ވާހަކަ

ފިނި މެންދަަމަކުން - 08

13

ގޭގެ ސްޓަޑީ، ލިޔާކޮޓަރީގެ މޭޒުދޮށުގައި ލެޕްޓޮޕް ހުޅުވާލައިގެން އޭގެއިން މަސައްކަތެއް ކުރަން އިން މާހީ ލޮލުގައި އޮތް އޭނާގެ ނަންބަރު އައިނު ހެޔޮވަރުކޮށްލިއެވެ. ފަޒީލުގެ ހުކުމް ތަންފީޒު ކުރުމަށް ބޭނުންވާ ހުރިހާ ލިޔުމެއް ހައިކޯޓަށް ހުށަހެޅުނުތާ ހަފުތާއެއް ވީއެވެ. ހައިކޯޓުން ލިބުނު ޖަވާބު ފަޒީލާ ހަމައަށް ގެންދިއުމުގެ ޒިންމާ ނެގީ ހުދު އޭނާ އަމިއްލައަށެވެ. ޝަރީއަތް އޮންނާނެ ދުވަސް ނޭނގުނަސް މާހީ ބޭނުންވީ އޭގެ ކުރިންވެސް ފަޒީލާ ބައްދަލުކޮށް އެއުފާވެރި ހަބަރު އޭނާއަށް ދިނުމަށެވެ.

ކަރެކްޝަން މެދުވެރިކޮށްވެސް ދެވެން އޮތް މެސެޖެއް ހިފައިގެން ސީދާ ވަކީލު ވަޑައިގެންނެވީމާ އެވާހަކަ އެންމެންވެސް ދައްކާނެތާއެވެ. ޖަލު އޮފިސަރުންވެސް މާހީއާ އެސުވާލު ކުރިއެވެ. މާހީ އެއަކަށް ވަކި ޖަވާބެއް ނުދެއެވެ. ހަމައެކަނި 15 ވަރަކަށް މިނެޓުގެ ބައްދަލުވުމަށްފަހު އެނބުރި މާލެ އައީއެވެ. ދެން މިއަދުވެސް އަދި މާދަމާވެސް މަހުގެ ބާކީ މިއޮތް ދުވަސްތަކުގައިވެސް ޖަލު ތެރޭގެ މައުޟޫއަކަށް އޮންނާނީ މާހީ އާއި ފަޒީލުގެ ވާހަކަކަން މާހީއަށް އެނގެއެވެ.

މާހީ ބޭނުންވާ ހުރިހާ މައުލޫމާތެއް އަދިވެސް އެއްވެސް ވަރަކަށް ނުލިބެއެވެ. ފަޒީލާ ބައްދަލުކޮށްގެން ހައެއްކަ ފަހަރު މަތިންވެސް މާހީއަކަށް އޭނާ ބޭނުންވެގެން އެއުޅޭ މައުލޫމާތެއް ނުލިބެއެވެ. ތެދަށް ބުނަންޏާ ފަޒީލު އެއިން އެއްވެސް ވާހަކައެއް ކިޔައިދޭކަށް ބޭނުމެއް ނޫނެވެ. އެކަމަކު މާހީއަށް އެވާހަކަތައް އެނގެން ބޭނުމެވެ. ހަމައެކަނި ފަޒީލުގެ ހުކުމް އިސްތިއުނާފު ކުރުމަކަށް ނޫނެވެ. އެކަމަކު އަމިއްލަ ސަބަބުތަކަކާ ހެދިއެވެ. މިހާރުދެން ފަޒީލުގެ ދުލުން އެވާހަކަތައް ކިޔުއްވޭނެ އޮތީ ހަމަ އެންމެ ގޮތެކެވެ.

ކުއްލިއަކަށް މާހީގެ ސިކުނޑިއަށް ވިދުވަރެއްހެން ހަނދާނެއް އާވެއްޖެއެވެ. މިހާރު ދެފަހަރެއްގެ މަތިން ފަޒީލު އެހެން ބުނެފިއެވެ. ސުވާލެއްގެ ސިފައިގައި ފަޒީލު މާހީއަށް އެސިއްރު ކިޔައިދޭން މަސައްކަތް ކުރަނީބާވައެވެ. ހިންދާމުއަސްމާއާ ބެހޭ ގޮތުން އޮޅުން ފިލުވުމަށް މާހީ ދާން ޖެހޭ ހިސާބާއި ކުރަން ޖެހޭ ކަންތައް ފަޒީލު އަމިއްލައަށް އެވާހަކަތައް ކިޔައިދޭން ބޭނުން ނުވާތީ ހެއްޔެވެ.

"ހިންދާމުއަސްމާއާ ގުޅުން އޮތީ މަށާ ނޫންކަމަށް ވެސް ވެދާނެއެއްނު....؟ އެހެންވިޔަސް މަންޒަރު އޮތީ ސާފުކޮށް ފެންނަން ވިއްޔަ. ތަހުގީގު ކުރި ފަރާތުން ހެކި ގަރީނާ ހޯދިއިރު ނުފުރޮޅާ އެންމެ ގާކޮޅެއްވެސް ނެތްކަމަށް ވަނީ... އަހަރެން އިތުރަށް ދައްކާނެ ކޮން ވާހަކައެއްތަ އޮތީ؟ ވަކީލާސާހިބާއަށްވެސް މައްސަލަ ތިއޮތީ ސާފުކޮށް ފެންނަން... ފުރަތަމަ ދުވަހުވެސް އަހަރެން ބުނިން މައްސަލައަކީ ދެފުށް ފެންނަ ގޮތަށް އޮތް މައްސަލައެކޭ.... ހުރިހާ ހެއްކެއް އަހަންނާ ދެކޮޅަށް އޮތީ، ވީއިރު ދެން އިތުރަށް ދައްކާނެ ވާހަކައެއް ނެތެއްނު..."

އެއްފަހަރު ދެއްކި ވާހަކައެއްގެ ތެރޭގައި ހިންދާމުއަސްމާއާ ބެހޭ ގޮތުން ފަޒީލު މިގޮތަށް ބުނެފައިވާ އިރު، އަނެއް ފަހަރެއްގައިވެސް ހަމަ މިފާޑެއްގެ ވައްތަރަކަށް އަރަތެއްހެން ސުވާލު މާކެއްގެ ތެރޭގައި ކޮންމެވެސް އެއްޗެކޭ ބުނެފައިވެއެވެ. ހިންދާމުއަސްމާ ބޭސްކެއީ އަމިއްލައަށް މަރުވާން ކަން އެންމެންވެސް ގަބޫލު ކުރެއެވެ.

އެހެންނަމަވެސް ހަމައެއާ ވިދިގެން ފަޒީލު ގާތުގައި ހިންދާމުއަސްމާ މަރުވަންދެން ބަލަން އިނީ ގަސްދުގައި އެނގިހުރެ ކަމާއި ބޭސް ގަންނަން ދިޔަކަމަށް އަދި ބޭސް ކެއީ އަމިއްލަ ރުހުމުގައި ބޭނުންވެގެން ކަމަށް ބުނާ ހިންދާމުއަސްމާގެ އަމިއްލަ ޑައިރީ ނުވަތަ ހާއްސަ ނޯޓު ފޮތުގައި އެވާހަކަ ލިޔެފައި އޮތުމާއި ހިންދާމުއަސްމާގެ ބޮޑުބޭބެއަށް ފޮނުވާފައިވާ މެސެޖުގައި ގަސްދުގައި މަރުވާން ބޭސް ކެއީ ކަމަށް ބުނާ ވާހަކައާއި މިހާރު ލިބިފައިވާ މައުލޫމާތު ތަކުގެ ތެރޭގައި ދެފަހަރަކު ފަޒީލު އެބުނާ ވާހަކަ އެއްގޮތަކަށްވެސް މާހީއަކަށް އެއްކޮށް ހަޖަމުކޮށްލާކަށް ފަސޭހައެއް ނުވެއެވެ.

"ހިންދާމުއަސްމާއަކީ އަހަރެންގެ ކާކުހޭ އަހަނީ ކީއްކުރަން..؟ ކަނޑައެޅިގެން އެންމެން އަހަރެންމީ ހިންދާމުއަސްމާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހާ ކަމަށް ބުނާއިރު އަދިވެސް ވަކީލުކަމަނާ ތިއުޅެނީ އަހަރެން ލައްވާ ކީކޭ ކިޔުއްވަން ކަމަށްތޯ...؟ ވަރަށް ސާފު އިބާރާތުން ބުނެދީފިން، ރަނގަޅު... ހިންދާމުއަސްމާވެސް އަހަރެންދެކެ ވަރަށް ލޯބިވޭ އަދި އޭނާއަކީ އަހަރެންގެ ވަރަށް ހާއްސަ، ވަރަށް މުހިންމު ފަރާތެއް... ހަމަ ވެދާނެދޯ ހިންދާމުއަސްމާއާ އަސްލު ގުޅުން އޮތީ މަށާ ނޫންކަމަށްވެސް.... އެކަމަކު ބައެއް ވާހަކަ ރަނގަޅު ވާނީ އެއޮތް ގޮތަކަށް ބޭއްވިއްޔާ ކަންނޭނގޭ.... އެހެންނޫނަސް މިހާރުދެން ކޮބާ ބޭނުމަކީ.... އަހަރެން މިއޮތީ ޖަލަށް ލާފައި.... ހައިކޯޓުން ކުރިއަށް ގެންދާނެއެއްނު... އިތުރަށް ކޮނުނު ކޮނުނުހެން ފަސް އަރާނީ.... ވަގުތު ވާނީ ބޭކާރު..."

"ފަޒީލު ބުނަން އެއުޅެނީ ކީކޭބާ؟"

މާހީއަށް ކޮންމެވެސް އެއްޗެއް ވިސްނެން ފެށިއެވެ. މިމައްސަލައިގައި ތިންވަނަ މީހަކު އެބައުޅޭކަން ޔަގީނެވެ. މަރުވި އަންހެންކުއްޖާއާ ގުޅުން އޮތީ އެމީހަކާއެވެ. ޑޮކްޓަރުގެ ރިޕޯޓުތައް ބުނާ ގޮތުގައި ހިންދާމުއަސްމާ ސެކްޝުއަލީއެކްޓިވްއެވެ. މާނައަކީ ކޮންމެވެސް މީހަކާ ޖިސްމާނީ ގުޅުން އޮންނަތާ ދުވަސްވެސް ވެއްޖެއެވެ. އެކަމަކު ފަޒީލުގެ އެއްވެސް ތަހުގީގެއްގައިވެސް އަދި ޝަރީއަތެއްގައިވެސް ފަޒީލާއި ހިންދާމުއަސްމާގެ ގުޅުން އޮތް ހިސާބެއް ބަލައި ހާމަަކޮށްފައެއް ނުވެއެވެ.

ކުއްލިއަކަށް މާހީގެ ކުރިމަތީގައި ހުރި ލެޕްޓޮޕްގެ ސްކްރީން ފުސްވާން ފަށައިފިއެވެ. ލެޕްޓޮޕުން މާހީ ހުޅުވައިގެން އިނީ ފަޒީލާއި ހިންދާމުގެ ފޮޓޯތަކެއް ހުރި ހަބަރެކެވެ. ކޮންމެވެސް ފަރާތަކުން ލިޔެފައިވާ އެހަބަރު އޭނާ ކިޔާލަން ބޭނުންވެގެން ހުޅުވީ ކުޑައިރުކޮޅެއް ކުރިންނެވެ. އޭގައި ހިންދާމުއަސްމާ އާއި އޭނާގެ ލޯބިވެރިޔާ އަދި އޭނާގެ މަރުގެ ޒިންމާ އުފުލަން ޖެހޭ ކަމަށް ބުނާ ފަޒީލުކަމަށް ޖަހާފައިވާ ލިޔުމުގެ މަތީގައި ހުރި ފޮޓޯއަކީ ކޮންމެވެސް ޕާޓީއެއްގެ ކޭކު ފެޅުމުގެ ތެރެއިން ނަގާފައިވާ ފޮޓޯއެކެވެ. އޭގައި ހިންދާމުއަސްމާ އާއި ފަޒީލު ތިބީ ވަރަށް ގާތުގައެވެ. ފަޒީލުގެ ކޮނޑުގައި ހިންދާމުއަސްމާގެ ބޯޖެހިފައި ހުއްޓެވެ. ކުއްލިއަކަށް އެފޮޓޯގަނޑު ފުސްވެފައި ވަކިން އަލިކަމެއް ވެރިވެއްޖެއެވެ. ކޮޓަރި ތެރެއިން ކޮންމެވެސް ބޫން އަޑެއްވެސް އިވެން ފެށިހެން މާހީއަށް ހީވިއެވެ. ފޮޓޯއަށް އެޅުނީ ކޮންމެވެސް ހިޔަންޏެކެވެ. އެންމެ ވައްތަރީ ތީރެއްގެ ތުނޑާއެވެ. އެތީރު ގޮސް ހިންދާމުއަސްމާގެ މޫނުމަތިން ވަކިން ގޮސް ހިންދާމުގެ ލޮލުގެ ވަށައިގެން އެނބުރިއެނބުރިފައި ގެއްލިއްޖެއެވެ. މާހީގެ ހިތަށް ފިނިކަމެއް ވެރިވެގެން ދިޔައެވެ.

އެއްވެސް މީހެއް ނެތް ރޭގަނޑުގެ ދަމަކަށް ފެށެން ގާތްވަނީއެވެ. އޭނާ މިސްޓަޑީގައި އެކަނިމާއެކަނި ކުޑަދޮރު ހުޅުވާ އަޅާލައިގެން އިންއިރު ހަމަ އެއްވެސް ވަރަކަށް ކުރީރޭގެ ކަންތައް ހިނގައި ދިޔަގޮތުގެ ހަނދާނެއް ނެތެވެ. އެވަރަށް އޭނާ ފަރުވާކުޑަ ވާން ވެއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ. އަމިއްލަ ނަފުސުދެކެ ރުޅި އައިސްފައި މާހީ ހިނގައިގަތީ ކުޑަދޮރާ ދިމާއަށެވެ. ކުޑަދޮރުލައްޕާލުމަށް ދޮރުގައި ހިފި ވަގުތު އަމިއްލަ އިހުތިޔާރުން ބޭރުގައި އޭނާއަށް ދިމާ ކުރިމަތީގައި ހުރި ގަހުގެ އެއްކަލަ ގޮފިގަނޑާ ދިމާއަށް ބަލާލެވުނެވެ. މުޅި މީހާގެ ގައިން ހީބިހި ނަގައިގެން ދިއުމާއެކު ބާރަށް ލޯމަރާލެވުނެވެ.

ބޭރުތެރޭގެ މާހައުލު އޮތީ ވަރަށް އަނދިރިކޮށެވެ. އެއްވެސް ދިރޭ ފުރާނައެއްގެ ހިލަމެއް ހުރިކަމުގެ އަސަރެއްވެސް ނެތެވެ. ކުރިމަތީގެ ބްލޮކުގައި ހުރި ގޭގެ ފަހަތުން އެގޭގެ ކޮންމެވެސް ދެ ބައެއްގެ ފާހާނާގެ ފެންލައިޓުގެ ދޮރު ހުޅުވިފައި ހުންނަނީ މިގަހުގެ ފަހަތުން ފެންނަ ގޮތަށެވެ. އެދެތަންވެސް ނިވާލާފައި ހުރުމުން މުޅި ތަނަށް ކިރިޔާވެސް އައްޔެއް ވާނަމަ އެއީީ އެއްފަރާތުގައި ހުރި ހައެއްކަ ބުރީގެ އިމާރާތުގެ ފަހަތުން ކުޑަދޮރުތަކުން ފޫދިގެން އަންނަ އަލިކަމެކެވެ. މިދިމާލުގައި ބޮތްކެއް ހަރުކުރާ ވާހަަކަ ކުރީރޭގެ ހާދިސާއަށްފަހު ދެއްކި ނަމަވެސް އަދިވެސް އެކަން މިއޮތީ ނުވެފައިތާއެވެ. މިގޮތަށް މިފަދަ ކަމަކަށް ފަރުވާކުޑަ ކުރުމަކީ ޔޫޝައުގެ ފަރާތުން މީގެ ކުރިން ދުވަހަކުވެސް ފެނިފައިވާ ކަހަލަ ކަމެއް ނޫނެވެ. ފަހަރެއްގައި މިވާނީ ހަމަ ހަގީގަތުގައިވެސް ޔޫޝައު ކޮންމެވެސް ކަމެއް ދިމާވުމުން ހަނދާނުން ކައްސާލީ ކަމަށެވެ. އެހެންނޫނީ އަނބިމީހާގެ ކަމެއް ހަނދާން ނެތުމަކީ ޔޫޝައުގެ މިޒާޖާ ވަރަށްވެސް ފާޑުނޫން ކަމެކެވެ.

ނަސީބު ރަގަޅުކަމުން ބޭރުތެރޭގައި އެއްވެސް ނުރައްކާތެރި، ބިރުވެރިކަމެއް ނެތެވެ. މާހީ ހިތްހަމަޖެހުމުގެ ނޭވާއެއް ލިއެވެ. އަދި ދޮރު ލައްޕާލުމަށް ދޮރުގައި ހިފިއެވެ. އެވަގުތު ތަފާތު ފިނިފިނި ރޯޅިއެއް އޭނާގެ މޫނާއި އިސްތަށިގަނޑުގައި ފިރުމާލައިފިއެވެ. ހީވީ ފިނިވެފައިވާ ހިމަ އިނގިލިތަކަކުން އޭނާގެ ނިއްކުރިމަތީގައި އޮތް އިސްތަށިކޮޅު ކަންހުޅިއާ ދިމާއަށް ގެންގޮސްދިން ހެނެވެ. ބިރުން ހިތަށާއި މުޅި މީހާގެ ގައިން ފިނިކަމެއް ހިނގައިގަތުމާއެކު މާހީ ހިތްވަރުގަދަކޮށްލިއެވެ. އޭނާ އަކީ ނުކިޔަވާ ހުރި ތަަންދޮރު ނުދަންނަ މީހެއް ނޫނެވެ. ރޫހާނީ ކަންތައްތަކަކީ އޭނާ ގަބޫލު ކުރާ ކަންތަކެކެވެ. އަދި ސަައިންސްގެ އަލީގައި ދިމާވާ މިފަދަ ކަންތައް އެއީ ހިތަށާއި ސިކުނޑިއަށް ދިމާވާ ހާލަތަކުން ހީވާ ހީވުމަކަށް ބިނާވާ ކަަމެއްކަމަށްވެސް އޭނާއަށް އެނގެއެވެ. ރޫހާނީ ތަކެއްޗަކީ އެއްވެސް ހާލެއްގައި އިންސާނުންނަށްވުރެ ވަކި ބާރު ގަދަ އެއްޗެއްސެއް ނޫނެވެ. އިންސާނުންނާ އެއެއްޗެހި އަވަލައި، އިންސާނުންނަށް ގޯނާކޮށް ހަދަނީ އެތަކެތި ދެކެ ބިރުގަނެ ޖެހިލުންވާތީއެވެ. އެހެންކަމުން މާހީ ހިތްގަދަފަދަ ކޮށްލިއެވެ. އަދި ބޭރުގެ މާހައުލަށް ބަލައިލިއެވެ.

"ކޮންތާކުން ކީއްކުރަން އަންނަ ކާކުތަ ތީ؟ ކީއްކުރަން އަހަންނަށް ތި އުނދަގޫ ކުރަނީ؟ ކޮންމެ ރެއަކު މެންދަން ވީމަތަ އަންނަން ހުއްދަވެސް ލިބެނީ...؟ ހާދަ ދެރައޭދޯ...؟"

ވަރަށް ހިތްވަރުކޮށްފައި މާހީ ވާހަކަ ދެއްކިއެވެ. ބޭރުތެރެއިން އެއްވެސް ހިލަމެއް ނުވިއެވެ. އެހެންނަމަވެސް އިރުކޮޅެއް ކުރިން އޭނާގެ މޫނުގައި ބީހިލި ފިނިރޯޅީގެ އަސަރު އަދިވެސް އެބަހުއްޓެވެ. މާހީ ވަރަށް ފަރުވާތެރިކަމާއެކު އެއްކަލަ ގަހުގެ ގޮފިގަނޑަށް ބަލައިލިއެވެ. މިފަހަރު އޭނާގެ ހަވަނަ ހިއްސު މާކުރިން އޭނާގެ ހަށިގަނޑާއި ނަފުސު ކޮންޓްރޯލު ކުރުމަށް ނަސޭހަތްތެރިނުވިނަމަ ސިއްސައިގެންގޮސް ހަޅޭއްލަވައިގަނެވުނީސްކަން ޔަގީނެވެ.

އެމަހުލޫގު އިނީ ގޮފިގަނޑުގެ އެންމެ އެތެރޭގައި ހުރި ފަތްތަކާ ނިވާވެގެންނެވެ. ވެއްޓިފައި އޮތް ގޮފިގަނޑުގެ ބުޑާ ދިމާލުން ގަހުގެ އެހެން ގޮފިތަކުގެ އޮފިކޮޅުތަކާއި ފަތްތައް ގިނަ ބޯ ދިމާލެއް ހުރެއެވެ. އެދިމާލުގައި ފަތްތަކުގެ ފުރަގަހުގައި އިން އޭތީގެ ލޯ ވަކިން ނުފެނުނުނަމަ މާހީއަކަށް ނޭނގުނީހެވެ. ހީވާ ގޮތުން އޭތި އެއިނީ ފިލާފައެވެ. ނުވަތަ އަދި އެތަނުން ނުކުންނަ ވަގުތު ނުޖެހެނީއެވެ. މާހީ އަވަހަށް އެދިމާލުން އޭނާގެ ނަޒަރު ދުރުކޮށްލިއެވެ. އެހެންޏާ އަބަދުވެސް އިވެނީ އަނގުރު އަލިފާން ކަހަލަ ލޯތައް މިފަދަ ރޫހާނީ ތަކެއްޗަށް ލިބިފައިވާ ވާހަކައެވެ. އެކަމަކު މީތީގެ ހުރީ ސާފު ވިލުފެހި ކުލައެއްގެ ދެލޮލެވެ. އެންމެ ވައްތަރީ ވިޔަޅު (ވުލްފު)ގެ ދެލޮލާއެވެ. ބޮޑު ދެލޯ ދިއްލާލައިގެން އޭތި އެތަނުގައި ފޮރުވިގެން އެއިނީ ކީއްވެގެންބާވައެވެ. ކޮންކަމަކާ ބިރުން ބާވައެވެ. އެފަދަ ތަކެތި ވެސް ބިރުގަނެ ޖެހިލުންވޭބާވައެވެ.

"އޭހް... ކަލޯ... ކޮންނަމަކުންތަ އަހަރެން ގޮވަންވީ؟ އަނެއްކާ މަގޭ ބަހުރުވަ އެނގޭތަ؟ ތީ ދިވެހި ދަންނަ ސޮރެއްތަ؟"

މާހީ ވަރަށް ހިތްވަރުކޮށްފައި ފިނިވެ، ތުރުތުރުއަޅައިގަންނަން އުޅުނު އޭނާގެ އަޑު ކޮންޓްރޯލު ކުރަމުން ކޮންމެވެސް ގޮތަކަށް އެމަހުލޫގާ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ.

"ތެދަށް ބުނެބަލަ. ދަންވަރު ގަޑިތަކުގައި، ފިނިފިނި މެންދަންތަކުގައި މިގަހަށް އައިސް ތިއިންނަނީ ކީއްވެ؟ މުޅި މިކޮލޮނީއިންވެސް އަހަރެން އެކަނިތަ ފެންނަނީ؟ ކީއްވެ މަށަށް އުނދަގޫ ކުރަން ބޭނުން ވަނީ؟ ތިގޮތަށް ޖެއްސުން ކުރަންޏާ ވަރަށް ގޯސްވެދާނެކަން އެނގޭތަ؟"

މަޑުމަޑުން މާހީގެ ހިތުން ބިރުވެރިކަން ކުޑަވަމުންދާ ކަމުގެ އިހުސާސް އޭނާއަށް ކުރެވެމުން ދިޔައެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ. ދުލަށް އައިހާ ހެޔޮ އެއްޗެއް އޭނާ އެހުންނަނީ ކިޔައިގެންނެވެ. ކޮޓަރީގައި ގުރުއާނާއި ތަރުޖަމާ އަދި ހަދީސް ފޮތްތަކާއި ގުރުއާނުގެ އެކިކަހަލަ އާޔަތްތަކާއި ދުއާތައް ހުރި ލޯގަނޑުތަކެއްވެސް މަދުނޫން އަދަދަކަށް ހުންނާނެއެވެ. ވީއިރު ﷲތައާލާ ހައްދަވާފައިވާ މަހުލޫގެއް ދެކެ އޭނާ، އެކަލާނގެ ހަލްގު ކުރެއްވި އެންމެ މާތް އިންސާނާ ބިރުގަންނަންވި ކީއްކުރަން ހެއްޔެވެ. މިފަދަ ހިޔާލުތަކުގެ ސަބަބުން މާހީގެ ހިތަށް މަޑުމަޑުން ހަމަޖެހުމެއް ވެރިވަމުން ދިޔައެވެ.

ހިތްވަރުކޮށްލާފައި އަނެއްކާވެސް އޭނާ ބޭރަށް ބަލައިލިއެވެ. ސީދާ ގަހުގެ އެދިމާއަށް ނުބެލި ނަމަވެސް ލޮލުގެ ކުޑަކޮޅުން އެދިމާއަށް ބަލައިލި އިރު، އަދިވެސް އެއްކަލަ ފިނިވެފައިވާ ވިޔަޅުގެ ބިރުގެންފައިވާ ކަހަލަ ދެލޯ އެތަނުން ފެންނަން ދިއްލިފައި އެބަހުއްޓެވެ. މާހީ ވިސްނާލިއެވެ. މިއީ އޭނާއަށް ކުރެވޭ ރަނގަޅު ކަމެއްބާވައެވެ. އަނެއްކާ މިއެއްޗެއް އޭނާގެ މިބިރުކުޑަކަމާހެދި އޭނާއާ އަވަލައިގަންނާނީ ނޫންބާވައެވެ. ސްޓަޑީއަށް އެއްވެސް މީހަކު އަންނާކަށްވެސް ނޫޅެއެވެ. އޭނާގެ ފޯނުވެސް އެއޮތީ ލެޕް ކައިރީގައެވެ. ބިރުން ދުވެފައި ދާކަށްވެސް އޭނާ ބޭނުމެއް ނޫނެވެ. ވަަރަށް ހިތްވަރުކޮށްފައި އަނެއްކާވެސް ކަރުކެހިލާފައި ހަމަޖެހޭ ގޮތް ދައްކާލިއެވެ.

"އޭހް... ބީރައްޓެހި ފިނިމެންދަންތަކުން އަންނަ ނުރައްޓެހި މަހުލޫގާ.... އަހަރެން މިއަހަނީ ކޮންމެރެއަކު މެންދަމުން އަލިވީމަހޭ ގައިދުހާނާއިން މިންޖު ވެވެނީ ގައިދުހާނާއިން ނުކުމެގެން މިހިސާބަށް އަންނަނީ ކީއްކުރަންހޭ، ކާކާ ބައްދަލު ކުރަންހޭ....؟ ތިހެން އައިސް އެހެން މީހުންނަށް ބިރު ދައްކައި ބިރުވެރި އަޑު ލައްވައި މުޅި ހިސާބުގައި ނުބައި ކުނިވަސް ދުވާ ގޮތަށް އުޅުނީމަ ކޮންމެވެސް ބަޔަކު ކަލޯ އަންދާލަފާނެ..... ނޫނީ ކަލޯއަށް ކޮންމެވެސް ކަހަލަ އަދަބެއް ލިބޭނީ..... ބޭނުންވެގެން ކަންތައް ނުވަނީސް އަނިޔާއެއް ލިބިދާނެ......"

މާހީ ތަންކޮޅެއް ގާތް ރާގަކަށް ވަރަށް އޯގާތެރި ގޮތަކަށް ވާހަކަ ދެއްކިއެވެ. ހީވަނީ އެތައް ޒަމާނަކުއްސުރެ ދަންނަ މީހަކާ ވާހަކަ ދައްކާހެނެވެ.

މާހީގެ ވާހަކަ ނިމުނުތާ ހައެއްކަ ސިކުންތު ފަހުން ގަހުގެ ފަތްތައް ތެޅިލައިފިއެވެ. އެއާއެކު މުޅި މާހައުލުގައި ފިނިފިނި ވައިރޯޅިތަކެއް މަޑުމަޑުން ޖެހެންފެށުމާއެކު ފިނިކަން ހިފިއެވެ. އަދި ތެޅެން ފެށި ފަތްތަކުގެ ތެރެއިން އެއްޗެއް ގޭނޭ ކަހަލަ އަޑެއްވެސް އިވެން ފެށިއެވެ. މާހީ ހުރީ ވަރަށް ހިތްވަރުކޮށްގެންނެވެ. ނަމަނަމަ ދެލޯމަރައި ބާރުނުކުރުމަށާއި ހަޅޭއްލަވައި ނުގަތުމަށް އަމިއްލަ ނަފުސަށް ހިތާހިތުން އާދޭސް ކުރަމުން ހިންދިރުވާލިއެވެ. ދެން ބުނަންވީ ކީކޭބާވައެވެ. އޭނާ ވިސްނަން ފެށިއެވެ. އެއިރު އޭނާގެ ލޮލުގެ ކުޑަކޮޅުން ގޮފިގަނޑު މައްޗަށް އެމަހުލޫގު ނުކުތްތަން ހަމަ ރީއްޗަށް ފެންނަމުން ދިޔައެވެ.

ބޯކެހެރިގަނޑު އޮތީ އެލިފައެވެ. މެދުހަށި ދިގު މަހުލޫގެކެވެ. ކުރީރެއާ ހިލާފަށް މިރޭ އޭތީގެ މޫނުމަތީގައި ރުޅިވެރިކަމެއް ނެތެވެ. އެކަމަކު ހުރީ ހިތާމަވެރި އުދާސްކަމެކެވެ. ހަތަރެސްފައި ޖަހައިގެން ގޮފިގަނޑުގެ މެދާ ހަމައަށް އައިސް މަޑުޖެހިލައިފިއެވެ. އޭތީގެ މޫނު ހަމަ ވިޔަޅެއްގެ މޫނާ ތަފާތެއް ނެތެވެ. ފެހިކުލައިގެ ދެލޮލާއި ނޭފަތާއި އަނގައިގައި ހުރި ފޭރާ ދަތްތައް ބޭރަށް ނުކުމެފައި ހުރިއިރު އޭގެ ކަނދުރާއާ ދިމާލުން މޭމަތީގައި ހުރި ބޯކެހެރިތަކުގައި ހުރި ގަދަ އަޅިކުލައިގެ ތެރެއިން ސާފު ރަތްކުލައެއް ފޭދޭތަން މާހީގެ ލޮލުގައި އަޅައިގަތެވެ.

ކަނު އަނދިރީގެ ތެރެއިން ޖެހިގެން ހުރި ގޭގެ ކޮންމެވެސް ދިމާއަކުން ދިއްލާލި ބޮތްކެއްގެ އަލި، އެދިމާލުގައި ހުރި ފެންލައިޓުން ބޭރަށް އެޅުނީ އޭތީގެ މޭމައްޗާ ދިމާއަށެވެ. މާހީއަށް މިފަހަރުވެސް ހަޅޭއްލަވައިނުގަނެވުނީ ހަމަ ކިރިޔާއެވެ. އެކަމަކު އޭނާގެ އަރުތެރޭގައި އަޑު ހުރީ ތާށިވެފައި ކަހަލައެވެ. ނަސީބު ރަނގަޅުކަމުން އަޑުލައި ގަނެވޭ ގޮތެއް ނުވިއެވެ. އެހެންނޫންނަމަ މިހާރު އޭނާއާ ގާތްގަނޑަކަށް އަށެއްކަ ވަރަކަށް ފޫޓު ދުރުގައި އެއިން މަހުލޫގުވެސް ސިއްސައިގެން ދިޔައީސްކަން ޔަގީނެވެ.

"އޭތް.... ކޮންނަމަކުންތަ ގޮވާނީވެސް.... އާން... ފިނިމެންދަމަކުން ލިބުނު އެކުވެރިޔާ...."

މާހީ ބޯކަހާލާފައި މިބުނެލި އެއްޗަކުން ގޮފިގަނޑުމަތީގައި އިން މަހުލޫގު ފަހަތަށް ޖެހިލައިފިއެވެ. އަދި ފަތްތަކުގެ ނިވަލަށް ވަންނަން މަސައްކަތް ކުރަން ފެށިއެވެ.

"އޭހޭ... މަޑުކޮށްބަލަ.... ކިހިނެއްވީ؟ އެނަން ކަމުނުދިޔައީތަ؟ އާން.... އެހެންނުކިޔަންވީތަ؟.... އިހަށް މަޑުކޮށްބަލަ... ކީއްވެ މޭމަތީގައި ރަތްކުލަ އެހެރީ....؟ އެއީ ކޮންކުލައެއްތަ؟"

މަޑުމަޑުން އާދައިގެ އިންސާނަކާ ވާހަކަ ދައްކާ އުސޫލުން މާހީ އެމަހުލޫގާ ވާހަކަ ދައްކަން ފެށިއެވެ. އޭތި ފަހަތަށް ޖެހިފައިމެ އަނެއްކާވެސް ހުއްޓިލިއެވެ. ހަށިގަނޑުންވެސް ދިގު މަހުލޫގެކެވެ. އޭތީގެ ވަކިތައް ގަހުގެ ގޮފިގަޑުގައި އަޅުވާލައިގެން ހަތަރުމޮއްގަނޑުމަތިން ދެމޮއްގަނޑުމައްޗަށް ޖެހި ބުޅާފަދަ ތަކެތި އިށީންނަ ގޮތަށް އެއްފައިގެ ފަލަމަސްގަނޑު ދަށަށް އަނެއްފައިގެ ފިޔަވަޅު ލައިގެން އިށީނދެލިއެވެ.

އޭތީގެ ބޮލަށް މާހީއަށް ބަލާލެވުނީ ދެނެވެ. މޫނުގެ ބައްޓަމެކޭ އެއްގޮތަށް ބޮލުގެ ނާށިގަނޑުގެ ސިފަވެސް ވައްތަރު ވަނީ ވިޔަޅެއްގެ ބޮލާއެވެ. އެކަމަކު ހީވަނީ އިސްތަށިގަނޑު ދިގު ވިޔަޅެއްހެނެވެ. އޭގެ ބޯމަތީން ދިގުކޮށް އިސްތަށިގަނޑެއްހެން ފައިބާފައިވާ ބޯކެހެރިގަނޑު މާހީއަށް ވަރަށް ރީތިވެއްޖެއެވެ. އޭގެ ލޮލާއި ބޯ އެހާ ރީތިވީއިރު ހަށިގަނޑުން އެހާ ކުނިވަސް ދުވަންވީ ކީއްވެ ހެއްޔެވެ. އުނހު މިރެއަކު އެކަހަލަ ވަހެއްވެސް ނުދުވައެވެ. ކުރީރޭ ދުވި ނުބައި ވަހެއްވެސް އެސިފައެއްވެސް މިރެއަކު އޭގެ ކިބައަކުން ނުފެނެއެވެ.

އައްދެއައްދޭ... އަސްތަލާއިލާހައިއްލަﷲއެވެ. އޭނާ މިމަހުލޫގާމެދު މިގޮތަށް ވިސްނަން ފެށީ ހަމައެއްވެސް ވަރަކަށް މިހާރު ބިރުގެ ކަންފުޅެއްވެސް ނެތިއެވެ. ޔާރައްބީއެވެ. މިއީ ކޮންތާކުން އައިސްފައި އިން ކޮންފަދަ ޝައިތާނެއް ނުވަތަ ޖިންނިއެއް ނޫނީ ރޫހާނީ އެއްޗެއް ކަމެއްވެސް ނޭނގެއެވެ. ހޫނ... ހެވެވެ. ވަރިހަމައެވެ. މިއެއްޗެއް ދެކެ ބިރުން ފިތްކަނޑައިގެން ގޮސް ހޭނެތިފައި އޮތުމަށްވުރެ މިގޮތްވެސް މާރަނގަޅެވެ. ގައިމުވެސް މިއެއްޗެއްވެސް ހަލްގު ކުރައްވާފައި ވަނީ އޭނާގެ ވެރިރަސްކަލާނގެ ޔަދުގުދުރަތުން، އެކަލާނގެ ކުޅަދުންވަންތަވެރިކަމުންނެވެ. ގަންނަންވީ ބިރެއް، ކެޑެންވީ ފިތެއް ނޯންނާނެއެވެ.

ހިތާހިތުން އަމިއްލަ ނަފުސާ ވާހަކަ ދައްކަމުން މާހީ އެމަހުލޫގާ ދިމާއަށް އަނެއްކާވެސް ބަލައިލިއެވެ. މިފަހަރު އޭތީގެ ފުން ދެލޮލާއި މާހީއާ ހަތަރުކަޅި ހަމަވެއްޖެއެވެ. މާހީއަށް ހީވީ ކޮންމެވެސް ނޭނގޭ ފުން ކަނޑަކަށް ގެބިގަތްހެނެވެ. ބޯތަޅުވަންވެސް އުޅުނެވެ. އެކަމަކު ކާމިޔާބެއް ނުވިއެވެ. އޭތީގެ ލޮލުގެ ތެރެއިން މާހީ ދަމައިގަތީ ކަހަލައެވެ. މާހީގެ ގަދަމުށިކުލައިގެ ބޮޑުދެލޮލުގެ ކަޅީގެ ތެރެއިން ލާފައި އޭނާގެ އެތެރެހަށްޓަށް ފިނިކަމެއް ވަދެގެން ދިޔަހެންވެސް ހީވިއެވެ. މާހީ ގޮވައިގެން ކޮންމެވެސް ތަނަކަށް ދާން އުދުހިގަތީ ކަހަލައެވެ. ހުރިތަނުގައި ހުރިނަމަވެސް މާހީގެ ރޫހު އެހެންތަނަކަށް ދަތުރެއް ފެށިކަހަލައެވެ.

ނުދަންނަ މާހައުލަކަށެވެ. ބީރައްޓެހި ހިސާބަކަށެވެ. އެހެންނަމަވެސް މާހީ ބޭނުންވާ އެތައް ބައިވަރު ސުވާލުތަކެއްގެ ޖަވާބު ހޯދަައިދޭނެ ފަރާތެއްގެ ކުރިމައްޗަށެވެ. އެއީ ހަމަ އެތަނެވެ. އެހުރިހާ ކަމެއްގެ ފެށުން އޮތް ތަނެވެ.

***********************************

ފަޒީލު ފާރަލައިގެން އިން ވަގުތު ޖެހުނީއެވެ. އެވިނަގަނޑު ތެރެއަށް ޖެހިގަތް މަހުލޫގު އޭގެ އަސްލު މަންޒިލަށް ވަނުމަށްޓަކައި ހިންދެމިލިކަން ބުނެދެނީ ގަސްތަކުގެ ފަތްތައް ތެޅިގަތް އަޑާއެކު ބިންމަތިން ގޮވައިގަތް މުރުމުރު އަޑުގެ ތެރެއިން އޭގެ ފައިން އެރި ޗިސްޗިސްވާ ފަނިފަކުސައިގެ ރުއިމުގެ އަޑުންނެވެ. ހިމޭންވެފައިވާ ފަޅު، އެހާމެ ފިނިފިނި މެންދަމުގެ ތެރެއިން އެމަހުލޫގު އިސްކޮޅާ އެއްވަރަށް ދެމިލުމަށްފަހު ގުދުވެލިއެވެ. އަދި ކޮރިޑޯ ތެރެއަށް ވަދެގަތެވެ.

އަތުގައި އޮތް ހަމަ ދެންމެ ރޯކޮށްލި ސިނގިރޭޓް އަމާޒުކުރި ދިމާއަށް އެއްލާލީ ވަރަށްވެސް ޔަގީންކަމާއެކުގައެވެ. ފަޒީލުގެ އަމާޒު އޭގެ އެންމެ ފުރިހަމައަށް ކާމިޔާބުވިއެވެ. ސިނގިރޭޓްގެ އަލިފާންބުރި ގޮސް ޖެހުނީ އޭތީގެ މޭމަތީގައެވެ. ލޮލަށް އަލިފާނުގެ ކަނި ބުރައިގެން ދިޔައީ ކަހަލައެވެ. އަދި ހަމައެއާއެކު މޭމަތީގައި ޖެހުމުން ކޮންމެވެސް ގޮތަކަށް އަނިޔާވެސް ވީހެން ހީވިއެވެ. އޭތި ތެޅިގެންފައި ފަޒީލާ ދިމާއަށް އަލިފާނުގެ ނަޒަރަކުން އަނދައިގެންފައި ބަލައިލިއެވެ.

"އޭތް... ލޯއަޅާނެ ބޭނުމެއް ނެތް.... މިހާރު ދެން އާއްމު އުނދަގުލަކަށް ވެއްޖެއެއްނު.... މިތަނުގައި ވެރިކަން ކުރަން ކަލެއަށް ހުއްދަދިނީ ކާކު؟"

ފަޒީލަށް މިއީ އާކަމެއް ނޫންކަން އެނގުނީ އޭނާގެ ރާގާއި ބަސްތަކުންނެވެ. އެމަހުލޫގު ރަނގަޅަށް ފަޒީލުގެ މޫނަށް ބަލައިލިއެވެ.

"އަހަރެން ކަލެއަށް ކޮން ގޯނާއެއް ކުރީހޭ ދެން އަހާ..."

ފަޒީލަށް އޭތީގެ ހިތަށް އެރީ އެހެންކަން އެނގުނީބާވައެވެ.

"މިތަނުގައި ކަލެއަށް ވުރެ ކުރިން އުޅެން ފެށީ މަށޭ ކިޔާ.... ކަލޭ ކިތައް ފުރާނަ ހިފައިފިން މިހިސާބަށް....؟ ކިތައް މީހުންނަށް ކަލޭގެ ތުރާ ޖެހުނީ.....؟ މިޖަލަކީ ކަލޭ އުޅެން ޖެހޭ ތަނެއްތަ؟ ބަލަ.... އޭ.... މިއީ އަހަރެމެން ކަހަލަ މުޖުތަމައުން ބާކީވާން ޖެހޭ ހާއްސަ މީހުންގެ މަގާމޭ.... މިތާނގައި ކަލޭމެން.... އެތާނގައި އެމީހުން..... އަހަރެމެން ދާނެ ތަނެއް ނެތީތަ....؟"

ފަޒީލު ހީވަނީ މޮޔަ ގޮވަނީ ހެނެވެ. ހުއްޓުން އަރާފައި ގަބުވެފައި އިން މަހުލޫގު ތެޅިގަތީ އޭގެ މެއަށް ތަދެއް ވީކަހަލަ ގޮތަކަށް މޭމައްޗާ ދިމާއަށް ބޯގުދު ކުރަމުންނެވެ. ހުތުރު ސިފައަކަށް ހުރި ހަށިގަނޑެކެވެ.

ނޫނެކެވެ. މިއީ އެހެންރޭރޭ ފެންނަ މަހުލޫގާ ކޮންމެވެސް ވައްތަރު ގޮތްތަކެއް ހުއްޓަސް ތަފާތު މަހުލޫގެކެވެ. ދިގު ހަށިގަނޑުގައި ބޯ ކެހެރިގަޑުވެސް ބަލާ ލޮލަކަށް ހުތުރެއް ނޫނެވެ. އެއްކަލަ ކެތް ނުކުރެވޭ ނުބައިކުނި ވަސް ވެސް ނުދުވާ ރެއެއްތާއެވެ. އާއެކެވެ. އަދިވެސް އެހެން ރޭރެއާ ހިލާފު އެހެންކަމެއް ފަޒީލަށް ފާހަގަ ކުރެވިއްޖެއެވެ.

(ނުނިމޭ)