ކ. އަތޮޅުގެ ރަށްތަކާއި ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، އަރާމު ހޮލިޑޭސް މިޔަޓް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން އެޕޮކްލިޕްސްއިން ހޯދައިފިއެވެ.
އެޕޮކްލިޕްސްއިން ޗެމްޕިއަންކަން ހޯދީ ކ. ތުލުސްދޫ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފޯރިގަދަ ފައިނަލުގައި 6-2 އިން އެއިޓް ޓު ނައިން އެފްސީ ބަލިކޮށްގެންނެވެ. ގިނަ ސަޕޯޓަރުންނާއެކު ރޭ ކުޅުނު ފައިނަލު ފެނުނީ ފޯރިގަދަ ކޮށެވެ. މެޗަށްފަހު ތަށްޓާއެކު އެޕޮކްލިޕްސްއިން ވަރަށް ބޮޑަށް އުފާފާޅުކޮށްފައިވާ އިރު، ރޭގެ މެޗުގެ ޝަރަފުވެރި މެހެމާނަކީ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) އެވެ.
އަކޫއާއެކު ތުލުސްދޫގެ އިސްވެރިންނާއި ކ. އަތޮޅު ރައީސް މުހައްމަދު ނިމާލްވެސް ފައިނަލް މެޗުގައި ބައިވެރިވެލެއްވިއެވެ. އޭގެ އިތުރުން މިޔަޓް ޖަމިއްޔާގެ އިސް ފަރާތްތައްވެސް ރޭގެ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.
ރޭގެ ފައިނަލް މެޗުގެ ފުރަތަމަ ކަށިގަނޑުން ފެށިގެން ފަހު ކަށިގަނޑާ ހަމައަށް ސަޕޯޓަރުން ދިޔައީ ގުގުމަމުންނެވެ. ކ. އަތޮޅުގެ ދެ ރަށަކަށް ނިސްބަތްވާ ދެ ޓީމު ފައިނަލުގައި ފެނިގެން ގޮސްފައިވާ އިރު، ފައިނަލުގައި އެޕޮކްލިޕްސް ފެނުނީ މާ ބޮޑަށްވެސް ވަރުގަދަ ކޮށެވެ. ހާއްސަކޮށް އެޓީމުގެ އިސްމާއިލް ވިފާގާއި އިސްމާއީލް ވަޖީހު (ވައްޖެ) އަދި އަހުމަދު ޝިޒާންގެ ކޮމްބިނޭޝަންވެސް ފެނުނީ އާދަޔާހިލާފަށް ރަނގަޅަށެވެ.
ހަލުވި ކުޅުމެއްގައި ފެނިގެން ދިޔަ އެޕޮކްލިޕްސްއިން މެޗުގައި ޖެހި ހަ ގޯލަކީ ވިފާގާއި ވައްޖެގެ ހެޓްރިކްތަކެވެ. އެ ދެކުޅުންތެރިން މެޗުގައި ހެޓްރިކް ހެދި އިރު، އަނެއްކޮޅުން ދެ ގޯލު ޖެހީ އަހުމަދު ރިޒުވާން (ރިޒޭ) އާއި އަހުމަދު ޒަހީރެވެ.
ރޭގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް އެޕޮކްލިޕްސްގެ ވިފާގު ހޮވުނު އިރު، އެންމެ މޮޅު ކޯޗަކީ އެޓީމުން އަލީ ނަދީމެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ އެއިޓް ޓު ނައިން އެފްސީގެ ގޯލްކީޕަރު މުހައްމަދު ނައުޝާދާއި އެޓީމުގެ ރިޒޭގެ އިތުރުން އެޕޮކްލިޕްސްގެ ވައްޖެ، ވިފާގު އަދި އެމްޕަޔާ އެފްސީގެ ޝިފާޒް އާދިލް (ތުއްތު) އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވައްޖެއަށް ލިބުނު އިރު، އެންމެ އުންމީދީ ކުޅުންތެރިޔަކީ ހުދުރަންފުށީގެ ފުރުގާނެވެ.
ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ބްލެކް އީގަލްސްއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ޓްރޮފީ އަދި މެޑަލްއާއެކު 30،000 ރުފިޔާގެ ފައިސާގެ އިނާމް ދީފައިވެއެވެ. ރަނަރަޕް ޓީމަށް މެޑަލްއާއެކު 15،000 ރުފިޔާގެ ފައިސާގެ އިނާމް ދީފައިވެއެވެ.
މިޔަޓް ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމަށް ހުޅުވާލީ ކ. އަތޮޅަށެވެ. މި މުބާރާތަކީ ކ. އަތޮޅުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތްވެސް މެއެވެ. މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން ކާމިޔާބުކަމާއެކު މިފަހަރު ނިންމާލި މުބާރާތުގައި 14 ޓީމަކުން ވާދަކޮށްފައިވެއެވެ. މުބާރާތުގައި ތަރިންގެ ކުޅުން ފެނިފައިވާ އިރު، ކ. އަތޮޅުގެ ހުނަރުވެރި ތަރިންގެ ކުޅުންތެރިންވެސް ފެނިގެން ގޮސްފައިވެއެވެ. ކުރިއަތް އޮތް ތަނުގައިވެސް މިއަށްވުރެ ބޮޑުކޮށް މިޔަޓް ފުޓްސަލް ފިއެސްޓާ ކުރިއަށް ގެންދާނެ ކަމަށް އިންތިޒާމް ކުރާ ފަރާތުން ވަނީ ބުނެފައެވެ.
މިއަހަރުގެ މުބާރާތުގެ ތެރެއިންވެސް ހާއްސަ ކަމެއް ފެނިގެން ގޮސްފައިވެއެވެ. އަންހެން ފުޓްސަލް ވަންޑޭ ކަޕެއް، މިއަހަރު މުބާރާތުގެ ތެރެއިން ފެނިގެން ގޮސްފައިވާ އިރު، ކ. އަތޮޅުގެ ހަތް ޓީމެއް އެ މުބާރާތުގައި ވާދަކުރިއެވެ. ކާމިޔާބުކަމާއެކު ނިންމާލި މިޔަޓް ވިމަންސް ޔުނިޓީ ކަޕް، އަންހެން ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ނެގީ ދިއްފުށީންނެވެ.
މިޔަޓް ފުޓްސަލް ފިއެސްޓާ މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އަރާމު ހޮލިޑޭސް އެންޑް ސްޕާ އެވެ. މީޑިއާ ޕާޓްނަރަކީ ވަން އޮންލައިނެވެ.