ފަތުރުވެރިކަމާއި ހޮސްޕިޓޭލިޓީ ދާއިރާގައި ދެކުނު އޭޝިއާ ސަރަހައްދުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ) 2022ގެ ޕްލެޓިނަމް ޕާޓްނަރަކަށް ރާއްޖޭގެ ބޯޓު ބަނުމުގެ ސިނާއަތުގައި އެންމެ ހަރަކާތްތެރި އަދި އިތުބާރު ކުރެވޭ ކުންފުނި އަލް-ޝާލީ މެރިން ހަމަޖައްސައިފިއެވެ.
ސާޓާ 2022ގެ ޕާޓްނަރުންނާއި ސްޕޮންސަރުން އިއުލާންކުރުމަށް މާގިރި ހޮޓެލްގައި މިއަދު ހަވީރު ބޭއްވި ހަފުލާގައި އެކަމާ ގުޅޭ އެއްބަސްވުމުގައި އަލް-ޝާލީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިސްމާއިލް ޝަރީފެވެ. އެވޯޑް އިންތިޒާމުކުރާ ހައިރައިޒްގެ ފަރާތުން ސޮއިކުރެއްވީ ރައީސް އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) އެވެ.
ހަފުލާގައި ސާޓާގެ ދެ ގޯލްޑް ޕާޓްނަރުންނާއެކުވެސް ވަނީ ސޮއިކޮށްފައެވެ. ގޯލްޑް ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަދި ހޯކްސް ޕްރައިވެޓް ލިމިޓެޑެވެ.
ވީއައިއޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެއާޕޯޓް ހިންގާ ކުންފުނި، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާއެވެ. ހޯކްސްގެ ފަރާތުން ސޮއިކުރެއްވީ ސޭލްސް އެންޑް މާކެޓިންގެ އެސިސްޓަންޓް މެނޭޖަރު އަބްދުﷲ އިމާދެވެ. މިއީ ހޯކްސްއިން ސާޓާއަށް އެހީތެރިކަން ފޯރުކޮށްދޭ ފަސް ވަނަ އަހަރެވެ.
މިއަހަރު ބާއްވާ ސާޓާގެ ޕާޓްނަރުންނާއި ސްޕޮންސަރުން:
- ޕްލެޓިނަމް ޕާޓްނަރު: އަލްޝާލީ މެރިން
- ގޯލްޑް ޕާޓްނަރު: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)
- ގޯލްޑް ޕާޓްނަރު: ހޯކްސް ޕްރައިވެޓް ލިމިޓެޑް
- ޑެސްޓިނޭޝަން ޕާޓްނަރު: ރާއްޖެ/ އެމްއެމްޕީއާރުސީ
- އޮފިޝަލް ހޯސްޓް: އާދަރަން ހުދުރަންފުށި
- ޑިޖިޓަލް ޕާޓްނަރު: އުރީދޫ މޯލްޑިވްސް
- އިންޝުއަރަންސް ޕާޓްނަރު: އެލައިޑް އިންޝުއަރެންސް
- ބެވަރޭޖް ޕާޓްްނަރު: ކޮކާ ކޯލާ
- ހޮސްޕިޓޭލިޓީ ޕާޓްނަރު: މާގިރި ހޮޓެލްސް
- ސަޕޯޓިން ޕާޓްނަރު: ޕްރިންޓްލެބް
ރާއްޖޭގެ އިތުރުން އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، ބޫޓާން އަދި ނޭޕާލް ބައިވެރިވާ ސާޓާއަކީ ދެކުނު އޭޝިޔާގެ ގައުމުތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަރާފައިވާ ފަރާތްތަކާއި އެފަރާތްތަކުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމަށްޓަކައި އެންމެ ފުރަތަމަ ދޭން ފެށި އެވޯޑެވެ. މި އެވޯޑަކީ މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ގައުމުތައް ހިމެނޭ އެސޯސިއޭޝަންތަކުން އެންޑޯޒް ކޮށްފައިވާ އެވޯޑުވެސް މެއެވެ.
މި އަހަރު 52 ކެޓަގަރީއަކުން އެވޯޑް ދޭން ނިންމާފައިވާ އިރު، 1،000 އަށްވުރެ ގިނަ ނޮމިނޭޝަންސް ލިބިފައިވާ ކަމަށް ހައިރައިޒުން ބުނެއެވެ. އެވޯޑަށް ހޮވޭނީ ތަޖުރިބާކާރު ޕެނަލަކުން ކުރިއަށް ގެންދާ އިވެލުއޭޝަނަށާއި ނޮމިނޭޝަންތަކަށް ލިބޭ ވޯޓަށް ބަލައިގެންނެވެ. އެގޮތުން އިވެލުއޭޝަނާއި ވޯޓިން މިހާރު ކުރިއަށްދާ އިރު، ވޯޓުން ބަންދުވާނީ މިމަހުގެ 27 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު