ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް

ސަޕޯޓަރުންގެ ފޯރިއާއެކު ނިއުއިން ވިކްޓަރީ ބަލިކޮށްފި

ޒަމާންވީ ވާދަވެރި ދެޓީމު ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު މިރޭ ދެވަނަ ޑިވިޝަނުގައި ކުޅުނު މެޗު، 4-1 އިން ނިއުއިން ކާމިޔާބުކޮށްފިއެވެ.

ގިނަ ދުވަސްވީ ސަސްޕެންޝަނުން ސަލާމަތްވެ ރާއްޖޭގެ އެންމެ ބޮޑު ދެ ކްލަބުވެސް ދެވަނަ ޑިވިޝަނުގައި ވާދަކުރަމުންދާ އިރު، މިރޭގެ މެޗަކީ "ރަސްވާދަ" ގެ އެނބުރި އައުމެކެވެ. މިރޭގެ މެޗުގެ ކުރިން ނިއު އާއި ވިކްޓަރީ އެންމެ ފަހުން ކުޅުނު މެޗު ނިމުނީ 3-1 އިންނެވެ. އެއީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހު، ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު މެޗެކެވެ.

މިރޭގެ ނަތީޖާއާއެކު ނިއުއިން ވަނީ ދެވަނަ ޑިވިޝަން ގްރޫޕް ބީގެ އެއްވަނަ މަގާމަށް ޖެހިލައި، ސެމީ ފައިނަލްގެ އުންމީދު ބޮޑު ކޮށްފައެވެ. އެ ގްރޫޕް ބީގައި މިއަދު ހަވީރު ކުޅުނު މެޗުން އެލްޓީ ސްޕޯޓްސް ކްލަބުން 2-1 އިން ބީޖީ ސްޕޯޓްސް ކްލަބް ބަލިކޮށްފައިވާ އިރު، ދެވަނައިގައި އޮތީ އެލްޓީއެވެ.

ނިއު އެއް ވަނައިގައި އޮތީ ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓާ އެކުއެވެ. ދެ ވަނައިގައި އޮތް އެލްޓީއަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި ވިކްޓަރީ އޮތީ ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އޮތް ކްލަބް ޓީނޭޖާއި ފަސް ވަނައިގައި އޮތް މަހިބަދޫ ސްޕޯޓްސް ކްލަބަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި އޮތް ބީޖީ އާއި ފުލުގައި އޮތް ލޮރެންޒޯ ސްޕޯޓްސް ކްލަބަށް އަދި ޕޮއިންޓެއް ނުލިބެއެވެ. ބީޖީ ދެ މެޗު ކުޅުނުއިރު، ލޮރެންޒޯ ކުޅުނު ތިން މެޗުން ވެސް ވީ ބައްޔެވެ.

ގައުމީ ދަނޑުގައި މިފަހަކަށް އައިސް އެންމެ ސަޕޯޓަރުން ގިނަ މެޗުގެ ގޮތުގައި މިރޭގެ މެޗު ފެނިގެން ދިޔަ އިރު، މެޗު ރަނގަޅަށް ފެށީވެސް ނިއުއިންނެވެ. އެޓީމުން މެޗުގެ 12 ވަނަ މިނެޓްގައި ލީޑުވެސް ނެގިއެވެ. އެ ގޯލަކީ ކޯފީ އޮވޫސޫ ދިން ބޯޅައެއް އޭރިއާ ތެރެއިން ހޯދައި، ނިއުގެ އަހުމަދު ސުހެއިލް (ބަމްބުޗު) ޖެހި ގޯލެކެވެ. ބަންބުޗަކީ އެންމެފަހުން 2018 ވަނަ އަހަރު ނިއު އާއި ވިކްޓަރީ ކުޅުނު މެޗުގައިވެސް ކުޅުނު ކުޅުންތެރިއެކެވެ.

ނިއުއިން ލީޑު ނަގާފައި ވަނިކޮށް ވިކްޓަރީއަށް ދިމާވި އެންމެ ބޮޑު މައްސަލައަކަށްވީ މެޗުގެ 19 ވަނަ މިނެޓުގައި އެޓީމުގެ ބިދޭސީ ޑިފެންޑަރު، މުހައްމަދު އައިމަން އަށް ލިބުނު އަނިޔާއެވެ. އެ އަނިޔާގެ ސަބަބުން އޭނާ ބާލަން ޖެހުމުން ވިކްޓަރީގެ ޑިފެންސް ބަލިވެގެން ދިޔަތަން ފެނިގެން ދިޔައެވެ. އެ ވަގުތުގެ ފައިދާ ނަގައި ނިއުއިން ޖާގަ ހޯދަން ފެށިއެވެ.

ނަތީޖާއެއްގެ ގޮތުން ނިއުގެ ހަމަލާތައް ގިނަކޮށް ފެނުނު އިރު، މެޗުގެ 27 ވަނަ މިނެޓުގައި މުހައްމަދު ލިޔާހަށް ހުސް ފުރުސަތެއް ލިބި ބޭކާރުވިއެވެ. ފުރަތަމަ ހާފުގައި ވިކްޓަރީއަށް އެންމެ ފަހި ފުރުސަތެއް ލިބުނީ ކެޕްޓަންކަން ކުރަމުންދިޔަ އަހުމަދު އިމާޒް (އާއްކޮ) އަށެވެ. އޭނާއަށް އަރިމަތިން ލިބުނު ބޯޅަ ބާރަށް ފޮނުވާލި ނަމަވެސް ދިޔައީ މަތިންނެވެ. އާއްކޮ މިރޭ ވިކްޓަރީ ބޭންޑްގައި ނުކުތީ ކެޕްޓަން ހަސަން އަދުހަމް (ސަޑޭ) ނެތުމުންނެވެ.

ނިއުއިން މޮޅަށް ކުޅެމުން ގޮސް ހާފުގެ ފަހު ކޮޅުގައި އިތުރު ދެ ގޯލެއް ޖެހިއެވެ. 41 ވަނަ މިނެޓުގައި ޖެހި ފުރަތަމަ ގޯލަކީ ލިޔާހު ޖައްސާލި ބޯޅައަށް ކުރިއަށް އަރައި ހުސްކޮށް އޮވެ ކޯފީ ޖެހި ގޯލެކެވެ. އަނެއް ގޯލުވެސް ޖެހީ ކޯފީއެވެ. އެ ގޯލު ޖެހީ ބަންބުޗުގެ ހުރަހަކުންނެވެ.

ނިއު އިން ދެ ވަނަ ހާފުގެ ކުރީކޮޅުގައިވެސް ނުރައްކާ ކުރިއެވެ. ކޯފީ ޖެހި ބޯޅައެއް ވިކްޓަރީގެ ކީޕަރު އިބްރާހީމް ހެބާ މަތަކުރި އިރު،
އަނެއްކޮޅުން ވިކްޓަރީވެސް ހަމަލާތައް ގިނަކޮށްލިތަން ފެނުނެވެ.

އެގޮތުން މެޗުގެ 65 ވަަނަ މިނެޓްގައި ވިކްޓަރީގެ އިސްމާއިލް ނަސީމް (ބޯވަ) އޭރިއާ ބޭރުން ޖެހި ބޯޅަ ނިއުގެ ގޯލްކީޕަރު މިފްދާދު އަހުމަދު ވަނީ ކޯނަރަކަށް ބޭރުކޮށްލައިފައެވެ. އެ ކޯނަރުން ލިބުނު ފުރުސަތުގައި ވިކްޓަރީގެ އަހުމަދު ހުސެއިން (އައްމަޑޭ) ޖެހި ބޯޅަ ވެސް އަމާޒުވީ ކީޕަރު މިފްދާދު އަތަށެވެ.

ވިކްޓަރީން ގޯލެއް ޖަަހަން ކުރި މަސައްކަތް ކާމިޔާބުވީ 76 ވަނަ މިނެޓްގައެވެ. އެ ގޯލަކީ ޕެނަލްޓީއަކުން އެ ޓީމުގެ ލެބަނަން ފޯވާޑް މުހައްމަދު ކުޑޫ ޖެހި ގޯލެކެވެ. ވިކްޓަރީ އަށް އިތުރު އުނދަގުލެއް ކުރިމަތިވީ މެޗުގެ 86 ވަނަ މިނެޓްގައި އެ ޓީމުގެ ހުސެއިން ޝަމީނަށް ރަތް ކާޑެއް ދެއްކުމުން ކުޅުންތެރިޔަކު މަދުކޮށް މެޗު ނިންމާލަން ޖެހުމުންނެވެ.

ނިއުއިން މެޗުގައި ޖެހި ހަތަރު ވަނަ ގޯލަކީ ލިބުނު ޕެނަލްޓީ އަކުން ތޯރިގު ޖެބެރިން ޖެހި ގޯލަކެވެ. ޖެބެރިންއަކީ ނިއުގެ ކެޕްޓަނެވެ. އޭނާއަކީ ކުރިން ސައުދީގެ އެކިއެކި ޑިވިޝަންތަކުގައި ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިއެކެވެ.

ދެވަނަ ޑިވިޝަނުގެ މާދަމާ ހަވީރު ބިސްބުރު ސްޕޯޓްސް ކްލަބު، ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނަ އިރު، މާދަމާ ރޭ ކުޑަ ހެންވާރު ޔުނައިޓެޑް ނުކުންނާނީ ކެޕިޓަލް ސިޓީއާ ދެކޮޅަށެވެ.