ފުޓްސަލް

ކިއްސަރު ކަޕްގެ ޗެމްޕިއަންކަން ރޭމްޕޭޖަށް، ކިންގަކީ ހާއްޕެ!

2

ގއ. ކޮނޑޭގެ ޖަމިއްޔާއެއް ކަމަށްވާ ކިއްސަރުން އިންތިޒާމުކޮށްގެން އެ ރަށުގެ ޓީމުތަކަށް ބާއްވާ އެންމެ ވަރުގަދަ ފުޓްސަލް މުބާރާތް، ކިއްސަރު ކަޕް 2022 ޗެމްޕިއަންކަން ރޭމްޕޭޖުން ހޯދައިފިއެވެ.

ރޭމްޕޭޖުން ޗެމްޕިއަންކަން ހޯދީ ރޭ ކޮނޑޭ ފުޓްސަލް ދަނޑުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި 6-1 ގެ ނަތީޖާއަކުން ފޭޒާ އެފްސީ ބަލިކޮށްގެންނެވެ. ތަރިންނާއެކު މުބާރާތަށް ނުކުތް ރޭމްޕޭޖުން ތަށި އުފުލައިލީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބު ކޮށްގެންނެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި، ރޭ ކުޅުނު ފައިނަލް މެޗުގައި ރޭމްޕޭޖުގެ ގޯލުތައް ޖަހައިދިނީ އަލީ ހާފިޒް (ހާއްޕެ) އާއި އަހުމަދު ރީހާންގެ އިތުރުން މުހައްމަދު ވިލްފެވެ. މެޗުގައި ރީހާނާއި ހާއްޕެ ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ. ފޭޒާގެ ގޯލު ޖަހައިދިނީ އިބްރާހީން ހުސައިނެވެ.

ރޭގެ ފައިނަލް މެޗަށްފަހު މުބާރާތް ނިންމުމުގެ ރަސްމިއްޔާތުވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ޕާކް ހަޔަޓް ހަޑަހާ ހޮވުނު އިރު، ބެސްޓް ސަޕޯޓިންް ޓީމަކީ ފޭޒާ އެފްސީއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގައުމީ ފުޓްސަލް ޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ ހާއްޕެއެވެ. ހާއްޕަ ވަނީ މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ އައިބީ ސްޓްރީޓްގެ ޒާހިލެވެ. އެންމެ މޮޅު ކޯޗަކީ ރޭމްޕޭޖުގެ މުހުތާރު މުހައްމަދެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން

  • އިސްމާއީލް ސިހާދު / ފޭޒާ އެފްސީ
  • އަހުމަދު ރީހާން / ރޭމްޕޭޖް
  • އަލީ ހާފިޒް (ހާއްޕެ) / ރޭމްޕޭޖް
  • އިބްރާހީމް ހަމްދާން (ހަމްދެ) / ފޭޒާ އެފްސީ
  • ވިޝާން ހަސަން ދީދީ / ރޭމްޕޭޖް

ކިއްސަރު ފުޓްސަލް ކަޕުގެ މެއިން ސްޕޮންސަރަކީ ހިޓާޗީ އެސްޓީއޯއެވެ. ކޯ ސްޕޮންސަރުންނަކީ މާކްޓެކް މޯލްޑިވްސްއާއި ވީބީ ބްރަދާސްގެ ކެލޯގްސް އަދި ޕްރިންޖަލްސްއެވެ. އޭގެ އިތުރުން ފެނަކަ، ސިބްކޯގެ އަލް މުދިޝް އަދި މޯލްޑިވިއަން އަކީވެސް މުބާރާތުގެ ކޯ ސްޕޮންސަރުންނެވެ.

މުބާރާތުގެ ޕްރިންޓިން ޕާޓްނަރަކީ ޕްރިންޓް ލައިނެވެ. މުބާރާތުގެ އިންތިޒާމް ޕާޓްނަރަކީ ކޮނޑޭ ކައުންސިލެވެ. ކިޓް ޕާޓްނަރަކީ މަޅި މޯލްޑިވްސްއެވެ. އަދި އެކޮމޮޑޭޝަން ޕާޓްނަރަކީ ސަން ކޮރަލް މޯލްޑިވްސްއެވެ. މުބާރާތުގެ ބެވަރެޖް ޕާޓްނަރަކީ ބާޔޯއެވެ. ކިއްސަރު ފުޓްސަލް ކަޕްގެ ޗެމްޕިއަން ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައެވެ.

މުބާރާތް އިންތިޒާމް ކުރާ ފަރާތުން އިއުލާން ކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ތަނުގައިވެސް ކިއްސަރު ކަޕް މިހާރަށްވުރެ ބޮޑުކޮށް ކުރިއަށް ދާނެއެވެ. ކިއްސަރު ކަޕަކީ މުޅި ރާއްޖޭގައިވެސް ބާއްވަމުންދާ އެންމެ ޒަމާންވީ އެއް ފުޓްސަލް މުބާރާތެވެ.

ކިއްސަރު ފުޓްސަލް ކަޕް 2022 ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.