ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކީ ރަނގަޅު ހެޔޮލަފާ ބޭފުޅަކަށް ވިޔަސް ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުން ރަނގަޅު ވެގެން މެނުވީ ގައުމު ރަނގަޅު ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން ރޭ ދަންވަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރުގައި ތިއްބަވާ ގިނަ ބޭފުޅުން ރަނގަޅު ވިޔަސް ރައީސް ރަނގަޅު ވެގެން މެނުވީ ގައުމު ރަނގަޅު ނުވާނެ ކަމަށެވެ. އިމްރާން މިފަދަ ޓުވީޓެއް މި ކުރެއްވީ ކޮން ކަމަކާ ގުޅިގެން ކަމެއް ސާފެއް ނުވެއެވެ.

މި ޖުލައި ފެށުނީއްސުރެ އިމްރާން ގެންދަވަނީ އެކި މައުލޫތަކަށް ޓްވީޓް ކުރައްވަމުންނެވެ. އެގޮތުން އަދާލަތު ޕާޓީ ދިފާއުކުރައްވައި ޓްވީޓްތައް ކުރައްވާފައިވާއިރު، ނުސީދާ ގޮތެއްގައި އެއް ޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެންވެސް ޓްވީޓް ކުރެއްވިއެވެ.

އަދާލަތު ޕާޓީ ދެމި އޮންނާނީ އިސްލާމް ދީނުގެ އުސޫލުތައް ނެގެހެއްޓުމަށް މީގެ ކުރިންވެސް އިމްރާން ވަނީ ވިދާޅުވެފައެވެ. ވިދާޅުވީ, އަދާލަތު ޕާޓީ އުފެއްދީ ދިވެހިރާއްޖޭގައި ފަނޑުވަމުންދިޔަ އިސްލާމް ދީނުގެ މަތިވެރި އުސޫލުތައް ނެގެހެއްޓުމަށް ކަމަށެވެ. އަދި ޕާޓީ ދެމި އޮންނާނީވެސް އެ ޒިންމާ އަދާކުރުމުގައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.