އިސްލާމީ ތާރީޚު

މާލެއިން ބުރުސާއިން އިސްތަންބޫލަށް - 04

އަބްދުﷲ ފާރޫގް ހަސަން

(15 ޖުލައިގެ އަދަދާ ގުޅޭ)

ލޭންޕޫލް ލިޔުއްވައިފައިވެއެވެ. "ޢުޘްމާނީ ތުރުކިޔޭއިން ސުލްޠާނޫނީގައި ވަޒަންވެރިވިތާ ބައިޤަރުނު ވީއިރުވެސް އެބައިމީހުންގެ ސަރަޙައްދު ތަނަވަހެއް ނޫނެވެ. ނަމަވެސް އެބައިމީހުންގެ ފުތޫޙާތުގެ ރާޅު ނެގުމާއެކު ވަރަށް ބާރަށް ކުރިޔަށްދިޔައެވެ. ދާއިރާ ފުޅާކުރަމުން ދިޔައެވެ. ފެންގަނޑަކަށް ގާކޮޅެއް އެއްލައިލުމުން އުފެދޭ ބާނި ފުޅާވަމުން ފެތުރެމުންދާ ގޮތަށެވެ. ތުރުކިޔޭއިންގެ ވެރިކަންވެސް ދިޔައީ އެގޮތަށް ހުއްޓުމެއްނައިސް ފެތުރެމުންނެވެ."

ލޭންޕޫލް އަދިވެސް ލިޔުއްވައިފައިވެއެވެ. "އެއްދުވަސްވަރެއްގައި އުރުޠުޣުރަލް އޭނާގެ ޤަބީލާގެ މީހުނާއެކު އެބައިމީހުންގެ ސޫފިތައް ގޮވައިގެން މިސުރާބު ޖައްސަވަމުންގެންދެވީ ފަރުބަދަތަކާ ދިމާޔަށެވެ. އެބައިމީހުން ތިބީ ސޫފިތައް ހުއިހެއްޕުމާއި މާމުއި އެއްކުރުމާ އަދި މިނޫންވެސް ގޮވީންގެ ދިރިއުޅުމުގެ މައްޗަށް ފުއްދައިލައިގެންނެވެ. ނަމަވެސް އެބައިމީހުން ދާދިއަވަހަށް އެބައިމީހުންނަށް ކުރީން ދަސްވެފައިވާ އާންމު މަސައްކަތް ދޫކޮށްލައިފިއެވެ. ކެރުމާއި ހިތްވަރުގެ އައު މައިދާންތައް ޚިޔާރުކުރާން ފަށައިފިއެވެ. ސަރަޙައްދުގެ އެއްސަރުދާރަކަށްފަހު އަނެއް ސަރުދާރަކު ކިޔަމަންކުރުވައި އެބައިމީހުންގެ ވަފާތެރީންކަމުގައި ހަދައިލިއެވެ. ޔޫނާނީ ރަސްކަމުގެ ދުރު ހިސާބުހިސާބުގެ ކިއްލާތައް އެއްކިއްލާއަކަށްފަހު އަނެއް ކިއްލާއެއް ފަތަޙަކުރާން ފަށައިފިއެވެ." ނަތީޖާއެއްގެގޮތުން عـثمــان خـــان ގެ ވެރިކަމުގެ ދާއިރާ ޔެނިޝެހެރާ ހަމައަށް ފުޅާވިއެވެ. އޭރު އޭޝިޔާގައި އޮތް ޔޫނާނީންގެ އެންމެބޮޑު ދެރަށްކަމުގައިވާ ބުރުސާއާއި ނައިގިޔާ (Nicaea) އޮތީ عـثمــان ގެ ސަރަޙައްދާ ޖެހިފައިކަހަލަ ގޮތަކަށެވެ. (ޔެނިޝެހެރަކީ މިހާރު ބުރުސާގެ ބައެކެވެ. "ބުރުސާގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު އޮންނަނީ ޔެނިޝެހެރުގައެވެ.) ޔެނިޝެހެރު ފަތަޙަކުރެއްވުމަށްފަހު عـثمــان އޭނާ ރަސްކަމުގެ ވެރިރަށަކަށް ހެއްދެވީ ޔެނިޝެހެރެވެ. ލޭންޕޫލް ވިދާޅުވާގޮތުގައި އެންމެފުރަތަމަ ބުރުސާ، ދެވަނަޔަށް ޤުސްޠަންޠީނިއްޔާ ފަތަޙަކުރުމަށްޓަކައި ޢުޘްމާނީ ސިފައިންގެ އިސްމަރުކަޒަކަށްވީ ޔެނިޝެހެރެވެ.

عـثمــان خـــان ޔެނިޝެހެރާ ކައިރީގައިހުރި ޔޫނާނީ ޝަހަރުތައް ފަތަޙަކުރެއްވުމަށްޓަކައި އޭނާގެ ލަޝްކަރުތައް ފޮނުއްވަމުން ގެންދެވިއެވެ. ޤުސްޠަންޠީނިއްޔާގެ ޝަހެންޝާހުގެ ފައުޖުތައް عـثمــان އާ ދެކޮޅަށް ޙަރަކާތްތެރިވާން ފެށުމުގެކުރީން އޭނާ ވަނީ ޔޫނާނީންގެ ވަރަށްގިނަ ކިއްލާތައް ފަތަޙަކުރައްވައިފައެވެ. ޝަހެންޝާހުގެ ރަސްމީ ލަޝްކަރާ ކުރިމަތިލައްވާން عـثمــان އަށް އެންމެފުރަތަމަ ޖެހިވަޑައިގެންނެވީ 1301މ. ގައެވެ. ނިކޮމީޑިޔާގެ ކައިރި ހިސާބެއްގައެވެ. عـثمــان ޔޫނާނީ ލަޝްކަރު ވަރަށް ޢިބްރަތްތެރި ގޮތަކަށް ބަލިކޮށްލެއްވިއެވެ. އެލަޝްކަރު ތަޅުއްވައި ބުރުއްސައިލެއްވިއެވެ. އެލަޝްކަރު ބަލިވުމުން عـثمــان ގެ ހިތްވަރުފުޅު ވަކީން ގަދަވިއެވެ. ޢަޒުމުފުޅު ވަރުގަދަވިއެވެ. އޭނާ މުޅި ބަތީނިޔާ ސަރަޙައްދު ފުނޑުފުނޑުކޮށްލެއްވިއެވެ. އެމެރިކާގެ މުއައްރިޚުން ކަމުގައިވާ ކަރަންބްރިޓަނާއި، ޖޯން ބީ.ކްރިސްޓޮފަރާއި ރޮބަޓް އެލް.ވޮލްފް ލިޔުއްވާގޮތުގައި އިޤްތިޞާދީ އަދި ސިޔާސީ ހަމަޖެހުމެއް ނެތުމުގެ ސަބަބުން ހިތްހަމަނުޖެހިފައިތިބި ބަތީނިޔާގެ ރައްޔިތުން ތުރުކިއޭއިންގެ ފަރާތަށް ލެނބިއްޖެއެވެ. ހަރުކަށި ބީޒެންޓީނީ ވެރިކަމުގެ ބަދަލުގައި ތުރުކިއޭއިންނަށް ތަރުޖީހުދޭން ފަށައިފިއެވެ. ތުރުކިއޭއިންނަކީ އިސްލާމީ ތަޢައްޞުބުގެ ބައެއް ނޫނެވެ. ތުރުކިއޭއިންނާއި ޔޫނާނީންގެ މެދުގައި އެހައިތަނަކަށް ނަސްލީގޮތުންވެސް ދެކޮޅުވެރިކަމެއްނެތެވެ. އެހެންކަމުން ވަގުތު ފާއިތުވަމުން ދިޔަދިޔަހެން ބަތީނިޔާގެ މީހުން އިސްލާމްވަމުންގޮސް ގިނަމީހުން އިސްލާމް ވެއްޖެއެވެ. ތުރުކިއޭއިންނާ މައްސުނިވެއްޖެއެވެ.

ބަތީނިޔާ ފަތަޙަކުރެއްވިތާ ހައެއްކަ އަހަރުގެ ތެރޭގައި عـثمــان އޭނާގެ ފުތޫޙާތުގެ ދާއިރާ ބްލެކްސީގެ އައްސޭރިޔާ ހަމަޔަށް ފުޅާކުރައްވައިފިއެވެ. އޭނާގެ ކުޅަދާނަ އަސްވާރުންގެ ފައިތިލަތައް ބޮސްފަރަސްގެ އައްސޭރިޔާ ހަމަޔަށްވެސް ފޯރައިފިއެވެ. ޤައިސަރު ޤުސްޠަންޠީނިއްޔާގައި އޭނާގެ ގަނޑުވަރުގެ ބުރުޒުގައި ހުންނަވާއިރު ބޮސްފަރަސްގެ އަނެއްފަރާތުން އޭނާގެ ކިއްލާތައް އަނދަމުންދާ މަންޒަރު ރީތިކޮށް ފެނިވަޑައިގަންނަވައެވެ.

عـثمــان خـــان ގެންދެވީ ބައިޒެންޓެއިން ކިއްލާތައް ފުލުފުލުގައި ފަތަޙަކުރައްވަމުންނެވެ. ބުރުސާއާއި، ނައިސިޔާއާއި ނިކޮމީޑިޔާގެ ވަށައިގެންވަނީ ޢުޘްމާނީންގެ ޢަސްކަރީ މަރުކަޒުތަކުގެ ވަރުގަދަ ޙިޞާރެއް ޤާއިމުކުރައްވައިފައެވެ. އެތިންރަށަކީވެސް ވަރަށް ރައްކައުތެރި ގަދަފަދަ ތިންރަށެވެ. އެހައިތަނަށް އެތިންރަށް އޮތީ ބައިޒެންޓެއިނުންގެ ބާރުގެ ދަށުގައެވެ. އޭޝިޔާކޫޗަކުގައި އެތައް ޤަރުނަކުއްސުރެ ބައިޒެންޓެއިނުންގެ ބާރުގެ ދަށުގައިހުރި އެބައިމީހުންގެ ކިއްލާތައް ޢުޘްމާނީންގެ ބާރުގެދަށަށް ދާތަން ފެނުމުން ބައިޒެންޓެއިނުން އިންތިހާދަރަޖަޔަށް ފިކުރުބޮޑުވިއެވެ. އެބައިމީހުންނަށް ބޭނުންކުރެވޭންއޮތް އެންމެފަހުގެ އަދި އެންމެ ނުރައްކައުތެރި ހަތިޔާރުގެ ބޭނުންކޮށްފިއެވެ. ޢުޘްމާނީންގެ ސަރަޙައްދަށް ޙަމަލަދޭން ތާތާރީންނަށް ދަޢުވަތު ދީފިއެވެ. އާދެ، ޢުޘްމާނީންގެ ފުރަގަހުން އެބައިމީހުންގެ ބުރަކައްޓަށް ޚަންޖަރު ހަރާން ތާތާރީން އެއްބަސްކުރުވައިފިއެވެ. ނަމަވެސް عـثمــان خـــان ގެ ހިތްވަރުފުޅުގަދަ އަދި ކުޅަދާނަފުޅު ދަރިކަލުން اُرْخَـــان غــازى ތާތާރީން މަތިމައްޗަށް ބަލިކުރައްވައި އެބައިމީހުންނަށް މައިދާންދޫކޮށް އަބަދަށްޓަކައި ފިލައިގެންދާން މަޖުބޫރު ކުރައްވައިފިއެވެ. މިކަމާބެހޭގޮތުން މަޝްހޫރު މުއައްރިޚަކު ލިޔުއްވައިފައިވެއެވެ.

"ޢީސާއީންގެ ރަސްގެފާނު ޤުސްޠަންތީނިއްޔާގެ ޤައިޞަރަށް عـثمــان خـــان ގެ ފުތޫޙާތުގެ ސައިލު މަޑުޖެހުމެއްނެތި ދެމެމުން އަންނަތަން ފެނިވަޑައިގެންނެވުމުން އޭނާ ތާތާރީންނަށް ސިޓީ ލިޔުއްވާން ފައްޓަވައިފިއެވެ. ޢުޘްމާނީ ސަރަޙައްދުގެ އިރުމަތީން އެބައިމީހުންނާ ޙަމަލަދިނުމަށް އެއްބަސްކުރުވައިފިއެވެ. عـثمــان خـــان ޢީސާއީންނާ ދިމާއިން މޫނު އަނބުރައިލައި މުޣޫލުންނާ ދިމާޔަށް ސަމާލުކުރުވުމަށްޓަކައެވެ. ޤައިޞަރަށް އޭނާގެ މަޤްޞަދުގައި ވަކިމިންވަރަކަށް ކާމިޔާބު ލިބިވަޑައިގެންނެވިއެވެ. ތާތާރީން ޢުޘްމާނީންގެ ފުރަގަހުން ޙަމަލަދޭން ފަށައިގަތެވެ. ނަމަވެސް އޭރު ޢުޘްމާނީންނަށްވަނީ ޢީސާއީންނާ ޙަމަލަދީގެން މުހިންމު ފުތޫޙާތުތަކެއް ޙާޞިލުވެފައެވެ. ފުތޫޙާތަކީ ހަނގުރާމަވެރި ޤައުމުތަކުގައި އިތުރު ޖޯޝާއި ފޯރި އުފައްދައިލާ ކަމެކެވެ. އެހެންކަމުން عـثمــان އޭނާގެ ޤާބިލު ދަރިކަލުން اُرْخَـــان އަށް ލަޝްކަރުގެ ގެމަތަކެއް ދެއްވައިފައި ތާތާރީންނާ ދިމާޔަށް ފޮނުއްވައިފިއެވެ. عـثمــان އޭނާގެ އަރިހުގައި ބައިތިއްބެވި ސިފައިންނާއިގެން ޢީސާއީންނަށް ދެއްވާ ޙަމަލަތައް އިހުނަށްވުރެ ވަރުގަދަކުރައްވައިފިއެވެ. ހަނގުރާމަވެރި ސިފައިންގެ ގާތުގައި ހަނގުރާމައަކީ ޢީދުދުވަސްފަދަ ދުވަސްތަކެކެވެ. ޢުޘްމާނީ ސިފައިންވެސް އެބައިމީހުންގެ ހިތްވަރުފުޅުގަދަ ދެ ކޮމާންޑަރުންނާ ހިތުގެ އަޑީން ބައިވެރިވިއެވެ. اُرْخَـــان ތާތާރީންގެ ކޮންމެ ޙަމަލައެއް ފުރިހަމަޔަށް ދިފާޢުކުރެއްވިއެވެ. ތާތާރީންގެ މޫނުތައް ފުރަގަހަށް އަނބުރައިލެއްވިއެވެ. ތާތާރީން އެންމެފަހުން އެބައިމީހުންގެ ނާކާމިޔާބީ ޤަބޫލުކޮށްގެން މަޑުން ތިބެއްޖެއެވެ. އެބައިމީހުންގެ ނާކާމިޔާބު މަސައްކަތް ހުއްޓައިލައިފިއެވެ. (ތާރީޚް އިސްލާމް، އަކްބަރު ޚާން ނަޖީބު އާބާދީ)

ބުރުސާ ފަތަޙަވުމާއި عـثمــان غــازى އަވަހާރަވުން

އިސްވެދެންނެވި ހުރިހައި ކާމިޔާބީތަކަކާއެކުވެސް عـثمــان غــازى ގެ ޙަޔާތްޕުޅަކު ނައިސިއާ އާއި ނިކޮމީޑިޔާ ފަތަޙައެއް ނުވިއެވެ. ޝައްކެއްނެތެވެ. ބުރުސާ ފަތަޙަވީ عـثمــان ގެ ޙަޔާތްޕުޅުގައެވެ. ދިހައަހަރުގެ ދިގުމުއްދަތުގެ ޙިޞާރުކުރުމަކަށްފަހު 1326މ. ގައެވެ. ބުރުސާ ފަތަޙަކުރެއްވީ عـثمــان غــازى ގެ ޤާބިލު ދަރިކަލުން اُرْخَـــان غــازى އެވެ. އެކަމަކު އެދުވަސްވަރަކީ عـثمــان غــازى ސަޣޫތުގައި އަވަހާރަވުމުގެ އެނދުދާންކޮޅުގައި އޮންނެވި ދުވަސްވަރެވެ. މިފަނާވަނިވި ދުނިޔެއަށް އަލްވަދާޢު ވިދާޅުވާން ތައްޔާރުވެވަޑައިގަންނަވަމުން ގެންދެވި ދުވަސްވަރެވެ. اُرْخَـــان އޭނާގެ ބައްޕާފުޅުގެ އަރިހަށް ބުރުސާ ފަތަޙަކުރެއްވުނުކަމުގެ އުފާވެރި ޚަބަރު ފޮނުއްވިއެވެ. عـثمــان غــازى މާތް اللّـــه ގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު އަދާކުރެއްވިއެވެ. އޭނާގެ ލޮބުވެތި އަދި ޤާބިލު ދަރިކަލުންނަށް ނުހަނު އަގުހުރި ނަސޭހަތްޕުޅުތަކެއް ލިޔުއްވިއެވެ. އޭނާގެ ފުރާނަފުޅު އެ ފުރާނަފުޅުގެ ވެރިފަރާތާ ޙަވާލުކުރެއްވީ އޭނާގެ އުމުރުފުޅުން އެކުނިހައްޓިވަނަ އަހަރުފުޅުގައެވެ.

عـثمــان غــازى ގެ ވަޞިއްޔަތް

عـثمــان غــازى އޭނާގެ އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނަވައި އޭނާގެ ޤާބިލު ދަރިކަލުން اُرْخَـــان غــازى އަށް ލިޔުއްވި ވަޞިއްޔަތާ ބެހޭގޮތުން މުސަލްމާން ޙުކުމުރާންގެ މުސަންނިފު رشــيـد أخـتــــر نـــدوى ލިޔުއްވައިފައިވެއެވެ.

"ތާރީޚެރޯމާގެ މުޞަންނިފުގެ ބަޔާނުން އެނގޭގޮތުގައި عـثمــان އަވަހާރަވުމުގެކުރީން އޭނާގެ ދަރިކަލުން اُرْخَـــان އަށް ލިޔުއްވި ވަޞިއްޔަތްޕުޅުތަކުންވެސް އޭނާގެ ސީރަތާއި ޙިކުމަތުޢަމަލީގެ މައްޗަށް ޚާއްޞަގޮތެއްގައި އަލިކަން ލިބެއެވެ. ތާރީޚެ ރޯމާގެ މުޞަންނިފު ލިޔުއްވައިފައިވެއެވެ. "އަހަރެންގެ ދަރިފުޅާއެވެ. އަނިޔާވެރިކަމާއި ނުޙައްޤުން ކަންތައްކުރުން ޚިޔާރު ނުކުރާށެވެ. ރައްޔިތުންނާމެދު ޢަދުލުއިންޞާފުން ކަންތައް ކުރާށެވެ. އޭރުން ރައްޔިތުންނަށް ތަނަވަސްކަންލިބި މީހުންގެ ހިތްތައް ފަހިވާނެއެވެ. ރަށްތައް އާބާދުވާނެއެވެ. ފުތޫޙާތުގެ ފަސްބައި ފަތުރަމުން ގެންދާށެވެ. އޭރުން މާތް اللّـــه ގެ ދީން ހުރިހައި ދިމާއަކަށް ޢާންމުވަމުންދާނެއެވެ. ޢިލްމުވެރީންނާއި ޙަކީމުން އަބަދުވެސް ދަރިފުޅާ ކައިރިކުރާށެވެ. އެބައިމީހުންގެ އަމުރަށް ތަބާވާށެވެ. ޝަރީޢަތަށް ތަބާވުމާއި ޤާނޫނަށް ބޯލެނބުން އާދަކުރާށެވެ. ރައްޔިތުންނާއި ބޮޑުންގެ ތެރޭގައިވެސް ރިވެތި އަޚްލާޤާއި ރީތި ސީރަތު ފަތުރަން ބާރުލައި މަސައްކަތްކުރުމަކީ އެހެން ކޮންމެކަމަކަށްވުރެ އިސްކަންދޭކަމަކަށް ހަދާށެވެ. އޭރުން އިންސާނީވަންތަކަށް އުފެދި އާލާވަމުންދާނެއެވެ. ބައްޕަގެ ދިރިއުޅުމުގެ އޮތީ އެންމެ މަޤުޞަދެކެވެ. އެއީ ދީން ފެތުރުމާއި ރިވެތި އަޚްލާޤު ޢާންމުކުރުމެވެ. ދަރިފުޅުވެސް އެއީ ދަރިފުޅުގެ ޙަޔާތުގެ އަމާޒުކަމުގައި ހަދާށެވެ. ރައްޔިތުންނަށް ޢަދުލުއިންޞާފު ހޯދައިނުދެވޭ ރަސްކަލަކީ ރަސްކަންކުރާން އެކަށީގެންވާ މީހެއް ނޫނެވެ." (މުސަލްމާން ޙުކުމްރާން، ތަޒްކިރާ، ސުލްޠާން ޢުޘްމާން. ރަޝީދު އަޚްތަރު ނަދުވީ)

އެޑްވަޑް ކްރޭޒީވެސް ވަނީ عـثمــان ގެ ވަޞިއްޔަތުގެ ވާހަކަ ލިޔުއްވައިފައެވެ. ތިރީގައި މިވަނީ އޭގެތެރެއިން ބައެއް ވާހަކަތަކެވެ. "އަހަރެންގެ ލޮބުވެތި ދަރިފުޅާއެވެ! ބައްޕަ އާޚިރަތުގެ ދަތުރަށް ފަށަނީއެވެ. އެކަމަކު ބައްޕަ މަރުވެދާނެތީ ކުޑަކޮށްވެސް ހިތާމައެއް ނުކުރަމެވެ. އެހެނީ ބައްޕަ މިދަނީ ބައްޕަގެ ފަހަތަށް ތިޔަ ދަރިފުޅުފަދަ ޤާބިލު ޚަލީފާއަކު ދޫކޮށްފައެވެ. ޢަދުލުއިންޞާފު ޚިޔާރުކުރާށެވެ. ހެޔޮކަންތައްތަކަށް ލޯބިކުރާށެވެ. އޯގާވެރިކަމަކީ ދަރިފުޅުގެ ޝިޢާރެއްކަމުގައި ހަދާށެވެ. އެއްވެސް ތަފާތުކުރުމެއްނެތި ދަރިފުޅުގެ ރައްޔިތުން ރައްކައުތެރިކޮށް ޙިމާޔަތްކުރާށެވެ. ޝަރީޢަތުގެ ޙުކުމްތައް ޤައުމުގައި ޢާންމުކުރާށެވެ. މިކަންކަމަކީ ބިންމަތީގައި ރަސްރަސްކަލުންގެ މައްޗަށް ވާޖިބުވެގެންވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެކަންކަމުގެ ބަދަލުގައި ދަރިފުޅުގެވެރި اللّـــه ގެ ރަޙްމަތް ބާވައިލައްވަމުން ގެންދަވާނެއެވެ."

އެޓްލަސް ފުތޫޙާތެ އިސްލާމީ (ދާރުއްސަލާމް) ގައި عـثمــان غــازى އޭނާގެ ދަރިކަލުން اُرْخَـــان އަށް އަންނަނިވި ވަޞިއްޔަތްތައްވެސް ކުރެއްވިކަމަށް ބަޔާންކޮށްފައިވެއެވެ.

"އޭ އަހަރެންގެ ދަރިފުޅާއެވެ. ޢާލަމްތަކުގެ ވެރި މާތް اللّـــه އަމުރުކުރައްވައިފައިނުވާ މަސައްކަތެއްގައި މަޝްޣޫލުވުމުން އެއްކިބާވާށެވެ. ދަރިފުޅަށް އުނދަގޫ މައްސަލައެއް ކުރިމަތިވެއްޖެކަމުގައިވާނަމަ، ދީނީ ޢިލްމުވެރީންނާ މަޝްވަރާކޮށްގެން އެހީ ހޯދާށެވެ!

އޭ އަހަރެންގެ ދަރިފުޅާއެވެ! ދަރިފުޅު މާތް اللّـــه އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވުމުގެ ޒަރީޢާއިން ޢިއްޒަތް ހޯދާށެވެ. ދަރިފުޅުގެ ލަޝްކަރަށް ދީލަތިކަމާއެކު އެހީވަމުން ގެންދާށެވެ. ދަރިފުޅުގެ ލަޝްކަރާއި މުދަލާހުރެ ދަރިފުޅުގެ ހިތުގައި ޝައިޠާނާ ބޮޑާކަން އުފެއްދިޔަ ނުދޭށެވެ. ޝަރީޢަތުގެ އަހްލުވެރީންނާ ދުރުގައި އުޅުމުގެ ރަވައްޔާއެއް ޚިޔާރު ނުކުރާށެވެ.

އޭ އަހަރެންގެ ދަރިފުޅާއެވެ! އަހަރެމެންގެ ޙަޔާތުގެ މަޤުޞަދަކީ ربّ الـعــالمـــــــيـن ގެ ރުހިވޮޑިގަތުން ހޯދުމެވެ. ޝައްކެއްނެތެވެ. ޖިހާދުކުރުމުން އަހަރެމެންގެ ދީނުގެ އަލިކަން ޒަމާންތަކަށް ފެތުރޭނެއެވެ. މަތިވެރި މާތްވަންތަ اللّـــه ރުހިވޮޑިގެންވާގޮތް ފުރިހަމަވަމުން ދާނެއެވެ.

އޭ އަހަރެންގެ ދަރިފުޅާއެވެ! އަހަރެމެންނަކީ އަހަރެމެންގެ ކަންކަން ޤާއިމުކުރުމަށްޓަކައި ނުވަތަ އިންސާނުން އަޅުވެތިކުރުމަށްޓަކައި ހަނގުރާމަކުރާ ބައެއް ނޫނެވެ. އަހަރެމެން ދިރިތިބެނީވެސް މަރުވާނީވެސް މާތް اللّـــه އަށްޓަކައެވެ. އޭ ދަރިފުޅާއެވެ! މިއީ އަހަރެންގެ ގޮތެވެ. މިގޮތުގައި ދަރިފުޅު ސާބިތުވެ ހުންނާށެވެ!"

ކްރޭޒީއާއި އަދި އެނޫންވެސް މުއައްރިޚުން ވިދާޅުވާގޮތުގައި عـثمــان ވަނީ އޭނާ ބުރުސާގައި ފަސްދާނުލެއްވުމަށާއި، ކުރިޔަށް އޮތްތާނގައި ބުރުސާއަކީ ދައުލަތުގެ ވެރިރަށް ކަމުގައި ހެއްދެވުމަށް اُرْخَـــان އަށް ވަޞިއްޔަތް ކުރައްވައިފައެވެ. اُرْخَـــان އެދެކަންތަކަށްވެސް ހިތްޕުޅާއި ފުރާނަފުޅުން ޢަމަލުކުރެއްވިއެވެ.

ބުރުސާއަކީ ކުރިޔަށް އޮތްތާނގައި ވެރިރަށްކަމުގައި ހެއްދެވުމަށް عـثمــان ކުރެއްވި ވަޞިއްޔަތްޕުޅާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އިސްލާމީ މުއައްރިޚު މައުލާނާ އަކްބަރުޝާހުޚާން ނަޖީބު އާބާދީ ލިޔުއްވައިފައިވެއެވެ.

"މި ވަޞިއްޔަތުންވެސް عـثمــان خـــان ގެ ދުރުވިސްނިވަޑައިގަންނަވާކަމަށް ވަރަށްބޮޑަށް ހެކި ލިބެއެވެ. ކޮންމެވެސް ދުވަހަކުން އޭނާގެ ޚާންދާން މުލުންލުހެލާން މަސައްކަތްކުރާނެ މީހުން ޤޫނިއްޔާގައި ތިބޭނެކަން އޭނާއަށް އެނގިވަޑައިގަންނަވައެވެ. އަނެއްކޮޅުން ހަމައެކަނި މުސްލިމުންކަމުގައިވީތީ މުސްލިމުންނާމެދު މުޣޫލުންގެ ޚާއްޞަ ދުޝްމިނުކަމެއް ނެތްކަމާއި މުޣޫލުން އިސްލާމްވަމުންދާކަން އޭނާއަށް އެނގިވަޑައިގަންނަވައެވެ. ދާރުއްސުލްޠަނަތަކީ ޤޫނިއްޔާ ކަމުގައި ހަދައިފިނަމަ އެހެނިހެން ސަރުދާރުންނާ ކޮންމެވެސް ދުވަހަކުން އަރައިރުންވާން ޖެހޭނެކަންވެސް އޭނާ ދެނެވަޑައިގަންނަވައެވެ. މުސްލިމުން ކުރިއަރަމުންދާން އެންމެރަނގަޅު މައިދާނަކީ ޢީސާއީންގެ ރަށްރަށްކަން އޭނާ ވިސްނައިވަޑައިގެންނެވިއެވެ. ޢުޘްމާނީންގެ ވެރިރަށަކަށް ބުރޫސާ ހަދައިފިނަމަ ޢީސާއީންނަށް އޭޝިޔާއޭކޫޗަކުގެ މަތިން ހަނދާން ނައްތައިލާން މަޖްބޫރުވާނެކަމާއި ދަރުދާނިޔާލުގެ މިފަޅިއަށް އަންނާން ނުކެރޭނެކަންވެސް عـثمــان އަށް އެނގިވަޑައިގަންނަވައެވެ. ބުރޫސާގެ ރަސްކަލުންނަށް ފަސޭހަފުޅުކަމާއެކު ޔޫރަޕަށް ޙަމަލަ ދެއްވޭނެކަމާއި ބަލްޤާން ފަތަޙަކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެކަން ވިސްނިވަޑައިގަންނަވައެވެ. عـثمــان ގެ މި ވިސްނުންފުޅަކީ ވަރަށް ސީދާވިސްނުންފުޅެކެވެ. ޢުޘްމާނީ ޚަލީފާއިން އެކަންކަން އަމާޒަކަށް ހެއްދެވިއެވެ. ނަތީޖާއެއްގެގޮތުން ދުވަސްކޮޅެއްގެ ތެރޭގައި ޢުޘްމާނީންގެ ވެރިރަށަކީ އުދުރުނާ (އެޑްރިޔާނޯޕަލް) ކަމުގައި ހައްދަވައިލެއްވި ޤުސްޠަންޠީނިއްޔާ ފަތަޙަކުރެއްވިއްޖެއެވެ."

(ނުނިމޭ)