ތަރައްގީގެ މަޝްރޫއުތަކުގެ އެންވަޔަރުމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) މޮނިޓަރިން ރިޕޯޓު ގަވާއިދުން ހުށަހަޅަމުންނުދާ ކަމަށް އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.
އީޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދު 2012" ގެ ޖަދުވަލު (ރ) ގައި ބަޔާންކޮށްފައިވާ ތަރައްގީގެ މަޝްރޫއުތަކަށް، އެ ގަވާއިދާ އެއްގޮތަށް ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކަށް ހުށަހަޅަންޖެހޭ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މޮނިޓަރިން ރިޕޯޓުތައް ބައެއް ފަރާތްތަކުން ގަވާއިދުން ހުށަހަޅަމުންނުދާ ކަމަށެވެ.
ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އީޕީއޭއިން ދޫކުރަމުންދާ ހުއްދަތަކުގައި ބުނެފައިވާގޮތަށް މަޝްރޫއުގެ މަސައްކަތް ފެށުމަށްފަހު، ފެށި ތާރީހު އީޕީއޭއަށް ލިޔުމުން އަންގަމުންނުދާ ކަމަށާއި މަސައްކަތް ކުރުމުގައި މޫސުމީ ސަމާލުތަކަށް ބަލައި، މަސައްކަތް ހުއްޓާލަން ޖެހޭ ހާލަތްތަކުގައި ވެސް ބައެއް މަޝްރޫއުތައް ކުރިއަށްގެންދާ ކަމަށް އީޕީއޭއިން ބުންނެވެ.
"ވީމާ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ތިމާވެއްޓެއް ލިބެމުންދާ ގެއްލުންތައް ވީހާވެސް ކުޑަކުރުމަށް މަޝްރޫއުތަކުގެ އެދިޔާރުން، މިއެޖެންސީއިން ދޫކުރާ ހުއްދަތަކާ އެއްގޮތަށް މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދަންނަވަން،" އީޕީއޭއިން ބުންޏެވެ.
އީޕީއޭއިން އެފަދަ ބަޔާނެއް ނެރެފައި މިވަނީ، އީއައިއޭއާ ހިލާފަށް ސ. ހުޅުދޫ އަދި ސ. ހުޅުމީދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް އީޕީއޭއިން އެ މަސައްކަތް ހުއްޓުވާފައި ވަނިކޮށެވެ.