ލިވަޕޫލްގެ ރަސްމީ ދިވެހި ސަޕޯޓަރުންގެ ކްލަބު، "އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބް އޮފް މޯލްޑިވްސް" (އޯއެލްއެސްސީ) އިން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީވުމަށް "ފްރީޑަމް ޗެރިޓީ" އިވެންޓެއް އިއުލާން ކޮށްފިއެވެ.

އެ ފަންޑް ރައިސިން ހަރަކާތަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ގޮނޑި ހަދިޔާ ކުރުމަށް އިއުލާންކުރި ހަރަކާތެކެވެ. އެ ހަރަކާތުގެ ސަބަބުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދިރިއުޅުމަށް މުހިންމު ބަދަލެއް ގެނުވާނެ އެހީތެރިކަމެއް، އޯއެލްއެސްސީގެ މެމްބަރުންގެ ފަރާތުން ފަހިވެގެންދާނެއެވެ.

އޯއެލްއެސްސީން މިހާރު ފުރަތަމަ ނިންމާފައި ވަނީ ދެމީހަކަށް ދެ ޕަވާ ވީލްޗެއާ ހަދިޔާކުރުމަށެވެ. އެގޮތުން، ވީލްޗެއާ ލިބޭ މީހުން ކަނޑައެޅުމުގައި ކަމާބެހޭ އެކިއެކި ފަރާތްތަކުގެ އެހީތެރިކަން ރަސްމީ ސިފައެއްގައި ވެސް ހޯދަން ވަނީ ނިންމައިފައެވެ.

އޯއެލްއެސްސީން ނިންމާފައިވަނީ "ފްރީޑަމް ޗެރިޓީ"އަށް ފައިސާ އެއްކުރުމުގެ ކަންކަން އެކުގައި ގިނަ ސަޕޯޓަރުން މެޗު ބަލަން އިންތިޒާމުކުރާ އިވެންޓްތަކުގެ ތެރެއިން ކުރިއަށް ގެންދިއުމަށެވެ. އެ ގޮތުން ފަންޑްރެއިޒިން ހަރަކާތްތައް ކުރިއަށްގެންދާނީ މެޗު ބެލުމުގެ ޓިކެޓާއި ޗެރިޓީ ޓިކެޓު ވިއްކައިގެން ކަމަށް އޯއެލްއެސްސީން މައުލޫމާތުދެއެވެ.

އޯއެލްއެސްސީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، 25،000-30،000 ރުފިޔާގެ އަގުހުރި މި ވީލްޗެއާގައި ސްޓީލް ފްރޭމް، އެޑްޖަސްޓަބްލް އާމްރެސްޓް، ޕީވީސީ ސީޓް އަދި އެލުމިނިއަމް ފުޓް ޕްލޭޓް ހިމެނޭނެއެވެ.

އެ ގޮތުން ޓިކެޓުތަކުގެ އަގުތަކަށް ބަލާއިރު މެޗް ބަލާ ޓިކެޓް، 150 ރުފިޔާ އަށް ވިއްކާއިރު، 50 ޕަސެންޓް ދާނީ އެހީ އަށެވެ. ޗެރިޓީ ޓިކެޓްގެ ފަސް ކެޓަގަރީ އަކަށް ވިއްކާއިރު، އެ ފައިސާ އެއްކޮށް ދާނީ އެހީ އަށެވެ. އެ ގޮތުން ޗެރިޓީ ރެޑް ޓިކެޓަކީ 100 ރުފިޔާ އެވެ. ޗެރިޓީ ޓިކެޓް ޕްލެޓިނަމްގެ އަގަކީ 500 ރުފިޔާ އެެވެ. ޗެރިޓީ ޓިކެޓް ކޮޕައިޓްގެ އަގަކީ 1000 ރުފިޔާ އެވެ. އަދި ޗެރިޓީ ޓިކެޓް ޝޭންކްސްގެ އަގަކީ 5000 ރުފިޔާ އެވެ. އަދި ޗެރިޓީ ޓިކެޓް މައިޓީ ރެޑްގެ އަގަކީ 10،000 ރުފިޔާ އެވެ.

ޗެރިޓީ ޓިކެޓެއް ނުގަނެ ވެސް ހެޔޮ އެދޭ ފަރާތްތަކުން އެހީތެރިވާން ބޭނުންނަމަ އޯއެލްއެސްސީ އަށް ގުޅައިގެން ކުރިއަށްދާން ވަނީ ފުރުސަތު ފަހިކޮށްފައެވެ.

އޯއެލްއެސްސީން ވަނީ މި ހަރަކާތުގެ ޓައިމްލައިނެއް ވެސް ހަދައިފަ އެވެ. އެ ގޮތުން ފައިސާ އެއްކުރުމުގެ ހަރަކާތް ނިންމާލަން އަމާޒުހިފާފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށެވެ. އެ ގޮތުން ވީލްޗެއާ ނޮވެމްބަރު މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ގަންނަން ވަނީ ނިންމައިފަ އެވެ. އަދި އެ ގޮނޑި ހަވާލުކުރުން ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އެ މަސް ނިމުމުގެ ކުރިން ނިންމުމަކީ ވެސް އޯއެލްއެސްސީގެ ޓާގެޓެވެ.

އިޖުތިމާއީ ޒިންމާގެ ދަށުން ވެސް ގިނަ ކަންތައްތަކެއް ކުރަމުން އަންނަ އޯއެލްއެސްސީން ވަނީ މީގެ ކުރިން ކެއާ ސޮސައިޓީ އަށް 10،000ރ ހަދިޔާކޮށްފައެވެ.