުރުގައި ދިގު ފިޔަވަޅު އަޅަމުން އެހެރަ މަގު އޮތްގޮތަށް ފައިބައިގެން ދިޔައީ ރަށުގެ މީހުން ނޫޅޭ ވަލުތެރެއާ ދިމާއަށް ދެވެން އޮންނަ މަގާދިމާއަށެވެ. ފަޅުވެފައިވާ ވަލުމަގުތަކުން އެތެރެއަށް ވަދެގެން ގޮސް ނަސީރު މަޑުކޮށްލީ ގަސްބޯވެ ވާވެފައި އޮތް ހިސާބަކަށެވެ. އެތަނުގައި އިރެއްގައި ބިނާކޮށްފައިވާ ކޮންމެވެސް ތަނެއް ތަޅާލާފައި ހުރުމުން ވެއްޓިފައިވާ ގާގަޑެއް ހުއްޓެވެ. ސިފަވާ ގޮތުން އެއީ ހިރިގަލުގެ މިސްކިތެއް ނޫނީ ފައްޅިއެއް ކަހަލަ ތަނެކެވެ. އެދިމާއަށް އަރިއަކަށް ހުއްޓި ވަކި ފަރާތަކަށް ނަސީރު މޫނުލިއެވެ. ކިތަންމެ ގަބޫލުކުރާ ހިތް ނުވިޔަސް ނަސީރު އެހުއްޓުނީ ގިބުލަވީފަރާތަށް ފުރަގަސްވާގޮތަށެވެ.

އެހެރަގޮތަށް ހުރެ އޭނާ ލައިގެން ހުރި ގަމީހާއި މުންޑުގަޔާއި ވަކިކޮށް ދުނިޔެއަށް ފޮނުއްވި ގޮތަށް ހުތުރު ވައްތަރުތަކެއް ޖައްސާ އަނގައިން އެތިވަރުތަކެއް ކިޔަމުން ބިންމަތީ ބެހެއްޓި ކޮށިން ނެރެ އޭގެ ކަރުގައި އަޅާލީ އެދިމާ ބިންމަތީ އޭނާ ބާއްވާފައި އޮތް ދަބަސްގަޑުން ނެގި ވަޅިއަކުންނެވެ. އޭރު ހާ ހުރީ އަތުކޮޅަށް ނަގައި އޭނާގެ ބޮލާ ދިމާވާގޮތަށް ބަހައްޓާފައިކަމުން ހާލުގެ ލެއިން ފޯވެއްޖެއެވެ. ނުބައި ހުނުމަކުން ހޭންފެށި އިރު އުނޑުމަތީ ފިޔަޖަހަމުންދިޔަ ތަރިތަކުގެ ދަރުބާރުގައި ރަނިކަންކުރަމުން ދިޔަ ހަނދު، ވިލާތަކެއްގެ ފުރަގަހުން ނުކުމެ ދުނިޔޭގެ ބިމަށް އޭގެ އަލިކަން ފޯރުކޮށްދީފިއެވެ.

ހާލުގެ ލެއިން ތަތްތެޅިފައި ހުރި ނަސީރުގެ ގަޔަށް ހަނދުވަރުގެ އަލި އެޅިފައި ހުރުމުން އޭނާ ސިފަވަނީ ނުބައި ގޮތަކަށެވެ. ދެން އެއްޗެހިތަކެއް ކިޔަމުން ކޮށިން ނެގި ރަތަފައިގެ ކަރުބުރިކޮށް އޭގެ ލޭ އޭނާގެ އުނަގަނޑުން ތިރިއަށްވާގޮތަށް ހާކާ ހަތަރުމޮއްގަނޑު މައްޗަށް ތިރިވެ ޒާތެއްގެ ސަޖިދައެއް ޖެހުމާއެކު އަލިފާންގަނޑެއްހެން ކުރިމަތިން ފާޅުވީ ކެހެރިބޯ ހުތުރު ސިފައަކަށް ހުރި މަހުލޫގެކެވެ. އޭގެ އަނގައިން ފައިބާ ދަވައިން މޭމަތީ ހުރި ބޯކެހެރިގަނޑު ތެމެމުން ދިޔައެވެ. ދުވާ ނުބައި ކުނިވަސް މޭހަލާކުކޮށްލާވަރުވެއެވެ.

ނަސީރު ބޭނުންވާ ކަންތައް އެއްވެސް ދަތިކަމެއް ނެތި ފުރިހަމަވާނެ ކަމަށް އެޝައިތާނާ ބުނެލީ ހުތުރު އަޑަކުންނެވެ. އެކަމަކު ނަސީރުގެ ދަރިފުޅުގެ ފަރާތުން ފެންނަ ކަންތައްތަކަށް އެޝައިތާނާ ނުރުހޭ ކަމަށާއި އެކަންތައް ނުހުއްޓުވައިފިނަމަ ފަޒީލާ އަވަލައިގަނެ ފަޒީލު ތިމަންމެންގެ ބާރުގެ ދަށަށް ގެނެވޭނެ ކަމަށްވެސް އޭތި އަމުރުކުރިއެވެ.

އެހެންރޭތަކެކޭވެސް އެއްގޮތަށް މޫދަށް ފައިބާ، ސިހުރުގެ ކަންތަކަށް ޝައިތާނާއަށް އަޅުކަމުގެ ފަހުބައި ފުރިހަމަކޮށް ސިހުރުގެ ދަސްވި ކިޔެވެލިތަކާއި އާކަންތަކަށްޓަކައި އުފާ ކުރަމުން ނަސީރު ގެއަށް ދިޔައީ ފަތިސްނަމާދުގެ ބަންގީގެ ކުރިން ތަންމަތީގައި ޖައްސާލުމަށެވެ. ﷲތައާލާގެ އިސްމުފުޅުގެ އަޑު، ކަލިމަތަކުގެ އަޑަށްވުރެ އެޝައިތާނާ ބިރުގަނެ ޖެހިލުންވާ ދެވަނަ ކަމެއް ނެތެވެ. ދުނިޔޭގެ އެދުމުގައި އޭނާގެ އަތުން އެޖަހައިގަނެވެން އުޅެނީ ނުހަނު ލޯބިވާ ދަރިފުޅުކަން އޭނާއަށް އެނގޭބާވައެވެ.

ދުވާލުގެ އަލިކަމުގައި މައުސޫމު ކުޑަކުޑަ ފަޒީލުގެ މޫނު ފެނުމުން ހެނދުނުގެ ނާސްތާ ކުރަން ބޮޑުގޮނޑީގައި އިން ނަސީރުގެ ހިތަށް ތަދުވެއްޖެއެވެ. އޭނާ ހަމަހޭގައި މިދަރިފުޅު އެޝައިތާނާ އަކަށް ހިބަކޮށް ނުދޭނެއެވެ. އެހެންނޫނަސް މިހާރު އެމީހުންގެ އަތުގައި ހުރިހާ އެއްޗެއްވެސް އެބަހުއްޓެވެ.

ފަޒީލު ގޮވައިގެން މިބިމާއި މިފަސްގަޑު ދޫކޮށްލާފައި ދިއުމުގެ ވަގުތު ޖެހުނީއެވެ. އަވަހަށް ދަތުރަށް ހަދަންވީއެވެ. ދޮންފާތާފުޅުގެ ހާއްސަފޮތުގެ ބަނޑޭރިގަޑު ވީހިސާބު ދެނެގަތުމަށް އޭނާ ޝައިތާނާއާ އެއްބަސްވުމަކަށް ދިޔައީ ފަޒީލާ ހަމައަށް ނާންނާނެ ކަމަށް ހީކޮށްފައެވެ. އެހެންނަމަވެސް އެމަހުލޫގުން މިފަދަ ޅަދޮޅު ކުއްޖަކު ދޫކޮށްލާނެ ހެއްޔެވެ. ހެވެވެ. ޝައިތާނުންގެ އަތްދަށަށް އެހާ ފަސޭހައިން ފަޒީލު ދޫކޮށްލާކަށް ނަސީރަކަށް އެއްބަހެއް ނުވެވޭނެއެވެ.

ނަސީރު އޭނާގެ އަނބިމީހާ އާއި ދަރިފުޅު ގޮވައިގެން ރަށުގެ އެއްވެސް މީހަކަށް ނާންގާ ސިއްރުސިއްރުން ރަށުން ފުރި ބޯޓެއްގައި ވ. ފުލިދޫއަށް ބަދަލުވީ ހަމަ އެހަފުތާތެރޭގައެވެ. ނަސީރަށް ނުވިސްނުނީ އޭނާ ތަބާވެ އަޅުވެތިވެފައިވާ ޖިންނިޝައިތާނުންނަކީ އޭނާގެ ހަރަކާތްތަކަށް ބަރާބަރަށް ފަރުވާތެރިވާ ބައެއް ކަމެވެ. އެޖިންނިޝައިތާނުންނަކީ އެތައް ބައިވަރު ބައެއްކަމާއި އެތަކެއްޗަށް އޮޅުވާލުމަކީ ކިހާ ނުރައްކާތެރިކަމެއްކަން ވިސްނާނުލެވުމުގެ ނަތީޖާ ކިހާ ހިތިގޮތަކަށް ފެނިދާނެ ކަމެއް ކަމަކަށް ނަސީރުގެ ހިތަކަށް ނާރައެވެ.

ވ. ފުލިދޫގައި ނަސީރުގެ އަނބިމީހާގެ ތިމާގެ ބައެއްގެ އެހީގައި ދިރިއުޅުން އާރާސްތު ކުރަން ފެށިތާ މާގިނަ ދުވަހެއް ނުވާނެއެވެ. ރަށުތެރެއިން ހިތާމަވެރި އަދި ބިރުވެރި ހާދިސާއެއް ހިނގައިފިއެވެ. ނުހަނު ލޯބިން އިނދެގެން އުޅުނު ދެމަފިރިއެކެވެ. ހައްވަގެ ފިރިމީހާ ޖަލަށް ގެންދިޔައީ މަސްތުވާތަކެތީގެ ވިޔަފާރީގައި ރާއްޖެއިން އެންމެ ފުރަތަމަ ހައްޔަރު ކޮށް އުމުރަށް ޖަލަށް ހުކުމް ކުރި މީހުންގެ ތެރޭގައެވެ.

އެއީ 1993 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި 20 އަހަރުގެ ޝިނާޒު ޖަލަށް ގެންދިޔައީ އޭނާ އާއި ހައްވާ ޝައުނީގެ ލޯބީގެ ކައިވެންޏަށް ހަމަސްވީތަނާއެވެ. ހައްވައަކީ ރީތި އެންމެ 18 އަހަރުގެ ޅަޒުވާން އަންހެނެކެވެ. ފިރިމީހާ އެނބުރި އަޔަސް އާދެވޭނީ ސާދަ ވަރަކަށް އަހަރު ފަހުން ކަމުގެ ވިސްނުން ހައްވަގެ ސިކުނޑިއަށް ވިސްނައިދިނީ ކާކު ކަމެއް، އެއީ ކިހިނެއް ފެށުނު ކަމެއްކަން އެނގޭ މީހަކު ނެތެވެ. އެކަމަކު ހައްވަގެ އުޅުން ގޯސްވެ، "ކޫޑި" އެއްގެ ލަގަބު ލިބުނުއިރު އޭނާގެ ގެ ކުރިން ހަދަން ފަށާފައި ހުއްޓިފައި ހުރި ހިސާބުން ބޮޑު ތަނަވަސް ގެއަކަށް ބަދަލުވެ އެރަށުގައި ހުރި އެންމެ ފޯރާ މީހާއަށްވެސް ވެއްޖެއެވެ.

ޅަޒުވާން ފިރިހެންކުދިންނާއެކު ހިތްއުފާ ކޮށްލުން އޮންނަނީ ވަކި ހަމައެއްގައި އެއްބައިގެ ގޮތުގައެވެ. އަނެއްބަޔަކީ މައިންބަފައިންނާއި އެއްބަނޑަށް ތިބި ހައެއްކަ ކުދިންގެ ހަރަދުބަރަދާއި ބޮޑުދައިތައިން ބޮޑުބޭބެއިންނާއި އާއިލާގެ ދުރު މީހުންގެ އަތުން މަންމަ އާއި ދޮންބައްޕަ ނަގާފައިވާ ދަރަނި އަދާކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ކުރާ މަސައްކަތުގެ ބައެވެ. މިބައި ކުރިއަށް ގެންދިއުމަށް އެންމެ ބޮޑު އެހީއެއް ފޯރުކޮށްދެނީ ދޮންބައްޕަ އާއި ބޮޑުދައިތަމެން އަދި ޅިޔަނުންނާއި ފަހަރިންނާއި ބޮޑުބޭބެއިންނެވެ.

ޖަލުގައި އޮތް ހައްވަގެ ފިރިމީހާ ޖަލުގައި މަރުވި ހަބަރު ލިބުމުން ހައްވައަށް ފުރިހަމަ މިނިވަންކަން ލިބުނީ ކަމަށް އެންމެން ތިބީ އުފަލުންނެވެ. އެހެންނަމަވެސް އެއީ ހައްވަގެ ހިތްހަލާކުކޮށްލި ހަބަރެކެވެ. ހައްވަ ޝިނާޒުދެކެ ލޯބިވާކަން ގައިމެވެ. ޖަލަށް ބޭނުންވާ ސާމާނު ބުނުމަކާ ނުލައި ފޮނުވައިދެމުން ދިޔައީ ވެސް އެހެންވެއެވެ. ކޮންމެވެސް ބޮޑު މީހަކަށް ފައިސާ ދީގެން ފިރިމީހާ ސަލާމަތްވާނެ ކަމާއި ލާރިހޯދާނެ މަގާއި އެބުނާ މޮޅުމީހާއާ ބައްދަލުކޮށްދިން ފަހަރިން ކަންބޮޑުވީ އެހިސާބުން ރަންބިސް އަޅާ ކުކުޅު ބިސް އެޅުން ހުއްޓާލާނެތީއެވެ.

ކަންވީވެސް އެހެންނެވެ. އެކަމަކު އެމީހުން ދިޔައީ ހައްވައަށް ވިސްނައިދެމުންނެވެ. އަދި އެމަސައްކަތްވީ ބޭކާރެވެ. ހައްވަ ނަމާދަކޮށް އަޅުކަމާ ގާތްވެ އެކަނި ގިނަވަގުތު ގެއާ މާދުރުގައި ފަޅު އަތިރިމަތީގައާއި އެހެންވެސް އެފަދަ ތަންތަނުގައި އުޅެން ފަށައިފިއެވެ. އަދި މިގޮތަށް ކަންތައް ވާންފެށިތާ، މާނައަކީ ޝިނާޒުގެ މަރުގެ ހަބަރު ލިބުނުތާ ބަރާބަރު މަހެއްވީތަނާހެން މިބިރުވެރި ހާދިސާ ހިނގައިފިއެވެ. އެއީ ނަސީރު، ރަމްޒީގެ ނަމުގައި އެރަށުގައި ވަޒަންވެރިވެ، ފަޒީލުގެ ނަމުގެ ފަހަތަށްވެސް ރަމްޒީގެ ނަން ހިމަނައި ރަށަށް އެމީހުން ހޭނެން ފެށިތަނާހެން ދިމާވި ބިރުވެރި އަދި ހިތާމަވެރި ހާދިސާއެކެވެ.

ހައްވަ މަރާލާފައި އޮތީ އަނިޔާވެރި ގޮތަކަށެވެ. ބަލާލީމަ އެއީ އިންސާނެއްގެ ކަމެއްބާވައޭ ހީވާ ވަރުވެއެވެ. އަދި މުޅަ މަސްގަނޑާއެކު ބަދުއަހުލާގީ އަމަލުހިންގާ، ބަރަހަނާކޮށްފައި، ޖިންސީ ގުނަވަންތަކަށް ބޮޑެތި އަނިޔާކޮށްފައި ހުއްޓެވެ. މިހާރު ރާއްޖޭގައި އެފަދަ މައްސަލަތަކަށް ފަސޭހަކަމާއެކު ހެކި ހޯދުމަށް ފޮރެންސިކާއި އެހެން ތަހުގީގުތައް އޮންނަ ފަދައިން އޭރަކު އެފަދަ އެއްވެސް ކަމެއް ކުރެވޭކަށް ނެތެވެ. އެހެންކަމުން ކަމުގެ ހަގީގަތް އޮތީ ނުހޯދިފައެވެ.

ނަމަވެސް ރަށުތެރޭގައި މިގޮތަށް އަނިޔާވެރި ތަފާތު ހަތަރު ވަރަކަށް މީހުން ހަމަ އެންމެ ހަފުތާއެއްގެ ތެރޭގައި މަރާލާފައި ހަށިގަނޑު އެއްލާލެވިފައި އޮންނައިރު އެމީހުންގެ މޭއިރާލައި ހިތާއި، ބޮލުގެ ނާށިގަނޑު ފަޅާލައިގެން ސިކުނޑި ނަގައި، ލޯކޮނެ، މިފަދަ ބޮޑެތި އަނިޔާތައް ކޮށްފައި ހުރެއެވެ. ރަށުތެރޭގެ ނުރައްކާތެރި ހާލަތު ރަނގަޅު ކުރެވޭނެ އެއްވެސް މީހަކު ނެތެވެ. ނަސީރު ދެފިކުރެއްގެ މަތީގައި ވިސްނަމުން ދިޔައީ މިކަމުން ރަށް ސަލާމަތް ކުރަން އޭނާ ތެދުވަންވީތޯ ނުވަތަ ނޫންތޯއެވެ. މިފިކުރުމަތީގައި އެދުވަހު އަތިރިމަތީ އޮތް ރުއްގުޅިއެއްމަތީ އިށީނދެގެން އިންދައި ދެ އަންހެނަކު އޭނާގެ ކުރިމައްޗަށް އައިސް ހުއްޓުނެވެ.

"އެއީ ހިންދާމުއަސްމާގެ މަންމަ އާއި ފަޒީލުގެ ބައްޕަގެ އެކުވެރިކަމުގެ ފެށުން....."

މާހީ ދިޔައީ ކަނުލާ ވާހަކަ އަޑު އަހަމުންނެވެ. އޭނާ ބޭނުންވަނީ މިކަމުގެ ތެރެއަށް އޭނާ އައީ ކޮން ހިސާބަކުންތޯ ދެނެގަންނާށެވެ. ކުރިމަތީގައި އިން ހުތުރުސިފައިގެ ދެމަހުލޫގުން މިހާރު އެތިބީ އޭނާފަދަ އިންސާނުންގެ ސިފައިގައެވެ. ދުވަސްވީ ބޮޑު މައި ޖިންނި އެއިނީ މުސްކުޅި އެދުރުކަލޭގެއެއްގެ ސިފައިގައެވެ. އަދި އެހުރިހާ ވާހަކައެއް މާހީއަށް ކިޔައިދޭން އެޖިންނި އައީވެސް ރޭގައި މާހީ އެހީވި މިޒުވާންކޮށް އިން އަންހެން އެތީގެ އެދުމަށް، އެހާ ހެޔޮކޮށް ކަންތައް ކޮށްދިނީމާ ކަމަށްވެސް އޭތި ބުންޏެވެ. އަދި މިއީ މާހީއަށް އެންމެ ފުރަތަމަ ގަހުގެ ގޮފިގަނޑުމަތިން ފެނުނު ޖިންނި ކަމަށްވެސް ބުންޏެވެ. އަދި ރޭގައި މާހީއަށް ފެނުނު ޅަޒުވާން ފާޑުގެ، އަދި ކުނިވަސް ނުދުވާ ޖިންނި އެއިނީ ހިންދާމުއަސްމާއާ ވައްތަރު ސިފައެއްގައެވެ.

ރޭގައި މާހީ މިމަހުލޫގަށް އޯގާތެރިވިއެވެ. އޭތީގެ މޭމަތީގައި އަލިފާން ޖެހި ފިހިފައި ހުރިތަނުގައި ބޭސް އަޅައިދީ އެހީވިއެވެ. މާހީއަށް އެމަހުލޫގު ސިފަ ދެގޮތަކަށް ބަދަލުވެފައި ފެނިގަތީ މާހީގެ އޯގާތެރި ހިތްހެޔޮކަމާއި ރަހުމަތްތެރިއެކޭ ބުނެ އެތައް ވާހަކައެއް ދެއްކިފަހުންނެވެ. ބިރުވެރި ހުތުރު ސިފައެއްގައި ހުރެ އެ މަހުލޫގު އޭތީގެ އަސްލު އާއިލާގެ ޖިންނި ޝައިތާނުން ތިބޭނީ އެހެންކަމަށް ބުންޏެވެ. ދެން ބަދަލުވީ ޖަނަވާރެއްގެ ސިފައަށެވެ. އެއީ އެމަހުލޫގުން ކާނާ ހޯދުމަށް ޝިކާރައަށް ނުކުންނަ ސިފައެވެ. އަދި ދެން އިންސާނެއްގެ ސިފައަށެވެ. އެމަހުލޫގު ބުނި ގޮތުންނަމަ އެއީ ހިންދާމުއަސްމާގެ ދަރިފުޅެވެ. އަދި އެމަހުލޫގުގެ ނަމަކީ ހިންދުއްސަބާއެވެ.

މާހީއަށް ހިންދުއްސަބާ ހުރިހާ ވާހަކައެއް ކިޔައިދޭން ބުނީ ވަރަށް މަޖާ ހެއްވާ ޝަރުތެއްގެ މަތިންނެވެ. މާހީ ކައްކާ ޗޮކްލެޓް ޕުޑިން އާއި ފުރުޓް ޕޭސްޓްރީ ހިންދުއްސަބާއަށް ވަރަށްމީރު ކަމަށާއި ކާންދޭ މަތިން ހުރިހާ ވާހަކައެއް ކިޔައިދޭން ކާފަ ގޮވައިގެން އަންނާނެ ކަމަށްވެސް ހިންދުއްސަބާ އެއްބަސްވިއެވެ. ރޭގައި މާހީ އޭއްޗަށް ކާންދިން މިދެވައްތަރުގެ ފޮނިކާތަކެތި ގިނަގިނައިން ކާން ލިބޭނެ ކަމަށް ވައުދުވުމުން މުސްކުޅި ކާފަ އެދުރެއްގެ ސިފައިގަ ގެނެސްދިނެވެ. އަދި މާހީގެ އެތައް ބައިވަރު ސުވާލުތަކަށް ޖަވާބު ދިނުމަށް އެންމެ ފުރަތަމަ މާހީއަކީ ކާކުތޯ އަދި ފަޒީލާއި ހިންދާމުއަސްމާއަކީ ކޮންބައެއްކަން އެނގެން ޖެހޭނެ ކަމަށާއި އެނޫނީ ވެގެން މިއުޅެނީ ކީއްކަމެއް ނުވިސްނޭނެ ކަމަށްވެސް އެމަހުލޫގު ބުންޏެވެ.

ވާހަކަ މެދުކަނޑާލި ގަޑީގައި ހިންދުއްސަބާއަށް ޕުޑިން ތަށްޓެއް ގެނެސްދީފައި މާހީ ޖެހިލުންވެ ހުރެ ކާފައަށް އެއްވެސް އެއްޗެއް ގެންނަންތޯ އެހުމުން ހިންދުއްސަބާ ޖަވާބުދިނެވެ. އެއްވެސް ތަފާތެއް ނެތް ރީތި ދިވެހި ބަހުން ދެމަހުލޫގުން ވާހަކަ ދައްކާއިރު މިއީ އިންސާނުން ނޫނޭ ބުނާނީ ކާކު ހެއްޔެވެ. ކުޑަދޮރުން ބޭރުގައި ހުރި ގަހަށް އަރާފައި އޮންނަ އުބުލިވެލުގަ ހުންނަ އުބުއްޔަކީ ކާފައަށް މާމީރު އެއްޗެއް ކަމަށް ބުނުމުން މާހީ ހައިރާންވެފައި ވިސްނާލިއެވެ. އެގަހަށް ކާފަ އަންނަ ބޭނުމަކީ އަދި ހިންދުއްސަބާވެސް އައި ބޭނުމަކީ އެއީ ކަމަށާއި ނަމަވެސް މާހީ އުޅޭގެ ކަން އެނގުމުން އެމަހުލޫގުންނަށް މާހީއަށް ފާރަލާ ހެދުމަށް އެންގުނީއެވެ. މާހީ ގާތަށް ހިނިވެސް އައެވެ. މިއީ ކޮންފަދަ އާދަޔާ ހިލާފު ބައެއް ބާވައެވެ.

ކައިނިމި ފެން ބޮއި ނިމުމުން އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިއުމަށް މާހީ އެދުނެވެ.

(ނުނިމޭ)