"ނޫނޭ.... އެގޭ އެންމެ ތިރީގަ ހުރޭ ވަރަށް ސިއްރުވެރި ކޮޓަރިއެއް" ދެފަރާތް ބަލައިލަމުން ވައި އަޑުން ވިލިނީ ބުންޏެވެ.
"ސާބަހޭ. ގޭގަ އަހަރެން އެކަނި މިވަގުތު މިއުޅެނީ" ވިލިނީގެ އަތުގައި ޖަހައިލަމުން ރިންދާ ބުންޏެވެ.
"އުޅެމާ ތި ކޮޓަރި ފަޅާލަން. އަހަރެން ވައްދަބަލަ ސިއްރުން ތިގެއަށް" ރިންދާ ބުންޏެވެ
"ތިހެންވިއްޔާ އެންމެ ފުރަތަމަ އަހަރެން ޖެހޭނީ އެ އިބިލީސް ހޭނައްތަން" ވިލިނީ ބުންޏެވެ.
************
ނަހީކް ކޮޓަރިއަށް ބެގަރީ ދިޔައީ މުހިންމު ވާހަކައެއްދައްކަންވެފަ އޮތުމުންނެވެ. އެހެންނަމަވެސް ބެގަރީ ސިޑިން ފައިބައިގެން އައީ ދެފަޔަށްލެވުނުހާ ބާރެއްލާފައެވެ. ބިރުގަނެފައި ހުރި ބެގަރީއަށް ހުރީ ވާނުވާ ނޭނގޭ ހާލުގައެވެ. ނޭވާހާސްވާންހެން ހީވާން ފެށިއެވެ. އައިސްއަލަމާރި ކައިރީގައި ހުއްޓިފައި ފިނި ފެންފުޅިނަގަން ބެގަރީ ކުރި މަސައްކަތް ކާމިޔާބު ނުވިއެވެ. ދެއަތުގައި ރޫރު އަޅައިގަނެފައި ފުޅި ބިންމައްޗަށް ވެއްޓި ތަޅައިގެން ދިޔައެވެ. ކަޅި މައްޗަށް އަރާހެން ހީވެ އައިސް އަލަމާރީގެ ދޮރުފަތުގައި ބެގަރީ ހިފަހައްޓާލިއެވެ. އެހާލުގައި ބެގަރީ އުޅެނިކޮށް އެތަނަށް އައި ވިލިނީއަށް ހުރެވުނު ތަނެއްވެސް ނޭނގުނެވެ. ވާހަކަދައްކަމުން ދިޔަ ފޯނު ކަނޑާލާފައި ފޯނު ބޭއްވީ ކާމޭޒު މަތީގައެވެ. ބެގަރީ އާ ދިމާލަށް ވިލިނީއަށް ދެވުނީ ދުވެފައެވެ. ހިނދުކޮޅަކަށް ނަމަވެސް ވިލިނީއަށް ހީވީ ބެގަރީ މަރަށް ތެޅުނު ހެންނެވެ.
"ބެގަރީ.... ބެގަރީ.... ކިހިނެއްވީ...؟" ވިލިނީ ބެގަރީގެ ދެއަތުގައި ހިފިއެވެ. ދެން މަޑުމަޑުން ހިނގާފައި އައިސް ބެގަރީ ބޭންދީ ކައްކާބައިގައި ހުރި ގޮނޑިއެއްގައެވެ.
"ބަލިވީތަ؟ އެބަ އަންނަން" ދުވެފައި ވިލިނީ އެރީ ސިޑިން މައްޗަށެވެ. ވިލިނީ އަކީ ކުރިން ރަށު މަރުކަޒުގައި ނަރުހެއްގެ ވަޒީފާ އަދާކުރި ކުއްޖަކަށްވީތީ ކުއްލިހާލަތެއްގައި ކަންތައްތައް ކުރަންޖެހޭ ގޮތް ވަރަށް ރަނގަޅަށް ވިލިނީއަށް އެނގެއެވެ. ހަމަ އެހާ ބާރަށް ވިލިނީ ފައިބައިގެން އައިއިރު ޑިޖިޓަލް ބްލަޑް ޕްރެޝާ މޮނީޓާ އަކާއި އެކިވައްތަރުގެ ބޭސްކާޑުތަކެއް ހުއްޓެވެ. ވިލިނީ ހުއްޓުނުއިރު ބެގަރީ އޮތީ މޭޒުގައި ބޯއަޅައިގެންނެވެ.
"ބެގަރީ... މިހާރު އޯކޭތަ؟" ފެންތައްޓެއް ބެގަރީގެ ތުނބުގައި ޖައްސަމުން ވިލިނީ ބުންޏެވެ.
"ޕްރެޝަރު ހުރީ ވަރަށް މަތީގަ. ބޭސްކާންވީނުން" ވިލިނީ ބުންޏެވެ. ބެގަރީ ދެފަރާތަށް ބޯހޫރާލިއެވެ. އެކަމަކު އަނގައިން ނުބުނެއެވެ.
"ނަހީކަށް ގޮވަންވީތަ؟ އޭރުން އޭނަ ބެގަރީ ޑޮކްޓަރަށް ދައްކާނެއްނު" ވިލިނީ ބުންޏެވެ.
ބެގަރީ ދެފަރާތަށް ބޯހޫރަމުން ދިޔައެވެ. އިޝާރާތުން ބެގަރީ އެދުނީ ތިރީބައިގައި ހުރި އޭނާގެ ކޮޓަރިއަށް ގެންގޮސްދިނުމަށެވެ. ވިލިނީ އެފަދައިން ބެގަރީއަށް ކަންތައްކޮށްދިނެވެ. ދޮރުލައްޕާލާފައި ވިލިނީ ނުކުތުމާއެކު ބެގަރީ ދެލޯ މަރާލިއެވެ. ދާދި ދެންމެއަކު އޭނާގެ ކަންފަތަށް އިވުނު ބަސްތައް ސިކުނޑިން ނެރެލުމަށް އޭނާ މަސައްކަތް ކުރަމުން ދިޔައެވެ. އެހެންނަމަވެސް ބެގަރީއަށް އެކަން ކާމިޔާބުނުވިއެވެ. ގަބޫލުކުރަންވެސް ދަތިވިއެވެ. ބެގަރީއަށް އެގޭތެރޭގައި ރައްކާތެރިކަމެއް އެބައޮތްތޯ އަމިއްލަ ނަފްސާ އެތައް ފަހަރަކު ސުވާލުކުރެވުނެވެ.
******
އާގެއަށް ބަދަލުވާން އުޅޭތީ ރޫބިޔާގެ ތުންފަތްމަތިން ހިނިތުންވުން ފިލައިގެން ނުދެއެވެ. ހުރިހާ ރަހްމަތްތެރިންނަށް ސައެއް ވެސް ދިނެވެ. ބަރަކްއަށް ފްލެޓް ލިބުމުގެ އުފަލުގައެވެ. އަޔާލް މަސައްކަތްކުރީ ރޫބިޔާގެ ކުރިމައްޗަށް ނާރާވޭތޯ ބެލުމަށެވެ. ފަހުވަގުތުގައިވެސް އަޔާލް ފެނުމާއެކު ރޫބިޔާގެ ވިސްނުން ބަދަލުވެދާނެތީއެވެ.
"ކޮބާ މަންމާ. ކާރު އައިއްސި. ދޭ ކާރުގަ މަޑުކުރަން" ހީވީ ބަރަކް އެހެން ނުބުނެގެން ހުރި ހެންނެވެ. އަތްދަބަސް ކޮނޑަށް ޖަހައިގެން ނިކަން ހެވިފައި ދޮރުން ނުކުންނަން ދިޔައެވެ. ބަރަކް މިސްރާބުޖެހީ އަޔާލް އާ ބައްދަލުކުރުމަށް ކޮޓަރިއަށް ދިއުމަށެވެ.
"އޭ ބަރަކް ކަލޭ ކޮންތާކަށް ތިދަނީ؟" ދޮރާ ހަމައިން ހުއްޓިފައި ރޫބިޔާ ބުންޏެވެ.
"މިދަނީ އަހަރެންގެ ދަބަސް ހިފައިގެން. މަންމަ ދޭ" ބަރަކް ބުންޏެވެ.
"އަހަރެން ދިޔުމުގެ ކުރިން މިގޭ އިބީލީހާ ބައްދަލުކުރަން ބޭނުން" ރޫބިޔާ އަޔާލްގެ ކޮޓަރި އާ ދިމާލަށް އަންނަން ފެށުމުން ބަރަކް ކުރިއަށް ޖެހުނެވެ.
"ކީއްކުރަންތަ މަންމާ. ކޮންމެހެން މިގަޑީގަ ގޭތެރޭގަ ޒުވާބުގަނޑެއް ހިލުވާލަން އުޅޭނެކަމެއްނެތް. އެހެންނޫނަސް މިގަޑީގަ ދޮންބެ ވާނީ ގަރާޖުގަ" ބަރަކް ބުންޏެވެ. ވަރަށް ފަސޭހައިން ރޫބިޔާ ބަރަކް ބުނި އެތި ގަބޫލުކުރިއެވެ.
"އެހެންވިއްޔާ އަހަރެން މިބުނާ އެއްޗެއް އޭނައަށް ރައްދުކޮށްދޭތި. މިގެއިން އަހަރެން މިދަނީ ވަގުތީގޮތުން. އަހަރެން އެބަވިސްނަން މިގެ ގެސްޓްހައުސްއަކަށް ހަދަން. އަހަރެން ހުޅުމާލޭގަ ހުއްޓަސް މިގޭތެރޭގަ އޭނަ އުޅޭނޫޅޭ ގޮތް ބަލާނަން" ރޫބިޔާ ބުންޏެވެ.
"އާނ އޯކޭ ބުނެވިއްޖެއްނު. ދެން ދޭ" ބަރަކް ބުންޏެވެ.
ރޫބިޔާ ގޭތެރެއިން ނުކުމެ ކާރަށް އަރަންދެން ބަރަކް ބަލަހައްޓައިގެން ދޮރުމަތީގައި ހުއްޓެވެ. ދެން ދުވެލާފައި އައިސް ކޮޓަރިއަށް ވަންއިރު ރޫބިޔާ ދެއްކި ވާހަކަތައް އަހާފައި ލޯގަނޑު ކުރިމަތީގައި ހުރި އަޔާލް ހެވެނީއެވެ.
"ކޮއްކޮގެ މަންމަގެ މޮޔަކަމާއެވެ" އަޔާލް ބުންޏެވެ.
"ދޮންބެ ބުނީ ހަމަ ތެދެއް. މަންމަގެ ބޮޑު ފޮށީގަ މިގެ އާ ގުޅޭ އެއްވެސް ލިޔުމެއްނެތް. ފާޑެއްގެ ސީޑީތަކަކާއި ތަވީދު ފާޑެއްގެ ރޮދިތަކަކާއި ފަންޑިތަ ލިޔެފައި ހުރި ފޮތްތަކެއް ހުރީ. ދެން ހުރީ މަންމަގެ ކުރީގެ މެޑިކަލް ލިޔުންތަކެއް. އަހަރެން ވަރަށް ރަނގަޅަށް ބެލިން" ބަރަކް ބުންޏެވެ.
"ކޮބާ ހީވޭ. މަށަށް އޭރުވެސް އެނގުނު. ބައްޕަގެ އެއްވެސް އެއްޗެއް އޮތްތަ؟ މިބުނީ ބައްޕަގެ މަރު ސާބިތުކުރާ ފޯމް. ނޫނީ ބައްޕަ ބަލިކޮށް އުޅުނުއިރު ހޮސްޕިޓަލްގެ އެއްވެސް ލިޔުމެއް" އަޔާލް އެހިއެވެ.
"ނެތް. އަލަމާރީގަވެސް ނެތް. އެކަމަކު މިއޮތީ އޭގެއިން ނެގި އައިޑީ ކާޑެއް. ބައްޕައަށް ކިޔަނީ މިނަންތަ؟" ޖީބުން ނެގި ބާވެފައި އޮތް އައިޑީ ކާޑެއް ދައްކާލަމުން ބަރަކް ބުންޏެވެ. އަޔާލް ވަރަށް ރަނގަޅަށް އެ ކާޑަށް ބަލައިލިއެވެ.
"އާދަމް ފަރީދު. ހދ.ހިރިމަރަދޫ ، މުރަނގަގެ" މިއީ ކާކު ކަމެއް ނޭނގޭ. އަހަރެމެންގެ ބައްޕައަށް ކިޔަނީ ރާޝިދު" އަޔާލް ބުންޏެވެ.
"މަންމަގެ ބިޓެއް ކަންނޭނގެ. ތިބާއްވާ ދޮންބެއަތުގަ. އެކޮޅަށް މަންމަ ލާފަ އަހަރެން އަންނާނަން. މަންމަ އައިސްދާނެ އަހަރެން ލަސްވެގެން. ޖިލް އާ ކައިވެނި ކުރެވެންދެން މަންމަ ކައިރީގައި ގޭގަ ކުއްޖަކުވެސް ބަހައްޓަންޖެހޭ އަދި. ދަނީ އިނގޭ" ބަރަކް ދިޔައީ އަޔާލްގެ ގައިގައި ބައްދާލާފައެވެ.
**********
ރޭގަނޑުގެ ކެއުން ހަމަޖެހުނު ގަޑިއަށް ބެގަރީގެ ހިލަމެއް ނުވުމުން ނަހީކް ތިރިއަށް ފޭބިއެވެ. މޭޒު ކައިރީގައި އިށިންއިރު މޭޒުމަތި އޮތީ ހުސްކޮށެވެ. ބަދިގެއިން ތަށި ތަޅުވާ އަޑު އިވެން ފެށުމުން ނަހީކް ރުޅިގަދަވިއެވެ. ކާން ފޭބިއިރު އެއްވެސް ތައްޔާރީއެއްވެފައި ނެތުމުން ނަހީކް ބެގަރީދެކެ ހިތްހަމަނުޖެހުނެވެ.
"އަށްގަޑި ތިރީސްވުމުގެ ކުރިން މޭޒުމަތި ތައްޔާރުނުކުރެވެންޏާ އަހަރެން ކާއެއްޗެއް ބޭނުމެއް ނޫން" ހަރުއަޑުން ނަހީކް ބުންޏެވެ. ނަހީކް ހީކުރިގޮތާ ހިލާފަށް ކަޕް ނޫޑްލްސް ތައްޓެއް ހިފައިގެން އައިސް މޭޒު ކައިރީގައި މަޑުކޮށްލީ ވިލިނީއެވެ. ބަދިގޭގައި އުޅުނީ ވިލިނީ ކަން ނަހީކަށް އެނގުނީ އެދިމާލުން އައި ވިލިނީ ފެނުމުންނެވެ.
"ކަލޭ ކޮންހާ ގަދައެއް ތިވަނީ. މަރުވީމަ ކަލޭވެސް ލަނީ ވަޅުގަނޑަކަށޭ. ކަލެއަށް އެނގޭތަ އެއަށް ކިޔަނީ ކަށްވަޅު. ކަލޭ ބާއްވަނީ ރަން ފޮށްޓެއްގައެއް ނޫނޭ. ތިހާ ބަނޑުހައިވަންޏާ އަމިއްލައަށް އެއްޗެއް ރޯފިލުވައިގެން ކައިބަލަ. ތިއޮތީ ދެއަތެއްނު. ކަލެއަށް ކާކުދިން އިއްޒަތަކާއި ގަދަރެއް އޮތީ؟ އަހަރެންނަކަށް ނުފެނޭ" ވިލިނީ ކބުންޏެވެ.
ނަހީކް ދަތްކުނޑި ވިކައިގަތެވެ. މޭޒުމަތީގައި ހުރި އެއްޗެހިތައް ތިރިއަށް ހޫރާލިގޮތަށް ފުންމައިގެން ތެދުވެއްޖެއެވެ. ހީވީ ދެންމެ ދެންމެ ވިލިނީގެ މޫނުގައި ލޭކޮށައިގަނެފާނެހެންނެވެ.
"ބެގަރީ އޮތީ ހުމާ. ކަލެއަށް އެނގޭތަ އިންސާނުންނަކީ ބަލިވާ ބައެއްކަން" ފަރުވާކުޑަ ގޮތަކަށް ވިލިނީ ބުންޏެވެ.
ނަހީކަށް ފުރަގަސްދީފައި ކޮޓަރިއަށް ދާން ވިލިނީ އެނބުރުނު ވަގުތު ނަހީކް ހިފީ ވިލިނީގެ އިސްތަށިގަނޑުގައެވެ. ނަހީކްގެ ފަރާތުން އެފަދަ ހަމަލައަކަށް ތައްޔާރުވެގެން ހުރި ވިލިނީ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ.
"ކަލޭ ތިއީ ވަލުޖަނަވާރެއް" އަތުގައި ހުރި ހޫނު ކަޕްނޫޑްލްސް ތަށި ވިލިނީ ނަހީކްގެ ގަޔަށް ޖެހިއެވެ. އަނގައިން އަޑެއް ލައްވާލާފައި ކުއްލިއަކަށް ނަހީކް ޖެހުނީ ދުރަށެވެ. ތަންވަޅު ބަލާފައި ދުވެފައި ވިލިނީ ސިޑިން އެރިއެވެ.
***********
އައިއްސާހުރި ރުޅިމަތީގައި ނަހީކް އެދިޔަ ބާރުމިނުގައި ގޮސް ހިފީ ބެގަރީގެ ކޮޓަރީގެ ތަޅުގައެވެ. ވިލިނީދެކެ އައިސްފައި ހުރި ބެގަރީދެކެވެސް ނަހީކް ހުރީ އައިސްފައެވެ.
އެތެރެއަށް ދޮރުހުޅުވިގެން ދިޔުމާއެކު ބެގަރީއަށް ފެނުނީ އެނދުގައި ކުރުގެޅިގެން އޮތް ބެގަރީއެވެ. ކުކުރުމެއްގެ އަޑު ކޮޓަރިތެރެއަށް ފެތުރިފައިވިއެވެ. ބެގަރީ އޮތް ހާލު ފެނުމާއެކު ނަހީކްގެ ރުޅިގަނޑު ފިނިވިއެވެ. ބެގަރީގެ ކައިރިއަށް ގުދުވެލާފައި ނިތްމަތީގައި މަޑުމަޑުން އަތްޖައްސާލިއެވެ. ހުމާ ފިހިފިހި އޮތް ބެގަރީގެ ހަށިގަނޑަށް ހީވީ ޝޮކެއް ލިބުނުހެންނެވެ. ފުންމައިގެން ތެދުވިގޮތަށް ބިރުން ތެޅިފޮޅެން ފެށިއެވެ.
"އަހަރެން މަރާނުލާ... މަރާނުލާ... އަހަރެން އެއްވެސްކަމެއް ނުކުރަން" ބެގަރީ ކިޔަމުން ދިޔައެވެ. ނަހީކަށް ލިބުނު ހައިރާންކަމުގައި ބެގަރީގެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. ކުއްލިއަކަށް އެޒާތުގެ ވާހަކަތަކެއް ބެގަރީ ފެށީ ކީއްވެގެން ހެއްޔެވެ؟
"ބެގަރީ... އޭތް މީ މަށޭ. ނަހީކް" ނަހީކް ބުންޏެވެ. ބެގަރީ މައިތިރިވެފައި ނަހީކްގެ މޫނަށް ބަލައިލިއެވެ. އެއިރުވެސް ބެގަރީގެ ދެލޮލުގައި ވަނީ ބިރާއި ސިހުމެވެ.
"ނުބައި ހުވަފެނެއް ފެނުނީތަ؟" ނަހީކް އެހިއެވެ. ވަގުތުން ބެގަރީ ބޯޖަހާލިއެވެ. ހައިރާންކަން އެކުލެވިގެންވި ބެލުމަކުން ބެގަރީ ބަލައިލީ ނަހީކް ލައިގެން ހުރި ހުދުކުލައިގެ ގަމީހަށެވެ. ރީނދޫ ކުލައެއް ޖެހިފައި ހުރިއިރު ގަމީހުގެ އެތަން މިތަނުން ފިޔާކޮޅުކޮޅާއި މިރުސްކޮޅުތައް ފެނުމުން ބެގަރީގެ ހިތުގައި ސުވާލު އުފެދުނެވެ. އެހެންނަމަވެސް ސުވާލުކުރާކަށް ނުކެރުނެވެ.
"ބެގަރީއަކީ އަހަރެންގެ ބެލުމުގެ ދަށުގައި ހުންނަ މީހެއް. އެހެންވީމަ ކަމެއްވިއްޔާ ބުނަންޖެހޭނީ އަހަރެން ކައިރީގައެއްނު. ބެގަރީ ބަލިކަން އަހަރެންނަށް އެނގެންޖެހޭނީ މިގޭ އުޅޭ އެހެންމީހުންގެ ފަރާތުންނެއް ނޫނެއްނު" ނަހީކް ބުންޏެވެ.
"މާފްކުރައްވާ... އަހަރެން އެކަކު ކައިރީގަވެސް އަދި ނުބުނަން" ބެގަރީ ބުންޏެވެ.
ނަހީކް ބަލައިލީ މޭޒުމަތީގައި ހުރި ޖޫސްތައްޓަށާއި ބޭސްކާޑަށެވެ. އެތަކެތި އެތަނަށް ވެއްދީ ކާކުކަން ނަހީކަށް އެނގިއްޖެއެވެ.
"ރެސްޓްކުރޭ. ގޯސްވިއްޔާ މިގެއަށް ޑޮކްޓަރެއް އަހަރެން ގެންނާނަން" ނަހީކް ބުންޏެވެ. ދެން ދުރުދުރުގައި ފިޔަވަޅު އަޅަމުން ކޮޓަރިން ނުކުތެވެ.
ބެގަރީ ތެދުވެ އެނދުގައި އިށީނެވެ. އާއިލާ އާ ދުރުގައި ނަހީކްގެ ކަންތައްތައް ބެލެއްހެއްޓުމުގައި އެތައް ދުވަހެއް އޭނާ ހޭދަކޮށްފިއެވެ. ނަހީކަކީ ރުޅިގަދަ މީހެއްކަންވެސް ބެގަރީއަށް އެނގެއެވެ. އެހެންނަމަވެސް ނަހީކްދެކެ ބެގަރީ ޖެހިލުންވާން ފަށައިފިއެވެ.
ނަހީކްގެ ކޮޓަރިއަށް ބެގަރީ ދިޔައީ އާދައިގެމަތިން މުހިންމު ވާހަކައެއްދައްކަން ޖެހިގެންނެވެ. ގޭތެރޭގައި ކަމެއް ކުރަންޏާ އަބަދުވެސް ނަހީކްގެ ހިޔާލު ހޯދައެވެ. އެހެންނަމަވެސް ދޮރާ ހަމައިން ބެގަރީ ފިޔަވަޅުތައް މަޑުޖެހުނީ ފޯނުން ވާހަކަދައްކަމުންދިޔަ ނަހީކް ބުނި ޖުމްލައެއް އަޑު އިވިފައެވެ. ބެގަރީ ބޮލަށް އެނބުރުން އަރައިގެން ހުރިތަނަށް ނުވެއްޓުނީ ހަމަ ކިރިޔާއެވެ. އިތުރަށް އަޑުއަހަން މަޑުކޮށްލިޔަސް ދެން ދެއްކި ވާހަކަތަކެއް ބެގަރީއަށް ނޭނގެއެވެ. ދެން ވާހަކަދެއްކީ އިނގިރޭސި ބަހުންނެވެ.
***************
ކާށި އަޅައިގެން ވަލުން ނުކުތް ރާޝިދު ހުއްޓުނީ ފަހަތުން މީހަކު ގޮވާލުމުންނެވެ. ޒުބައިރު ހުރީ ތަންކޮޅެއް ދުރުގައެވެ. މަގަށް އެއްކޮށް އަވި ދިއްލާފައި އޮތުމުން ރާޝިދު ބަރޯ ދުއްވަމުން އައިސް ފާރު ކައިރީގައި މަޑުކޮށްލިއެވެ. ޖެހިގެން ހުރި ގޯތީގައި ހުރި ބަނބުކެޔޮ ގަހެއްގެ ހިޔާ އެދިމާލަށް ކޮންމެވެސް ވަރަކަށް އެޅިފައި އޮތުމުން ރާޝިދު މަޑުކޮށްލީ އެތަނުގައެވެ.
"ހާދަ ބާރަކަށް ތިގޮވަނީ. ހުރިހާ ކަމެއް ރަނގަޅުތަ؟" ޒުބައިރު އަރާ ހަމަވުމާއެކު ބަރޯ ދުއްވަމުން ރާޝިދު ވާހަކަދެއްކިއެވެ. ދެމީހުން ވާހަކަދައްކަމުން ހިނގާފައި ދިޔައީ އެއްވަރަށެވެ.
"ވަރަށް މުހިންމު ވާހަކައެއް ދައްކަންވެގެން މިއައީ. ވަގުތު އެބައޮތްތަ؟" ޒުބައިރު އެހިއެވެ.
"ހަވީރަށް ހަދާލަންވީނުން. މި ކާށިކޮޅު ފުރާ ދޯންޏަކަށް އަރުވާފަ ދެތިން ގެއަކު ރުކު އަޅަން ދާންއެބަޖެހޭ" ރާޝިދު ބުންޏެވެ.
"އެންމެރަނގަޅު. އަތިރިމަތީ ހޮޅުއަށްޓަށް. ރާބޭ، ވަރަށް މުހިންމު ކަމަކު އިނގޭ. ހަނދާން ނައްތާނުލާތި ކޮންމެސް ކޮންމެސް" ރާޝިދުގެ ކޮނޑުގައި ޖަހައިލަމުން ޒުބައިރު ބުންޏެވެ.
*********
އުނދުން ކައިރީގައި ހަރަކާތްތެރިވަމުންދިޔަ ރިންދާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ގޮނޑީގައި އަޔާލް އިނެވެ. ވަގުތަކީ ހަވީރުގެ ވަގުތެވެ. ވަޒީފާ ނިންމާފައި ގެއަށް ދިޔުމުގެ ބަދަލުގައި ރިންދާ އައީ އަޔާލްއާ އެކުގައި އަޔާލްގެ ގެއަށެވެ. އަޔާލްގެ ރޭގަނޑުގެ ކެއުން ތައްޔާރުކޮށްދޭން ރިންދާ ބޭނުންވީ އޭނާގެ ދެއަތުންނެވެ. ގޭތެރެއިން އިތުރު މީހަކު ފެންނަން ނެތުމުން މުޅި ގެ ދެމީހުންނަށް ހިތަކަށް ލިބިފައިވި ކަހަލައެވެ.
"ކައިގެން ދާންވީނުން" ކެއްކި ތެލީގެ މަތިޖަހާފައި ރިންދާ ޒިންކު ކައިރިއަށް ދިޔަ ވަގުތު އަޔާލް އައިސް ހުއްޓުނީ ރިންދާގެ ފުރަގަހުންނެވެ. ދާދި ކައިރިން އަޔާލްގެ އަޑު އިވުމުން ރިންދާ ސިހުނެވެ. އެނބުރިލި ވަގުތު ރިންދާގެ މޫނު ޖެހުނީ އަޔާލްގެ މޭގައެވެ.
"ކީކޭ؟" އަޔާލް ބުނި އެއްޗެއް މާބޮޑަށް ސާފުނުވާތީ ރިންދާ ބުންޏެވެ.
"އަހަރެން ބުނީ ރޭގަނޑު ކައިގެން ދާން މަޑުކުރަންވީނޫންހޭ" އަޔާލް ބުންޏެވެ.
"އޭރުން މާބޮޑަށް ލަސްވެދާނެ. ހިނގާ ހުކުރަށް ހަދަމާ. ހެނދުނު އައިސް ރޭގަނޑު ވަންދެން އަހަރެން ޔާލް އާ އެކުގައި މިގޭގަ ހުންނާނަން" ރިންދާ ބުންޏެވެ.
"ޔަގީންތަ؟" އަޔާލް އެހިއެވެ. ރިންދާ ބޯޖަހާލިއެވެ.
އަޔާލްގެ އަޑާއި ބެލުން ތަފާތުވެފައިވާކަން ފާހަގަވުމާއެކު ރިންދާގެ ހިތް ބިރުގަތެވެ. ކައިވެނީގެ ކުރިން އެއްވެސް ސިފައެއްގައި ގޯހެއް ހަދަން ރިންދާ ބޭނުމެއްނުވެއެވެ. އަޔާލްވެސް ބޭނުންނުވާކަން ރިންދާއަށް އެނގެއެވެ. އަންހެނަކާއި ފިރިހެނަކު އެއްތަންވެއްޖެނަމަ ދޭތެރެ މެދުގައި ތިންވަނަ މީހަކަށް އިބިލީސް ހުންނާނޭ މީހުން ބުނާ އަޑު ރިންދާ ވަނީ އަހައިފައެވެ. ދެމީހުން އެއްކޮށް އިބިލީސްގެ ބަހަށް ހެއްލިއްޖެނަމަ ނުކުންނަ ނަތީޖާ ގޯސްވާނެކަން ރިންދާގެ ހަވަނަ ހިއްސު އޭނާއަށް އަންގައިދިނެވެ.
"ޔާލް... ކީއްކުރަން ތިއުޅެނީ" އަޔާލްގެ މޫނު ރިންދާ އާ ގާތްވަމުން އަންނަން ފެށުމުން ރިންދާ ބުންޏެވެ.
އަޔާލް ބަހެއްނުކިޔައި ރިންދާގެ އުނގަނޑުގެ ދެފަރާތުގައި އަތްއަޅުވާލުމަށްފަހު ގާތަށް ދަމާލިއެވެ.
"ނޫން. ޔާލް.... މިއީ ގޯހެއް. މިއީ އަހަރެމެން ދެމީހުންވެސް ބޭނުންވާގޮތެއް ނޫން. ﷲ އިރާދަކުރެއްވިއްޔާ އަހަރެމެން ދެމީހުންވެސް ދެމަފިރިންނަށް ވާނީ ނުބައި ނިޔަތެއްގައި އެކަކު އަނެކަކުގެ ގައިގައި އިނގިލިވެސް ޖައްސާނުލާ" ރިންދާ ބުންޏެވެ.
ރިންދާގެ އެ ޖުމްލައާއެކު އަޔާލްގެ ދެކަންފަތް ކޮޅަށް ޖެހުނު ކަހަލައެވެ. ކުޑަވަގުތުކޮޅަކަށް ނަމަވެސް ރިންދާއަށް ވީ ވައުދު ހަނދާންނެތުނީތީ އަޔާލް ދެރަވެއްޖެއެވެ.
"ސޮރީ...." އަޔާލް ބުންޏެވެ.
"އެވަރުގެ ކަމެއްނޫން. ގޯހެއް ހިނގައިދާނެކަމަށްޓަކައި ކޮންމެސް އެކަކު އަބަދުވެސް ހުންނަންޖެހޭނީ ވިސްނައިގެން. މިއަދު އަހަރެން. މާދަމާ ތިގޮތަށް އަހަރެންވެސް ގޯހެއް ހަދަން އުޅެދާނެ. އޭރުން ޔާލް ޖެހޭނެ އަހަރެން ހުއްޓުވަން" ރިންދާ ބުންޏެވެ.
"ޔަގީން... ކައިވެނީގެ ކުރިން އަހަރެންގެ ހިތުގައި ރިދާއަށް ލޯބިން ޒައްރެއްގެ މިންވަރުވެސް ކިލަނބުވާން ބޭނުމެއް ނޫން" އަޔާލް ބުންޏެވެ.
"ދެން ހިނގާ އަހަރެން ގެއަށް ގެންގޮސްދޭން. މަންމަ ހިތަށްއަރާނެ އަހަރެން ހާދަ ލަސްވެއްޖޭ މިއަދު" ރިންދާ ބުންޏެވެ.
ގެއަށް ގެންދިޔުމުގެ ކުރިން ގޭތެރޭގެ ހުރިހާ ތަނެއް އަޔާލް ރިންދާއަށް ދެއްކިއެވެ. ގެއަށް ގެންނަން ބޭނުންވާ ބަދަލުތައް ރިންދާއަށް އޮޅުންފިލުވައިދިނެވެ. ކައިވެނީގެ ފަހުން ދެމަފިރިން އުޅެން ގަސްދުކުރާ ކޮޓަރި ޑިޒައިން ކުރާނެ ގޮތަކާމެދު މަޝްވަރާ ކުރިއެވެ.
************
ފެންވަރައިގެން ނުކުތް ވިލިނީ ތައްޔާރުވާން ފެށިއެވެ. ގަޑި ބަލައިލި އިރު އަދި ވަގުތު އޮތެވެ. ރިންދާ އާ އެކުގައި ފިހާރައަކަށް ދާން ބުނެވިފައި އޮތުމުން ވިލިނީ އެތައްޔާރުވަނީ ފިހާރައަށް ދާށެވެ. ކަރުހިއްކައިގަނެފައި ހުރުމުން ހުސްކޮށް ހުރި ބިއްލޫރި ޖަގު ހިފައިގެން ވިލިނީ ފޭބީ ތިރިއަށެވެ. ބަދިގެއަށް ވަންއިރު ރޮށި ފިހެން ހުރި ބެގަރީ ފެނުމާއެކު މޭޒުމަތީގައި ޖަގު ބަހައްޓާފައި ވިލިނީ ބެގަރީ އާ ގާތަށް ޖެހިލިއެވެ.
"ކޮންކަމެއް ތިއީ" ވިލިނީ އެހިއެވެ.
"ރެއަށް ކައްކަނީ މި" ބެގަރީ ބުންޏެވެ.
"އަދި ކިރިޔާ ބެގަރީއަށް ބޯހިއްލާލެވޭވަރު ތިވީ. މިހާރު އައިސްތިވަނީ ބަދިގެއަށް. މީހާ އަދި އެހާ ރަނގަޅެއްނުވާނެ" ވިލިނީ ބުންޏެވެ. ބެގަރީއަށް ވިލިނީ ހަމްދަރުދީ ފާޅުކުރުމުން ބެގަރީ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
"މިއަދު އެއްވެސް ވަރަކަށް ހުމެއް ނާދޭ" ބެގަރީ ބުންޏެވެ.
"އެކަމަކުވެސް ހެޔޮ. މިހާރު ބޭސްކައިފިންތަ؟ ދޭ އިށީންނަން" ވިލިނީ ބުންޏެވެ.
"މިކަން މިހާރު ފެށިއްޖެ. ދެން ނިންމާލާފައެއްނު" ބެގަރީ ބުންޏެވެ.
"ތިކަން އަހަރެން ކޮށްލަފާނަން. އެކަމަކު ހަމައެކަނި ބެގަރީއަށްޓަކައި" ވިލިނީ ބުންޏެވެ.
ބެގަރީގެ އަތުގައި ހިފައިގެން އައިސް ގޮނޑީގައި ބައިންދާފައި ވިލިނީ ރޮށި ފިހެން ފެށިއެވެ. ވިލިނީގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިން ބެގަރީ ހައިރާންވިއެވެ. ވިލިނީގެ ހަރަކާތްތައް އަވަސްކަމުންނެވެ. ދަމާލާފައި އޮތް ރޮށި ވައްކަމުންނެވެ. ހިނދުކޮޅެއްގެ ތެރޭގައި ބެގަރީގެ ދެލޯ ކަރުނުން ފުރިއްޖެއެވެ. އުފަން ދަރިން މަތިން ހަނދާންވެ ކަރުއެލުވާލިއެވެ.
"މި ނިމުނީ. އިތުރުކަމެއް ދެން ކުރާނެކަމެއް ނެތް. އެމީހަކަށްޓަކައި ބެގަރީ ތިހާވަރުން ތިއުޅޭ ނުލަފާ މީހާއަށްވެސް އެނގޭނެއްނު ބެގަރީ ބަލިކަން. އެހާވަރުން ނޫޅެބަލަ. އިންސާނުންނަކީ ބަލިވެސްވާނެ ބައެއް" ވިލިނީ ވާހަކަދައްކަމުން އައިސް ބެގަރީ ކައިރީގައި ކޮޅަށް ހުއްޓުނެވެ.
ގެނައި ޖަގު ހިފައިގެން އައިސް އަލަމާރި އާ ދިމާލަށް ދިޔަ ވިލިނީ ސިހުނީ ބެގަރީ ބުނެލި ޖުމްލައެއްގެ ސަބަބުންނެވެ.
"ރަނގަޅަށް ތިއަޑު އިވުނީ. އެއީ ހަމަ ޖަނަވާރެއް ކަހަލަ ފިރިހެނެއް" ބެގަރީ ބުންޏެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ