ފުޓްސަލް

ކިއްސަރު ކަޕް: ރޭމްޕޭޖް ފެންވަރު ދައްކާލައި ސެމީއަށް، ބަފާނާއާއި ހެލަނގެއްޔަށް ޕޮއިންޓެއް

ގއ. ކޮނޑޭގެ ޖަމިއްޔާއެއް ކަމަށްވާ ކިއްސަރުން އިންތިޒާމުކޮށްގެން އެ ރަށުގެ ޓީމުތަކަށް ބާއްވާ އެންމެ ވަރުގަދަ ފުޓްސަލް މުބާރާތް، ކިއްސަރު ކަޕް 2022ގައި ރޭ ރޭމްޕޭޖް ބޮޑު މޮޅެއް ހޯދި އިރު، ހެލަނގެލި އެސްސީން އެންމެފަހުގެ ޗެމްޕިއަން ސްޕޯޓްސް ކްލަބު ބަފާނާ ހިފަހައްޓައިފިއެވެ.

ކިއްސަރު ކަޕަކީ މުޅި ރާއްޖޭގައިވެސް އެންމެ ޒަމާންވީ އެއް ފުޓްސަލް މުބާރާތެވެ. ރާއްޖެއަށް ފުޓްސަލް ތައާރަފުވުމުގެ ކުރިން ސިކް އެސައިޑް މުބާރާތެއްގެ ގޮތުގައި 2002 އަހަރު ފެށި ކިއްސަރު ކަޕް، ކިއްސަރު ޖަމިއްޔާ ރަސްމީކޮށް ރަޖިސްޓްރީކޮށް ފުރަތަމަ ބޭއްވީ 2004 އަހަރެވެ.

އޭގެ ފަހުން ކޮންމެ ދެ އަހަރަކުން އެއް އަހަރު ފޯރިގަދަކޮށް ބާއްވަމުން އަންނަ ފުޓްސަލް މުބާރާތެއްގެ ގޮތުގައި ކިއްސަރު ކަޕް އޮތްއިރު، މުބާރާތް ނުބޭއްވި މެދުކެނޑުނީ 2020 އަހަރެވެ. އެ އަހަރު މުބާރާތް ބާއްވަން އޮތް ނަމަވެސް ކޮވިޑް-19ގެ ސަބަބުން މުބާރާތް ޖެހުނީ ނުބާއްވާ ދޫކޮށްލާށެވެ.

މުބާރާތުގައި ޖުމުލަ ހަ ޓީމު ވާދަކުރާއިރު، ގްރޫޕް ސްޓޭޖު ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ އެންމެފަހުން ދެ އަހަރުގެ ޗެމްޕިއަނުން ކަމަށްވާ ސްޕޯޓްސް ކްލަބު ބަފާނާއާއި ފޭޒާ އެފްސީ އަދި ހެލަނގެލި އެސްސީއެވެ. ގްރޫޕް ބީގައި ހިމެނެނީ ރޭމްޕޭޖާއި އައިބީ ސްޓްރީޓް އަދި ޕާކު ހަޔަޓް މޯލްޑިވްސް ހަޑަހާއެވެ.

ރޭ ކުޅުނު ގްރޫޕް ބީގެ މެޗުގައި ރޭމްޕޭޖުން ވަނީ ޕާކު ހަޔަޓް މޯލްޑިވްސް ހަޑަހާ ކައިރީ 9-0 އިން މޮޅުވެފައެވެ. މެޗުގައި ރޭމްޕޭޖުގެ އަލީ ހާފިޒް (ހާއްޕެ)، ހުސައިން ޝަރީފް (އޮންލީ)، އަހުމަދު އަނަސް އަދި އަހުމަދު ރީހާން ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ. އެ ޓީމުގެ އަނެއް ގޯލު ޖެހީ މުހައްމަދު ވިލްފެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ އޮންލީއެވެ.

ގްރޫޕް އޭގެ މެޗުގައި ހެލަނގެލީގެ ގޯލު ޖެހީ އަލީ އަޒުވާނެވެ. ބަފާނާގެ ގޯލު ހުސައިން ސުހައިން ޖެހި އިރު، މޮޅު ކުޅުންތެރިޔަކީ ހެލަނގެލީގެ އަލީ އަޒުވާނެވެ.

ކިއްސަރު ފުޓްސަލް ކަޕުގެ މެއިން ސްޕޮންސަރަކީ ހިޓާޗީ އެސްޓީއޯއެވެ. ކޯ ސްޕޮންސަރުންނަކީ މާކްޓެކް މޯލްޑިވްސްއާއި ވީބީ ބްރަދާސްގެ ކެލޯގްސް އަދި ޕްރިންޖަލްސްއެވެ. އޭގެ އިތުރުން ފެނަކަ، ސިބްކޯގެ އަލް މުދިޝް އަދި މޯލްޑިވިއަން އަކީވެސް މުބާރާތުގެ ކޯ ސްޕޮންސަރުންނެވެ.

މުބާރާތުގެ ޕްރިންޓިން ޕާޓްނަރަކީ ޕްރިންޓް ލައިނެވެ. މުބާރާތުގެ އިންތިޒާމް ޕާޓްނަރަކީ ކޮނޑޭ ކައުންސިލެވެ. ކިޓް ޕާޓްނަރަކީ މަޅި މޯލްޑިވްސްއެވެ. އަދި އެކޮމޮޑޭޝަން ޕާޓްނަރަކީ ސަން ކޮރަލް މޯލްޑިވްސްއެވެ. މުބާރާތުގެ ބެވަރެޖް ޕާޓްނަރަކީ ބާޔޯއެވެ. ކިއްސަރު ފުޓްސަލް ކަޕްގެ ޗެމްޕިއަން ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައެވެ.

ކިއްސަރު ފުޓްސަލް ކަޕް 2022 ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.

ގްރޫޕް ސްޓޭޖުގައި މިރޭ އޮންނަ މެޗުތައް

20:15 ފޭޒާ - ހެލަނގެލި ސްޕޯޓްސް ކްލަބު
21:15 އައިބީ ސްޓްރީޓް - ޕާކް ހަޔަޓް ހަޑަހާ